ބައްޕަ ބޭނުންވީ، ދަރިފުޅުގެ އަތުގައި ހިފައިގެން ހަވީރު ފިންޏަށް ހިނގާލަން ދާށެވެ. ދަރިފުޅު ބޭނުންވީ ބައްޕަ ގޮވައިގެން ރަށުގެ ބޮޑެތި މަގުތަކުގައި، ހަވީރުގެ ފިނީގައި، ދުއްވާލަން ދާށެވެ.
އެ އުއްމީދު ޙާޞިލްވި ވަގުތު ދެ ބަފައިންނަށް ވެސް ލިބުނީ ބޮޑު އުފަލެކެވެ. ފުރޮޅުލީ ގޮނޑީގައި ދެ ބަފައިން ގދ. ތިނަދޫގެ ތާރުއެޅި މަގުތަކުގައި، ހިތަކަށް ދުއްވަމުން ދިޔައިރު ފެނުނީ އެ ދެ ބަފައިންގެ ހިތުގައި އުފެދިފައި އޮތް ލޯތްބެވެ. ހިތާ ހިތުގެ ގުޅުމެވެ. އެ މަންޒަރު ބަލަން މަގުތައް މަތީ މީހުން ތިބީ އެހެންވެއެވެ.
އެކްސިޑެންޓެއްގައި ލިބުނު ބޮޑު އަނިޔާއާއެކު ތިނަދޫއަށް އުފަން އަހުމަދު އަފުރާހުގެ އުނަގަނޑުން ތިރީގެ ވާގި ދޫވިއެވެ. ލިބުނު އަނިޔާގެ ބޮޑުކަމުންނެވެ. އޭގެ ފަހުން ދެފައި މައްޗަށް ކޮޅަށް ތެދުނުވެވެއެވެ. ދެ ފައިގެ ބަދަލުގައި އޭނާއަށް ލިބުނީ ދެ ފުރޮޅެވެ. ފްރޮޅުލީ ގޮނޑީގައި އިނދެގެން އޭނާ ނުދާ ތަނެއް ނެތެވެ. ކުރިމަގުގެ މުސްތަޤުބަލް ކުރަހަމުން ދަނީ އެ ގޮނޑީގައި އިނދެގެންނެވެ.
އަފްރާހުގެ ހުރިހާ ވެސް އުއްމީދަކީ އޭނާގެ ދަރިފުޅު އައިކް އަހުމަދު އަފުރާހެވެ. ދަރިފުޅާއެކު ވަގުތު ހޭދަކުރެވޭ ކޮންމެ ފަހަރަކު އޭނާއަށް ލިބެނީ ބުނެދޭން ނޭނގޭ އެތައް އިހުސާސެކެވެ.
އައިކް ކިޔަވަނީ ފަރެސްމާތޮޑާގައި ހުންނަ ހުވަދޫ ސްކޫލުގެ ފަސްވަނަ ކުލާހުގައެވެ. އުމުރުރަކީ 11 އަހަރެވެ. ބައްޕައާ ބައްދަލުކުރަން އައިކް އަންނަނީ އާންމު ގޮތެއްގައި ހަފްތާ ބަންދު ދުވަސްތަކުގައެވެ. ކަނޑު ހުރަސްކޮށް އެކުރާ ދަތުރަށް ބައެއް ފަހަރު ބަދަލުތަކެއް އާދެއެވެ.
ފުރޮޅުލީ ގޮނޑީގައި ބައްޕަ އިންނަން ޖެހުމަކީ އެއީ އައިކްއަށް މައްސަލައެއް ނޫނެވެ. އޭނާ ބޭނުން ވީ ބައްޕަ ގޮވައިގެން ހަވީރު ފިނީގައި ދުއްވާލަން ދާށެވެ.
" އަބަދުވެސް ކިޔާނެ ބައްޕައާއެކު ބޭރަށްދާން ބޭނުމޭ، ދުއްވާލަން ދާން ބޭނުމޭ" އަފުރާހު ކިޔައިދިނެވެ.
އޭރު އެންމެ ގޮނޑިއެއް ހުންނާތީ އެކަން އޮތީ ނުކުރެވިފައެވެ. އެ ވާހަކަ ފަހުން އައިކް ވެސް ނުދައްކައެވެ.
އަފުރާހުއަށް އާ ގޮނޑިއެއް ލިބުނެވެ. ކުރިން ދުއްވި ގޮނޑި، ގޭތެރޭގައި ހުއްޓައި އައިކަށް ފެނުނެވެ. އެ ފެނިގެން އެއާ ގުޅޭ ގޮތުން އެތައް ސުވާލެއް އަފުރާއަށް ކުރިމަތި ކުރުވިއެވެ. އެ ބޭނުން ކުރާނެ ގޮތެވެ. ދުއްވާނެ ގޮތެވެ.

އެ ހުރިހާ ކަމެއް އަފުރާހު ދަސްކޮށްދިނެވެ. ފުރަތަމަ ދުއްވީ ގޭގެ ގޯތިތެރޭގައެވެ. އެއަށްފަހު އުއްމީދުތަކުގައި ކުލަޖައްސަން ދެ ބަފައިން ނުކުތީ ތާރު އަޅާފައިވާ ތިނަދޫގެ ބޮޑެތި މަގުތަަކަށެވެ.
މަގުތައް މަތީ ދެ ބަފައިން ދުއްވަމުން ދިޔައިރު ވެސް އަފުރާ ކިޔައި ދެމުން ދިޔައީ ގޮނޑި ދުއްވުމުގައި ގެންގުޅޭނެ ހަމަތަކާއި އުޞޫލުތަކެވެ. މަގުމަތީގެ އަދަބުތަކާއި ޓްރެފިކްގެ ޤަވާޢިދު ތަކެވެ.
" ދުއްވަމުން ދިޔައިރު ވެސް ސުވާލަކަށްފަހު ސުވާލެއް އާދޭ" އެ ހުރިހާ ސުވާލަކަށް އަފުރާހު ޖަވާބު ދެމުން ދިޔައީ ލޯތްބާއި އެކުގައެވެ. ބައެއް ފަހަރު ދަރިފުޅުގެ އަތުގައި ހިފާލައެވެ. ދެ ބަފައިންގެ މޫނުމައްޗަށް ވެރިވަމުން ދިޔައީ އުފާވެރި ކަމުގެ ކުލަތަކެވެ.
" ވަރަށް އުފާވި ވަގުތު ކޮޅެއް އެއީ. އެއީ އެތައް އިންތިޒާރެއްގެ ނިމުން" އެ ވާހަކަ ދަރިވަރު ނޫހާ ހިއްސާކުރަމުން ދިޔައިރު ވެސް އޭނާގެ އަޑުގައި ވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ.
" ކޮޅަށް ތެދުނުވެވުނަސް އިޙްސާސް ކުރެވުނީ، ދަރިފުޅުގެ އަތުގައި ހިފައިގެން ހަވީރު ފިންޏަށް ރަށުތެރެ ބަލައިލަން ދެވުނުހެން"
advertisment
ހިޔާލު