ފޭދު ސްކޫލްގެ އެއްވަނަ ދަރިވަރު އަޝްހަމް: ހުރިހާ ޝުކުރެއް މަންމައާއި މުދައްރިސުންނަށް

ފާއިތުވި އަހަރު އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް އަޝްހަމް އާތިފު ހޮވައިފިއެވެ.

ރޭ އެ ސްކޫލްގައި ބޭއްވި އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތި ނަޞީރެވެ.

އަޝްހަމް ވަނީ ސާނަވީ އިމްތިޙާނުގައި ހަތް އޭ ސްޓަރއާއި އެއް އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ދެ ވަނަ ވެސް ހޯދާފައެވެ.

އަޝްހަމް ބުނީ، ފޭދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް ވުމުގެ އަޒުމް އަބަދުވެސް އޮތް ކަމަށާއި، އެ މަޤާމަށް ވާދަކުރާނެ އެއް ފެންވަރުގެ އެތައް ދަރިވަރުން ތިބި ކަމަށެވެ.

" އުއްމީދު ކުރި ނަމަވެސް އޮތް ވާދަވެރިކަން ބޮޑު" ދަރިވަރު ނޫހާ ވާހަކަ ދައްކަމުން އަޝްހަމް ބުންޏެވެ.

އަޝްހަމް ބުނީ، ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބުމުގައި ސާނަވީ އިމްތިޙާނުގެ ނަތީޖާއާއި އިތުރު ޙަރަކާތްތަކުގައި ކުރި މަސައްކަތް މުހިންމު ރޯލެއް އަދާކުރި ކަމަށެވެ.

އަޝްހަމް ބުނީ، އެންމެ އުނދަގޫވީ ދިވެހި މާއްދާ ކަމަށާއި، ސާނަވީގައި ލިބުނީ އުއްމީދު ކުރި ނަތީޖާ ކަމަށެވެ.

" ދިވެހިން އޭ އެއް ލިބިގެން ދެވަނައަށް ދިޔައީ. އެއީ މާކުރިން ވެސް އުއްމީދު ކުރެވުނު ނަތީޖާ"

އައްޑޫ ހައި ސްކޫލްގައި އޭލެވެލްއަށް މިހާރު ކިޔަވަމުންދާ އަޝްހަމް ބުނީ، ކިޔެވުމުގައި ކާމިޔާބު މީހަކަށް ވުމަށް ވަގުތަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި، ކިޔެވުމާ އެއްވަރަށް ކުޅިވަރު ކުޅުމާއި ހުސްވަގުތު ވެސް މުހިންމު ކަމަށެވެ.

" ވަގުތު ބަހާލުމަކީ ވަރަށް މުހިންމު ކަމެއް. މާގިނައިން ކިޔެވުމުގައި ވަގުތު ހޭދަކުރުމަކީ ވެސް ސިކުނޑިއަށް ބާރު ބޮޑުވާކަމެއް" އަޝްހަމް ބުންޏެވެ.

އަޝްހަމް ބުނީ، ކިޔެވުމުގައި އޭނާ ގެންގުޅުނު ފޯމިއުލާއަކީ ގިނަ ވެގެން މާއްދާއަކަށް 45 މިނިޓް ހޭދަކުރުން ކަމަށާއި، އިތުރު މާއްދާއަކަށް ވިސްނަނީ ވެސް ހުސްވަގުތު ކޮޅަކަށްފަހު ކަމަށެވެ.

އެކައުންޓިންގ އާއި ފައިނޭންސްގެ ދާއިރާއިން ކުރިއަށް ދިއުމުގެ ޢަޒުމުގައި ހުރި އަޝްހަމް ބުނީ، އެނާގެ ކާމިޔާބީގެ ހަޤީގީ ހިއްސާދާރަކީ މަންމަ ކަމަށެވެ. އެއަށްފަހު އޭނާއަށް ކިޔަވައިދިން ހުރިހާ ޓީޗަރުންނެވެ.

" ކާމިޔާބީގައި ބޮޑު ހިއްސާއަކީ މަންމަ. އެކަނިމާ އެކަނި މަންމަ ވި ޤުރުބާނީ ދެތިން ޖުމްލައިން ބަޔާނެއް ނުކުރެވޭނެ. އެއާއެކު ހުރިހާ ޓީޗަރުންނާއި ސްކޫލްގެ ވެސް ހިއްސާ ބޮޑު" ކާމިޔާބީން ހިތްވަރު ލިބި، އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއަކަށް އުއްމީދު ކުރަމުންދާ އަޝްހަމް ބުންޏެވެ.

" އަބަދުވެސް މަންމަ ހަނދާން ކޮށްދޭނޭ ޢަޒުމެއް ކަނޑައަޅައިގެން މަސައްކަތް ކުރަން. ނަތީޖާއަކީ މަންމަ އެ ދިން ނަޞޭހަތުގައި ހިފައިގެން ކަނޑައެޅި ޢަޒުމުގެ ނަތީޖާ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *