"ނަމޫނާ ސްކޫލެއްގެ ގޮތުގައި ނަތީޖާ ނެރެދޭނަން"

ނަމޫނާ ސްކޫލެއްގެ ގޮތުގައި ނަތީޖާ ނެރެދޭނެ ކަމަށް މާލޭގައި އަލަށް ހުޅުވި އިއްޒުއްދީން ސްކޫލްގެ ޕްރިންސިޕަލް އިސްމާއިލް ނަސީރު ވިދާޅުވެއްޖެއެވެ.

ދަރިވަރު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ނަސީރު ވިދާޅުވީ އެ ސްކޫލާމެދު ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ތިބީ ހިތްހަމަޖެހިފައި ކަމަށާއި، ނަތީޖާ ނެރުމުގައި އެ ސްކޫލް ތަފާތު ދައްކާނެ ކަމަށެވެ.

" ތަފާތު މާހައުލެއްގައި ކިޔަވައިދޭނެ ސްކޫލެއްގެ ގޮތުގައި އަޅުގަނޑުމެން ދިރާސީ އާ އަހަރު މި ފަށައިގަތީ. ހުރިހާ ކަމެއްގައިވެސް އެ ތަފާތު އަޅުގަނޑުމެން ދައްކަން މަސައްކަތް މި ކުރަނީ" ނަސީރު ވިދާޅުވިއެވެ. " އަޅުގަނޑުމެން ބޭނުންވަނީ މުގައްރަރު އެންމެ ރަނގަޅަށް އިމްޕްލިމަންޓް ކުރެވޭ ސްކޫލަކަށް މި ސްކޫލް ހެދުން. ދަރިވަރުން އެސެސް ކުރަމުންދާގޮތް ބެލެނިވެރިންނަށް ފެންނާނެ ނިޒާމެއް ގާއިމްކުރެވޭނެ "

އޭނާ ވިދާޅުވީ އިއްޔެއިން ފެށިގެން އެ ސްކޫލްގެ ހުރިހާ ގްރޭޑް ތަކަށް ކިޔަވައިދޭން ފެށީ ހުރިހާ ޓީޗަރުން ހަަމަކޮށްގެންނެވެ.
" ޓީޗަރުން ހަމަނުވުމުގެ އެއްވެސް މައްސަލައެއް ނެތް. ބެލެނިވެރިންނާއެކު ވަރަށް ރަނގަޅު ގުޅުމެއް އެބައޮތް " ނަސީރު ވިދާޅުވިއެވެ.
އިއްޒުއްދީން ސްކޫލްގައި 209 ކުދިން ކިޔަވަމުންދާއިރު، ކުލާހެއްގައި ކިޔަވަމުންދާނީ އެންމެ ގިނަވެގެން 25 ކުދިންނެވެ. ގްރޭޑް އެކެއްގައި ފަސް ކުލާސް، ގްރޭޑް ދޭއްގައި ދެ ކުލާސް، ދެން ކޮންމެ ގްރޭޑެއްގައި އެއް ކުލާހަށް ދަނީ ކިޔަވައިދެމުންނެވެ.

އިއްޒުއްދީން ސްކޫލުން ވިދާޅުވީ އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު މިހާރުވެސް އޮތީ ހުޅުވާލާފައެވެ.

ނަސީރު ވިދާޅުވީ އެއް ދަންފަޅިއަށް ކުރިއަށްދާއިރު، ސްކޫލްގެ ހުރިހާ ހަރަކާތެއްވެސް ހިންގާނެއެވެ. ސްކޫލް ނިންމާފައި ގެއަށް ދިއުމަށްފަހު ސްކޫލަކަށް އަންނާކަށް ނުޖެހޭނެއެވެ. މެންދުރު ނަމާދާއި، މެންދުރުގެ ކެއުންވެސް ކުރިއަށް ދާނީ ސްކޫލްގަޑީގައެވެ. ބެލެނިވެރިން ޖެހޭނީ އެކުއްޖެއްގެ ކެއުން ސްކޫލަށް ފޯރުކޮށްދޭށެވެ. ކެންޓީނުގެ ޚިދުމަތް ދޭން ފެށުމުން ކެންޓީނުން ކެއުމުގެ އިމްތިޒާމް ހަމަޖެއްސުމުގެ ފުރުޞަތު ބެލެނިވެރިންނަށް ދިނުމަށް އެ ސްކޫލުން ވަނީ ނިންމާފައެވެ.

" ކިޔެވުން ނިންމާފައި ގެއަށް ދިއުމަށްފަހު، ސްކޫލްގެ އަމިއްލަ އިޚްތިޔާރުން ބޭރުން ހިންގާ ހަރަކާތެއް ފިޔަވައި، އެހެން އެއްވެސް ކަމެއްގައި ސްކޫލަށް ދަރިވަރަކުވެސް މުދައްރިސަކުވެސް އަންނާކަށް ނުޖެހޭނެ" ނަސީރު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *