ކޯޑްކުރަން ދަރިވަރުންނަށް ދަސްކޮށްދޭން ކިނބިދޫ ސްކޫލް ޓައިމްޓޭބަލުގައި ހިމަނައިފިއެވެ. މިއީ ސްކޫލެއްގެ ޓައިމްޓޭބަލްގައި ހިމަނައިގެން ކޯޑްކުރަން ދަރިވަރުންނަށް ދަސްކޮށްދޭން ފެށި ފުރަތަމަ ފަހަރެވެ.
" އަވަރ އޮފް ކޯޑް" ގެ ނަމުގައި ކޮންމެ ހަފްތާއަކުވެސް އެއް ގަޑިއިރު ކޯޑްކުރުމުގައި ކިނބިދޫ ސްކޫލްގެ ދަރިވަރުން ހޭދަކުރާނެއެވެ. މިކަމުގެ ސަބަބުން ކޮމްޕިއުޓަރ ސައިންސާއި ކޮމްޕިއިޓަރ ޕްރޮގްރާމުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް މަގުފަހިވެ، އެކަމަށް ލޯ ހުޅުވިގެންދާނެއެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ ކޯޑްކުރަން ހުރިހާ ކުދިންނަށް ދަސްކޮށްދޭން ޓައިޓޭބަލަށް ގެނައީ ނިމިގެންދިޔަ އަހަރު ކުރިއަށް ގެންދިޔަ ޕްރޮގްރާމުގެ ތަޖުރިބާއަށް ބެއްލެވުމަށްފަހު ކަމަށެވެ.
ކިނބިދޫ ސްކޫލްގައި ކޯޑް ކުރާނެގޮތް ފެށީ އެމެރިކާގެ ކޯޑް ޑޮޓް އޯއާރުޖީއާ ގުޅިގެންނެވެ. އެކުންފުންޏަކީ ކޮމްޕިއުޓަރ ސައިންސާ ގުޅޭ ތަފާތު ޕްރޮގްރާމްތައް ކިޔަވާކުދިންނަށް އަމާޒުކޮށް ހިންގަމުންދާ ބައެކެވެ.
" މިކަން ފަށައިގަތީ މުދައްރިސުންނަށް ކޯޑިންއާއި ކޮމްޕިއުޓަރ ސައިންސާ ގުޅޭ ޚާއްޞަ ތަމްރީނު ތަކެއް ދިނުމަށްފަހު. މީގެ ބޭނުމަކަށްވީ ދަރިވަރުންނާ ހަމައަށް ދާއިރު، މުދައްރިސުންނަކީ އެކަމަށް ތައްޔާރުވެ އަހުލުވެރިވެފައިވާ ބަޔަކަށް ހެދުން. މިކަމުގައި އަޅުގަނޑުމެންނަށް ކޯޑް ޑޮޓް އޯއާރުޖީގެ އެހީތެރިކަން ލިބިގެން ދިޔަ. އަދި މި މަސައްކަތް ކުރިއަށް ގެންދަނީވެސް އެ ފަރާތުން ގައިޑް ކޮށްދީގެން " އަހުމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ސްކޫލްގެ ޓައިމްޓޭބަލަށް ކޯޑިން ކުލާސްތައް ލުމުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހައެއް ނިންމާ ކޮންމެ ކުއްޖަކަށްވެސް ކޮމްޕިއުޓަރ ޕްރޮގްރާމިންގެ ތެރެއަށް ވަދެވިގެންދާނެއެވެ.
ޕްރިންސިޕަލް ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މިހާރު ދިމާވާ އެންމެ ބޮޑު ދައްޗަކީ އިންޓަރނެޓްގެ ސްޕީޑެވެ.
" ބައެއް ފަހަރު ސްޕީޑް ދަށްވާތީ ދަތިވޭ. އެކަމަށް މިހާރު ގެންގުޅޭ ހައްލަކީ އެއްފަހަރާ ގިނަ ދަރިވަރުން ނެޓް ބޭނުން ކުރުމުގެ ބަދަލުގައި ބަހާލާއިގެން ބޭނުންކުރުން. އަދި ބައެއް ހާލަތްތަކުގައި އޮފީސްތެރޭގައި ބޭނުންކުރާ މިންވަރުވެސް މަދުކޮށްލަން" އަހުމަދު ވިދާޅުވިއެވެ.
އަހުމަދުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ސްކޫލުން ކުރިއަށް ގެންދާ އެފަދަ ހަރަކާތްތަކަށް ބެލެނިވެރިންނާއި ޕީޓީއޭއިން ދެއްވަމުން ގެންދަވާ އެއްބާރުލުމެވެ. މިކަމަށް ހިނގާ ޚަރަދުތައްވެސް ހަމަޖައްސަވަމުން ގެންދަވަނީ ޕީޓީއޭގެ ފަރާތުންނެވެ.
advertisment
ހިޔާލު