މައޫޝް، ކިޔެވުމުގައި ދޮންބެއާ ޖެހި ވާދައިން އޭލެވެލްއިން އެއްވަނަ

މައޫޝް (ކ) އާއި އޭނާގެ ދޮންބެ، ކިޔެވުމުގައި އެންމެ ބޮޑު ވާދަވެރިއަކީ ދޮންބެ
"ދިވެހިން އޭ ސްޓަރއެއް، ހުރިހާ މާއްދާއަކުން ވެސް އޭ ސްޓަރއެއް" އެ އުފާވެރި ޚަބަރު ދިނީ މަންމައެވެ.

ގއ. އަތޮޅު ތަޢުލީމީ މަރުކަޒުން އޭލެވެލްގައި ބައިވެރިވި އަހްމަދު މައޫޝް ސަބްރީއަށް އެ ވާހަކަ ފުރަތަމަ ޤަބޫލެއް ނުކުރެވުނެވެ. ތަކުރާރުކޮށް މަންމަ ކައިރީގައި ސުވާލު ކުރެވުނީ ވެސް އެހެންވެއެވެ.

ދިވެހި މާއްދާއަކީ އަބަދު ވެސް އޭނާއަށް އެންމެ އުނދަގޫ މާއްދާއެކެވެ. ދިވެހި މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން ގިނަ މަސައްކަތްތަކެއް އޭނާ ކުރިއެވެ. އެވަރުން ވެސް އޭ ސްޓަރއެއް ލިބިދާނެ ކަމާމެދު އޭނާގެ ހިތް އޮތީ ދެއަތަށް ކިރިކިރިއެވެ.

މިދިޔަ އަހަރަކީ ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޙަޔާތުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. އޭލެވެލްގައި ބައިވެރިވީ ހަތަރު ކުދިންނެވެ. އެ ހަތަރު ކުދިން ހިމެނުނީ ޤައުމީ ގަދަ ދިހައެއްގެ ގަދަ ފަހެއްގެ ތެރޭގައެވެ.

މައޫޝްއަކީ ކިޔެވުމުގައި ތަފާތު ދެއްކި ދަރިވަރެކެވެ. ކިޔެވުމުގައި އޭނާ ވާދަ ކުރީ ދޮންބެ މުޙައްމަދު މާހިން ސަބްރީއާއެވެ. މައޫސް ޚިޔާރު ކުރީ ބިޒްނަސް ސްޓްރީމެވެ. އޭނާގެ ދޮންބެ ޚިޔާރު ކުރީ ސައިންސް ސްޓްރީމެވެ.

މަންމައަކީ ވެސް އޭނާގެ ކިޔެވުމުގައި މުހިންމު ބައިވެރިއެކެވެ. އިސްލާމް މާއްދާ ކިޔަވައިދެއްވީ މަންމަ އެވެ. ކިޔަވައި ދެއްވަމުން ކިޔެވުމަށް ޚާއްޞަ ސަމާލުކަމެއް މަންމަ ދެއްވި ކަމަށް އައޫޝް ބުންޏެވެ. އެއީ ވެެސް އޭނާއަށް ލިބުނު ހިތްވަރެކެވެ.

" މަންމައަކީ ވެސް އަޅުގަނޑުގެ އިންސްޕިރޭޝަންއެއް" މައޫޝް ބުންޏެވެ.

ޓީޗަރެއްގެ ޒިންމާ އަދާކުރައްވަމުން، މީގެ ދެ އަހަރު ކުރިން އިސްލާމް މާއްދާއިން މާސްޓަރސް ހެއްދެވިއިރު، އެ ކޯހުން އެއްވަނަ ހޯދާ ޤާސިމް އިބްރާހިމް އެވޯޑް ޙާޞިލް ކުރެއްވިއެވެ. އަދި ރައީސުލްޖުމުހޫރިއްޔާ ދެއްވާ މަތީ ދަރަޖަ ހާޞިލް ކުރެއްވިއެވެ.

މާސްޓަސްރ ކޯހުން އެއްވަނަ ހޯދައި، މަތީ ދަރަޖަ އޭނާގެ މައޫޝްގެ މަންމަ ވަނީ ޙާޞިލްކޮށްފައި. ޓީޗަރެއްގެ ގޮތުގައި މައޫޝްއަށް އިސްލާމް ކިޔަވައިދެއްވައި ކޮށްދެއްވި މަސައްކަތާމެދު މައޫޝް ފަޚުރުވެރިވޭ.

2016 ވަނަ އަހަރު ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދައި، އެ އަހަރު މުޅި ސްކޫލުން ވެސް އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދީ މާހިންއެވެ. ދޮންބެ ހޯދި ފަދަ ކާމިޔާބެއް ހޯދަން ވާދަވެރިކަމާއެކު މައޫޝް ކުރިމަތިލިއެވެ. އޯލެވެލްގައި މައޫޝްދިޔައީ ގަދަ ދިހައެއްގެ އަށްވަނަ އަށެވެ. އެކަމަކު އެ އަހަރު ގއ. އަތޮޅު ތަޢުލީމީ މަރުކަޒު 2019 ވަނަ އަހަރު އެންމެ މޮޅު ދަރިވަރުގެ މަޤާމް މަޢޫޝް ހޯދިއެވެ.

އޯލެވެލްގެ ނަތީޖާއިން ބޭބެގެ މައްޗަށް މައޫޝްއަކަށް ކުރިއެއް ނުހޯދުނެވެ. އެހެންވެ އޭނާ ހިތުނިޔަތްގަނެ އޭލެވެލްއާ ކުރިމަތީ ދެ ކަމެއް ކަނޑައަޅައިގެންނެވެ. ފުރަތަމަ ކަމަކީ ކިޔެވުމުގައި ދޮންބެއަށް ވުރެ ރަނގަޅު ނަތީޖާއެއް އޭލެވެލްގައި ހޯދުމެވެ. ދެވަނަ ކަމަކީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރުގެ ޤައުމަކުން ކިޔެވުމެވެ.

ޤުރުޢާން ކިޔެވުމަކީ ވެސް މައޫޝް ދޫކޮށްނުލާ ހުނަރެއް. ގިނަ މުބާރާތްތަކުގައި ބައިވެރިވެ ކާމިޔާބު ހޯދާފައިވޭ-

މައޫޝް ބުނިގޮތުގައި، ކަނޑައެޅި ޢަމާޒަށް ދިއުމަށް ކިޔެވުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް ގެނައެވެ. ހޭލާ ހުރެގެން ފިލާވަޅު ދަސްކުރުމާއި ޓިއުޝަނަށް ބަރޯސާވުން ދޫކޮށްލައި، އަމިއްލައަށް ކުރާ މަސައްކަތް އިތުރުކުރިއެވެ. ކޮންމެ ދުވަހަކު ދޭ ފިލާވަޅު އެ ދުވަހަކު މުޠާލިޔާކޮށް ދަސްކުރަމުން ގެންދިޔައެވެ. ސްކޫލުގައި ކުރާ މަސައްކަތް އިތުރު ކުރިއެވެ.

މައޫޝް ބުނީ ނަތީޖާ ނެރުމަށް ކުރި މަސައްކަތުގައި ޓީޗަރުންގެ އެހީތެރިކަން އިންތިހާއަށް ލިބުނު ކަމަށެވެ. އަދި ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮތީ ވަރަށް ޤާބިލް ޓީމެއްކަން ވަރަށް ފަޚުރުވެރިކަމާއެކު އޭނާ ބުންޏެވެ.

" ކުދިން މަދުވީމާ ޓީޗަރުންނަށް ކިޔަވައިދޭން ފަސޭހަވި. ދަރިވަރުންނަށް ފޯކަސްކުރަން ފަސޭހަވި. ހުރިހާ ޓީޗަރުންނާއި ޕްރިންސިޕަލްގެ ފަރާތުން ލިބުނީ ހިތްވަރު " މައުޝް ބުންޏެވެ.

އޭލެވެލްއާ ކުރިމަތިލި އިރު، ދިވެހި ފިޔަވާ އެހެން ހުރިހާ މާއްދާއަކަށް އޭނާއަށް ސައްތައިން ސައްތައިގެ ޔަގީންކަމެއް އޮތެވެ.

" ދިވެހިން ވާނެ ގޮތެއް ނޭނގޭތީ ތިންވަނައަށް ދާނެ ކަމަށް އުއްމީދު ކުރެވުނީ. ދިވެހިން އޭ ސްޓަރ ލިބުމުން ވަރަށް އުފާވި. އެއިން އެނގުނީ މަސައްކަތް ކުރީމާ ކާމިޔާބު ވާނެކަން" ނަތީޖާއާ މެދު ހިތްހަމަޖެހިފައިވާ މައޫޝް ބުންޏެވެ.

މައޫޝްއަށް އޭލެވެލްގެ ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބިގެން އެއްވަނަ ލިބުނުއިރު، އެ ނަތީޖާއަކީ ދޮންބެއާ ވާދަކޮށް، ހޯދި ބޮޑު ކުރިއެރުމެކެވެ. އޭނާގެ ވާދަވެރިޔާ، ދޮންބެއަށް އޭލެވެލްގައި ލިބުނީ ގަދަ ދިހައެއްގެ ހަތް ވަނައެވެ. ސާނަވީ ބައިން އެންމެ މޮޅު ދަރިވަރުގެ މަޤާމް ދޮންބެއަށް ލިބިފައިވާތީ، މައޫޝްވެސް އުއްމީދުކޮށްގެން ހުރީ މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަޤާމުގެ އިންތިޒާރުގައެވެ.

މައޫޝް ބުނީ، ނަތީޖާ ލިބުމުން، ޢާއިލާއާއި ރައްޓެހިންނާއި މަގުމަތިން ދިމާވާ މީހުން ވެސް މަރުޙަބާ ކިޔާ ގޮވާ ކަމަށެވެ.

ޑޮކްޓަރީކަން ކިޔަވަން ދޮންބެ ތައްޔާރުވަމުންދާއިރު، ރައީސްގެ ސްކޮލަރޝިޕް ޙާޞިލް ކުރެވުމުގެ ހިތްހަމަޖެހުމުގައި ހުރި މަޢޫޝް ކުރިއަށް ދާން ބޭނުން ވަނީ އެކައުންޓިންގ ދާއިރާއިންނެވެ. އޭނާގެ ހުވަފެނަކީ އިނގިރޭސި ވިލާތުން ޗާޓަރޑް އެކައުންޓެންޓަކަށް ވުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *