ފާތިމަތު ވަހީދާ، ދިވެހި ރާއްޖޭގެ އަޑުގެ ވަޒީފާއަށް ވަން ފުރަތަމަ ދުވަހު ވެސް، ޒާހިދާ އިބްރާހިމް (ޒަހިތްތަ) އޭނާ އާ ހަވާލު ކުރެއްވި މަސައްކަތަކީ "އެބައުޅޭ އެބައުޅޭ" ގެ ޑައިލޮގް ލިޔުމެވެ. އެއީ ކުރިން ދުވަހަކު ވެސް އޭނާ ކޮށް އުޅުނު މަސައްކަތެއް ނޫނެވެ. ދިވެހި ރާއްޖޭގެ އަޑަށް ވަނީ، ވެސް އޭނާއާ އެއް ކުލާހެއްގައި ކިޔެވި ކުއްޖަކު ވަޒީފާއަށް ވަނުމުން، އުފެދުނު ޝަޢުޤެއްގައެވެ.
" ފުރަތަމަ ދުވަހު ވެސް މަސައްކަތް ކުރަން ޖެހުނީ ޒަހިތްތަގެ ކައިރީގައި. އެ ދުވަހު ހަވާލުކޮށްފި ސްކްރިޕްޓް ލިޔަން. ދޫނީގެ ބަގީޗާ" ކިޔާ ވާހަކައެއްގެ ޑައިލޮގް ލިއުއްވީ ކައިރީގައި ބައިންދައިގެން، " މީގެ 22 އަހަރުގެ ކުރީގެ ހަނދާން ފާތުން އާ ކުރިއެވެ.
އަޑުގެ ވަޒީފާއާއެކު އޭނާއަށް ވަދެވުނީ ވެސް އެބައުޅޭ އެބައުޅޭގެ ތެރެއަށެވެ. ޒަހިއްތައާއެކު އެ ޕްރޮގްރާމުގެ ހެދުމުގައި އަމަލީ ގޮތުން ދިޔައީ ބައިވެރިވަމުންނެވެ. އެ މަސައްކަތުގައި މަދަދުގާރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް، އަޑުގެ ވަޒީފާއިން ވަކިވެ ވަޑައިގަންނަވަން ޒަހިތްތަ ނިންމެވިއެވެ. އެ ހިސާބުން އެ ޕްރޮގްރާމާ ފާތުން ހަވާލުވީ އަމިއްލަ އިސްނެގުމާއެކުގައެވެ.
" ޒަހިތްތަ ދިޔާއީމާ، އެކަން ވެދާނެއޭ އަމިއްލައަށް ބުނެގެން އެ ޕްރޮގްރާމް އުފައްދަން ހަވާލުކުރީ" ފާތުން ބުންޏެވެ.
އެ ދުވަހަށްފަހު، އެބައުޅޭ އެބައުޅޭ އަކީ ވަހީދާގެ މަސައްކަތުގެ ބައެކެވެ. ކޮންމެ ހުކުރު ދުވަހެއްގެ ހެދުނު 9:15 ގައި އަންނަ 12 މިނިޓްގެ ޑްރާމާއަކީ އަކީ ގިނަ ކުދިންގެ އެންމެ ބޮޑެ "ފޭވަރިޓް"އެވެ.

ފާތުން ބުނީ، އެ ޕްރޮގްރާމް ކުރިން ހަދަމުން އައީ ކުދިން ފޮނުވާ ވާހަކަތަކަށެވެ. އޭރު ކުރަންޖެހޭ ކަމަކީ އެ ވާހަކަތަކަށް ސްކްރިޕްޓް ތައްޔާރު ކުރުމެވެ. ޕްރޮގްރާމަށް އޭރު ވާހަކަ ފޮނުވިޔަސް މިހާރަކު ވާހަކައެއް ނުފޮނުވައެވެ. ވާހަކަ ފޮނުވަން ހުޅުވާލިޔަސް ލިބޭ ތަރުޙީބު ކުޑައެވެ.
" އޭރު ލިބޭނެ ފުދޭވަރަކަށް ގިނަ ވާހަކަ. އެކަމަކު މިހާރު ޖެހެނީ އަމިއްލައަށް ވާހަކަ ލިޔަން"
ކޮންމެ ހަފްތާއަކު ވެސް ގަވާއިދުން އަންނަ އެއް ޕްރޮގްރާމަކަށް އެބައުޅޭ އެބައުޅޭ ވާނެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އަޑުގެ މުވައްޒަފުން ގޭގައި މަސައްކަތް ކުރަން ޖެހުމުން އާ ޕްރޮގްރާމެއް ގެނެސް ނުދެވެއެވެ. އެ ދުވަސްވަރު ގެނައީ ރިޕީޓް ޕްރޮގްރާމްތަކެވެ.
ފާތުން ވަނީ އެބައުޅޭ އެބައުޅޭ ގެ އިތުރުން ގިނަ އަދަދެއްގެ ރޭޑިޔޯ ޑްރާމާވެސް ހަދާފައެވެ.
" ޑްރާމާ ހެދިއިރު ވެސް ފޯނު ކޮށްފައިވެސް ރަނގަޅޭ ބުނެ ހިތްވަރު ދޭނެ"
ފާތުންގެ އެންމެ ބޮޑު ކާމިޔާބަކީ ޒަހިތްތަ އަޅައިދިން ފިޔަވަޅުމަތީގައި ކުރި މަސައްކަތުން، އެންމެ މޮޅު " ރޭޑިޔޯ ކުޑަކުދިންގެ ޕްރޮގްރާމް" އަކަށް އެ ޕްރޮގްރާމަށް ވުމެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިން ބްރޯޑްކާސްޓިންގ އެވޯޑްގައި އެ ޝަރަފު ހޯދީ އެބައުޅޭ އެބައުޅޭއެވެ.

" އެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމަކަށް ހޮވުނީމާ، ރަނގަޅު މަސައްކަތެއް ކުރެވުނު ކަމުގެ އިޙްސާސް ކުރެވުނީ"
ފާތުން އެންމެ ހަނދާން ވަނީ، ޓީވީގެ އަހަރީ ދުވަހުގެ އިންޓަވިއުއެއްގެ ތެރެއިން، ޝަޢުޤުވެރިކަން ހުންނަ ކުދިންނަށް އެބައުޅޭ އެބައުޅޭއިން ފުރުސަތު އެބައޮތޭ ބުނެގެން އެ ޕްރޮގްރާމުގެ ރެކޯޑިންގއަށް ކުދިންތަކެއް އައި ދުވަސް މަތިންނެވެ.
" ޓީވީގެ އަހަރީ ދުވަހުގެ އިންޓަވިއުއެއްގައި ބުނެވުނީ، އެބައުޅޭ އެބައުޅޭގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ފުރުޞަތު އެބައޮތޭ. އެހެން ބެނެވުނީމާ ޖެހިގެން އައި ދުވަހު ޕްރޮރާމް ރެކޯޑް ކުރާ ގަޑިއަށް ދިހަ ވަރަކަށް ކުދިން އައި." އެއީ ފާތުންގެ ޙަޔާތުގައި ވެސް އައި ތަފާތު ދުވަހެކެވެ.
" އެ ކުދިން އައިސް ބުނީ، ރެކޯޑިންއަށޭ މިއައީ، މީގެ އެންމެ މަޖާކަމަކީ ރެކޯޑިން ހަދަން އެހެން ދުވަހެއް ހަމަޖައްސާފައި ބުނީމާ އެންމެ ކުއްޖެއް ވެސް ނާންނާތީ"

ފާތުން ބުނީ، ޕްރޮގްރާމް ހެދުމުގައި ކުރިން ގިނަ ވަގުތު ތަކެއް ހޭދަކުރި ނަމަވެސް މިހާރު އެއީ އުނދަގޫ މަސައްކަތެއް ނޫނެވެ. އަމިއްލައަށް ވާހަކަ ލިޔެ ރެކޯޑިން އެއްދުވަސްތެރޭގައި ވެސް ނިންމާލައެވެ. އެކަމުގައި އޭނާއަށް ޕްރޮޑިސަރުންގެ އެހީތެރިކަން ލިބެއެވެ.
1986 ވަނަ އަހަރު ދިވެހިރާއްޖޭގެ އަޑުން ފެށި އެބައުޅޭ އެބައުޅޭގެ، 2000 އާ ކައިރިކުރާ ވަރަކަށް ޕްރޮގްރާމް ހެދިއްޖެއެވެ. މިހާ ގިނަ ދުވަސްވީ ޕްރޮގްރާމަކަށް ޒަމާނާ ގުޅޭ ބަދަލުތަކެއް ގެންނަން ފާތުން ބޭނުންވެއެވެ. ކުދިން ބައިވެރިކޮށްގެން ވާދަވެރި ގޮތެއްގައި ޕްރޮގްރާމް ކުރިއަށް ގެންދަން އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.
advertisment
ހިޔާލު