އިސްކަންދަރު ސްކޫލްގެ ސައިންސްފެއަރއިން ފެނުނު އެންމެ މުހިންމު އެއް އުފެއްދުމަކީ ކަދުރުން އޮށް ނަގަން އެ ސްކޫލްގެ ގުރޭޑް 7ޑީގެ ދަރިވަރުންތަކެއް އުފެއްދި ޒަމާނީ އާލާތެވެ. މި އާލާތް އުފެއްދީ ޙުސައިން ޒައްޔާން މުޙައްމަދު ފަރުހަތާއި އަހުމަދު ރަޔާން ބަޝީރާއި އަހުމަދު ބާސިޠެވެ.
" ޑޭޓް ޕިޓިންގ މެޝިން" ގެ ނަމުގައި މި ތިން ދަރިވަރުން އުފެއްދި އާލާތް ވައްތަރީ ހީރަސް ދައްޗަކާއެވެ. ކަދުރު ބާއްވަން ޚާއްޞަކޮށްފައިވާ ތަނުގައި ބާއްވާފައި އަތްގަޑުން ފިއްތާލުމުން އޭގެ ތެރެއިން ކަދުރުގެ އޮށް ވަކިވެގެން ދަނީ ފަސޭހަ ކަމާއެކު ގައެވެ. މި އުފެއްދުމަކީ ކަދުރުން އޮށް ނެގުމަށް މިހާރު ކުރާ މަސައްކަތަށް ބޮޑު ފަސޭހައަކަށް ވާނެ އީޖާދެކެވެ.
މި މަސައްކަތުގައި އެންމެ އިސްކޮށް މަސައްކަތް ކުރި ޒައްޔާން ބުނީ، ސައިންސްފެއަރއަށް ތައްޔާރުވާން ލިބުނު ދެ މަހެއްހާ ދުވަހުގެ ތެރެއިން ތިން ހަފްތާ ދިޔައީ ތައްޔާރު ކުރާނެ އާލާތަކާ ގުޅޭ ގޮތުން ވިސްނައި ފިކުރު ކުރުމުގައެވެ. އެކަން ކުރުމުގައި އެ ދަރިވަރުން ވިސްނީ، އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ ލުއި އާލާތެއް އުފެއްމަށެވެ. އެކަން ކުރުމަށް އިންޓަރނެޓުން އެތައް ރިސާރޗްތަކެއް އެ ދަރިވަރުން ބެލިއެވެ.

" ބޭނުންތެރި ދިރިއުޅުމަށް ފަސޭހަ ކޮށްދެވޭނެ އާލާތަކާ މެެދު ވިސްނަމުން ދަނިކޮށް، ޚިޔާލު ކުރެވުނީ ކަދުރުން އޮށް ނަގާނެ އާލާތަކާ މެދު" ޒައްޔާން ބުންޏެވެ.
އޭނާ ބުނީ، އެންމެންނަށް އެއްބަސް ވުމުން ދެން ބެލީ ފަސޭހައިން އެކަން ކުރާނެ ގޮތަކާއި ބޭނުންވާނެ ތަކެތި ހޯދުމެވެ.
" އިންޓަރނެޓުން ވެސް އާންމު ދިރިއުޅުމުގައި ބޭނުން ކުރާނެ މިފަދަ އާލާތެއް ނުފެނުނު. ފެންނަނީ އިންޑަސްޓްރިއަލް މެޝިން ތަކެއް. އެހެންވެ ބައެއް ދިރާސާ ކަރުދާސްތައް ކިޔައިގެން އަމިއްލައަށް ޑިޒައިނެއް ހަދައިގެން ކުރިއަށް ދިޔައީ"
ޒައްޔާން ބުނީ، ފުރަތަމަ ވިސްނީ އޮޓެމޭޓެޑް އިކެލްޓްރިކް އާލާތެއް އުފައްދާށެވެ. އެކަމަކު އެކަން ކާމިޔާބު ނުވީ ބޭނުންވި ވައްތަރުގެ ބައެއް ސާމާލު މާލެއިން ނުލިބުމުންނެވެ.
"ލިބުނު މޯޓަރު ބާރުގަދަވީމާ ބޭނުންވި ގޮތަށް މަސައްކަތެއް ނުކުރޭ، އޮށް ނެގިގެންދާއިރު، ކަދުރު އޮންނަނީ ޗަސްވެފައި"
އެ ހިސާބުން އޮޓެމޭޓް ކުރުމުގެ ވިސްނުން ދޫކޮށްލައި އަތުން ފިއްތާލެވޭ ގޮތަށް ޑިޒައިނަށް ބަދަލު ގެނައީއެވެ.
ޒައްޔާން ބުނީ، ކަދުރުން އޮށް ނަގަން، އެ މީހުން އުފެއްދި އާލާތަށް ބަދަލުތަކެއް ގެނެސްގެން އާންމު ދިރިއުޅުމުގައި ބޭނުންކުރެވިދާނެ މުހިންމު އެއްޗަކަށް އެ ހެދިދާނެ ކަމަށާއި، އެފަދަ މަރުހަލާއަކަށް ދާނަމަ އަތުން ކުރާ މަސައްކަތް އޮޓެމޭޓް ކުރެވޭނެ ގޮތެއް ހެދުން މުހިންމު ކަމަށެވެ.
" މިހާރު މެނުއަލްކޮށް ކުރިއަސް، އެންމެ ރަނގަޅީ އޮޓެމޭޓްކޮށް އޮށް ނެގޭނެ ގޮތަށް އެ ބަދަލުކުރުން" ޒައްޔާން ބުންޏެވެ.
ތިން ދަރިވަރުން ތިބީ، އެ ދަރިވަރުންގެ އުފެއްދުމަށް ރަނގަޅު ވަނައެއް ލިބޭނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ސައިންސް ފެއަރގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އަދި ނުބާއްވައެވެ.
ގުރޭޑް 7ޑީގެ ކުލާސްޓީޗަރު ވަހީދާ މުޙައްމަދު ވިދާޅުވީ، ތިން ދަރިވަރުންގެ ފަރާތުން ފެނުނީ އެކަމަށް ދިން ވަގުތާއި ޝަޢުޤުވެރިކަމެވެ. ބޭނުންވާ ސާމާނު ނުލިބުމުން ހުއްޓާ ނުލާ އެކަން ކުރެވޭނެ ގޮތްތަކެއް ހޯދައި މަސައްކަތް ކާމިޔާބު ކުރުމަށް ކުރި ބުރަ މަސައްކަތް ކަމަށެވެ.
" އެކުދިން ބޭނުންވި ވައްތަރު މޯޓަރެއް މާލެއިން ނުލިބުނު. ލިބުނު މޯޓަރުވެސް ބޭނުންވި ގޮތަށް މަސައްކަތް ނުކުރި. އެ ހިސާބުން ވެސް ދޫކޮށް ނުލާ، އެ ދަރިވަރުންގެ ޚިޔާލު އަމަލީ އެއްޗަކަށް ހަދައިދޭން ހިތްވަރު ކުރީ. އެންމެ ފަހުން އެކަން ކާމިޔާބުވެސް ކުރީ"
ދެ ހާހަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އިސްކަންދަރު ސްކޫލުން ބޭއްވި އެންމެ ބޮޑު ފެއަރގައި 168 ޕްރޮޖެކްޓް ދަރިވަރުން ހުށަހަޅާފައިވެއެވެ.
ހިޔާލު