އަށް މާއްދާއިން އޭ ސްޓަރ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ އެއްވަނައަށް ދިޔަ ރެހެންދި ސްކޫލްގެ އާއިޝަތު ބަލްމާއު މުޙައްމަދު ކުޑައިރުއްސުރެ ދެކޭ ހުވަފެނެއްވެއެވެ. އެއީ ޖައްވީ ކަންތައްތަކާ ގުޅުން ހުރި ދާއިރާ އެއްގެ މާހިރަކަށް ކޮންމެ ވެސް ދުވަހަކުން ވުމެވެ. ސްޓްރީމެއް ޚިޔާރު ކުރުމުގައި ސައިންސާ ދިމާލަށް އެނބުރުނީ ވެސް އެހެންވެއެވެ.
ސާނަވީ މަރުޙަލާ ބަލްމާއު ނިންމާލީ އެންމެ ކާމިޔާބު އެއް ދަރިވަރުގެ ގޮތުގައެވެ. ސާނަވީގައި ބައިވެރިވި އަށް މާއްދާއިން އޭ ސްޓަރ އަދި ޓްރެވަލް އެންޑް ޓޫރިޒަމުން މުޅި ދުނިޔެއިން އެއްވަނަ ހޯދިއެވެ.
ބަލްމާއުގެ އެންމެ "ފޭވަރިޓް" މާއްދާތަކަކީ ހިސާބާއި ފިޒްކްސްއެވެ.
ޓީޗަރު ފިލާވަޅު ނަގައިދޭއިރު ޚާއްޞަ ސަމާލުކަމެއް ބަލްމާއު ދެއެވެ. ކިޔެވުމުގައި އެންމެ މުހިންމު ވަގުތަކީ ޓީޗަރު ފިލާވަޅު ނަގައިދޭ ވަގުތެވެ. އޭގެ ފަހުން ގޭގައި ކުރިއަށް ގެންދަނީ އިތުރަށް މުޠާލިޔާ ކުރުމުގެ ބައެވެ. ފަހުން ދަސްކުރަން އެއްވެސް ފިލާވަޅެއް ފަސް ނުކުރެއެވެ. އެ ދުވަހެއްގެ ފިލާވަޅު އެ ދުވަހަކު ދަސްކޮށް މުޠާލިޔާ ކުރުން އާދައަކަށް ހެދިއެވެ.
" ޓީޗަރު ފިލާވަޅު ނަގައިދޭ ގަޑިއަށް ޚާއްޞަ ސަމާލުކަމެއް ދެން. އެއީ ވަރަށް ސީރިއަސްކޮށް ކިޔެވުމާއިގެން މަޝްއޫލުވާ ގަޑިއެއް. އޭރުން ގޭގައި ކުރަންޖެހޭ މަސައްކަތް އެތައް ގުނައެއް ލުއިވޭ. ފިލާވަޅު ދަސްކުރަން ފަސޭހަވޭ" ބަލްމާއު ކިޔައިދިނެވެ.
ބަލްމާއުއަކީ ކުރާ ކަމެއް އެންމެ ރަނގަޅަށް އެންމެ "ޕާފެކްޓް" ކޮށް ކުރަން ބޭނުންވާ ދަރިވަރެކެވެ. ކިޔެވުމުގައި ވެސް އަބަދުވެސް ޓާގެޓް އޮންނަނީ އެންމެ މަތީ ވަނައަށެވެ. މަސައްކަތް ކުރަނީ އެ މަގަށެވެ.
ބަލްމާއު ބުނީ، މޮކް އެގްޒާމުގައި ހިސާބާއި ފިޒިކްސް ކެމިސްޓްރީން ރަނގަޅު ނަތީޖާއެއް ނެރެވުނީމާ އެ މާއްދާތަކުން ރަނގަޅު ވަނަތަކަށް އުއްމީދު ކުރެވުނު ކަމަށެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގައި އޭނާ ވިދާލީ އުއްމީދު އެންމެ ކުޑަވި މާއްދާއިންނެވެ. ޓްރެވަލް އެންޑް ޓޫރިޒަމަށް އިތުބާރު ނެތްއިރު، އެ މާއްދާއިން މަތިން ސްކޯ ކުރުމުގެ ޤާބިލް ކަމެއް ނެތްކަމަށް އޭރު ޤަބޫލު ވެސް ކުރެވުނެވެ. އެ މާއްދާއިން ހިނުތުން ގެނުވީ ސްކޫލުން ކޮށްދިން މަސައްކަތްތަކުގެ ސަބަބުން ކަމަށް ބަލްމާއު ހިތާ ހިތުން މިހާރު ޤަބޫލުކުރެއެވެ.
