ރީ ޗެކް ކުރުމުން ތޮއްޑޫ ސްކޫލްގެ އައިޝަތު މިޝްޤާ ނާސިރަށް ގަދަ ދިހައެއްގެ އެއްވަނަ، ލިބިފައި ވަނިކޮށް، އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބިއްޖެއެވެ.
ތޮއްޑޫ ސްކޫލުން ބުނީ، މިޝްޤާއަށް ކެމްބްރިޖްގެ ލަރނާސް އެވޯޑް ސެކަންޑް ލެންގުއޭޖް އިން ލިބިފައިވާކަން އެ ސްކޫލަށް އަންގާފައިވާ ކަމަށެވެ. އެ ސްކޫލުން ވަނީ އެކަން ފާހަގަކޮށް މިޝްޤާއަށް މަރުޙަބާ ކިޔާފައެވެ.
މިޝްޤާ އޭލެވެލްއަށް ކިޔަވަމުން އަންނަނީ އަހުމަދިއްޔާ ސްކޫލްގައެވެ.
އިނގިރޭސި މާއްދާއިން ދުނިޔެއިން އެއްވަނަ ލިބުމުން، ދަރިވަރު ނޫހަށް މިޝްޤާ ބުނީ، ޓިއުޝަނަކާ ނުލައި ދުނިޔޭގެ ފެންވަރުގެ ކާމިޔާބެއް ލިބުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. އަދި ބުނީ އެފަދަ ކާމިޔާބީއަކަށް އުއްމީދު ނުކުރި ނަމަވެސް ހުރިހާ މާއްދާއަކަށް މަސައްކަތް ކުރި ކަމަށެވެ.

މިޝްޤާއަކަށް އުނދަގޫ މާއްދާއެއް ނެތެވެ. އެކަމުވެސް ނަތީޖާ ޔަޤީން ކުރަން، ހިސާބާއި ބިޒްނަސްއާއި އެކައުންޓުން ޓިއުޝަން ނެގިއެވެ. އޭގެ އިތުރުން ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެހެން މީހުންނަށް ކިޔައިދީގެންނެވެ.
" ކިޔެވުމުގައި، އެއްކޮށް އުޅުނު ކުދިންގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް، އަބަދުވެސް ޤަބޫލުކުރަނީ ބޮޑަށް މަސައްކަތް ކުރާ ކުއްޖަކަށޭ އެއްވަނަ ލިބޭނީ. އެހެންވެ ހުރިހާ ކުދިންނަށްވުރެ ބޮޑަށް މަސައްކަތް ކުރީ މީގެ ކުރިން ދިން އިންޓަވިއު އެއްގައި މިޝްޤާ ބުންޏެވެ.
މިޝްޤާ ބުނީ، އޭނާގެ ކާމިޔާބީގެ ހިއްސާދާރުންނަކީ މަންމައާއި ބައްޕަގެ އިތުރުން ސްކޫލެވެ. ކިޔަވައިދެއްވި މުދައްރިސުންނެވެ. އެމީހުންނަށް އެންމެ ފުންމިނުން ޝުކުރުއަދާކުރިއެވެ.
މިޝްޤާގެ ކުރިމަގު ބައްޓަން ކުރަން ނިންމާފައި ވަނީ ވިޔަފާރީގެ ދާއިރާއިންނެވެ. ކިޔަވައި ނިންމައި، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަކީ އެއީ މިޝްޤާ ދެކޭ ހުވަފެނެކެވެ.
މިއީ ތޮއްޑޫ ސްކޫލްގެ ތާރީޚުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެ ސްކޫލުން ސިފަކުރީ ވެސް އެހެންނެވެ. މިހާތަނަށް އެ ސްކޫލްގެ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހަ އެއްގެ އެއް ވަނަ އަދި ދެ ވަނަ އަދި ތިން ވަނައިގައި ވެސް ހިމެނިފައެއް ނުވެއެވެ. ތިން ވަނަ އަށް ދިޔައީ ހަ އޭ ސްޓަރއާއި ދެ އޭ ހޯދި ހައްވާ އުލާ ފިރާގެވެ. އެ ސްކޫލްގެ ހަ ދަރިވަރުން ގަދަ ދިހައެއްގައި މި ފަހަރު ހިމެނިފައިވެއެވެ.
advertisment
ހިޔާލު