އަންނަ އާދީއްތަ ދުވަހު، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު، 100 ދަރިވަރަކު ސްކޫލަށް ދިއުމަށް ބޭނުންވާ ސާމާނު އިޖްތިމާއީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ "މަމްސް" ޖަމުއިއްޔާއިން ފޯރުކޮށްދީފިއެވެ. މިއީ އަމިއްލަ ޖަމުއިއްޔާއަކުން މިފަދަ އެހީތެރިކަމެއް، ގިނަ އަދަދެއްގެ ދަރިވަރުންނަށް ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.
މައިންތަކެއްގެ އިސްނެގުމުގެ މަތިން އުފެއްދި މި ޖަމިއްޔާއިން އެހީތެރިކަން ފޯރުކޮށްދީފައި ވަނީ 46 އާއިލާއަކަށެވެ.

މަމްސް ޖަމުއިއްޔާގެ އެކްސްކޯ މެމްބަރު އަދި މާކެޓިންގ ކޯޓިނޭޓަރު ފާތިމަތު ލީޝާ ދަރިވަރު ނޫހަށް ވިދާޅުވީ އެހީގެ ގޮތުގައި އެ ޖަމުއިއްޔާއިން ފޯރުކޮށްދީފައި ވަނީ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ އެންމެ އަސާސީ ތަކެއްޗެވެ. އޭގެތެރޭގައި ހިމެނެނީ ދެ ޔުނީފޯމާއި ބޫޓަކާއި އިސްޓާކީނުގެ އިތުރުން ދަބަހެކެވެ. އެތަކެތި ފޯރުކޮށް ދިނުމުގައި ބަލާފައި ވަނީ ޔަތީމް ކުދިންނާއި ހާލުގައި ދިރިއުޅެމުންދާ ކުދިންނާއި، މަންމައާއި ބައްޕާ ނިޔާވެފައި ތިބި ކުދިންގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށެވެ.
" ސްކޫލަށް ދިއުމަށް ބޭނުންވާ އެންމެ އަސާސީ ތަކެތި ހިމެނޭ ޕެކޭޖެއް އަޅުގަނޑުމެން ފޯރުކޮށްދިނީ" ލީޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުގެ މާކުރިން މި އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށް ދެވުނީ، އޮފިޝަލް ޕާޓްނަރއެއްގެ ގޮތުގައި މަސައްކަތްކުރި " އެހީ ޖަމިއްޔާ " އާއި މި ކެމްޕޭނަށް އެހީތެރިކަން ފޯރުކޮށްދިން ކުންފުނިތަކުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ. އެހީދިން ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ އައްޝާލީ، އަސްރަފީބުކްޝޮޕް، އޭޝިއާ ފޯވަރޑިންގ، ލައިފްސަޕޯޓް، ސީއެމްޑީ،އެމްސެވަން، އެނޯނީމަސް ޑޯނާ ހިމެނެއެވެ.
" ތަކެތި ފޯރުކޮށް ދިނުމުގައި އެންމެ އެކަށީގެންވާ ކުދިންނަށް މި ތަކެތި ފޯރުކޮށްދިނުމަށް 40 ރަށެއްގައި ތިބި އަޅުގަނޑުމެންގެ އެޑްމިން މެމްބަރުން ވަރަށް މުހިންމު މަސައްކަތްތަކެއް ވަނީ ކޮށްދީފައި" ލީޝާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ކެންޕޭން ދާއިމީ ގޮތެއްގައި ކުރިއަށް ގެންދަން މިހާރު ނިންމާފައިވާކަމަށާއި، އަންނަ އަހަރުވެސް ގިނަ އަދަދެއްގެ ކުދިންނަށް އެހީ ފޯރުކޮށްދޭން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މަމްސް ޖަމުއިއްޔާއަކީ އެއް މަންމައަކު އަނެއް މަންމައަކަށް އެކިއެކި ކަންތައްތަކުގައި ދިމާވާ ކަންތައްތައް ހިއްސާކޮށް މައުލޫމާތު ބަދަލުކުރުމަށް އުފެދިގެން އައި ސޯޝަލް މީޑިއާ ޕްލެޓް ފޯމެކެވެ. ހުސްވި އަހަރު ޖަމުއިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށް، މީހުން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މިހާރު "މަމްސް"ގެ މެމްބަރުންގެ އަދަދު ވަނީ 31،000 އަރާފައެވެ.
advertisment
ހިޔާލު