ސަމާލުވޭ! ފިހާރަތަކުން އިންޓަވަލަށް ގަންނަ ތައްޔާރީ ކާނާ އުފެއްދުމުގައި ބިދޭސީން، ސާފުތާހިރު ކަމެއްނެތް؟

އާންމު ފިހާރަތަކުން ދަރިވަރުންގެ އިންޓަވަލަށް ގަންނަ ތައްޔާރީ ކާނާގެ ތެރޭގައި، ބިދޭސީން ތައްޔާރުކުރާ ތަކެތި ހިމެނޭ ކަމަށާއި އެތަކެތި އުފައްދަނީ ސާފުތާހިރު ކަމަށް ސަމާލުކަން ދީގެން ނޫންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބެލެނިވެރިންގެ ސަމާލުކަމަށް އެކަން ގެނެސްފިއެވެ.

ބިދޭސީން ތިބޭ ތަންތަން ބެލުމަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންގެ ތެރެއިން ފާހަގަވި ކަންތަކާ ގުޅިގެން އިމިގްރޭޝަނުން ވިދާޅުވެފައިވަނީ ބިދޭސީން ތައްޔާރުކުރާ ތައްޔާރީ ކާނާ އާންމު ގޮތެއްގައި ހުރިހާ ފިހާރައަކުން ލިބެން ހުންނަ ކަމަށާއި މި ތަކެތި އުފެއްދުމުގައި ހަރަކާތްތެރިވާ ބިދޭސީން އެއްވެސް ވަރަކަށް ސާފުތާހިރުކަމަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ އިދާރާއިން ވަނީ މިކަމާ ގުޅޭ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ބިދޭސީން އެފަދަ ކާނާ ތައްޔާރު ކުރަނީ ފުޑްއެންޑް ޑްރަގް އޮޓީރިޓީން ކަނޑައަޅާގައިވާ މިންގަނޑުތަކާ ޚިލާފަށެވެ. ތަކެތި ތައްޔާރު ކުރމުގައި އަތަށް އަންގި ލެއްވުމެއްނެތިއެވެ. ކާނާ ތައްޔާރު ކުރާ ސާމާނު ބިންމަތީގައާއި އެކި ތަންތަނުގައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުންދާކަން މީގެ ކުރިންވެސް ވަނީ ފާހަގަކޮށްފައެވެ. މިފަދަ ކަމެއް އިމިގްރޭޝަނުން ފާހަގަކުރެއްވިއިރު، ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *