ފެށީ މަޖަލަކަށް، މިހާރު އެއީ އުސް ފުންމުމުގައި ރާއްޖޭގެ އެއްވަނަ

އިންޓަރ ސްކޫލް އެތްލެޓިކްސް މީޓް ފުވައްމުލަކުގައި ނިމިގެން ދިޔައިރު، އެންމެ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް އެތުލީޓަކީ އައްޑޫ ހައި ސްކޫލްގައި ކިޔަވަމުންދާ އައިޝަތު ޝައިމް އަޒީޒެވެ.

ޝައިމް ވަނީ އެ މުބާރާތުގައި އޭނާގެ ތަފާތު ހުނަރު ދައްކައި ރެކޯޑްތަކެއް ބިންދާލާފައެވެ.

އުސްފުންމުމުގައި ދެވަނައެއް ނެތް މި ހުނަރުވެރި ދަރިވަރު ވަނީ 27 އަހަރުވީ ޤައުމީ ރެކޯޑް އެ މުބާރާތުގައި ބިންދާލާފައެވެ. އޭނާ ސާބިތުކޮށް ދިނީ ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އުސް ފުންމުމުގެ އަންހެން އެތްލީޓް ކަމެވެ.

މުބާރާތުގައި ޤައުމީ ރެކޯޑް މުގުރާލީ 1.50 މީޓަރު މަތިން ފުއްމައިގެންނެވެ. މީގެ ކުރިން އެ ރެކޯޑް މުގުރާލީ 1996 ވަނަ އަހަރު މާލޭގައި ބޭއްވުނު 4 ވަނަ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި 1.47 މީޓަރު މަތިން ފުންމައިގެން، ރަނާ އަޙްމަދު ޞާދިޤެވެ.

ޝައިމްއަކީ 19 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތްލީޓެވެ. އުސްފުންމުމުގެ އިތުރުން ދިގު ފުންމުމުގައި ވެސް އޭނާ ވަނީ މީޓް ރެކޯޑް މުގުރާލައި ރަން މެޑަލް ހޯދާފައެވެ. އަދި ޖަވަލިންގ ތްރޯއިން ވެސް ގޯލްޑް މެޑަލް ހޯދިއެވެ. މުބާރާތުގެ އެންމެ ކާމިޔާބު އެއް އެތްލީޓަށް އޭނާ ވީ ހަތަރު ރަން މެޑަލާ އެކުގައެވެ.

ޢުމުރުން އެންމެ އެގާރަ އަހަރުގައި އެތްލެޓިކްސްގައި އޭނާ ބައިވެރިވީ މަޖަލަކަށެވެ. ކުރިއަށް ދެވިދާނެ ހުނަރެއް ހުރިކަން އޭނާއަށް ޤަބޫލު ކުރެވުނީ ފުވައްމުލަކުގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަކުންނެވެ.

" އަލަށް ބައިވެރިވި މުބާރާތުން އުސްފުންމުމުން ގޯލްޑް މެޑަލް ލިބުނީ" އެ ހިސާބުން އެތްލެޓިކްސްއާ މެދު އާނާ ސީރިއަސްވިއެވެ. ކުރިއަށް ދިއުމަށް އަޒުމް ކަނޑައެޅިއެވެ. މުބާރާތަކަށްފަހު މުބާރާތަކުން ހޯދަމުން ދިޔަ ކުރިއެރުންތަކާއި މެޑަލްތައް އިތުރު ކުރިއެވެ.

2019 ވަނަ އަހަރު މާލޭގައި ބޭއްވި ދެ މުބާރާތުގައި ވެސް އުސްފުންމުމުން ގޯލްޑް މެޑަލް ލިބުނެވެ. ދިގު ފުންމުމުގައި އޭނާއަށް ރަންމެޑަލުގައި އަތް ނުލެވުނީ އެންމެ ހަތް މިލިމީޓަރުގެ ތަފާތަކުންނެވެ.

