އެސްއެސްސީ އިމްތިހާނުގައި ޤުރްއާން މާއްދާ އިމްތިހާނު ކުރުމުގައި ލުއިގޮތްތަކެއް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ހަމަޖައްސައިފިއެވެ.
ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިއުކޭޝަން (އެންއައިއީ) ގެ އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް އޮފިސަރު ހަސަން ލަބީބު ވިދާޅުވީ ޤުރްއާން މާއްދާ އިމްތިހާނު ކުރުމާ ގުޅޭ ގޮތުން މުދައްރިސުންނާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ބަލައި، އިމްތިހާނު ކުރާ ގޮތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އަންނަ އަހަރު އިމްތިހާނު ހަދާ ކުދިންނަށް ލުއިތަކެއް ދިނުމުގެ ގޮތުން މިހާރު ހަމަޖައްސާފައި ވަނީ ދެ އެސައިންމަންޓްގެ ބަދަލުގައި އެންމެ އެސައިންމަންޓެއް ހެދުމާއި، ޤުރްއާން ބަލައިގެންނާއި ހިތުން ކިޔަވަންޖެހޭ ބައި މަދު ކުރުމެވެ.
" ނުބަލައި ކިޔަވަން ޖެހެނީ ސޫރަތުއް ޟުޙާއިން ތިރީގެ ސޫރަތްތައް. ބަލައިގެން ކިޔަވަންޖެހެނީ ޢައްމާފޮތާއި ( ސޫރަތުލް މުލްކް) ތަބާރަކަ ސޫރަތުގެ ބައެއް އާޔަތްތައް" ލަބީބު ވިދާޅުވިއެވެ. " މި ދެބައިންވެސް މި ދެނީ ދެ ސުވާލެއް. ކިޔަން ޖެހެނީވެސް އެންމެ ގިނަވެގެން ފަސްވަރަކަށް ފޮޅުވަތް"
އެޑިއުކޭޝަން އޮފިސަރު ހަސަން ސާމިރު ވިދާޅުވީ ޢުލޫމުލް ޤުރްއާނުން އެސައިންމަންޓްގެ ގޮތުގައި ދޭ މަސައްކަތުގެ 60 އިންސައްތަ ނިންމަންޖެހެނީ މުދައްރިސުންގެ އެހީތެރިކަމާއެކު، މުދައްރިސުންގެ ބެލުމުގެ ދަށުންނެވެ. އަދި ޝަކުވާތަކަށް ބަލައި އެސައިންމަންޓް ނިންމަންޖެހޭ މުއްދަތު އަންނަ އެޕްރީލް މަހުގެ 19 ވަނަ ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ.
" އެއްގޮތަކުން ބަލާނަމަ އެއްހާސްބަހުގެ މަޒުމޫނެއް ލިޔަން މިޖެހެނީ، ތަފާތަކީ އޭގައި ހަވާލާދޭބައި ގެނެސްދޭންޖެހޭކަން" ލަބީބު ވިދާޅުވިއެވެ. " ބައެއް ކުދިންނަށް ކޮމްޕިއުޓަރުން ދިވެހި ލިޔަން އުނދަގޫވާ ކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކޮށްފައިވޭ. އެސައިންމަންޓް ކޮމްޕިއުޓަރުން ހަދާކަށް ކޮންމެހެން ނުޖެހޭ، އަތުން ލިޔެފައިވެސް ހުށަހެޅޭނެ"
ސާމިރު ވިދާޅުވީ އެސައިންމަންޓްތައް ފުރަތަމަ ބަލާނީ ކިޔަވާދޭ މުދައްރިސެވެ. އެއަށްފަހު ސްކޫލުން ކަނޑައަޅާ އެހެން ޓީޗަރަކު ޗެކްކޮށް މާކްކޮށްފައި ހުރިގޮތް ބަލާނެކަމަށެވެ.
އާ މަންހަޖުގައި ޤުރްއާން މާއްދާ ވަނީ ހިމަނާފައެވެ. އަދި ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ދިހައަކާ ހަމައަށް ޤްރުއާން މާއްދާވަނީ ދިވެއްސާއި އިސްލާމާއެކު މަޖުބޫރު މާއްދާއެއްގެ ގޮތުގައި ހިމަނާފައެވެ.
advertisment
ހިޔާލު