ފާއިތުވި އަހަރު ސާނަވީ އިމްތިޙާން ނިންމާލިއިރު، މުޙްޔިއްދީން ސްކޫލުގެ މަރިޔަމް ނަބީލާ ޙަސަންއަށް، ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރެވުނު ނަމަވެސް ދުނިޔޭގެ ފެންވަރުގެ ކާމިޔާބީއެއް ލިބިދާނެ ކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ. ނަމަވެސް އިނގިރޭސި މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ނަބީލާއަށް ލިބުނެވެ.
ކިޔެވުމުގައި އުނދަގޫ މާއްދާއެއް ނެތަސް، އިނގިރޭސީ މާއްދާއަށް ޚާއްޞަ ޝަޢުޤެއް ދެވުނީ ކިޔަވައި ދިނުމުގައި ބިދޭސީ އެ ޓީޗަރު ގެންގުޅުނު ވައްޓަފާޅިންނެވެ.
" ވަރަށް މަސައްކަތް ކުރުވާނެ. ލިއުއްވާނެ އަދި ކިޔުއްވާނެ" ނަބީލާ ދަރިވަރު ނޫހަށް ކިޔައިދިނެވެ.
"އެ ޓީޗަރުގެ ސަބަބުން ހިތްވަރު ލިބި ކުރިއަށް ދާން މަސައްކަތް ކުރެވުނީ"
ނަބީލާގެ ދިރިއުޅުން ބިނާވެފައި އޮތީ ވެސް ފޮތުގެ ތެރޭގައެވެ. ގިނައިން ފޮތް ކިޔުމަކީ އެއީ ކަށީގައި ހަރުލާފައި ހުރި އާދައެކެވެ.
" ވަރަށް ގިނައިން ފޮތް ކިޔަން. އިނގިރޭސި މާއްދާއަށް ޝަޢުޤު އުފެދެން ފެށީމާ ވަކިން ބޮޑަށް ފޮތުގެ ތެރެއަށް ވަދެވޭ" ނަބީލާ ބުންޏެވެ.
" މައުލޫމާތު ލިބޭ ފޮތްތައް ކިޔަން އިސްކަންދެން. އެއާއެކު އެފަދަ ވީޑިއޯއާއި ޑޮކިއުމެންޓްރީ ވެސް ގިނައިން ބަލަން. "
ސާނަވީގައި ނަބީލާ ދިޔައީ ފަސް ވަނައަށެވެ. އިނގިރޭސި، ބިޒްނަސް އެކައުންޓްސްއާއި ހިސާބުން ލިބުނީ އޭ ސްޓަރއެވެ. ދިވެއްސާއި ކޮންޕިއުޓަރ ސައިންސާއި ޓްރެވަލް އެންޑް ޓޫރިޒަމުން ލިބުނީ އޭ އެކެވެ. ބީ އެއް ލިބުނީ އިސްލާމުން އެކަންޏެވެ.
ނަބީލާއަށް ކިޔަވަން ފަސޭހައީ އެކަންޏެވެ. އެ ވެސް ރޭގަނޑުއެވެ. އެންމެން ނިދައި، ހަމަހިމޭންވީމައެވެ.
ސާނަވީ އިމްތިޙާނަށް ތައްޔާރުވަމުން ދިޔައިރު، އިނގިރޭސި މާއްދާގެ އިތުރުން ހިސާބާއި ބިޒްނަސްއިން ދެތިން މަސްދުވަހު ޓިއުޝަން ނެގިއެވެ. ބިޒްނަސް ކިޔަވައި ދިނީ އަވަށްޓެރިއެކެވެ. ހިސާބު މާއްދާ ކިޔެވީ ބައްޕަ ކައިރިންނެވެ. ޓިއުޝަނަށް ދިޔައީ ވެސް ޓިއުޝަން ބޭނުންވެގެން ނޫނެވެ. އެހެން ކުދިން ދާތީ އެކަން ތަޖުރިބާ ކޮށްލުމުގެ ބޭނުމުގައެވެ.

މިހާރު ސީއެޗްއެސްއީގައި ކިޔަވަމުންދާ ނަބީލާ ބޭނުން ވަނީ އާކިޓެކްޗަރގެ ދާއިރާއިން ކުރިއަށްދާށެވެ.
" އާކިޓެކްޗަރގެ ދާއިރާއިން ފެންނާނީ. ކެރިއައެއްގެ ގޮތުގައި ވިސްނުން ހުރީ އެ ދިމާލަށް" ނަބީލާ ބުންޏެވެ.

ޤުރުއާން ކިޔެވުމާއި ކުރެހުމަކީ ވެސް ނަބީލާގެ ޚާއްޞަ ފަންނެކެވެ. ކުރެހުމަކީ ހޮބީއެކެވެ. ލިބޭ ކޮންމެ ހުސްވަގުތެއްގެ ބޭނުން ކުރެހުމުގައި ހޭދަކުރިޔަސް ސްކޫލުގައި ބޭއްވި އެއްވެސް މުބާރާތެއްގައި ބައިވެރިއެއް ނުވެއެވެ.
" ކުޑައިރުއްސުރެ ވެސް ކުރެހުމުގެ ތެރޭގައި އުޅުނީ، އެކަން ކޮށް އުޅުނީ ހޮބީއެއްގެ ގޮތުގައި. އެހެންވެ ސްކޫލުން ބާއްވާ މުބާރާތްތަކުގައ ބައިވެރި ނުވަނީ"
އާންމުކޮށް ކުރަހައި އުޅުނީ ޕޯޓްރެއިޓް ފޮޓޯއެވެ. ކެހުމުގައި ބޭނުން ހިފަނީ ފަންސުރާއި ގަލަމާއި ކުލައިންނެވެ.
ނަބީލާ ބުނީ، އޭނާއަށް ލިބުނު ކާމިޔާބީގައި މައިންބަފައިންގެ ހިއްސާ ބޮޑު ކަމަށެވެ. ދިމާވި ކޮންމެ އުނަދަގުލެއްގައި" ވާނެއޭ ޓްރައި ކުރާށޭ" ބުނެ ހިތްވަރު ދެނީ މައިންބަފައިންނެވެ. އެއީ އެފަދަ ކޮންމެ ދަނޑިވަޅެއްގައި އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރެވެ.
.
ހިޔާލު