" ސްކޫލުން އިންތިޒާމް ކުރި ވޯކްޝޮޕްތަކުން ވަރަށް ބޮޑު ކުރިއެރުން ތަކެއް ލިބިގެން ދިޔަ. ފީލްޑް ޓްރިޕެއް ވެސް ބޭއްވި. އެއިން ލިބުނު މައުލޫމާތު ތަކުން އެހާ ބޮޑު ބަދަލެއް މި އައީ" ބަލްމާއު ބުންޏެވެ.
" ދިވެހިން ދުވަހަކު ވެސް އޭ ސްޓާއެއް ނުލިބޭ. ދިވެހި މުދައްރިސްގެ އެހީތެރިކަމާއި އެއްބާރުލުމާއެކު އެންމެ ފަހު ވަގުތު ވެސް ދޫކޮށް ނުލާ ކުރި މަސައްކަތުން އެ މާއްދާގެ ނަތީޖާ ވެސް ބަދަލުވެގެން އައީ"
ސާނަވީ އިމްތިޙާނާ ދިމާކޮށް، ގުރޫޕް ސްޓަޑީއަށް ގިނަ ވަގުތު ހޭދަކުރިއެވެ. ބަލްމާއު އަށް އޭގެ ފައިދާ ކުރީ އެހެން ދަރިވަރުންނަށް އޭނާގެ ފަރާތުން އެހީތެރިކަން ފޯރުކޮށް ދެވުނީމައެވެ. އެހެން ކުދިންނަށް ކިޔައިދީގެން ސިކުނޑީގައި ހަރުލެއްވުން ބަލްމާއުއަށް ފަސޭހައެވެ. އެހެންވެ ގިނަވަގުތު އެހެން ކުދިންނަށް ބުނެދޭން ހޭދަކުރިއެވެ.

ބަލްމާއު ބުނީ، އެއްވަނަ ލިބުނީމާ، އަބަދު ކިޔަވަނީހޭ، ބައެއް ކުދިން މިހާރު ވެސް އަހާ ކަމަށެވެ. އެފަދަ ކުދިންނަށް އޭނާ ދޭ ޖަވާބަކީ މިއެވެ.
" އަބަދަކު ނުކިޔަކަވަން. ބެލެންސެއް ގެންގުޅެނީ. އެކުވެރިންނާއެކު ވަގުތު ހޭދަކުރަމުން ކިޔަވަމުން މަޖާވެސް ކުރިން"
ބަލްމާއު ކިޔައި ދިނީ ކިޔެވުމުގައި ވެސް ހަމަހަމަ "ބެލެންސެއް" ގެންގުޅެން ޖެހޭކަމެވެ. އެއީ ކިޔަވާ ކުއްޖަކަށް ވަރަށް މުހިންމު ކަމެކެވެ.
" ރައްޓެހިންނާއެކު ވަގުތު ވެސް ހޭދަކުރަން. ސަކަރާތްވެސް ޖަހަން. މި ހުރިހާ ކަމެއްގެ ތެރެއިން ނަތީޖާ ނެރެވުނީމާ ހަޤީޤީ ކާމިޔާބަކަށް ވަނީ" ސީއެޗްއެސްއީގައި މިހާރު ކިޔަވަމުންދާ ބަލްމާއު ބުންޏެވެ.
" ދިމާވާ އެކި ހާލަތްތަކުގައި ވެސް ރަނގަޅު ރައްޓެހިންނަކީ ވަރަށް މުހިންމު ބައެއް. އެކުދީންގެ ސަބަބުން އަޅުގަނޑަށް ވަރަށް ގިނަ ފައިދާކުރި. އެކުދީންގެ ފަރާތުން ހިތްވަރު ލިބުނު"
ބަލްމާއު ބުނީ، މައިންބަފައިން އޭނާއަށް ކުރި އިތުބާރަކީ އެއީ އޭނާގެ ކާމިޔާބީގެ ސިއްރު ކަމަށެވެ. އެ އިތުބާރު އެ ގޮތުގައި ހިފަހައްޓަން އޭނާ މަސައްކަތް ވެސް ކުރިއެވެ.
" އެއީ ނަމޫނާ ބެލެނިވެރިން " ބަލްމާ އެވާހަކަ ދެއްކީ ފަޚުރުވެރިކަމާ އެކުގައެވެ.
" ކިޔަވާށެކޭ ފިލާވަޅު ހަދާށެކޭ ދުވަހަކު ވެސް ނުބުނާނެ. ނުބުންޏަސް އެކަން ކުރާނެ ކަމުގެ ޔަޤީންކަން މަންމައާއި ބައްޕައަށް އޮންނާނެ. އެ ޔަގީންކަން ބޭއްވީމާ މަންމައާއި ބައްޕައަށް ޝުކުރު ފަށްފަށް ކުރަން" ބަލްމާއު ބުނެދިނީ ދަރިންނަށް، މައިންބަފައިން އިތުބާރު ކުރަންޖެހޭ ސަބަބެވެ.
ކިޔެވުމާއެކު ސްކޫލްގެ އިތުރު ޙަރަކާތްތަކުގައި ވެސް ބަލްމާއު ބައިވެރިވިއެވެ. ގުރޭޑް 9ގައި އުޅުނުއިރު ގާލްގައިޑް ލީޑަރުކަމެވެ. ގުރޭޑް 10ގައި އުޅުނުއިރު، އެކްޓިވިޓީ ކެޕްޓަން ކަމެވެ.

ކުރެހުމަކީ ވެސް ބަލްމާގެ ޚާއްޞަ ފަންނެކެވެ. އެކަން ކުރަނީ ހޮބީއަކަށެވެ. ބައެއް ފަހަރު ސްކޫލުގައި އޮންނަ މުބާރާތްތަކުގައި ބައިވެރިވެއެވެ.
ކުރިމަގަށް ބަލްމާއު ދެކޭ ހުވަފެން ވަރަށް ފުނެވެ. އެއިރޮނޮޓިކަލް އިންޖިނިއަރިންގެ ދާއިރާއިން މާހިރަކަށް ވުމަކީ އެއީ ކުޑައިރުގެ ވެސް އުއްމީދެކެވެ. ޖިއޮގްރަފީ ޗެނަލްތަކާއި ސައިންސާ ގުޅުން ހުރި އެތަކެއް އުފެއްދުންތަކާއި ޚަބަރުތަކަށް އޭނާގެ ލޯ ކޮންމެ ދުވަހަކު އަމާޒު ވަނީ އެންމެ ސަބަބަކާ ހުރެއެވެ. އެ ދާއިރާއަށް އޮތް ޚާއްޞަ ޝަޢުޤެއްގެ ބޮޑު ކަމުންނެވެ. އެކަމަކު ބަލްމާއުގެ މިހާރުގެ ފޯކަސްއަކީ އޭލެވެލްއެވެ. އޭލެވެލްގެ ނަތީޖާއިން އޭނާގެ ކުރިމަގަށް އެތަކެއް މަގެއް ކޮށޭނެއެވެ. އެ މަގު ފަސޭހަކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އޭނާ ކުރާނެއެވެ.
" އޭލެވެލް އަދި ފަސޭހައެއް ނޫން. އެކަމަކުވެސް މަސައްކަތް މި ކުރަނީ ރަނގަޅު ނަތީޖާއަކަށް"
ކިޔަވާ ދަރިވަރެއްގެ ހައިސިއްޔަތުން ކިޔަވާ ކުދިންނަށް ބަލްމާއު ނަސޭހަތެއް ދިނެވެ.
ހިޔާލު