" އެ ހިސާބުން ދުވުމުން އެއްފަރާތްވެލައި، ކޯޗްގެ އިރުޝާދާއެކު އުސްފުންމުމާއި ދިގު ފުންމުމަށް ޚާއްޞަވީ" އޭގެ ފަހުން ދުވުން ތަކުގައި ޝައިމް ވާދައެއް ނުކުރެއެވެ. އޭނާ ވާދަ ކުރަން ފެށީ އުސްފުންމުމާއި ދިގު ފުންމުން ތަކުގައެވެ.

އެތްލެޓިކްސްގައި ހިތް އޮތަސް ކިޔެވުމަށް އޭނާ ދޭ ސަމާލުކަން ކުޑައެއް ނޫނެވެ. ހަމައެކަނި ކާމިޔާބު އެތްލީޓެއްގެ ގޮތުގައި ފެންނާކަށް ވެސް ޝައިމް ބޭނުމެއް ނޫނެވެ. އެހެންވެ ލިބޭ ވަގުތު ބަހާލަނީ ކިޔެވުމަށް ވެސް ބުރޫ ނާރާ ގޮތަށެވެ. ނަތީޖާއަކީ އޯލެވެލްގެ ގަދަ ދިހައެއްގެ ނުވަވަނައިގައި ހިމެނުމެވެ. ޝަރަފުއްދީން ސްކޫލުން ސާނަވީ ނިންމާލިއިރު އެ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނަކީ ވެސް ޝައިމްއެވެ.

" ވަރަށް ބުރަ ޝެޑިއުލެއްގައި މަސައްކަތް ކުރަނީ. ޓެސްޓް ކައިރިވީމާ ޓެސްޓަށް ސަމާލުކަން ދެނީ. މުބާރާތް ކައިރިވީމާ މުބާރާތައް ފޯކަސް ކުރަނީ" ޝައިން ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ޝައިން ބުނީ، ކިޔެވުމާ އެއްވަރަށް އެތްލީޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ކުރަންޖެހޭ މަސައްކަތް ވަރަށް ބުރަ ކަމަށެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްކޫލާއި އެކުވެރިންނާއި ޓީޗަރުންގެ ފަރާތުން ލިބޭ އެއްބާރުލުމެވެ.

" މުބާރާތަކަށް ދިޔައީމާ ގެއްލޭ ފިލާވަޅުތައް ޓީޗަރުންނާއި ކުލާސް ކުދިން ކަވަރުކޮށްދޭ، ޓީޗަރުން ވެސް ވަރަށް ސަޕޯޓިވް" މިހާރު އޭލެވެލްއަށް ކިޔަވަމުންދާ ޝައިމް ބުންޏެވެ.
" އޯލެވެލްގައި ޓާގެޓް ކުރީ ގަދަ ދިހައަކަށް. އިރާދަކުރެއްވީތީ އެ ޓާގެޓް ޙާޞިލްވި. ދެން އޮތީ އޭލެވެލް. އޭލެވެލްގެ ޓާގެޓަކީ ވެސް ގަދަ ދިހައެއް"

ޝައިމް ބުނީ، އެތްލީޓެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އެކަށީގެންވާ ވަޞީލަތްތަކެއް ނެތުމަކީ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ.

" އުސްފުންމުމަށް ރަނގަޅު ބެޑެއްނެތް. ދިގު ފުންމުމަށް ރަނގަޅު ޕިޗެއްނެތް. ސްޓޭޑިއަމްގައި ޖިމެއް ނުހުންނާތީ، ޖިމް ޖައްސަންޏާ ދާންޖެހެނީ ޔޫތް ސެންޓަރަށް" ޝައިމްގެ ޝަކުވާ ތަފްޞީލުކޮށް ދިނެއެވެ.

ޝައިމް ބުނީ، އުސްފުންމުމަށް ޚާއްޞަ ކޯޗެއް ނެތުމަކީ ވެސް ކުރިއަށް ދިއުމަށް އޮތް ހުރަހެއް ކަމަށެވެ.

" ސުލްޠާން ސަައީދު ( ސުލްޠާން ސަރ، މިހުންނަނީ ހުރިހާ ކަމަމަކަށް ވެސް. ކޯޗްގެ ވަރަށް ބޮޑު އެހީއާއެކު މިހާރު ކުރިއަށް މި ދެވެނީ ވެސް"

ޝައިމްއަށް އޮތް އިތުބާރަކީ އުސްފުންމުމުގައި އޭނާއާ ވާދަކުރާނެ އެތްލީޓަކު ފެންނަން ނެތުމެވެ.

" އުސްފުންމުމުން ހިއެއް ނުވޭ އަވަހަކަށް އެ ރެކޯޑް މުގުރާލެވޭނެހެން. ހައި ޖަންޕަކީ އޭގެ ޒާތުގައި ވެސް އުނދަގޫ އިވެންޓެއް. ވަރަށް މަދު ކުއްޖަކަށް އަސްލު ޖަހަންޖެހޭ ގޮތަށް ޖެހެނީވެސް. އަޅުގަނޑަށް ހީވަނީ ކުރިއަށް އޮތް ތަނުގައި އެ ރެކޯޑް އާ ކުރާނީ ވެސް އަޅުގަނޑުހެން. ދިގު ފުންމުމުގައި ވާދަކުރާ ގިނަ އެތްލީޓުން ތިބޭތީ، ރެކޯޑް މުގުރާލިޔަސް ދަމަހައްޓަން އުނދަގޫވާނެ"

އެހެން އެތްލީޓުންނާ ޚިލާފަށް ޝައިމް ގެންގުޅޭ ރީތި އާދަތަކެއްވެއެވެ. އޭނާއަށް ލިބެމުންދާ ކާމިޔާބީގެ އަޞްލަކީވެސް އެއީއެވެ.

ކޮންމެ ކޮންމެ އެއްޗެއް ކެއުމުގެ ބަދަލުގައި ސިއްޚަތަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.

" އެއްގޮތަކަށް ވެސް ކުޅިއެއްޗެއް ނުކަން. ފިޒީއެއްޗެއް ނުބޮން. ޕްރޮޓީންއާއި ކާބޯހައިބްރޭޓްސް ގިނަކުރަނީ"

ޝައިމް ބުނީ، އޭނާގެ ހުރިހާ ކަމެއްގައި އެންމެ ކައިރީގައި ތިބީ މަންމައާއި ބައްޕައެވެ. އޭނާއަށް އަނިޔާއެއް ވިޔަސް އެންމެ ކައިރީގައި ތިބެގެން ފަރުވާކޮށް ދެނި އެމީހުންނެވެ. ކެއިންބުއިމަށް އެމީހުން ދޭ ސަމާލުކަމަކީ ވެސް ޝައިމް ހިތާހިތުން ފާހަގަކުރާ ކަންތައްތަކެވެ.

ކުޅިވަރުގައި ކާމިޔާބު ހޯދަން ބޭނުންވާ ދަރިވަރުންނަށް ޝައިމް ދިން ނަސޭހަތަކީ މިއެވެ.

" ކާމިޔާބީއަކާ ހަމައަށް ދާން ބޭނުމިއްޔާ ވަގުތުދީގެން އަބަދުވެސް ފައްސިވިސްނުމެއް ގެންގުޅެން ޖެހޭނެ. ހިތްވަރާއެކު ބުރަކޮށް މަސައްކަތް ކުރަންޖެހޭނެ. ކާމިޔާބަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫން. ހިތްވަރުކޮށްފައި އެކަމެއްގައި ދެމިހުންނަންޖެހޭނީ"

ޝައިމް މިހާރު ތައްޔާރުވަމުން ދަނީ އަންނަ މަހު ބާއްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *