ތިނެއް، ފެބުރުވަރީ: ސީއެޗްއެސްއީއަށް ވަންނަން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުދުވަސް

ސެންޓަރފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)އަށް ކުދިން ވަންނަން ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ އަންނަ މަހުގެ ތިންވަނަ ދުވަހެވެ. އެ ދުވަހުގެ 11 ޖެހުމުގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ.

އެ ސްކޫލްގެ ގްރޭޑް 11ށް ކުދިން ވެއްދުމާ ގުޅޭ ގޮތުން ނެރެފައިވާ އިއުލާނުގައި ބުނެފައި ވަނީ އަންނަ އަހަރު އެ ސްކޫލުން ޖާގަ ދޭނީ 500 ކުދިންނަށެވެ. ޝަރުޠެއް ކަމަށް ބުނެފައި ވަނީ އެކެއް، މެއި 2018ގެ ފަހުން ބައިވެރިވެފައިވާ އެސްއެސްސީ އަދި ޖީސީއީ އޯލެވެލް، ނޫނީ އައިޖީސީއެސްއީ އިމްތިޙާނުން ޖުމްލަ ފަސް މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމެވެ. ސްޓްރީމް އިޚްތިޔާރޫ ކުރުމުގައި، ކޮމާސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ އެކައުންޓިން، ކޮމާސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި ހިސާބެވެ. ސައިންސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ ބަޔޮލޮޖީ، ކެމިސްޓްރީ، ކެމިސްޓްރީ، ފިޒިކްސް، އަދި ހިސާބެވެ. އާރޓްސް ސްޓްރީމްގެ މާއްދާތައް ކަމަށް ބަލާނީ ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީ ޖޯގްރަފީގެ ތެރެއިން އެއް މާއްދާއިންނަމަ، ދެވަނަ މާއްދާއެއްގެ ގޮތުގައި އިނގިރޭސި ބަހާއި، ލިޗްރޭޗަރ، އިކޮނޮމިކްސް ނުވަތަ ހިސާބު، މިއިން ކޮންމެވެސް އެއް މާއްދާއެއް ހިމެނިދާނެއެވެ.

އެ ސްކޫލުން ބުނީ ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާސް ސްޓްރީމް އޭލެވެލްގައި ހެދުމުގެ ފުރުޞަތު، އެ ދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބެލުމަށްފަހު ދެވިދާނެ ކަމަށެވެ.

ސީއެޗްއެސްއީން ބުނެފައި ވަނީ އެ ސްކޫލަށް ވައްދާނީ ސްކޫލް ލީވިންގ ސެޓްފިކެޓްގައިވާ ދަރިވަރުގެ އަޚްލާގާބެހޭ ބައިގައިވާ މައުލޫމާތަށާއި، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ހޯދާ އަޚްލާގީ ރިޕޯޓް ތަކުގެ މައްޗަށެވެ. އަދި މީގެ ކުރިން މަތީ ޘާނަވީއަށް ކިޔަވައިދޭ ސަރުކާރު ސްކޫލެއްގެ ނުވަތަ ސެންޓަރެއްގައި ގްރޭޑް 11 ނުވަތަ 12ށް ކިޔެވުމުގެ ފުރުޞަތު ދެވިފައިވާ ކުއްޖެއް ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުޠު ކޮށްފައިވެއެވެ.

ކުދިން ވެއްދުމުގައި ޖާގަ އޮތް ވަރަށްވުރެ އިތުރަށް ފޯމް ހުށަހަޅާފައިވާނަމަ، ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަންދޭނެ ކަމަށްވެސް އެ ސީއެޗްއެސްއީން ނެރެފައިވާ އިއުލާނުގައި ބުނެފައިވެއެވެ.
ސީއެޗްއެސްއީގައި މިހާރުވެސް 1500އެންހާ ކުދިން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *