ދިރާސީ އާ އަހަރު ފައްޓަވައި ދެއްވުމަށް ވަޒީރުން އަތޮޅުތަކަށް

މާދަމާ ފަށާ ދިރާސީ އާ އަހަރާއެކު ދަރިވަރުންނަށް ހިތްވަރު ދެއްވުމަށް ވަޒީރުން އަތޮޅުތަކަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ 19 އަތޮޅެއްގެ ކޮންމެވެސް އެއް ސްކޫލެއްގައި ބާއްވާ އެސެމްބްލީގައި ދައުލަތުގެ ވަޒީރަކު ނޫނީ އެފެންވަރުގެ އިސްވެރިއަކު ބައިވެރިވެ ދަރިވަރުންނަށް ހިތްވަރު ދެއްވައި ވާހަކަފުޅުދެއްކެވުމަށެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އިސް ނެންގެވުމުގެ މަތިން ކުރިއަށް ގެންދާ މި ހަރަކާތުގެ ބޭނުމަކީ ތައުލީމީ ހަޔާތް ނިންމައި ކުރިއަށް ދާނެ ދާއިރާއެއް އިހުތިޔާރު ކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވުމެވެ. ހުރިހާ ކުދިން ޝާމިލް ކުރުމުގެ ސިޔާސަތުގެ ތެރެއިން ހުރިހާ ދަރިވަރުންނަށް ވެސް ތައުލީމު ހާސިލް ކުރުމުގައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމުގެ މުހިއްމު ކަމުގެ އިތުރުން ތައުލީމީ މަންހަޖުގެ ތެރޭގައި އިސްލާމީ އަގީދާ ކުރިއެރުވުމާއި މަދަރުސީ ދައުރު ނިމޭ ކޮންމެ ކުއްޖަކީ، އެ ކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމުގެ މަގުފަހި ކޮށްދިނުމެވެ. އަދި ސްކޫލު ނިންމާއިރު ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމުގެ އިތުރުން މުޖުތަމައުގެ ތެރޭގައި ބައިވެރިވުން އޮތް ޒުވާނަކަށް ވުމަށް އެކުދިންނަށް ބާރުއެޅުވުމެވެ.

މާދަމާ ކިޔަވަން ފަށާއިރު، 80،000 އެންހާ ދަރިވަރުން ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *