ސާނަވީ އިމްތިޙާނުގައި ދިވެހި މާއްދާއިން މުޅި ރާއްޖެއިން އެއްވަނަ ހޯދި މ. ދިއްގަރު ސްކޫލުގެ ޙައްވާ ނައިނާ އިދުރީހުގެ ކާމިޔާބީ އެހާ ކުލަގަދަކޮށް ފާހަގަކޮށްފާނެ ކަމަކަށް އޭނާ އެއްގޮތަކަށް ވެސް ހިއެއް ނުކުރެއެވެ. އޭނާއަކީ ސާނަވީއިމްތިޙާނުގައި ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު އެ ސްކޫލުގެ ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރެވެ.
ރަތް ދޫލައިގެ މަރުޙަބާއަކާއެކު ޚާއްޞަ އެސަމްބްލީއެއް ނައިނާއަށްޓަކައި ބޭއްވީ އެ ސްކޫލަށް ހޯދައިދިން ޝަރަފާއި ރީތި ނަމަށްޓަކައެވެ. ގާރޑްއޮފް އޮނަރއާއެކު އެ ސްކޫލުގެ ދަރިވަރުންނާއި މުދައްރިސުން ދިން ހިނިތުންވުމަކީ އެއީ ލިބުނު ބޮޑު " ސަޕްރައިޒް" އެކެވެ. މި މުހިންމު ތާރީޚީ ވަގުތުގައި ނައިނާގެ މައިން ބަފައިން ބައިވެރިވިއެވެ.
" ކާމިޔާބީ ފާހަގަކުރާނެކަން އެނގޭ. އަކަމަކު އެއްގޮތަކަށް ވެސް ހިއެއް ނުކުރަން އެވަރުގެ ބޮޑު ޙަރަކާތެއް ބާއްވައި، އެހާ ކުލަގަދަކޮށް ކާމިޔާބީ ފާހަގަކޮށްފާނެ ކަމަކަށް" ދަރިވަރު ނޫހަށް އެވާހަކަ ކިޔައިދިން އިރުވެސް ނައިނާގެ އަޑުގައި ވަނީ އުފާވެރިކަމެވެ.
ސައިންސަށް ޝަޢުޤު ހުއްޓަސް ސާނަވީގައި ނައިނާ ކިޔެވީ ކޮމްބައިންޑް ސްޓްރީމެކެވެ. ސާނަވީގައި ދިވެއްސާއި ހިސާބާއި އެކައުންޓާއި ކެމިސްޓްރީން އޭ ސްޓަރ ލިބުނެވެ. އިނގިރޭސިއާއި ބިޒްނަސްއިން އޭ ލިބުނުއިރު އިސްލާމާއި ބައިލޮޖީން ލިބުނީ ބީ އެވެ.
" ސާނަވީގައި މަސައްކަތް ކުރީ ގަދަ ދިހައެއްގައި ހިމެނެން" ނައިނާ ބުންޏެވެ.
ދިވެހި މާއްދާއަށް އެންމެ މޮޅު ދަރިވަރަށް ވުމަކީ ވެސް އެއީ ދިއްގަރު ސްކޫލުން އޭލެވެލްއަށް މިހާރު ކިޔަވަމުންދާ ނައިނާއަށް ލިބުނު ވަކިން ކުޑަ ސަޕްރައިޒެއް ނޫނެވެ. ދިވެހި މާއްދާއަށް ޚާއްޞަ ޝަޢުޤެއް ދިނަސް، ރާއްޖެއިން އެއްވަނަ ލިބިދާނެ ކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ. އެވަރަށް މަސައްކަތް ކުރެވުނު ކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ.
ނައިނާ ބުނީ، ދިވެހި މާއްދާއިން އޭނާއަށް ލިބުނު ކާމިޔާބީގެ އަޞްލަކީ ދިވެހި ވާހަކަ ވީހާ ވެސް ގިނައިން ކިޔުމުވެ.
" އޮންލައިންކޮށް ދިވެހި ވާހަކަ ވަރަށް ގިނައިން ކިޔަން. އެއީ ނަތީޖާއާ ހަމައަށް ދިއުމުގެ މައިގަނޑު އެއް ސަބަބު. އެއާއެކު ޓީޗަރުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ކޮށްދިން މަސައްކަތް"
ނައިނާ ބުނީ، އިމްތިޙާނުގައި އަބަދުވެސް ލިޔުނީ ވާހަކަ ކަމަށާއި، އެކަމަކު ސާނަވި އިމްތިޙާނުގައި މިފަހަރު ލިޔުނީ މަޒުމޫނު ކަމަށެވެ.
" ވަރަށް ބޮޑަށް ފަރިތަކުރުމަށްފަހު، ޔަޤީންކަން އޮތުމާއެކު ވާހަކައިގެ ބަދަލުގައި މަޒުމޫނު ލިޔުނީ"
އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވި ނައިނާއަށް ކިޔަވަން ފަސޭހައީ ދަންވަރުގެ ހަމަހިމޭން ވަގުތުގައެވެ. ގުރޫޕް ސްޓަޑީއަށްވުރެ ކިޔެވުމަށް އޭނާ އިސްކަންދިނީ އެކަނި އިނދެ ކިޔަވާށެވެ. އެއްވެސް މާއްދާއަކުން ޓިއުޝަން ނުނަގާއިރު، ކިޔެވުމުގައި ގެންގުޅުނު ފޯމިއުލާއަކީ ނޭނގިއްޖެނަމަ ސިކުނޑިއަށް ނަގައިގަނެވެންދެން ޓީޗަރުންނާ ސުވާލު ކުރުމެވެ. ދެން އަމިއްލައަށް ގުޅުން ހުރި މައުލޫމާތު ހޯދުމެވެ.
" ނޭނގޭ އެއްޗެއް އޮވެއްޖެނަމަ، ސުވާލު އުފެދޭ ކަމެއް ފާހަގަކުރެވޭ ނަމަ ޓީޗަރުންނާ ސުވާލުކޮށްގެން ޖަވާބު ހޯދުން އެއީ މުހިންމު ކަމެއްގެ ގޮތުގައި ދެކުނީ" ނައިނާ ބުންޏެވެ.
ނަރުހެއްގެ ގޮތުގައި ބަލިމީހުންނަށް ފަރުވާދޭން އަޒުމް ކަނޑައަޅައިގެން ހުރި ނައިނާގެ ކާމިޔާބީގައި މައިންބަފައިންގެ ހިއްސާ ބޮޑެވެ.
" ދުއާ ކިޔުމަށާއި ފިލާވަޅު ދަސްކުރަން މަންމަ އަބަދުވެސް ނަސާހަތްދޭނެ. އެކަން ހަނދާން ވެސް ކޮށްދޭނެ"
ނައިނާ ބުނީ، އޭނާގެ ކާމިޔާބީއާއެކު ރަށާއި ސްކޫލުން ކީ މަރުޙަބާއަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރާ ކަމަށެވެ.
" އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ! ދެން އޮތީ އޭލެވެލްގައި ވެސް މިފަދަ ކާމިޔާބީއެއް ހޯދުން"
ހިޔާލު