ފާއިތުވި އަހަރު ފިޔޯރީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި ފާޠިމަތު ނައުމާ ނާޝިދުގެ ރަދީފުގެ އެންމެ ކުރީގައި އަބަދު ވެސް އޮންނަ ލަފުޒަކީ "އެއްވަނަ" އެވެ. ފާއިތުވި ދިހަ އަހަރު ދުވަހު ވެސް އޭނާ ހޯދަމުން އައީ ކުލާހުން އެއްވަނައެވެ. ކިޔެވުމާ އެއްވަރަށް އެހެން ހުރިހާ ޙަރަކާތްތަކުން ވެސް އޭނާ ދެއްކީ އެ ނަމޫނާއެވެ.
ފާއިތުވި އަހަރު، ޕްރިފެކްޓެއްގެ އިތުރުން ސްކޫލުގެ ކެޕްޓަންގެ ޒިންމާ އަދާކުރި ނައުމާއަކީ ކިޔެވުމާ އެއްވަރަށް އިތުރު ޙަރަކާތްތަކަށް ވެސް ސަމާލުކަން ދިން މުރާލި ދަރިވަރެކެވެ.
" އެންމެ ކުޑައިރުއްސުރެ ވެސް ކިޔެވުމަށް ޚާއްޞަ ޝަޢުޤުވެރިކަމަކާއި ސަމަލުކަމެއް ދިނިން. ކޮމެންޑެޑް ނޫން އެއްޗެއް ނުހޯދަން" ކިޔެވުމުގެ ސާނަވީ މަރުޙަލާ ކާމިޔާބު ކަމާއެކު ނިންމާލެވުމުގެ ހިތްހަމަ ޖެހުމުގެ ނޭވާއެއް ނައުމާ ދޫކޮށްލިއެވެ.
ނައުމާ ވަނީ ސާނަވީ އިމްތިޙާނުގައި ވެސް އެ ސްކޫލާއި މުޅިރަށް ފަޚުވެރިވާ ފަދަ ނަތީޖާއެއް ނެރެދީފައެވެ. ހަތަރު މާއްދާއިން އޭ ސްޓަރއާއި ހަތަރު މާއްދާއިން އޭ ހޯދައި، ގަދަ ދިހައެއްގެ ފަސް ވަނަ ހޯދިއެވެ.
" އެންމެ ފަހު އަހަރު، ދިމާވި ކަންތައްތަކާއި އުޅެންޖެހުނު ގޮތުން އެ ލިބުނު ނަތީޖާއާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ" ނައުމާ ބުންޏެވެ.
ނައުމާ ބުނީ، ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރު، އޭނާ އުއްމީދު ނުކުރާ އެތައް ކަންތައްތަކާ ކުރިމަތިވި ކަމަށާއި، އެ ހުރިހާ ކަންތައްތަކެއްގެ ތެރެއިން ކިޔެވުމަށް ފޯކަސްކުރެވުނީ ވަރަށް ބޮޑު ހިތްވަރެއް ލައިގެންނެވެ. އެ ހުރިހާ ހިތްވަރެއްގައި އޭނާގެ އަތުގައި ހިފީ އާއިލާއާއި ސްކޫލުންނެވެ.
ނައުމާ ބުނި ގޮތުގައި، ކިޔެވީ ކިޔަވާ ހިތުންނެވެ. އެކަމަކު ކޮވިޑާ ގުޅިގެން ކިޔެވުމުގެ ފޯކަސް ގެއްލުނެވެ. ސްކޫލްގެ ތެރޭގައި ދިމާވި ކަންތަތަކާހުރެ ފިޒިކްސް ޓީޗަރު ފޮނުވާލިއެވެ. މެތްސް ޓީޗަރު ވިހަން ޗުއްޓީ ނަގަން ޖެހުމުން އެ މާއްދާ ކިޔަވައިދޭނެ ޓީޗަރެއް ނެތި އެތައް ދުވަހެއް ދިޔައެވެ. ޓީޗަރުން ހަމަނުވުމުގެ އެ އުދާހާއި، ސްކޫލުން ނުކުންނަ ކޮންމެ ފަހަރަކުހެން އެތައް ބެލެނިވެރިންނެއްގެ ފުރައްސާރައާއި މަލާމާތް އޭނާއަށް އަމާޒުވިއެވެ.
"ފިޒިކްސް ޓީޗަރެއް ނެތި ދުވަސްކޮޅެއް ދިޔަ ނަމަވެސް ގިނަ ދުވަސްތަކެއްގައި ކިޔެވީ މެތްސް ޓީޗަރެއްނެތި. މެތްސް ޓީޗަރަކު އައީ ޓެސްޓް ފެށެން ދެ ހަފްތާއަށްވި ފަހުން"
ނައުމާ ބުނީ، ކިޔަވައިދޭނެ ޓީޗަރުން ހަމަނުވުމާއި ބައެއް ފަރާތްތަކުން ލިބެމުންދިޔަ ފުރައްސާރައާއި މަލާމާތާއި އާއިލާގެ މާލީހާލަތާއެކު އިމްތިޙާނުގެ ފަހު ދުވަސްތައް ހޭދަކުރީ ހާސްކަމާއި ކަންބޮޑުވުމުގެ ތެރޭގައެވެ. ހިތްދަތިވެގެން އެތައް ފަހަރަކު އޭނާ ރުޔެއެވެ. ބަސް ބުނަންޖެހޭ އެތައް ވަގުތެއްގައި ދޫ ބަންދުވެ މީހާ ގަޑުވި އެތައް ފަހަރެއް ދިޔައެވެ. މި ހުރިހާ ކަމަކުން ވެސް އޭނާ ވާގި އެދުނީ ﷲ ގެ ހަޒުރަތުންނެވެ.
ނައުމާ ބުނީ، ކިޔެވުމުގެ ކަންތައްތަކުގައި ސްކޫލަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިން ކަމަށެވެ. ހެނދުނާއި ހަވީރާއި ރޭނގަޑަކަށް ބެލުމެއްނެތި އެކްސްޓްރާ އެތަކެއް ކުލާހެއް ނަގައިދިނެވެ. މަންމަގެ ނަޞޭހަތާއި އޯގާތެރި ފިރުމުންތަކާއި އާއިލާގެ އެހީ އިންތިހާއަށް ލިބުނެވެ.
" މަންމަމެން އަބަދުވެސް އުއްމީދު ކުރި ރަނގަޅު ނަތީޖާއަކަށް. އެ ހުރިހާ ކަމެއްގެ ތެރޭގައި ހިތްވަރު ކޮށްފައި ނަތީޖާއަކަށް މަސައްކަތް ކުރީ އާއިލާއާއި މަންމަމެންގެ ޤުރުބާނިގެ އަގު އަދާކުރަން" އެ ހިސާބަށް ވާހަކަ ދިޔައިރު ނައުމާގެ އަޑުގައި ވަނީ ކުރެކި ވިއެވެ.
ނައުމާ ބުނީ، ކިޔެވުމުގައި އޭނާއަށް އެންމެ ކާމިޔާބު މޮޑެލަކީ ގުރޫޕް ސްޓަޑީއެވެ. ހިސާބު ޓީޗަރަކު ނެތި ދިޔަ އެތައް ދުވަހެއްގެ ފިލާވަޅު ފޫބައްދަން ވެސް އެންމެ ބޮޑު ފޯމިއުލާއަކަށް ވީ ގުރޫޕް ސްޓަޑީއެވެ. ޓީޗަރު ނެތްތައް ފޫބެއްދަން ދެން ކުރި ކަމަކީ ފިލާވަޅާ ގުޅުން ހުރި ވީޑިއޯތައް ހޯދައި އެ ބެލުމެވެ.
" އެކަކު އަނެކަކަށް ބުނެދީގެން ކުރިއަށް ދިއުމަކީ އެއީ ލިބޭ ހިތްހަމަޖެހުމެއް، ބޮޑު ލުޔެއް"
ނައުމާ ބުނީ، ސްކޫލަށް ދެވެން ހުރި ހުރިހާ އެހީތެރިކަމެއްދިން އިރު، އަތީފު ސަރގެ އެހީތެރިކަން ވަރަށް ބޮޑު ރޯލެއް އަދާކުރި ކަމަށެވެ.
އޮޔާއި ވަޔާދެކޮޅަށް ނައުމާ އެދެއްކި ހިތްވަރާއެކު، އޭނާގެ މިހާރުގެ އަމާޒަކީ ނަރުސްކަމެވެ. މޮޅު ނަރުހެއްގެ ގޮތުގައި ނަމޫނާ ދެއްކުމެވެ. އެއްވަނައިގެ ޚިދުމަތެއް ދިނުމެވެ.
ހިޔާލު