ދަސްވާރު ހުއްޓާލައި، ބީޓެކް ދަރިވަރުން ފަސްމާއްދާ ހަދަންޖެހޭ ގޮތަށް ހަމަޖައްސައިފި

ދަސްވާރު ޕްރޮގްރާމް ހުއްޓާލައި، ބީޓެކް ސްޓްރީމްގައި ކިޔަވާ ދަރިވަރުންވެސް ޘާނަވީ އިމްތިޙާނުގައި ފަސް މާއްދާ ހަދަންޖެހޭ ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަަމަޖައްސައިފިއެވެ.

ތަޢުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި، ސްކޫލްތަކަށް ފޮނުއްވި ސަރކިއުލަރއެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ސްކޫލްތަކުން ތަޢުލީމް ޙާޞިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ ތަޢުލީމީ ގޮތުން ޤާބިލު ދަރިވަރަކަށް ހެދުމަކީ ޤައުމީ މަންހަޖުގެ މައިގަނޑު އެއް އަސާސް ކަމަށާއި ކޮންމެ ދަރިވަރަކުވެސް މަދަރުސީ ތަޢުލީމު ފުރިހަމަ ކުރާއިރު ތަޢުލީމީ ގޮތުން ފުރިހަމަ ކުރަންޖެހޭ ވަކި މިންވަރެއް ކަނޑައެޅިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގައިވާ ގޮތަށް ކީ ސްޓޭޖް 4ގައި ހުރިހާ ދަރިވަރުންވެސް އެ ގްރޭޑަކަށް ކަންޑައެޅިފައިވާ މިންވަރަށް މާއްދާތައް ފުރިހަމަ ކުރަންވާނެ ކަމަށެވެ.

ގްރޭޑް ދިހައެއް ނިންމައި ޘާނަވީ އިމްތިހާނު ހަދާ ކޮންމެ ދަރިވަރަކު މަދުވެގެން ފަސް މާއްދާއިން އިމްތިޙާނު ހަދަންވާނެއެވެ. މި ފަސް މާއްދާ ގުނުމުގައި ދިވެހި، އިސްލާމް، އިނގިރޭސި، އަދި ހިސާބުގެ އިތުރުން ކޮންމެވެސް އެއް މާއްދާއެއް ހިމަނަން ވާނެކަމަށް މިމަހު 22 ވަނަ ދުވަހު ވަޒީރު ނެރުއްވި ސަރކިއުލަރގައި ވިދާޅުވެފައިވެއެވެ.
މި ސަރކިއުލަރގައި ވިދާޅުވެފައިވާ ގޮތުން ބީޓެކް ސްޓްރީމް ކިޔަވާ ދަރިވަރުން، " ބީޓެކް ސްޓްރީމްގެ އިތުރުން މަދުވެގެން ދިވެހި، އިސްލާމް، އިނގިރޭސި އަދި ހިސާބު އިމްތިހާނުގައި ބައިވެރިވާން ޖެހޭނެ"އެވެ.

އެ ސަރކިއުލަރގައި އިތުރަށް ބުނެފައި ވަނީ " މި ބަދަލާއެކު ސްކޫލްތަކުގައި ދަސްވާރު ޕްރޮގްރާމް ހިންގުމުގެ އުޞޫލަށް އަމަލުކުރުން ހުއްޓާލައި، މި އުޞޫލުގެ ދަށުން ކުރިއަށް ގެންދާ ދަސްވާރު ޕްރޮގްރާމް ކުރިއަށް ގެންދިއުން ނިމުމަކަށް އައީ" ކަމަށެވެ.

ޤަޢުމީ މަންހަޖުގެ ޘާނަވީ މަރުހަލާގައި ކިޔަވާ މުހިންމު މާއްދާތައް ދޫކޮށްލުމަކީ ދަރިވަރުންނަށް މަތީ މަރުޙަލާތަކުގައި އިތުރަށް ކިޔެވުމުގެ ފުރުޞަތާއި ތަޢުލީމީ މަރުޙަލާ ނިންމުމަށްފަހު ލިބޭ ވަޒީފާގެ ފުރުޞަތުތައް ހަނިވެ ތަޢުލީމީ މަންހަޖުގެ ތެރެއިން ޙާޞިލްކުރުމަށް ކަނޑައެޅިފައިވާ އަސާސީ ބައިތައް ދަރިވަރުންނަށް ފޯރުކޮށް ދިނުމަށް ހުރަސް އެޅިގެންދާކަމަށްވެސް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައިވެއެވެ.

ހިޔާލު

2 Responses

  1. ބީޓެކް ހަދާ ކުދިން މީގެ ކުރިންވެސް ކިޔެވީ ތިބުނި 4މާއްދާއާއި ބީޓެކް އިނގެތޯ،؟

  2. ބަލަ ބީޓެކް ހެދީ ތިހަތަރު މާއްދާ ކިޔަވާ ގޮތަށޭ. ކަންކަން ބަދަލު ކުރަންވެސް ފުރަތަމަ ވާނުވާ އެނގިގަންނަން އެބަޖެހޭނު. މިހާރުވެސް ހަގީގަތުގަ އަމިއްލައަށް ފަޟީހަތެއް ތިވީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *