ސާނަވީ އިމްތިޙާން ނިންމާލިއިރު ވެސް، ޖަލާލުއްދީން ސްކޫލުގެ އަޙުމަދު ޔާސިން އިބްރާހިމަށް ޔަޤީން އެއްކަމެއް އޮތެވެ. އެއީ ސާނަވީން ގަދަ ދިހައެއްގައި ހިމެނޭނެ ކަމެވެ. އެކަމަކު ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބިދާނެ ކަމަށް އެއްގޮތަކަށް ވެސް އޭނާ އުއްމީދެއް ނުކުރެއެވެ. އޯލެވެލްގެ ނަތީޖާވީ އޭނާއަށް ސަޕްރައިޒަކަށެވެ. ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބި، ކޮމްޕިއުޓަރ ސައިންސްއިން މުޅި ރާއްޖެއިން އެއްވަނަ ވެސް ލިބުނީއެވެ.
" ހުރިހާ ޝުކުރަކާއި ޙަމްދެއް ﷲއަށް. ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބުމަކީ އެއީ ވަރަށް ބޮޑު ސަޕްރައިޒެއް، އެއްގޮތަކަށް ވެސް އުއްމީދެއް ނުކުރަން އެ ހިސާބަށް ދެވިދާނެ ކަމަކަށް" ނަތީޖާއާ މެދު ފަޚުރުވެރިވެ ހުރެ ޔާސީން ދަރިވަރު ނޫހަށް ބުންޏެވެ.
ޔާސީނަށް، އެއްވަނައަށް އުއްމީދު ނުކުރެވުނީ ދިވެހި މާއްދާއަށް ދަށްވުމާއި އިނގިރޭސި މާއްދާއަށް އޮތް" ކޮންފިޑެންސް" ދަށްވީމައެވެ.
"ދިވެއްސާއި އިނގިރޭސި މާއްދާއަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އައީ"
ޔާސީން ބުނި ގޮތުގައި، އެހެން މާއްދާތަކަށް ނުކުރާ މަސައްކަތް އެ ދެ މާއްދާއަށް ކުރިއެވެ. އުނދަގޫވީމާ ޗެލެންޖްކޮށްފައި ކިޔެވީއެވެ.
" ލޭންގުއޭޖް ވީމާ، ދެ ބަހުގެ ފޮތްތައް ހޯދައިގެން ކިޔަނީ. ފޮތް ކިޔާފައި ލިޔަނީ. ފޮތް ކިޔާއިރު ފާހަގަވާ އާ ބަސްތައް ފަސޭހައިން ފެންނަ ތަންތަނުގައި ލިޔެފައި ބަހައްޓަނީ. އެގޮތަށް ލިޔެފައި ބެހެއްޓީމާ، ލިޔާއިރު އެ ބަސްތަކުގެ ބޭނުން ވަރަށް ބޮޑަށް ހިފޭ" ޔާސިން ބުންޏެވެ.
ޔާސީން ބުނި ގޮތުގައި، ކިޔަވަމުން އެހެން ކުދިންގެ ސުވާލުތަކަށް ޖަވާބު ދިނުމަކީ ވެސް ކިޔެވުމުގައި ގެންގުޅުނު " ސްޓައިލް" އެކެވެ. އޭގެ ސަބަބުން އެހެން މީހަކަށް އޮޅުން ފިލަންދެން އެ ފިލާވަޅެއް ދަސްކުރަން ޖެހެއެވެ. އޭގެ ސަބަބުން ފިލާވަޅުގެ ތެރެއަށް ވަދެވެއެވެ.
ކިޔަވަން ފޫހިވާ ގަޑިތަކުގައި ކިޔެވުމަކީ ވެސް ކާމިޔާބު ހޯދަން ޔާސިން ގެންގުޅުނު އުކުޅެކެވެ.
" ކިޔަވަމުންދާއިރު އަންނާނެ ފޫހި ވަގުތުތައް. އެ ވަގުތު ކިޔެވުމާއިގެން ކުރިއަށް ދިއުމަށް ހިތްވަރު ލިބެނީ ފޫހި ވަގުތުތަކުގައި ކިޔަވަން މަސައްކަތް ކުރެވޭތީ" ޔާސީން ބުންޏެވެ.
އޭނޭ ބުނީ، ކާމިޔާބު ލިބުމުގައި ޓީޗަރުންގެ ރޯލު ވަރަށް ބޮޑު ކަމަށެވެ.
