ދަނޑުވެރިކަމުގައި ކިހާދޫ ސްކޫލްގެ ފާރމިން ކުލަބުން ނަމޫނާ ދައްކަނީ

ދަނދުވެރިކަމަށް ދަރިވަރުން އަހުލުވެރިކޮށް އެމަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށް ބ. ކިހާދޫ ސްކޫލަކީ ނަމޫނާ ސްކޫލެކެވެ. ދަނޑުވެރިކަމުގެ މަސައްކަތް ކުރަނީ އެ ސްކޫލުގެ " ފާރމިންގ ކުލަބު"ންނެވެ. ކުރު މުއްދަތެއްގެ ތެރޭގައި އެ ކުލަބުގެ މެމްބަރުން ވަނީ ބައެއް ބާވަތްތަކުގެ ތަރުކާރީގެ ބާވަތްތައް ހައްދައި އެއިން ނަފާވެސް ހޯދާ، އެހެން ސްކޫލްތަކަށް ނަމޫނާ ދައްކާފައެވެ.

ޒަމާނީ ތަޢުލީމުގެ ތެރެއިން މަސައްކަތްތެރި ދަރިވަރުން ބިނާކުރުމަށް ކިހާދޫ ސްކޫލުން ފެށި މަސައްކަތް އަމަލީ ގޮތުން ވެސް ދަރިވަރުންގެ ފަރާތުން ދަނީ ފެންނަމުންނެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޒުބައިރު ވިދާޅުވީ، އަތޮޅުތެރޭގެ ސްކޫލްތަކުން ދަނޑުވެރިކަމަށް ކުދިންގެ ޝައުޤު އަނބުރާލުމަކީ އެއީ ކިޔެވުމުގެ އިތުރުން އެ ދަރިވަރުންނަށް ލިބޭ ވަރަށް މުހިންމު ދިރިއުޅުމުގެ ހުނަރެއް ކަމަށެވެ.

ފާރމިންގ ކުލަބުގެ މެމްބަރުންނަކީ އެ ސްކޫލްގެ ޕްރިފެކްޓް ބޯޑްގެ މެމްބަރުންނެވެ. ކުލަބުގެ މަސައްކަތް ފެށީ ދަނޑުވެރިކަމާ ގުޅޭ މައުލޫމާތު އެ ދަރިވަރުންނަށް ދިނުމަށްފަހުއެވެ.

" ހަނިމާދޫގައި ހުންނަ އެގުރިކަލްޗަރ ސެންޓަރުން ކަމުގެ ތަޖުރިބާކާރުން ގެނެސްގެން ދަރިވަރުންނަށް އެއް ދުވަހުގެ ވޯކްޝޮޕެއް ކުރިއަށް ގެންދިޔައީ. އޭގެ ތެރެއިން ދަސްކޮށް ދިނީ، ޕޮޓްގައި ގަސް އިންދާނެ ގޮތާއި، ފެނުގައި ގަސް އިންދާނެ ގޮތް" ޒުބައިރު ވިދާޅުވިއެވެ.

ޒުބައިރު ވިދާޅުވީ، އަމަލީ ގޮތުން ކުރާ މަސައްކަތްތަކަށް ބައެއް ދަރިވަރުންގެ ޝަޢުޤު މާ ބޮޑު ކަމަށެވެ.

ކިހާދޫ ސްކޫލް ފާރމިންގ ކުލަބުން ފުރަތަމަ ހެއްދީ ކޮޕީ ފަތާއި ކިއުކަމްބާއެވެ. އެ ދެބާވަތް ވަރަށް ކާމިޔާބު ކަމާއެކު ހެއްދިއެވެ. އޭގެ ނަތީޖާ ވެސް ރަނގަޅެވެ.

" ފުރަތަމަ ހެއްދި ކޮޕީ ފަތާއި ކިއުކަމްބާ. އޭގެ ނަތީޖާ ވަރަށް ރަނގަޅު" ޒުބައިރު ވިދާޅުވިއެވެ.

ކިއުކަމްބާއާއި ކޮޕީފަތް ވިއްކިއެވެ. ވިއްކައިގެން ލިބުނު ފައިސާ ބޭނުން ކުރަނީ ފާމިންގ ކުލަބުގެ އެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ.

" ދެމެހެއްޓެނެވި ގޮތެއްގައި ދަރިވަރުން ލައްވައި މިކަން ކުރުވޭނީ ހައްދައިގެން ލިބޭ އެއްޗަކުން، އެއީ ވެސް ދަރިވަރުންނަށް ދަސްކޮށްދޭންޖެހޭ ކަމެއް"

ކިއުކަމްބާއާއި ކޮޕީފަތުގެ އިތުރުން ފާރމިންގ ކުލަބުން ވަނީ ބައްޓާއި ޗައިނީސް ކެބެޖް ވެސް ހައްދަން ފަށާފައެވެ. ޗައިނީސް ކެބެޖް ހައްދަނީ އެ ސްކޫލްގައި ގާއިމް ކުރި ހައިޑްރޯފޯނިކްސް ސިސްޓަމްގެ އެހީގައި ފެނުގައެވެ.

ޒުބައިރު ވިދާޅުވީ، ދަނޑުވެރި ކަމުގެ މަސައްކަތް އެ ސްކޫލްގައި ފެށީ މާ ބޮޑު ޖާގައެއް އޮވެގެން ނޫނެވެ.

" މާބޮޑު ޖާގައެއް އޮވެގެން ނޫން މ މަސައްކަތް ފެށީކީ. ކުޑަތަންކޮޅަކުން ވެސް އެކަށީގެންވާ ފައިދާ ހުރި މަސައްކަތެއް ދަރިވަރުން ލައްވައި ކުރުވައި، އަމަލީ ތަޖުރިބާ ހޯދައި ދިނުން މުހިންމީ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *