ސްކޫލް ހުޅުވަންވާއިރަށް ޔުނީފޯމް ހަމައެއް ނުކުރެވޭ

ދިރާސީ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، ބައެއް ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް ހަމަނުވުމުގެ ކަންބޮޑުވުން ބެލެނިވެރިން ފާޅުކުރަން ފަށައިފިއެވެ.
މިއީ ކޮންމެ އަހަރަކުވެސް ހައްލެއް ނުލިބި، ކުރިމަތިވާ އާންމު މައްސަލައެކެވެ.

" ކުރީ ފަހަރު މިހެން ދިމާވީމާ ސްކޫލް ބަންދުވުމުގެ މާ ކުރިން ޔުނީފޯމް ގަންނަން ދިޔައީ. އޭރު އޮފިޝަލް ޔުނީފޯމް ފަހަން ލިބުނީ އެންމެ ތިން މުށް ފޮތި. ލިބުނީ އެންމެ ޔުނީފޯމެއް" ހިރިޔާ ސްކޫލްގެ ބެލެނިވެރިއަކު ދުރާލާ ޔުނީފޯމް ހޯދަން އުޅުމުން ދިމާވި ކަންތައް ކިޔައިދިނެވެ.

ޣާޒީ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ވިއްކަން ފެށީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އަމީނިއްޔާ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް އަދި ނުލިބެއެވެ. އެ ދެ ސްކޫލްގެ ޔުނީފޯމްގެ މަސައްކަތް ހަވާލުކޮށްފައިވާ އެޗްއެމްއެފް މޯލްޑިވްސްއާއެވެ. " އަމީނިއްޔާގެ އެކްޓިވިޓީ ޔުނީފޯމް ގަންނަން ދިއުމުން ފުރަތަމަ ބުނީ ޑިސެމްބަރު 15ގެ ފަހުން ލިބޭނެއޭ އޭގެ ފަހުން މިހާރު ބުނަނީ ޖެނުއަރީ ނުވައެއްގައި ލިބޭނެއޭ" އަމީނިއްޔާ ސްކޫލްގެ ބެލެނިވެރިއަކު ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

އެހެން ބެލެނިވެރިއަކު ބުނީ ރެހެންދި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ހޯދަން އީވް ގާމަންޓްސްއަށް ދިއުމުން ލިބުނީ ޓީޝާޓެކެވެ. ތިރިންލާ ޓްރެކްޝޫޓެއް ނުލިބުނެވެ.
" ޓީޝާޓެއް ލިބިއްޔާ ޓްރެކްޝޫޓެއް ނުލިބޭ. އަދި މީގެ އެންމެ ހެއްވާ ކަމަކީ އަބަދުވެސް ބޭނުންވާ ސައިޒް ހުންނަނީ ހުސްވެފައި" އީވް ގާވްމަންޓްސް ތެރޭގައި ހުރި އަންހެނަކު ބުންޏެވެ.

ސްކޫލްގެ ޔުނީފޯމަށް ބޮޑު ބަދަލުތަކެއް ވަނީ މި ވޭތުވެދިޔަ އަހަރު ތަކުގައި އައިސްފައެވެ. ކޮންމެ ސްކޫލެއްގައި ދެ ޔުނީފޯމް ބޭނުންކުރާއިރު، ކޮންމެ ކުއްޖަކަށް މަދުވެގެން ދެ ޔުނީފޯމް ބޭނުން ކުރެއެވެ. ރާއްޖެއަކީ ހޫނުގަދަ ތަނަކަށް ވާތީ ކޮންމެ ދުވަހަކު ޔުނީފޯމް ދޮންނަންޖެހޭތީ ދެތިން ޔުނީފޯމް ގެންގުޅޭ ކުދިންވެސް މަދެއް ނޫނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *