އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށް ހެނދުނު ނާސްތާ ދޭނެ ފަރާތެއް ހޯދަން އެ ސްކޫލުން ދެވަނަ ފަހަރަށް އިއުލާންކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓްގައި މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހެދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނަށް ހުށައެޅި ބީލަން ތަކުގެ ތެރޭގައި ސައްޙަ ތިން ބީލަން ނެތުމުގެ ސަބަބުން، އެފަދަ ފަރާތެއް ހޯދަން އަލުން އިއުލާން ކުރީ ކަމަށެވެ. މިކަމާ ގުޅޭ މައުލޫމާތު ދިނުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ބީލަން ހުށަހަޅަން ޖެހޭނީ ހޯމަ ދުވަހުއެވެ.
މިހާތަނަށް ބީލަމަށް ލާފައިވާ ސްކޫލްތަކުން ހާމަކޮށްފައިވާ މައުލޫމާތަށްބަލާއިރު، ހެނދުނުގެ ނާސްތާ ޕްރޮގްރާމުގައި ވަނީ ތިން ސެޓްގެ މެނޫއެއް ކަނޑައަޅާފައެވެ. ފުރަތަމަ ސެޓްގައި ހިމެނެނީ 13 މެނޫއެކެވެ. ދެވަނަ ސެޓްގައި ހިމެނެނީ ފަސް މެނޫއެކެވެ. ތިންވަނަ ސެޓްގައި ހިމެނެނީ އެންމެ މެނޫއެކެވެ. މެނޫއާއެކު ހިމެނޭ މައިގަނޑު ތަކެތި ތައްޔާރު ކުރާނެ ގޮތުގެ ރެސިޕީ ކާޑެއްވެސް ވަނީ ހިމަނާފައެވެ.
ބީލަން ފޮތުގައިވާ ގޮތުން ރޮއްޓާއި ޕާން ހިމެނޭ ކޮންމެ މެނޫއެއްގައި މަދުވެގެން ދެ ރޮއްޓާއި ދެ ފޮތި ޕާން ހިމަނަންޖެހެއެވެ. އަދި ނާސްތާގައި ހިމަނާ ކިރު ޕެކަޓަކީ 75 އެމްއެލްއާއި 200 އެމްއެލްއާ ދެމެދުގެ ކުދި ޕެކެޓަކަށް ވާންޖެހެއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކުރުމާއި ޕެކްކުރުމުގައި ވެސް މިންގަނޑުތަކެއް ވަނީ ކަނޑައަޅާފައެވެ. ރޮށި ހިމެނޭ ކޮންމެ މެނޫއެއްގައި ރޮއްޓާއެކު ކާނެ އެއްޗެއް ހިމަނާއިރު، ރޮށި ހުންނަންޖެހޭނީ ކިޗަން ޕޭޕަރުން ބަންދުކޮށްފައެވެ. އަދި ޕާން ހިމެނޭ މެނޫއެއްގައި ޕާންވެސް ހުންނަންޖެހޭނީ ކިޗަން ޕޭޕަރުން ޕެކްކޮށްފައެވެ.
ދަރިވަރުންނާ ހަމައަށް ގެންދެވެންދެން މޭވާއާއި ބިސް ހުންނަންޖެހޭނީ މަތިޖަހާ ބަންދުކޮށްފައެވެ. ދަރިވަރުން މޭވާ ކެއުމަށް މެލަމައިން ތަށި ނުވަތަ ލަންޗްބޮކްސް އަކަށް އަޅައިގެން ކެއުމުގެ އިމްތިޒާމް ހަމަޖައްސައި، މިގޮތަށް ކެއުމުގައި ދަރިވަރު ކާން ބޭނުންކުރާ ތަކެއްޗަކީ ސާފުތާހިރު އެއްޗެއްތޯ ކަށަވަރު ކުރުމަކީ ސްކޫލްގެ ޒިއްމާއެއް ކަމުގައި ވަނީ ކަނޑައަޅާފައެވެ.
ކޮންމެ ދަރިވަރެއްގެ ނާސްތާ ސްކޫލަށް ގެންނަންވާނީ ފުޑްގްރޭޑް ކަރުދާސް ކޮތަޅުގައި ބަންދުކޮށް، ލޭބަލްކޮށްގެންނެވެ.
advertisment
ހިޔާލު