ދިރާސީ އާ އަހަރާއެކު ވަޒީރުން ސްކޫލްތަކަށް، ކޮންކަހަލަ ބަދަލެއް؟

އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ބައެއް ސްކޫލްތަކުގައި ބޭއްވި އެސެމްބްލީގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްމަގާމްތަކުގައި ތިއްބެވި ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިކަން ކުރިއަށް ގެންދިޔައީ ދިރާސީ އާ އަހަރާއެކު، ރައީސް އިބްރާހިމް މުޙަންމަދު ސޯލިހުގެ އިސްނެންގެވުމުގެ މަތިން ތައުލީމާބެހޭ ވުޒާރާއިންނެވެ.
" މިއިން ދައްކުވައިދެނީ ތައުލީމަށް ސަރުކާރުން އިސްކަންދޭ މިންވަރު." ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު ވިދާޅުވިއެވެ.

އާތިޔާ ވިދާޅުވީ ހުރިހާ ވަޒީރުން އަތޮޅުތަކަށް ވަޑައިގެން ސްކޫލްތަކުގެ އެސެމްބްލީތަކުގައި ބައިވެރިވެވަޑައިގެންނެވުމުން ސްކޫލްތަކާއި ބެލެނިވެރިންނާއި ދަރިވަރުންނަށް ލިބިގެން ދިޔައީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
" ސްކޫލްތަކުގެ ހާލަތާއި ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންނަށް ވީހާވެސް ކަރިން ވަޒީރާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ ފުރޞަތު ލިބިގެން ދިޔައީ. އަދި އެ ސްކޫލެއްގެ ހާލަތު ބަލައި އެ ވަޒީރެއްގެ ސަމާލުކަމަށް އެކަންތައްތައް އެބައާދޭ" އާތިޔާ ވިދާޅުވިއެވެ.
ވަޒީރުންގެ އިތުރުން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުން ވަނީ ސްކޫލްތަކުގައި ބޭއްވި ޚާއްޞަ އެސަމްބްލީތަކުގައި ބައިވެރިވުމުގެ އިތުރުން އެނގެނުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ވަޒީރުން ވަޑައިގެންނެވި ސްކޫލްތަކަށް ބަލާއިރު، އިސްލާމިކް މިނިސްޓަރު ޑރ. ޒާހިރު ވަޑައިގެންނެވީ ވ. ކެޔޮދޫ ސްކޫލަށެވެ. އެ ސްކޫލުގައި ބޭއްވި އެސެމްބްލީގައި ބައިވެރިވަޑައިގެން ދަރިވަރުންނަށް މުހިންމު މައުލޫމާތު ތަކެއް ދެއްވިއެވެ. ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލަށް ވަޑައިގެންނެވީ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފެވެ.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ޚާއްޞަ އެސެމްބްލީގައި ވަޒީރަކު ބައިވެރިވެވަޑައިގެންނެވުމުން އެ ސްކޫލްގެ ދަރިވަރުންނަށް ވަރަށް ބޮޑަު ހިތްހަމަޖެހުމެއް ލިބި، އެކުދިންނަށް ކުރެވުނީ އުފާވެރި އިހުސާސެއް ކަމަށެވެ.
" ދަރިވަރުންނަށް ލިބުނީ އެކުދިންނަކީ ވަރަށް މުހިންމު ބައެއް ކަމުގެ އިހުސާސް" ނާސިހާ ވިދާޅުވިއެވެ.

ސްކޫލަތަކަށް ވަޑައިގެންނެވި ވަޒީރުންގެ ތެރެއިން އުނގޫފާރު ސްކޫލަށް ވަޑައިގެންނެވީ މާލީ ވަޒީރު އިބްރާހިމް އަމީރެވެ. ސ. ހިތަދޫ ސްކޫލަށް ވަޑައިގެންނެވީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއެވެ. މުލަކު ސްކޫލަށް ވަޑައިގެންނެވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަޑައިގެންނެވީ ގދ. ތިނަދޫގައި ހުންނަ އެޓޯލް އެޑިއުކޭޝަން ސެންޓަރަށެވެ. ހއ. އެޓޯލް އެޑިއުކޭޝަން ސެންޓަރުން ކުރިއަށް ގެންދިޔަ އެސްބްލީގައި ބައިވެރިވުމަށް ވަޑައިގެންނެވި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު، އެ ސްކޫލްގެ ކުދިންނާއެކު ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންނެވުމަށްފަހު ވަނީ އޭނާގެ ޝުއޫރު ފާޅުކުރައްވާފައެވެ.
ނަޒީރު ވިދާޅުވީ " ފައްކާ ކަމެއް " ކަމަށާއި " އެއީ ރަނގަޅު ނިއުޓްރިޝަން މީލެއް" ކަމަށެވެ. އެއަށްފަހު އޭނާގެ ޓްވީޓްގައި ލިއުއްވާފައިވެއެވެ. " ކޮޅަށް ހުންނަ ކޮންކްރީޓްގަނޑެއް ފެންނަން ނެތަސް މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އެންމެ ކޫލް ކަންތައް"
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައި ގެންނެވީ ހިންނަވަރުގައި ހުންނަ ޅ. އެޓޯލް އެޑިއުކޭޝަން ސެންޓަރަށެވެ. ހެލްތް މިނިސްޓަރު ވަޑައިގެންނެވީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.

އދ. އަތޮޅު ތައުލީމީ މަރުކަޒަށް ވަޑައިގެން އެ ސްކޫލްގައި ބޭއްވި އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދެވެ. ޓެކްނޮލިޖީ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލު ވަޑައިގެންނެވީ އއ. އަތޮޅު އެޑިއުކޭޝަން ސެންޓަރަށެވެ.
ކޮންމެ ވަޒީރަކުވެސް ވަނީ ދަރިވަރުންނާއި މުދައްރިސުންނާއެކު ވަގުތު ކޮޅެއް ހޭދަކުރައްވާފައެވެ. ނާސިހާ ވިދާޅުވިގޮތަށް މިކަމުން ދަރިވަރުންނަށް އިހުސާސް ކުރެވިގެން ދިޔައީ އެކުދިންގެ މުހިންމުކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *