ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާނެއެވެ. ސްކޫލްތަކުން ދަނީ ދިރާސީ އާ އަހަރަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ވަމުންނެވެ.
ބައެއް ސްކޫލްތަކުގައި ވަނީ މަރާމާތުގެ ބޮޑެތި މަސައްކަތްތައް މި ލިބުނު ދޮޅު މަހެންހާ ދުވަހުގެ ތެރޭގައި ކޮށްފައެވެ. އެނެއްބައި ސްކޫލްތަކުގައި ވަނީ މަރާމާތުގެ ކުދިކުދި ކަންތައްތައް ކޮށްފައެވެ. ޗުއްޓީ ދުވަސްވަރަކީ އާންމުކޮށް ސްކޫލްތަކުގެ އާބާތުރަ ފިލުވަން މަސައްކަތްކުރާ ދުވަސްވަރެކެވެ. އަދި ކޮންމެ ސްކޫލެއްގައިހެން ކުލަވެސް އާ ކުރެއެވެ.
އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް ނާޒުލީން ވާފިރު، ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލުން ވަނީ ދިރާސީ އާ އަހަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. އަލަށް ގްރޭޑް އެކަކަށް ވަންނަ ކުދިންނާއި އަދި އެނޫން ގްރޭޑް ތަކުގެ ކުދިންނަށް މަރުޙަބާ ކިޔަން ޓީޗަރުންވެސް އެންމެ ފަހުގެ ތައްޔާރީތައް ފަށާފައެވެ.
ނާޒުލީން ވިދާޅުވީ އެ ސްކޫލުން ގްރޭޑް ދިހައެއް ނިންމި ކުދިންނަށްވުރެ ގްރޭޑް އެކަކުން ޖާގަ ދިން ކުދިންގެ އަދަދު ގިނައެވެ.
" މި އަހަރު ތިން ކުލާސް އިތުރުވެއްޖެ. ސްކޫލްގެ އާބާދީވެސް 2400ށް އަރައިފި" ނާޒުލީން ވިދާޅުވިއެވެ. " ޓީޗަރުންވެސް މިހާރު ނުކުންނަން ފަށައިފި، ކިޔެވުން ފެށެންވާއިރަށް ހުރިހާ ޓީޗަރުން ހަމަކުރުމަށް މަސައްކަތް މި ކުރަނީ. އެކަން ވާނެ"
ނާޒްލީން ވިދާޅުވީ ކިރިޔާސް ނުތަނަވަސްކަމެއް އޮތީ އެ ސްކޫލްގެ ބާއިމާރާތް ސްކޫލް ފަށަންވާއިރަށް ތަޅާނުލެވުމުންނެވެ. އެ މަސައްކަތް މާފަހުން ފެށުމުން ސްކޫލް ހުޅުވަންވާއިރަށް ނިންމާލެވޭގޮތެއް ނުވިއެވެ.
" ސްކޫލް ހުޅުވުނަސް ކުދިން އުޅޭ ގަޑިތަކެއްގައި އެ މަސައްކަތް ނުކުރަން ރާވާފައި އޮންނާނީ"
ދިރާސީ އަހަރު މުދައްރިސުންނަށް ފެށުނީ އަންގާރަ ދުވަހުއެވެ. ގިނަ މުދައްރިސުން ވަނީ އަންގާރަ ދުވަހުންފެށިގެން ސްކޫލަށް ނުކުމެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަންނަ އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި 73000 ދަރިވަރުން ކިޔަވާނެއެވެ.
advertisment
ހިޔާލު