" ޓީޗަރުންގެ އެހީއާ ނުލައި، މިކަމެއް ނުކުރެވޭނެ. ކިތަންމެ ލަހުން ސުވާލެއް ކޮށްލިއަސް އެއަށް ވީހާވެސް އަވަހަކަށް ޖަވާބު ދެވޭތޯ ބަލާނެ. ކުދިންގެ ކުރިއެރުވުމަށް ޓީޗަރުންނާއި ސްކޫލުން ކުރަމުން ދަނީ ފާހަގަކުރަންޖެހޭ ބުރަ މަސައްކަތެއް." އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް ކިޔަވައިދެއްވި ޓީޗަރުން ކުރެއްވި މަސައްކަތް ޔާސިން ބަލައިގަންނަނީ ޝުކުރުވެރިކަމާ އެކުގައެވެ.
ޔާސީންއަކީ ކިޔެވުމުގެ އިތުރުން ސްކައުޓް ޙަރަކާތާއި ޤުރުއާން ކިޔެވުމަށް އިސްކަން ދިން ދަރިވަރެކެވެ. ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެއީ އިޖްތިމާއީ ޒިންމާގެ ގޮތުގައި ދެކިގެން ކުރަމުން އައި މަސައްކަތެވެ. ކުޅުދުއްފުށީގައި މަސައްކަތް ކުރަމުން އަންނަ ރެޑްކުރެސެންޓްގައި މަސައްކަތް ކުރުމަކީ އެއީ ޔާސީންގެ ދިރިއުޅުމުގެ އެއްބައެވެ.
" ރެޑްކުރެސެންޓާއެކު ދަރުމަވެރިއެއްގެ ގޮތުގައި އެމީހުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އެއީ ވަރަށް ކުރާ ހިތުން ކުރެވޭ މަސައްކަތެއް. އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް ބުނެދޭން ނޭނގޭ އިޙުސާސައްތަކެއް ކުރެވޭ" ޔާސީން ބުންޏެވެ.
ޔާސީންގެ ކާމިޔާބީގައި އޭނާގެ މައިންބަފައިންގެ ހިއްސާބޮޑެވެ. ބޭނުންވާ ހުރިހާ ކަމެއް އެއްވެސް ދައްޗެއް ނެތި އެމީހުން ކޮށްދެމުން އައީ އުފަލާއެކު ގައެވެ. ގޭތެރޭގެ އެ އުފާވެރިކަމަށް އިތުރު ހިތްހަމަޖެހުމެއް ގެނެސްދިނީ ޔާސީންގެ ނަތީޖާއެވެ.
" މަންމަމެންނާއި ކާފައާއި މާމަ ވަރަށް އުފާވި ނަތީޖާއާ މެދު" މައިންބަފައިން ކޮށްދިން ކަންތައްތަކުގެ އަގުވަޒަން ކުރަނީ ހެޔޮ ހިތުންނެވެ. އޭނާއަށް ލިބޭ ކޮންމެ ކާމިޔާބެއް ފުރަތަމަ ހިއްސާކުރާ އެއްބަޔަކަށް މާމައާއި ކާފަ ވާނެއެވެ. އެ ދެމީހުންނަށް އޭނާގެ ހިތުގައި އޮތީ ޚާއްޞަ ލޯތްބެކެވެ.
ލިބޭ ހުސްވަގުތު ތަކުގެ ބޭނުން އެންމެ ކުޑައިރުއްސުރެ ހިފީ، ކޯޑް ކުރުމާއި ޓެބްލެޓް ފަދަ ތަކެތި ރުޅާލައިގެން އެ މަރާމާތު ކުރުމަށެވެ. އޭގެ ނަތީޖާއަކީ އިންޖިނިއަރިންގ ދާއިރާއަށް އޭރުއްސުރެ އޭނާގެ ސިކުނޑި ދަތުރު ކުރުމެވެ. މިހާރު ޖަލާލުއްދީނުން އޭލެވެލްއަށް ކިޔަވަމުންދާ ޔާސީންގެ މިސްރާބު ހުރީ ވެސް އިންޖިނިއަރިންގެ ދާއިރާއަށެވެ. އެކަމަކު އެކަން ކުރުމަށް އޭނާގެ ވިސްނުން ހުރީ އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދާށެވެ. އޯލެވެލްގައި ހޯދި ފަދަ ނަތީޖާއެއް އޭލެވެލްއިން ވެސް ހޯދުމަށެވެ.
ހިޔާލު