ކުދިންނަށް "ޑިކްޓޭޝަން" ދެވޭ ގޮތް ޒަމާނާ އެއްގޮތަށް ބަދަލުކުރުން

ނިޢުމާ މުޙައްމަދު

"ޑިކްޓޭޝަން" މި ބަހަކީ ވިހި ވަނަ ޤަރުނުގައިވެސް ބޭނުން ކުރަމުން އައި ބަހެކެވެ. 1980ން ފެށިގެން 2000ވަނަ އަހަރުގެ ތެރޭގައި ދަރިވަރުންނަށް ހަފްތާއަކު ކޮންމެ ދުވަހަކު ބަސްތަކެއް ހިތުދަސްކުރަން ދިނުމަށްފަހު، ފުލް މާރކްސް ހޯދާ ދަރިވަރުންގެ "އެޗީވްމަންޓް" އެދުވަސްވަރު ސްކޫލްތަކުގައި ވަރަށް ގަދައަށް ފާހަގަ ކުރެވުނެވެ. މިހާރު ވެސް މިގޮތަށް ބައެއް ސްކޫލްތަކުގައި ކަންތައްތައް ކުރެވެމުން އެބަދެއެވެ.

2015 ވަނަ އަހަރު ތަންފީޒު ކުރަން ފެށި އާ ޤައުމީ މަންހަޖާއެކު ޑިކްޓޭޝަން ދޭ ގޮތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އިހުގެ ގޮތްތައް ދޫކޮށް 21ޤަރުނުގެ ތަފާތު އުނގެނުމުގެ ވަށްޓަފާޅިތައް ސްކޫލްގައި ފަރިތަކުރަން އެބަޖެހެއެވެ.

ބަސްތައް ފަރިތަކުރަން ދިނުމުގައި "ޑިކްޓޭޝަން" މިހެން ކިޔުމުން ވެސް ދަރިވަރުންނާއި ބެލެނިވެރިން ވަރަށް ހާސްވެ ކަންބޮޑުވެ "ސްޓްރެސް"ވެއެވެ.

ބަސްތަކެއްގެ ސްޕެލިންގ ދަސްކޮށްދޭން ބޭނުންވާނަމަ "ވޯރޑްސް ފޯ ދަ ވީކް" ފަދަ ތަފާތު އެހެން ނަންތައް ބޭނުން ކުރެވިދާނެއެވެ. އަދި މިހާރު މިކިޔާ "ޑިކްޓޭޝަން" ސްކޫލްތަކުގައި ކުރިއަށް ގެންދާގޮތުން އެ އެސެސްމަންޓް ބަދަލުވެގެންދަނީ ވަރަށް "ހައި ސްޓޭކް އެސެސްމަންޓަކަށެވެ" ދަރިވަރުންނަށް މާރކްސްދީ ހުރިހާކުދިން ރޭންކް ކުރެވެނީއެވެ. އަދި ދެވޭ ފީޑްބެކްގެ ސަބަބުން ސްކޫލަށް ނުދާން އުޅުމާއި ކިޔެވުން މަތިން ފޫހިވާތަން ވެސް އެބަ ފެނެއެވެ. އެންމެ ބަހެއް ނުބައިވިއަސް ދަރިވަރާއި ބެލެނިވެރިޔާ އެކަމާ ހިތާމަ ކުރެއެވެ.

ބައެއް ދަރިވަރުނަށް ހަފްތާބަންދުގައި އާއިލާއެކު ބޭރަށް ވެސް މަޖާކޮށްލަން މިކަމާއިހެދި ނުދެވެއެވެ. ބެލެނިވެރިން މި ދަރިވަރުންނަށް ގަދަ އަޅައިގެން ހަފްތާ ބަންދުގައި މިބަސްތައް ހިތު ދަސްކުރުމަށް ބާރުއަޅައެވެ. ޑިކްޓޭޝަނުން ފުލްމާރކްސް ހޯދަން ބެލެނިވެރިން ތުއްތު ކުދިންނަށް އެބަ "ޕްރެޝަރ" ކުރެއެވެ. މިކަމުގެ ސަބަބުން ތުއްތު ދަރިވަރުންނަށް ދިމާވެގެން ނުވާނެ ކަހަލަ ނަފްސާނީ / ޖަބްޒާތީ ކަންތައްތަކާއި މިދަނީ ދިމާވަމުންނެވެ. ޑިކްޓޭޝަންދެވޭ އުސޫލު އަދި ފުލްމާރކްސް ހޯދުމަށް ކުރާ ޕްރެޝަރުގެ ސަބަބުން ސްކޫލަށް ދާހިތް ނުވާ ދަރިވަރުން އެބައުޅެއެވެ. ބެލެނިވެރިން އެބަސްތައް ހިތު ދަސްކުރުވުމަށް ބާރުއާޅާވަރުން އުނގެނުން މަތިން ދަރިވަރުން އެބަ ފޫހިވެއެވެ! ބައެއް ދަރިވަރުންގެ ހަފްތާބަންދަށް ލިބޭ ދެ ދުވަސް އެއްކޮށްހެން ހޭދަވަނީ މިކަމުގައެވެ. ޅަފަތުގެ ތައުލީމާއި އަދި ފަށާ ތައުލީމުގެ ދަރިވަރުންނަށް މީގެ ސަބަބުން ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް އެބަކުރެއެވެ.

މިއީ 21 ވަނަ ޤަރުނެވެ. މިޤަރުނުގައި މިވަނީ ކިޔަވައި ދިނުމާއި އުނގަންނައި ދިނުމަށް ބަދަލުތަކެއް އައިސް ވަރަށް ބައިވަރު ކުރިއެރުން ތަކެއްވެސް ހޯދައިފައެވެ.

ސްކޫލްގައި ސްޕެލިންގ ދަސްކޮށް ދިނުމުގައާއި ދަސްކުރަންދޭ އެބަސްތައް އެސެސްކުރުމުގައި ދަރިވަރުން ޝައުޤުވެރިވާ ފަދަ ގޮތަކަށް އެސެސްމަންޓްތައް ބަދަލުކޮށްލަން ޖެހެއެވެ.

ބަސް ދަސްކުރަން ދިނުމުގައިވެސް ދެވޭ އަދަދު މަދުކޮށްލުން ވެސް މުހިންމެވެ. އަދި، ދަސްކޮށް ދިނުމުގައި އަކުރުގެ ސައުންޑު/ އަޑުތައް/ ފޯނިކްސް / ރައިމިން ވޯރޑްސް/ އަކުރުގެ ސިފަބޭނުންކޮށް ސްޕެލް ކުރަން ދަސްކޮށް ދެވިދާއެވެ. ހިތު ދަސްކުރުމަށްވުރެ އެބަސްތައް އެކުދިންނަށް ދޭހަވުން މާމުހިންމެވެ. ނުވަތަ ބަސް ބޭނުން ކުރަން ދަސްކޮށް ދޭންވީ އެވެ. ޑިކްޓޭޝަން އަކީ ކުލާސް ކުދިން "ރޭންކު" ކުރަން ބޭނުން ކުރާ ވަސީލަތެއް ނޫނެވެ.

ކޮންމެ ކުލާހެއްގައި ވެސް ތަފާތު ގޮތްގޮތަށް އުނގެނޭ، ތަފާތު ފެންވަރުގެ، އުމުރުގެ ގޮތުން ވެސް ތަފާތު އަދި ލަސްލަހުން އުނގެނޭ ދަރިވަރުން އުޅޭނެއެވެ. ދަރިވަރުންގެ އުނެގެނުން ކުރިއަށް ދާންވާނީ މަޖާ ހަރަކާތްތަކުންނެވެ. ދަރިވަރުން އުނގެނުމަށް ޝައުޤުވެރިވާ ގޮތް ގޮތަށެވެ.

ތިރީގައި މިވަނީ ޑިކްޓޭޝަން/ސްޕެލިންގ ބަސްތަކުގެ ލިސްޓް ބޭނުންކޮށް ކިޔަވައިދިނުމާއި އުނގެނުން ކުރިއަށް ގެންދެވިދާނެ ތަފާތު ގޮތްތަކެވެ!

  • ދެވިފައިވާ ބަސްތައް އެލްފަބެޓިކަލް އޯރޑަރ އަށް ލިޔުއްވުން
  • ބަސްތައް އިދިކޮޅަށް ލިޔުއްވުމަށްފަހު ރަނަގަޅުކޮޅަށް ލިޔުއްވުން
  • ބަސްތަކުން މަޖާޖުމުލަ ލިޔުއްވުން
  • އެ ބަސްތަކުގެ އަކުރުތައް ބޭނުންކޮށްގެން އެހެން ކުދި އާ ބަސް ތަކެއް އުފެއްދުން
  • ޑިކްޝަނަރީ ބޭނުންކޮށްގެން އެބަސްތަކުގެ މާނަ/ މާނަތައް ހޯދުން
  • އެ ބަސްތައް ކުރަހައިގެން ދެއްކުން
  • އެ ލިސްޓުގައި ހުރި ބަސްތައް ކޮންމެ ބަހެއް ތަފާތު 5 ކުލައަކުން ލިޔުއްވުން
  • އެކި ގޮތްގޮތައް ރޮނގެއް ދެމުމަށް ފަހު ރޮގުގެ މަތީގައާއި ތިރީގައި އެބަސްތައް ލިޔުއްވުން/ ތަފާތު ޑިޒައިންގެ ރޮނގުތައް ކުރެހުމަށް ބުނެވިދާނެ
  • ކޮންމެ ބަހެއް ވައި އަޑުން ކިޔަމުން 3 ފަހަރު ލިޔުން
  • ލިޔަން ބޭނުންކުރާ އަތްނޫން އަނެއް އަތުން ބަސްތައް ލިޔުއްވުން
  • އޭބީސީގެ އަކުރުތަކަށް ނަމްބަރެއް ދިނުމަށް ފަހު ދެވިފައިވާބަސްތަކުގެ ސްޕެލިން ނަމްބަރު ބޭނުންކޮށް ކޯޑުން ލިޔުން
  • ދެވިފައިވާ ބަސްތައް ކްރެޔަން ބޭނުންކޮށް ލިޔުމަށްފަހު މާރކަރުން ފަގުވާލުން
  • ދެވިފައިވާ ބަސްތައް ބޭނުންކޮށް ވާހަކައެއް ލިޔުން
  • ދެވިފައިވާ ބަސްތައް ތަފާތު 2 ނުވަތަ 3 "ފޭންސީ" ފޮންޓްގެ ޑިޒައިން ފޮންޓުން ލިޔުއްވުން
  • ތަސްވީރެއް ކުރެހުމަށްފަހު ތަސްވީރުގައި ބަސްތައް ނުފެންނަ ގޮތައް ލިޔެ އެހެން ދަރިވަރަކުލައްވާ އެބަސްތައް ހޯދުން
  • ދެވިފައިވާ ބަސްތައް ކެޕިޓަލްކޮށް އަދި ސިންޕަލްކޮށް ލިޔުއްވުން
  • ދެވިފައިވާ ބަސްތައް ނޫހަކުން ނުވަތަ މެގެޒިންއަކުން ހޯދުން/ ކަފައި ތަތްކުރުން
  • ބަސްތަކުގެ ކޮންމެ އަކުރެއް ތަފާތުކުލައަކުން ލިޔުން
  • ދެވިފައިވާ ބަސްތަކަށް "ރައިމިން"ވާ ބަސް/ބަސްތަކެއް ލިޔުއްވުން
  • ދެވިފައިވާ ބަސްތަކުގެ ކޮންމެ ބަހެއް ބޭނުންކޮށް "ވޯރޑްޗެއިން"އެއް ލިޔުން
  • ބަސްތަކަށް "ރިޑްލްސް" ހެދުން
  • ޕްލޭ ޑޯ ބޭނުންކޮށް ބަސްތައް ހެދުން

ނޯޓް: ނިޢުމާ މުހައްމަދު (ނިޢުމާ މިސް) އަކީ ނެޝަނަލް އިންސްޓިޓިއުޓް ފޯރ އެޑިޔުކޭޝަންގެ ސީނިއަރ ކަރިކިއުލަމް އެނަލިސްޓެކެވެ. އަމިއްލަ ގޮތުން ވެސް ތަޢުލީމީ ދާއިރާއިން ހޭލުންތެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *