ކެޔޮދޫ ސްކޫލްގެ ދަރިވަރުން ބޮނބި ބޭނުންކޮށްގެން ހަނދާނީ ހަދިޔާ ހަދަނީ

ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނަށް ބޮނބިން ހަނދާނީ ހަދިޔާ ހަދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް އެރަށު ސްކޫލުން ފަށައިފިއެވެ.

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ، އެއްދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދާއިރު، ދަރިވަރުންނަށް ބޭނުން ހިފޭނެ ހުނަރުތައް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކިގެން މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ. ބޮނބި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ހަނދާނީ ހަދިޔާ އުފައްދަން ދަސްކޮށް ދިނުމަކީ އޭގެ ބައެއް ކަމަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަފްތާއަކު އެއް ގަޑިއިރަށެވެ.

" އެއްދަންފަޅި ސްކޫލަށް ކިޔެވުން ކުރިއަށް ގެންދާއިރު، އޭގެ ތެރެއިން ހޯމް ސްކިލްސް ތަރައްގީ ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. މިދިޔަ އަހަރުވެސް މިފަދަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައިން. މި އަހަރު އިސްކަންދިނީ ދަރިވަރުންނަށްވެސް އާމްދަނީއެއް ހޯދޭނެ މަސައްކަތެއް ދަސްކޮށްދޭން" ޒައީމާ ވިދާޅުވިއެވެ.
ޒައީމާ ވިދާޅުވީ ލޯކަލް ޓޫރިޒަމް ކެޔޮދޫގައި ފުޅާވަމުންދާއިރު، ހަނދާނީ ހަދިޔާ އުފައްދައިގެން ދަރިވަރުންނަށްވެސް އާއިލާއާއެކު އާމްދަނީ ހޯދުމުގެ ފުރުޞަތު އެ ޕްރޮގްރާމުގެ ތެރެއިން ފަހިވެގެން ދާނެ ކަމަށެވެ.

" އެންމެ މުހިންމު ކަމަކީ ހުނަރުވެރި މަސައްކަތެއް ދަސްވުމާއެކު ސްކްރީނާ ދަރިވަރުން ދުރުކުރުން" ޒައީމާ ވިދާޅުވިއެވެ.

ކެޔޮދޫ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ހަނދާނީ ހަދިޔާ ހަދަން ދަސްކޮށްދިނުމަށް ފެށި ޕްރޮގްރާމުގައި ފުރަތަމަ ބައިވެރިކުރީ ގްރޭޑް ނުވައަކާއި ދިހައެއްގެ ދަރިވަރުންނެވެ. ދެ ޖިންސްގެ ދަރިވަރުންނަށް ބޮނބި ބޭނުންކޮށްގެން ތަފާތު ވައްތަރުގެ ހަދިޔާ ހަދަން ދަސްކޮށްދޭނެއެވެ. އޭގެ ތެރޭގައި މަޑިއާއި ވެލާ، ކަހަނބު، މަސް ފަދަ ތަކެތި ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *