ގިނަބައްސަ ތަޢުލީމު: ތަޢުލީމުދިނުން ތަބްދީލު ކުރުމަށް ޒަރޫރަތެއް

އަޝްރަފް ޢަލީ

އާދޭހެވެ! ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 21ވަނަ ދުވަހަކީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހެވެ. މިއީ ދުނިޔެ ވާހަކަދައްކާ ބަސްބަސް ނެތި ހިނގައިދާނެ ކަމުގެ ބިރަށް ޓަކައި ބަސްބަހުގެ ހައްގުގައި އަޑުއުފުލައި ގައުމީ ރޫހުގައި މަސައްކަތް ކުރަން ބާރުއެޅުމުގެ ގޮތުން ޔުނެސްކޯއިން ފާހަގަ ކުރައްވާން ފެށްޓެވި ދުވަހެކެވެ. 21 ފެބުރުވަރީ އެއީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި އިއުލާންކުރެއްވީ 1999ވަނަ އަހަރުއެވެ. ދުނިޔޭގެ ގައުމުތަކުގައި މި ދުވަސް ފާހަގަކުރާން ފެށީ 2000ވަނަ އަހަރުއެވެ. ވީމާ މި އަހަރު މި ފާހަގަ ކުރަނީ 23ވަނަ މާދަރީބަހުގެ ދުވަހެވެ. ދުވަހުގެ ހެޔޮ އެދުންތައް ނުހަނު ލޯތްބާ އެކު އަރިސްކުރަމެވެ.

ފާއިތުވި 22 އަހަރެކޭ އެއްފަދައިން މި އަހަރު ވެސް މާދަރީބަހުގެ ދުވަހަށް ޔުނެސްކޯއިން ވަނީ ޚާއްޞަ ޝިޔާރެއް ކަނޑައަޅުއްވައިފައެވެ. އެއީ “Multilingual education – a necessity to transform education” މިއެވެ. މި ޝިޔާރުގެ ދިވެހި ތަރުޖަމާއެއްކަމަށް އަޅުގަނޑަށް ވިސްނުނީ "ގިނަބައްސަ ތަޢުލީމު: ތަޢުލީމީ ނިޒާމު ތަބްދީލު ކުރުމަށް ޒަރޫރަތެއް" މިހެންނެވެ.

ތަޢުލީމުދިނުމުގެ ނިޒާމަށް އާދަޔާޚިޔާލު ބަދަލު ގެނެސް އުނގަންނައި ދިނުމުގެ ވައްޓަފާޅިޔާއި ގޮތްތަކަށް 21ވަނަ ޤަރުނު މަރުހަބާ ކިޔަނީ މުޅީން ތަފާތު އުކުޅުތަކާއި އިސްތިރާޖީތަކާއި ހުނަރުތަކެވެ. އާދަޔާ ޚިލާފު ބަދަލުކަމަށް މި ދެންނެވީ ތަބްދީލުކުރުން ނުވަތަ ޓްރާންސްފޯމްކުރުމެވެ. އާދޭހެވެ! އިންޤިލާބީ ބަދަލެއްގެ ވާހަކައެވެ. މާކުރިއްސުރެ އަށަގެންފައިވާ ތަޢުލީމު ދިނުމުގެ ބޯދާ ވައްޓަފާޅިތަކާއި އުސޫލީ ހަމަތަކަށް ޒަމާނީ ބަދަލުތައް އަތުވެއްޖެއެވެ. މިއަދުގެ ނިޒާމީ ތަޢުލީމުގައި ގިނައީ އެއްބަހަށް ވުރެ ގިނަ ބަސްބަހުން ތަޢުލީމު ދޭ މުޖުތަމަޢުތަކެވެ. އަވަސްއަވަހަށް ބަދަލުވަމުން ތަރައްގީވަމުން މި އަންނަ ދުނިޔޭގެ ގިނަ މުޖުތަމަޢުތަކަކީ ދެބައްސަ ނުވަތަ ގިނަބައްސަ މުޖުތަމަޢުތަކެވެ. މިހެންވުމުން ތަޢުލީމީ ނިޒާމުގެ އެކި މަރުހަލާތައް ކަޑައްތުކޮށްފައި ނުކުންނަ ކޮންމެ ދަރިވަރަކީ މަދުވެގެން ދެ ބަސް ނުވަތަ އެއަށް ވުރެ ގިނބަސްބަހުން ވާހަކަ ދައްކާށާއި ލިޔެ ކިޔާން ދަތުމުގެ ފުރުސަތު ލިބިފައިވާ ދަރިވަރެކެވެ. މިއީ ބަވަނަވަމުން މި ދާ ދުނިޔޭގައި ދިރިއުޅުމުގެ ހައްގަށް ޓަކައި ކޮންމެ ދަރިވަރަކުމެ ޙާސިލްކުރާން ޖެހޭ ލަނޑުދަނޑިއެކެވެ. މިހެންވުމުން ތައުލީމީ ނިޒާމުގެ ވައްޓަފާޅިއަށް މާސިންގާ ބަދަލެއް ގެންނައުމުގައި މުހިންމު ޒަރޫރަތަކަށް އަދު ވެފައި ވަނީ ގިނަބައްސަ ތަޢުލީމެވެ.

