ބޮޑު ޗުއްޓީއަށް މިހެދީ ކިހިނެއް؟

" ދެބަޔަކަށް ބަހާލިއޭ ބުންޏަސް މި ކުރިކަމަކީ ބޮޑުޗުއްޓީ ކުޑަކޮށްލީ، މިކަމުގެ ސަބަބުން ނުކުންނާނެ ފައިދާއެއްނެތް" ބޮޑުޗުއްޓީއަށް ގެނައި ބަދަލާއެކު ނުރުހުންވެ ހުރެ ބެލެނިވެރިއަކު ޝުއޫރު ފާޅުކުރިއެވެ.

ދަރިވަރުންނާއި އެކުދިންގެ ބެލެނިވެރިން ބޮޑު ޗުއްޓީގައި ތިއްބާ ނިންމި ނިންމުމާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކުރި މަޝްވަރާތަކަށްފަހު ކަމަށެވެ.

ބޮޑު ޗުއްޓީއަށް ބަދަލުގެނައިކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރީ އިއްޔެ ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސް ބަޔާނުގައި ބުނެފައި ވަނީ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލައި، ފުރަތަމަބައި 31މެއި 2020ން 11 ޖޫން 2020ށް އަދި ދެވަނަ ބައި 6 ޑިސެމްބަރު 2020ން 7ޖަނަވަރީ 2021 ވަނަ ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނައީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގެ ފުރުޞަތު ލިބުމުގައި ގިނަ ފަހަރަށް ދަތިތަކާ ކުރިމަތިވާތީ ކަމަށެވެ. މި ބަދަލާއެކު އެހެން ސިނާއަތްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޗުއްޓީ ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބޭނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބޮޑު ޗުއްޓީ ދުވަސްވަރަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުގެ ހައިސީޒަނެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ މީހުންގެ އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް އެ ދުވަސްވަރު ފުރުޞަތެއް ނުލިބެއެވެ، މިހެންވެ ޗުއްޓީ ދުވަސްވަރު ބަދަލުކުރަން ބައެއް ފަރާތްތަކުން ވާހަކަ ދައްކައެވެ. އެއީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެ އެ ވާހަކަ ދެއްކެވި އެއްބޭފުޅަކީ ފަތުރުވެރިކަމާބެހޭ ވަޒީރެވެ. އޭރު ޚިޔާލުފާޅުކުރި ގިނަ ބަޔަކު ބުނަމުން ދިޔައީ ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް ބަދަލުކުރުމަށެވެ. އެ ދުވަސްވަރަކީ ފަތުރުވެރިކަމުގެ އޮފްސީޒަން ކަމަށް ވާތީއެވެ. ނަމަވެސް މަޝްވަރާތަކަށްފަހު އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލާށެވެ.

ބޮޑު ޗުއްޓީއަށް މި ގެނައި ބަދަލާއެކުވެސް ޗުއްޓީގެ ގޮތުގައި ލިބުނު ދުވަސްތަކުގެ އަދަދަށް މާބޮޑު ބަދަލެއް ނާދެއެވެ. މި އަހަރުގެ ބޮޑު ޗުއްޓީއަށް ބަންދުވީ 21 ނޮވެމްބަރުގައެވެ. ދިރާސީ ކަލަންޑަރުގައި ބަންދު ދުވަސްތައް ފެށީ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުން ފެށިގެންނެވެ. ޗުއްޓީ ނިމޭނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ދަރިވަރުން ސްކޫލަށް ނުކުންނާނީ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ. ތައުލީމީ ކަލަންޑަރުގައި، ބޮޑު ޗުއްޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ނޮވެމްބަރު މަހުގެ 24ން ޖެނުއަރީ މަހުގެ 9 ވަނަ ދުވަހާ ހަމައަށެވެ. އެއީ ބަންދު ދުވަސްތައް ހިމަނައިގެން 51 ދުވަހުގެ ޗުއްޓީއެކެވެ. ފެށޭއަހަރު ބޮޑު ޗުއްޓީ ދެބައިކޮށް، ފުރަތަމަބައި 31 މެއިން 11 ޖޫންއަށް ލިބޭއިރު، އެ ލިބެނީ ބަންދު ދުވަސްތައް ހިމަނައިގެން ސާދަ ދުވަހުގެ ޗުއްޓީއެކެވެ. ދެވަނަ ބައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ޗުއްޓީ ދިނުމަށެވެ. އެއީ 36 ދުވަހެވެ. މުޅީ ޖުމްލަ ބޮޑު ޗުއްޓީގެ ދެބައި އެއްކޮއްލުމުން ލިބެނީ 50 ދުވަހެވެ. އަންނަ އަހަރު ބޮޑުޗުއްޓީގެ ދެވަނަބައި ފެށޭނީ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. ސްކޫލްތަކުގެ ކިޔެވުން ފެށޭނީ 2021 ވަނަ އަހަރުގެ ޖެނުއަރީ ަމހުގެ 10ވަނަ ދުވަހުއެވެ.

ޗުއްޓީއަށް ބަދަލު ގެނައި ނަމަވެސް ކުރިން ދެމުން އައި ދެ ޓާމްގެ މިޑް ބްރޭކްތައް ލިބޭނެއެވެ. އަންނަ އަހަރުގެ ތައުލީމީ ކަލަންޑަރުގައިވާ ގޮތުން މާރޗް 8ން 12 މާރޗްއަށް ފުރަތަމަ ޓާމްގެ މިޑް ބްރޭކްގެ ގޮތުގައި ފަސް ދުވަސް ލިބޭނެއެވެ. އަދި ދެވަނަ ޓާމްގެ މިޑްބްރޭކްގެ ގޮތުގައި އޮގަސްޓް މަހުގެ 2ން 6ށް ފަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.
ބޮޑު ޗުއްޓީގެ ފުރަތަމަ ބައިގައި ލިބޭ ދިހަ ދުވަހުގެ ޗުއްޓީގެ ތެރެއަށް ފިތުރުއީދު ބަންދާއި ބަންދުދުވަސްތައް ހިމެނުމުން ތިން ހަފްތާގެ ޗުއްޓީއެއް ލިބޭނެއެވެ. ދެވަނަޓާމްގެ ޗުއްޓީ ތެރެއަށް މިނިވަންދުވަހާއި، އަޟްހާ އީދު ވަނުމުން، ދެ ހަފްތާގެ ޗުއްޓީއެއް ލިބޭނެއެވެ.
އަންނަ އަހަރަކީ ދަރިވަރުންނަށް ލިބޭ ޗުއްޓީ މަދު އަހަރެއްނޫނެވެ. ބޮޑު ޗުއްޓީ ދެބައި ކުރިނަމަވެސް ލިބޭ ޗުއްޓީއެއް ނިސްބަތުން މަދެއް ނޫނެވެ. ތައުލީމީ ކަލަންޑަރަށް ބަލައިގެން ޗުއްޓީ ޗުއްޓީގެ ގޮތުގައި ދުރާލާ ރާވާލެވިދާނެއެވެ. އޭރުން ޗުއްޓީގައި ލިބޭ ފައިދާ ބޮޑުވާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *