ޢަޒުމަކާއި އުއްމީދެއް އޮވެގެން މަސައްކަތް ފަށައިފިނަމަ އެކަން ކާމިޔާބު ވުމަކީ ޢުމުރާ ގުޅިފައި އޮންނަ ކަމެއް ނޫނެވެ. އެކަން ސާބިތުކޮށްދެމުން އަންނަ އެއް ދަރިވަރަކަށް ހަމަގައިމު ވެސް އަޙްމަދިއްޔާ ސްކޫލްގެ ގުރޭޑް ހައެއްގައި މިހާރު ކިޔަވަމުން އަންނަ އައިޝަތު މަލިކާ އަހުމަދު މުނައްވަރު ވާނެއެވެ.
މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި، އެންމެ އެގާރަ އަހަރުގެ މަލިކާ ވަނީ ކެމިސްޓްރީއާއި އިނގިރޭސި މާއްދާއިން އޭ ސްޓަރ ހޯދައި ނަމޫނާ ދައްކާފައެވެ. ގުރޭޑް ފަހެއްގައި ކިޔަވަމުން، ޓިއުޝަން ޓީޗަރުންގެ އެހީގައި ކެމިސްޓްރީއާއި އިނގިރޭސި މާއްދާއިން ނަތީޖާ ނެރުނީ އެންމެ އަހަރެއްގެ ތެރޭގައި ކުރި ބުރަ މަސައްކަތުންނެވެ.
ގުރޭޑް އެކެއްގައި ކިޔަވަން ފެށިއިރު ވެސް މަލިކާގެ ބަހުރުވައިން ނަމަ " ޑްރީމެއް" އޮތެވެ. އެ ޑްރީމާ ހަމައަށް ދިއުމަށް ޓާގެޓްތަކެއް ވެސް އޮތެވެ. އެ ޓާގެޓް ތަކާ ހަމައަށް ވާޞިލްވުމުގެ ފުރަތަމަ މަރުޙަލާއަކީ އޯލެވެލްއެވެ.
" ކުޑައިރުއްސުރެ ކެމިސްޓްރީއަށް ޝަޢުޤުހުރޭ، އިންޓަރނެޓުން ބަލައިގެން އެއާ ގުޅޭ މައުލޫމާތު އަބަދުވެސް ހޯދާނެ. ސައިންސް ފޮތްތައް ކިޔާނެ" މަލިކާގެ ބައްޕަ އަޙްމަދު މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ގުރޭޑް ފަހެއްގައި ކިޔަވަން ފެށުމާއެކު އޯލެވްގައި ބައިވެރި ކުރަން ހިތްވަރު ދެއްވީ އަޙްމަދިއްއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. އަދި ޕްރިންސިޕަލުންގެ އިރުޝާދާއެކު ޓީޗަރުން ހޯދުމަށް މަސައްކަތްކޮށް ދެއްވީ ސްކޫލުގެ މެނޭޖްމަންޓް ބޭފުޅެއް ކަމަށްވާ އަލީ ރަޝީދު ( އަލިބެ) އެވެ.
" އަހުމަދިއްޔާއިން ވަރަށް ގިނަ ފުރުޞަތު ތަކެއް ފަހިކޮށްދީގެން ނަތީޖާއާ ހަމަށް ދެވުނީ"

މަލިކާއަށް ޓިއުޝަން ދެއްވީ އަޙްމަދިއްޔާގެ ދެ ޓީޗަރުންނެވެ. ކެމިސްޓްރީ ކިޔަވައި ދެއްވީ ފާތުން މިސްއެވެ. އިނގިރޭސި މާއްދާ ކިޔަވައި ދެއްވީ ނަސީމާ މިސް އެވެ. ކެމިސްޓްރީ ލެބުން ޓެސްޓް ހެދުމުގައި ވެސް އެ ސްކޫލުގެ އެހީތެރިކަން އޮތީ މަލިކާއަށް ހުޅުވާލާފައެވެ. އެހެން ކަމުން، ޕްރިންސުޕަލަށާއި އަލިބެއާއި ފާތުން މިސްއާއި ނަސީމާ މިސްއާއި އަޙްމަދިއްޔާ ސްކޫލްގެ ހުރިހާ ޓީޗަރުންނަށާއި އަދި މެނޭޖްމަންޓްގެ ހުރިހާ ބޭފުޅުން ދެއްވި އެހީތެރިކަމަށާއި ހިތްވަރަށް ފަށްފަށުން ޝުކުރު ދަންނަވަން" މުނައްވަރު ވިދާޅުވިއެވެ.

މަލިކާ ބުނި ގޮތުގައި، ގުރޭޑް އެކަކަށް ދިޔައިރު ވެސް ސައިންސްގެ މާއްދާތަކަށް ޚާއްޞަ ޝަޢުޤުވެރި ކަމެއް އޮތް ކަމަށެވެ. އެހެންވެ، އިންޓަރނެޓުންނާއި ފޮތްތައް ބަލައިގެން އެއާ ގުޅުން ހުރި މައުލޫމާތު ދިޔައީ ބަލައި ކިޔައި ހޯދަމުންނެވެ.
" އޯލެވެލްއަށް ކިޔަވަން ފެށީމާ އުނދަގުލަށްވުރެ ބޮޑަށް އެކްސައިޓްވީ. ފުރަތަމަ ކިޔަވައިދިނީ ،ފޮތްތައް ބަލައިގެން ކުޑައިރު ވެސް ދަސްވެފައި ހުރި ބައިތަކެއް. ކިޔަވަންފެށި ފަހުން ހީކުރި ވަރަށްވުރެ ކުޑަތަންކޮޅެއް އުނދަގޫވި، ނަމަވެސް ކުރިން މަސައްކަތް ކުރިގޮތަށް ރިސަރޗް ކޮށްގެން މައުލޫމާތު ހޯދާ، ޓީޗަރުންގެ އެހީ އާއި އެކު އެކި ފޮތްތައް ކިޔަން ފެށީމާ ފަސޭހައިން ކުރިއަށް ދެވުނު" މަލިކާ ބުންޏެވެ.
މަލިކާ ބުނީ، ކެމިސްޓްރީ ކިޔަވަން ފެށި ނަމަވެސް ލެބޯޓްރީއާ ހަމައަށް ދާން ވެސް ދުވަސްތަކެއް ނެގި ކަމަށެވެ.
" ލެބޯޓްރީ ޖަހާފައި އިންނަ ދޮރު ހުރަސްކޮށްފައި ކޮންމެ ދުވަހަކުހެން ކުލާހަށް ދާންޖެހެނީ. އެތަން ހުރަސްކޮށްފައި ދާއިރު ބައެއް ދުވަސްދުވަހު އެއްކޮށް އުޅޭ ކުދިން އެއްކުއްޖެއް އަނެއްކުއްޖަކާ ސުވާލުކޮށް ހަދާނެ އެތަނުގައި ހުންނަ އެއްޗިއްސާ ބެހޭ ގޮތުން. ދުވަސްކޮޅަކުން ލެބޯޓްރީއަށް ވަންނަން ޖެހޭތީ އެހެން ދާ ފަހަރު ފަހަރު ވެސް އިންޓްރެސްޓްވޭ"
ލެބޯޓަރީއަށް ވަން ފުރަތަމަ ދުވަހު މަލިކާ ހުރީ ކުޑަކޮށް ބިރުންނެވެ. އަތްފައި ދާހިއްލާ މީހާ ތުރުތުރު ވެސް އެޅިއެވެ. އެއީ ގޯސްކޮށް ކަމެއް ކުރެވިދާނެތީއެވެ. އެކަމަކު ވަކި ހިސާބަކުން ޓީޗަރުންގެ އެހީތރިކަމާއެކު އެކްސްޕެރިމަންޓްތައް ކޮންފިޑެންސާއި އިތުރބާރާއެކު ކުރިއަށް ގެންދިޔައެވެ. އުއްމީދު ކުރި ލިބުނު ފުރުޞަތުގެ ވަގުތު ތަކުގެ ބޭނުން ހިފައި، އެތައް އެކްސްޕެރިމެންޓެއް ހަދައި ތަޖުރިބާ ހޯދިއެވެ.
މަލިކާ ބުނީ، ކެމިސްޓްރީގެ ސިލަބަސް ހަ މަސްދުވަހުގެ ތެރޭގައި ކަވަރކޮށް ނިންމާލިއިރު، އިނގިރޭސި މާއްދާ، ތިން މަސް ދުވަހުގެ ތެރޭގައި ކަވަރކޮށް ނިންމާލެވުނު ކަމަށެވެ. އިނގިރޭސި މާއްދާގައި ފުރަތަމަ ކިޔެވީ އެކިއެކި ފޯމެޓްތަކެވެ. އެއަށްފަހު، ލިޔުމާއި ކިޔުމާއި ލިސިނިންގެ ބައި ކުރިއަށް ގެންދިޔައެވެ.
މަލިކާ ބުނީ، ހުސްވަގުތުގެ ބޭނުން ހިފީ، ޓީޗަރުން ނަގައިދޭ ފިލާވަޅުތަކުން ނޭނގޭ އެއްޗެއް އޮވެއްޖެނަމަ ރިސަރޗްކޮށްގެން އެ އެއްޗެއް އޮޅުން ފިލުވުމުގައެވެ. އެހެން ނޫނީ އިނގިރޭސި ވާހަކަ ކިޔުމުގައެވެ.
މަލިކާ ބުނީ، ގިނަ ވަގުތު އެކަނި ކިޔަވަން ޖެހުނަސް އޭނައަށް ވުރެ އެތައް ގުރޭޑެއް މަތީ ކުދިންނާއެކު ލެބޯޓްރީގައި ޓެސްޓްތައް ހަދަން ޖެހުމުން ވަރަށް ތަފާތު އިޙުސާސެއް ކުރެވުނު ކަމަށެވެ. އަދި އެކުދިންގެ ހިތްވަރާއި އެހީތެރިކަމާއި އެކުވެރިކަން ވަރަށް ފުރިހަމައަށް ލިބުނެވެ. އަދި ދެ ޓީޗަރުންގެ އެހީ އާއި އަޅާލުން ވަރަށް ފާހަގަކުރެވުނެވެ.
" ޓީޗަރުންގެ ވަރަށް ބޮޑު މަސައްކަތަކާއި ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނު. ޓީޗަރުންނާ ނުލައި ނަތީޖާއެއް ނުނެރެވޭނެ. ޓީޗަރުންނަށް ވެސް އެކްސްޕީރިއަންސަކަށް ވީ އެހާ ކުޑަކުއްޖަކަށް ކިޔަވައިދޭން ޖެހުން ވެސް" މަލިކާ ބުންޏެވެ.
މުނައްވަރު ވިދާޅުވީ، އޯލެވެލްގައި ބައިވެރިވެ ޓެސްޓަށް ދިޔައިރު ވެސް އެ ވަރުގެ ނަތީޖާއެއް ލިބިދާނެ ކަމަށް އުއްމީދު ނުކުރެވުނަސް، މަލިކާއަށް އުއްމީދު އޮތް ކަމަށެވެ.
" އިތުބާރު އޮތް، އެކަމަކު ވެސް އެ ޢުމުރުގައި ކެމިސްޓްރީއާއި އިނގިރޭސި މާއްދާއިން އޭ ސްޓަރ ލިބިދާނެ ކަމަށް އުއްމީދެއް ނުކުރެވޭ" މުނައްވަރު ވިދާޅުވިއެވެ.

މަލިކާ މިހާރު ތައްޔާރު ވަމުން އަންނަނީ އަންނަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި އިތުރު ދެ މާއްދާގައި ބައިވެރިވާށެވެ. ހިސާބާއި ފަސްޓް ލޭންގުއޭޖުގެ ގޮތުގައި އިނގިރޭސި މާއްދާ ހަދާށެވެ. އޭނާ ދަނީ އެ ދެ މާއްދާއިން ޓިއުޝަން ނަގަމުންނެވެ. އުއްމީދަކީ އެ ދެ މާއްދާއިން ގެސް އޭ ސްޓަރ ހޯދުމެވެ. މަސައްކަތް ކުރަމުން ދަނީ ވެސް އެ ޢަޒުމުގައެވެ.
" އުމުރުން ހަގޭ ކިޔާފައި އުއްމީދުތަކާއި ހުވަފެންތަކުގައި ކުލަޖައްސަން ކުރާ މަސައްކަތް ހުއްޓާލައިގެން ނުވާނެ. ކޮންމެ ދުވަހަކު ވެސް އެ އުއްމީދު އާކުރަންވާނެ. ކިތަންމެ ކުޑަ ނަމަވެސް ކަމެއް ކުރެވޭތޯ ބަލަންވާނެ" 12 ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރަމުންދާ މަލިކާގެ އުއްމީދު މައްޗެވެ.
މަލިކާ ބޭނުން ވަނީ ސިއްޙީ ސައިންސްގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާށެވެ. "ޑްރީމް"އަކީ ރާއްޖޭގެ އެންމެ ހަގު މެޑިކަލް ރިސަރޗް ސައިންޓިސްޓަކަށްވުމެވެ. މިގޮތުން ކެމިސްޓްރީއާއި މެރިން ބައިލޮޖީގެ ސައިންޓިސްޓަކަށް ވުމަކީ ވެސް ދެކޭ ހުވަފެނެކެވެ.

ހުރިހާ ދަރިވަރުންނަށް ވެސް މަލިކާ ދޭން ބޭނުންވާ މެސެޖަކީ އެއީއެވެ. ހުވަފެންތައް ދެކެން ވަކި ޢުމުރެއް ނެތެވެ. ނަތީޖާއާ ހަމައަށް ވާޞިލްވާން މަސައްކަތް ކުރަން ވެސް ޢުމުރެއް ހުރަހެއް ނާޅައެވެ. އޮތީ ޢަޒުމެއް އޮވެގެން ހިތްވަރާއެކު ވަކި މިސްރާބަކަށް މަސައްކަތް ކުރުމެވެ.
ހިޔާލު