ގިނަބައްސަ ތައުލީމަކީ ތައުލީމީ ނިޒާމުގައި ގިނަ ބަސްބަސް ކިޔަވައިދިނުމެއް ނޫނެވެ. އެއީ ގިނަބަސްބަހުގެ މައްޗަށް ބިނާކޮށް ތައުލީމު ދިނުމެވެ. މިހެން ހަދަން ޖެހުނީ އދ. ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ތައުލީމު އެންމެންނަށް ދެއްވާން ކަނޑައެޅުއްވި ލަނޑުދަނޑި ހާސިލު ކުޅައުމަށެވެ. ތައުލީމުގައި އެންމެން ޝާމިލްވާނޭ ހެން އެއް ކުއްޖަކު ވެސް ބާކީ ނުކޮށް އުނގަނައިދިނުމުގެ އެންމެ ފަސޭހަ ވަސީލަތަކީ އެ ކުއްޖެއްގެ ބަހުން އެ ކުއްޖަކަށް އުނގެނުމުގެ ފުރުސަތު ހޯދައިދީގެންނެވެ.

ތައުލީމުން މަހުރޫމުވެފައިވާ އެތައް މިލިޔަން ކުދިން މިއަދު ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި އެބަތިއްބެވެ. ބަނޑުހައިހޫނުކަމުގައްޔާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ މުޝްކިލާތަކުގެ ޝިކާރައަކަށްވެ އަސީރުންގެ ގޮތުގައި ވެސް އެތައްއެތައް ލައްކަ ކުޑަކުދީންނާއި އެކި އުމުރުގެ މީހުން ދުނިޔޭގެ އެތައް މިތާގައި އެބަ ތިއްބެވެ. މި ފަދަ ކުދީން ވެސް ތައުލީމުގައި ޝާމިލް ވުން ފޯރުވައިދޭން ޖެއެވެ. ޔުނެސްކޯގެ ރިޕޯޓުތަކުން އެނގޭ ގޮތުގައި މުޅި ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުން ވަނީ އެ މީހުން ވާހަކަ ދައްކާ ނުވަތަ ދޭހަވާ ބަހުން ތައުމީލު ލިބުން މަހުރޫމުވެފައެވެ. މި 40 އިންސައްތަ މީހުންނަށް ތައުލީމުގައި ޝާމިލްވުމުގެ ފަހި ފުރުސަތު ހޯދައިދެވެން އަންނަނީ ގިނަބައްސަ ތައުލީމުގެ ޒަރިއްޔާއިންނެވެ. އާދޭހެވެ! އެ ކުދިން ވާހަކަ ދައްކާ އެ ކުދީން ވިސްނާ ބަހުން ނުވަތަ ބަސްބަހުން އެކުދީންނަށް ތައުލީމު ދީގެންނެވެ.

ޝައްކެއް ނެތް ގުތުގައި، ނުދަންނަ ބަހަކުން ފެންވަރު ހުރި ތައުލީމެއް ނުދެވޭނެއެވެ. ތައުލީމީ ނިޒާމު ތަބްދީލު ކުރުމުގައި ޒަރޫރަތަކަށް ގިނަބައްސަ ތައުލީމު ވަނީ ކުރިން ބަޔާން މި ކުޅަ ސަބަބާ ހުރެއެވެ. މިއަދު މި ކަން ވެފައި މިވަނީ ހަގީގަތުގައި ވެސް ޒަރޫރަތަކަށެވެ. އިންސާނީ އަސާސީ ހައްގަކަށެވެ. މިހެންވުމުން ޝާމިލްކުރަނިވި ތައުލީމެއް ފޯރުވައިދީ އެންމެނަށް ތައުލީމު ދިނުމުގައި ޔުނެސްކޯއިން ބާރު އަޅުއްވަނީ މާދަރީބަސްބަހުން ތައުލީމު ދިނުމަށެވެ. ދެވަނަ ނުވަތަ ތިންވަނަ ނުވަތަ އެއަށް ވުރެ ގިނަ ބަސްތަކެއް ދަސްކުރުމުގެ އަމާޒުގެ ބިންގަލަކަށް ވާން ވާނީ މާދަރީބަހެވެ. މާދަރީބަހުން ވިސްނަން ދަސްވާނީ ގޯތިން ފެށިގެން މަދަރުސާގެ އިމުގެ ތެރެއިން މި ކަމަށް ޓަކައި ދައްކާ ނަމޫނާއިންނެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ގިނަބައްސަ ތައުލީމުގެ ޒަރޫރަތު ދިވެހިރާއްޖޭގެ ހާލަތަކަށް އެންމެ އެކަށީގެނެއް ނުވެއެވެ. އެހެނީ ދިވެހިރާއްޖެއަކީ އެއްބަހަކުން ވާހަކަދައްކާ ރައްޔިތެއް ދިރިއުޅޭ ރާއްޖެއެކެވެ. އަޅުގަނޑުމެންގެ ބަހަކީ ދިވެހިބަހެވެ. މުޅި ރާއްޖެ ވާހަކަދައްކަނީ ދިވެހިބަހުންނެވެ. ދިވެހިބަސް ކިޔެވުން މަޖުބޫރެވެ. ޕްރީ ސްކޫލް ތައުލީމު ދޭން ވާނީ ދިވެހިބަހުން ކަމަށް ތައުލީމުގެ ގާނޫނުގައި ބަޔާން ވެގެންވެއެވެ. ވީމާ، ރާއްޖޭގެ ތައުލީމީ ނިޒާމަށް އިތުރަށް ގެންނާން ޖެހޭ ހެޔޮ ބަދަލަކަށް ޓަކައި ގިނަބައްސަ ތައުލީމު ޒަރޫރަތަކަށް ނުވެއެވެ. އެކަމަކު ދިވެހިބަހުގެ ބަހަވީ ސިންދަފާތު ވަރަށް މުއްސަންޖެވެ. ވަރަށް ރީތި ބަހުރުވަތަކެއް ދިވެހިބަހަށް ލިބިފައިވެއެވެ. އެ ފަދަ ބަހުރުވަތައް ވަނީ އެތައް ބައެއްގެ ފުރަތަމަ ބަހަވީ ބިންގަލަށެވެ. ދޭހަވާ ބަހުރުވައަށެވެ. ތައުލީމުގެ އެކި މާއްދާތައް ކިޔަވައިދިނުމުގައި ކުދީންނަށް ދޭހަވާ ގޮތަކަށް އިރުޝާދު ދިނުމަކީ ފައިދާ ހުރި ކަމެކެވެ. ކުދިން އެ ކުދިންގެ ރަށު ބަހުރުވައިން ވާހަކަދެއްކުން އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އެ ފުރުސަތު އެ ގޮތުގައި ބާއްވަން އިލްތިމާސްކުރަމެވެ. އެކުދިން އެ ކުދިންގެ ބަހުރުވައިން ވާހަކަދެއްކުން އަދަބަކަށް ހަދައިގެން ނުވާނެއެވެ. އެހެނީ އެއީ ހަމަ ދިވެހިބަހެވެ. ތަފާތެއް ހުއްޓަސް ހުންނާނީ ލަފުޒުތަކުގެ އަޑުތަކާއި އަޑު އަދާ ކުރާ ގޮތުގައެވެ.

އާދޭހެވެ! މާދަރީބަހުގެ ދުވަސް ބުނެދެނީ މާދަރީބަހުގެ މުހިންމުކަމެވެ. މަދަރީބަހުގެ ދުވަސް ހިނިތުންވަނީ މާދަރީބަސްބަހުގެ ލަފުޒުތަކާއި އޭގެ އަޑުތަކުންނެވެ. ދިވެހީންގެ މާދަރީބަހަކީ ދިވެހިބަހެވެ. ވާން ޖެހޭނީ އެހެންނެވެ. ހިތާމައަކީ އަދުގެ ވަރަށް ގިނަ މާމައިންނާއި ކާފައިންނާއި މަންމައިންނާއި ބަޕައިން ވާހަކަ ދައްކަނީ އިނގިރޭސި ބަހުން ކަމުގައި ވުމެވެ. ނުވަތަ ދިވެހިބަހާ އިނގިރޭސިބަސް މަސްހުނިކޮށްގެން މަސްހުނި ބަހަކުން ކަމަުގައި ވުމެވެ. މިހެންވުމުން ތުއްތުކުދީން ކިބައިގައި އަށަގަންނަ ބަހަކަށް ސާފު ދިވެހިބަސް ނުވެއެވެ. އަދި ސާފު އިނގިރޭސިބަހަކަށް ވެސް ނުވެއެވެ. ދިރާސާތަކުން އެނގޭ ގޮތުގައި މާދަރީބަސްބަހުގެ ގޮތުގައި އެއް ބަހަށް ވުރެ ގިނަ ބަސްބަސް ކުދިންގެ ކިބައިގައި އަށަގަނެއެވެ. ރާއްޖޭގައި ވެސް މިކަން ދަނީ އާންމުވަމުންނެވެ. ތުއްތުކުދީން ދިވެހިބަހުން ވާހަކަ ނުދައްކާ ވާހަކައާއި އެ ކުދިން އެ ކުދިންގެ ޝުޢޫރުތައް ފާޅުކުރާ ނަގާކިޔާ ބަހަކީ އިނގިރޭސި ބަސް ކަމުގެ ވާހަކަ ވެސް އަޑު އިވެއެވެ. މިހެން މިކަން އޮތް ނަމަ ދިވެހިބަހުގެ މުސްތަގުބަލާ މެދު މާބޮޑަށް ވިސްނާން ޖެއެވެ.

ވީމާ، މާދަރީބަހުގެ ދުވަހުގެ އުފަލުގައި ހިނިތުންވެ ތިބެ އަޅުގަނޑުމެން އަޅުގަނޑުމެންގެ ބަހާ މެދު ފައްސި ނަޒަރުން ވިސްނައި ބަހުން ކުރާ މުއާމަލާތުތައް އިތުރު ކުރަމާ ހިނގާށެވެ. ބަހާ މެދު ދެކޭ ނައްސި ރަވައްޔާތައް ދުރުކުރަމާ ހިނގާށެވެ. ބޭރުބަސްބަހާ ދިވެހިބަސް މަސްހުނި ނުކޮށް ސާފު ދިވެހިބަހުން ވާހަކަ ދައްކަން ލޯބިކުރަމާ ހިނގާށެވެ. އަޅުގަނޑުމެންގެ އަމިއްލަވަންތަކަމުގެ ފަޚުރަކީ އަދި ޝަރަފަކީ އަޅުގަނޑުމެންގެ ބަސްކަމުގައި ދެކެދެނެ ތިބެ ބަހުގެ ހައްގުގައި ތެދުވަމާ ހިނގާށެވެ. އަޅުގަނޑުމެންގެ އަތްތަކުން ފިރުމައި އޯގާވެރި ޚިދުމަތާއި ހޭހަންކުރުންތަކުން ދިރުން ގެނެސް ދިވެހިބަސް ތަރައްގީ ކުރުމަށް ޓަކައި އަތުކުރި އޮޅަމާ ހިނގާށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *