ރާއްޖޭގެ ކާމިޔާބު ސްކޫލްތަކުގެ ތެރޭގައި އެންމެ ހިނގާ އެއް ނަމަކަށް ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ނަން ވާނެއެވެ. އެ މަރުކަޒުން ދަނީ އެކަން ސާބިތު ވެސް ކޮށްދެމުންނެވެ.
ފާއިތުވި އަހަރަކީ އެ މަރުކަޒުގެ ކާމިޔާބީގެ އެންމެ އުފާވެރި އެއް އަހަރެވެ. އޭލެވެލްގައި ބައިވެރިވި 18 ދަރިވަރުން ހުރިހާ މާއްދާއަކުން ފާސްވުމަކީ އެއީ އެ ސްކޫލުން ނެރުނު ސައްތައިން ސައްތައިގެ ނަތީޖާއެކެވެ. އެއަށްވުރެ ބޮޑު ހިތްހަމަ ޖެހުމަކީ ޤައުމީ ގަދަ ދިހައެއްގައި ފަސް ދަރިވަރުން ހިމެނި، އޭގެ ތެރެއިން ތިން ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތު ތަނަވަސް ވުމެވެ. އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން ހުރިހާ މާއްދާއަކުން އޭ އިން މަތިން ހޯދާ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ކިޔެވުމަށް ސްޓޫޑެންޓް ލޯން ސަރުކާރުން ހަމަޖައްސައިދެއެވެ.

" މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް" ހިތްހަމަޖެހިވަޑައިގެން ހުންނެވި، ރ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލީޑިންގ ޓީޗަރު ފިރާގު އަލީ ވިދާޅުވިއެވެ.
ރ. އޭއީސީގެ ކާމިޔާބަކީ ސައިންސާއި ބިޒްނަސް އަދި ބީޓެކްގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވެސް ލިބުނު ބޮޑު އުފަލެކެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގައި އޭލެވެލްއަށް ކިޔަވަން ދޭން ފެށީ 2006 ވަނަ އަހަރުއެވެ. އޭލަވަލްއަށް ފަށައިގެން ދުވަސްވަރު އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ކުދިން ހަމަނުވުމެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ވެސް އެ މަރުކަޒަށް ކުރަން ޖެހުނެވެ.
ފިރާގު ވިދާޅުވީ، އޭލެވެލްއަށް ކިޔަވައިދޭން ފެށި އަހަރުތަކުގެ ތެރޭގައި އަތޮޅުތެރެއިން ކުދިން ގެންނަން ބޮޑު މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށެވެ. ކާމިޔާބީއާ ހަމައަށް ދެވުނީ އޭރު ހުއްޓާނުލައި ކުރި މަސައްކަތާއި ކުރި ހޭދައިގެ ސަބަބުން ކަމަށް ފިރާގު ފާހަގަކުރެއްވިއެވެ.
ފިރާގު ވިދާޅުވީ، އަތޮޅުތެރެއިން ކުދިން ގެންނާކަށް މިހާރު މަސައްކަތް ކުރަން ނުޖެހޭ ކަމަށާއި، އޭލެވެލްއަށް ކިޔަވައިދެވޭ ވަރަށް އެ މަރުކަޒުގައި ހުރި މީދޫން ވެސް ކުދިން ލިބޭ ކަމަށެވެ.
" މި މަރުކަޒުން އޯލެވެލް ނިންމާފައި، މިރަށަށް ނިސްވަތްވާ ދަރިވަރަކު އެހެން ސްކޫލަކަށް އޭލެވެލް ކިޔަވާށޭ ކިޔާފައި މިހާރު ނުދާނެ. އެ އިތުބާރާއި އެޔަޤީންކަން ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަޅުގަނޑުމެން ހޯދައި މި ދިނީ" ފިރާގު ވިދާޅުވިއެވެ.
" މިތަނުގައި ހުރެގެން ވެސް ޓޮޕް ޓެންއަށް ދާން ބޭނުންވާ ދަރިވަރަށް އެފުރުޞަތު އޮތީ ހުޅުވިފައި. އެ މަސައްކަތް އަޅުގަނޑުމެން އެބަ ކޮށްދެން"

ފިރާގު ވިދާޅުވީ، އޯލެވެލްއާއި އޭލެވެލް ދަރިވަރުންނަށް ޚާއްޞަކޮށްގެން އެ ސްކޫލުން ކުރިއަށް ގެންދާ "ފައްސިޔަ" ޕްރޮގްރާމަކީ އެއީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީގެ ސިއްރު ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ގުރޭޑް 10އާއި 11 އަދި12ގެ ދަރިވަރުންނަށެވެ.
ފިރާގު ވިދާޅުވީ "ފައްސިޔަ" ޕްރޮގްރާމުގެ ތެރޭގައި، ދަރިވަރުން މޯޓިވޭޓް ކުރުމަށް ގެންދާ ޚާއްޞަ ޙަރަކާތް ތަކާއި ދީނީ ދަރުހާއި ކުޅިވަރުތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި ކުދިން މޮނިޓަރ ކުރުމާއި، ގޭގެއަށް ޒިޔާރަތް ކުރުމާއި ފޮތް ކިޔުމާއި ވަކިވަކި މާއްދާތަކަށް ފޯކަސް ކޮށްގެން ގެންދާ ސެޝަންތަކާއި އިތުރު ކުލާސްތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
" ހައުސް ވިޒިޓިންއަކީ ވެސް ވަރަށް މުހިންމު ބައެއް. ކުދިން ކިޔަވާތޯ، ކިޔަވާ މާހައުލު ރަނގަޅުތޯ. އެކަން ބަލަން ހަތަރު ބުރު ޖަހާނެ އެކި ދުވަސްމަތިން" ފިރާގު ވިދާޅުވިއެވެ.

" ގޭގެއަށް ދާތީ، ކުދިންނަށް ވެސް ހިތްވަރަކަށް ވޭ ކިޔަވަން. ފަރުވާކުޑަކުރެވޭ ފަހަރާއި ކިޔެވުމާ ދުރަށް ދެވޭ ފަހަރު ފަހަރު ވެސް ކުދިންނަށް ވިސްނައިދީގެން އަލުން ކިޔެވުމުގެ ތެރެއަށް ގެނެވޭ"
ފޮތް ކިޔުމަކީ ވެސް "ފައްސިޔަ"ޕްރޮގްރާމުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުން ސްކޫލަށް އަންނަނީ ފަތިސް ނަމާދަށްފަހު، 5:45 ގައެވެ. ކިޔެވުން ފެށުމުގެ ކުރިން އެއް ގަޑިއިރު އެ ދަރިވަރުން ހޭދަކުރަނީ ފޮތް ކިޔުމުގައެވެ. މިއީ ގަވާއިދުން އެ ސްކޫލުން ކުރިއަށް ގެންދާ ވަށައިޖެހޭ ކާމިޔާބު ފޯމިއުލާގެ ބައެކެވެ. 495 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ރ. އަތޮޅު ތަޢުލީމީ މަރުކަޒުން ދައްކަމުން އަންނަނީ ނަތީޖާ ނެރުމުގައި ނާމޫނާއެކެވެ. ކިޔަވަން މާލެ ދާ ދިއުމަށް ނިމުމެކެވެ.
advertisment
ހިޔާލު