ސިޔާދުގެ ކާމިޔާބީގެ ސިއްރަކީ، ނަމާދާއި ދުޢާ

ސޯނާ ގަޑީގެ އަޑަށް ހޭނުލެވޭތީ، ސޯނާގަޑިއަކަށްވީ އޭނާގެ މަންމައެވެ. އާދަކޮށް ކޮންމެ ރެއަކުހެން ދަންވަރު ދޭއް ޖަހާއިރު މަންމަގެ އަޑަށް އޭނާ ހޭލައެވެ. އެންމެން ނިދައި މުޅި ރަށް ހަމަހިމޭންވާއިރު ތެދުވެ، ދުވަސް ފަށަނީ ދަމުނަމާދުންނެވެ. އެއަށްފަހު، ދެ އަތް އުފުލައި ދުޢާކުރެއެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު، ފަތިސް ނަމާދުކޮށް ނިމިގެން އަވަސް ވެގެންނަނީ ދުވަހުގެ ކަސްރަތަށެވެ. އޭގެ ސަބަބުން ކަންނެތްކަން ފިލައި މުޅި ހަށިގަނޑަށް ތާޒާކަން ގެނުވައެވެ. ސްކޫލުގައި ނަގައިދޭ ފިލާވަޅަށް ސާމާލުކަން ދެވި ކުރިއަށް ދާން ހިތްވަރު ލިބެއެވެ.

އިންޓަވަލް ގަޑީގައި އެހެން ކުދިން ކެއުމާއިގެން އަވަސް ވެގަންނައިރު، އޭނާ އަވަސް ވެގަންނަނީ ޟުޙާ ނަމާދަށެވެ. ހުރިހާ ނަމާދަކަށް ފަރުވާތެރިވެއެވެ. ކޮންމެ ނަމާދަކަށްފަހު އޭނާ ދެމިހުރީ ދުޢާ ކުރުމުގައެވެ.

ކިޔެވުމުގެ ދަންފަޅިތައް ނިންމާފައި، ގެއަށް އައިސް ނަމާދުކޮށް، ކައިބޮއި ހަދައިގެން ވެސް އަވަސްވެ ގަންނަނީ ފިލާވަޅުތައް މުޠާލިޔާ ކުރާށެވެ. އަޞްރު ނަމާދާ ހަމައަށް އެ މަސައްކަތް ކުރިއަށް ގެންދެއެވެ. އަޞްރަށްފަހު، ހިނގާލަން ބޭރަށް ނުކުމެލައެވެ. ދެނަމާދު ދޭތެރޭގައި ވެސް ފިލާވަޅެއް ހަދަން ނެތް ނަމަ ޚާއްޞަ ކޮށްފައި ވަނީ އަރާމު ކުރުމަށެވެ. ލަސްވެގެން 9:30 އަކީ ނިދާގަޑިއެވެ.

މިއީ ސާނަވީން، ގަދަ ދިހައެއްގެ ތިން ވަނައަށް ދިއުމާއެކު، މަތީ ސާނަވީން އެއްވަނަ ހޯދައި ރައީސުލްޖުމުހޫރިއްޔާގެ ސްކޮލަރޝިޕް ހޯދަން، އިހަވަންދޫ ސްކޫލުގެ ޙަސަން ސިޔާދުގެ ޙަޔާތް އޭނާ ބަދަލު ކޮށްލިގޮތެވެ.

" ބޭނުންވި ނަތީޖާއާ ހަމައަށް ވާޞިލްވާން، 90 އިންސައްތަ ވަގުތު ހޭދަކުރީ ކިޔެވުމަށް " ސިޔާދު ބުންޏެވެ.

 

އޯލެވެލްގައި ސިޔާދަށް ލިބުނީ ހަ އޭ  ސްޓަރއާއި ދެ އޭއެވެ. އޯލެވެލްގެ ތިން ވަނަ އެއީ އުއްމީދު ކުރި ހިސާބެއް ނޫނެވެ.

އޭލެވެލް ފެށުމާ ދޭތެރޭ ކުރިއަށް އޮތް މަރުޙަލާ އާ ދެމެދު ފުންކޮށް އޭނާ ވިސްނީ އެންމެ ބޭނުމެއްގައެވެ. މައިންބަފައިންނާ ނުޖައްސައި، ރައީސްގެ ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލު ކުރުމެވެ.

އޭލެވެލްގެ ނަތީޖާ ހިނިތުންވެލީ ހަސަނާ އެއްކޮޅަށެވެ. ފަސް މާއްދާއިން އޭ ސްޓަރ ހޯދައިގެން އިހަވަންދޫ ސްކޫލަށް އޭނާ ގެނުވީ ހިނިތުންވުމެކެވެ. ފަޚުރުވެރި އެއް ވަނަ ހޯދި ދަރިވަރުގެ ގޮތުގައެވެ.

ސިޔާދު ބުނީ، މަތީ ސާނަވީގައި ހޭދަކުރި ދުވަސްތައް ފަސޭހަ ނޫން ކަމަށެވެ. ސާނަވީ ބެޗްގައި ތިބީ އެންމެ ހަތް ދަރިވަރުންނެވެ. ބިޒްނަސް ސްޓްރީމުގައި ކިޔަވަން ތިބީ ސިޔާދާއެކު އެންމެ ދެ ކުދިންނެވެ. އޭގެ ސަބަބުން ފައިދާތަކެއް ވެސް ލިބުނެވެ. އުނދަގޫ ކަންތައްތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

" ކުދިން މަދުވީމާ ޓީޗަރުންނަށް ސަމާލުކަންދޭން ފަސޭހަވި، އަނެއްކޮޅުން ކުދިން މަދުވީމާ ކިޔަވަން ފޫހި ވަގުތުތައް ވެސް އައި" ސިޔާދު ބުންޏެވެ.

ސިޔާދު ބުނި ގޮތުގައި، އޯލެވެލްގައި ހިސާބު މާއްދާއިން ޓިއުޝަން ނެގި ނަމަވެސް، އޭލެވެލްގައި ޓިއުޝަނާ ހަމައަށް ދާކަށް ނުޖެހެއެވެ. ސްކޫލްގައި ނަގައިދޭ ފިލާވަޅު ފަހުމް ކޮށްދޭން ޓީޗަރުން މަސައްކަތް ކޮށްދެއެވެ. ދެން ކުރިއަށް ގެންދިޔައީ އަމިއްލަ މަސައްކަތެވެ. އެހެންވެ ކިޔެވުމުގައި އުނދަގުލެއް ކުރިމައްޗެއް ނުވެއެވެ.

ސިޔާދު އިކޮނޮމިކްސް ޓީޗަރާއެކު، އިކޮނޮމިކްސްއިން ކުރިއަށް ދާން ނިންމީ، އޭލެވެލްގައި އޭނާ ކިޔަވައިދެއްވި ގޮތުން-

އޯލެވެލް ދުވަސްވަރު ނިންމީ އެކައުންޓެންޓަކަށް ވާށެވެ. އޭރު އެންމެ އުނދަގޫ އެއް މާއްދާއަކަށްވީ އިކޮނޮމިކްސްއެވެ. އޭލެވެލްގައި އެންމެ ފަސޭހައީ އިކޮނޮމިކްސްއެވެ. މަތީ ސާނަވީ ނިންމާލިއިރު، ހިތް ބަދަލުވީ އިކޮނޮމިސްޓަކަށެވެ.

" އޭލެވެލްގައި ކިޔަވައި ދިން ޓީޗަރު ހުށިޔާރުކަމޭ ބުނެވޭނީ، ކިޔަވައިދިން ގޮތުން އެންމެ އުނދަގޫވި މާއްދާ އެންމެ ފަސޭހަ، ކިޔަވާހިތްވާ މާއްދާއަށް ބަދަލުވީ. އެހެންވެ ކުރިއަށް ދާނެ ދާއިރާވެސް ބަދަލުކޮށްލީ" ހިނުތުންވެފައި ހުރެ ސިޔާދު ކިޔައިދިނެވެ.

ސިޔާދު ބުނީ، އޭނާގެ ކާމިޔާބަކީ " ނަމާދާއި ދުޢާ" ކަމަށެވެ. ދެން ބުނީ، މައިންބަފައިންނާއި ސްކޫލާއި ޓީޗަރުން ކޮށްދިން އަގު ނުކުރެވޭ މަސައްކަތް ކަމަށެވެ.

"ކިޔަވައި ދިނުމުގައި ސީދާ ގޮތެއްގައި މަސައްކަތް ކޮށްދެއްވީ، މުޅި ސްކޫލާއި ޓީޗަރުން"

ހަސަން ބުނީ، އޭނާގެ ކާމިޔާބީގައި މައިންބަފައިންގެ ރޯލު ތަފާތު ކަމަށެވެ.

ބައްޕައަކީ މަސްވެރިއަކަށް ވާތީ، ބައްޕަގެ ގިނަ ވަގުތު ހޭދަކުރީ އާމްދަނީ ހޯދަން ކަނޑުމަތީގައި، އަޅުގަނޑާއި އާއިލާއަށް ބޭނުންވާ ހުރިހާއެއްޗެއް ހޯދައިދިނީ ހިތުން ރުހުމުން. އެއްވެސް އެއްޗަކަށް ދައްޗެއް ނުވޭ. " ހަސަން ފެންކަޅިވިއެވެ.

" ގޭގައި މަންމަ އަދާ ކުރީ އެންމެ ވަޒީފާއެއްނޫން، ބަލިވެއްޖެނަމަ ނަރުހަކަށް، ބަނޑުހައިވާ ކޮންމެ ފަހަރަކު ކައްކާއަކަށް، ދެރަވިޔަސް އުފާވިޔަސް އެންމެ ކައިރީގައި ހުންނަ ބެސްޓް ފެރެންޑަކަށް. އެންމެ ކުޑަމިނުން އަޅުގަނޑުގެ ސޯނާގަޑިއަކަށް ވީ ވެސް އެ މަންމަ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *