އެއްދަންފަޅި ސްކޫލްގެ ތަޖުރިބާ ކިހިނެއް؟

" ނުނިމި ހުންނަ ފިލާވަޅުތައް ގެއަށް ގެންދަން ޖެހެނީ ވަރަށް މަދުން. ފަތިހު ހޭލައިގެން ކަސްރަތަށްފަހު، ކުލާހަށް ދެވޭތީ، އެދުވަހަކީ ވަރަށް ހަރަކާތްތެރި ދުވަހަކަށްވޭ " އެއްދަންފަޅިއަށް މި އަހަރު ބަދަލު ކުރި ސްކޫލެއްގެ ދަރިވަރު އަހުމަދު އަލީ އޭނާ ކުރަމުން ދިޔަ ތަޖުރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ.

އަލީ ފަދަ އެތަކެއް ކުދިންނެއް މިއަދު ދަނީ އެއް ދަންފަޅިއަށް ކިޔެވުން ބަދަލު ކުރުމުގެ ނަތީޖާއާ މެދު ހިނިތުން ވަމުންނެވެ. އެއް ދަންފަޅީގެ ސްކޫލްގެ ތަޖުރިބާއާ ގުޅޭ ގޮތުން ތ، ކިނބިދޫ ސްކޫލާއި، މ. މުލަކު ސްކޫލުން ވަނީ ޚާއްޞަ ވީޑިއޯ އެއްވެސް ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި ކިނބިދޫ ސްކޫލްގެ އައިޝަތު ޝައުރާ ބުނީ އެއް ދަންފަޅިއަށް ބަދަލު ކުރުމުން ގޭގައި ހަދަންޖެހޭ ފިލާވަޅުތައް މަދުވެ، ފިލާވަޅާ ގުޅޭގޮތުން ޓީޗަރުންނާއެކު ވާހަކަ ދައްކަން ލިބޭ ވަގުތު އިތުރުވެގެން ދިޔަ ކަމަށެވެ. އަދި ފިލާވަޅުތައްވެސް މުދައްރިސް ކައިރީގައި އިނދެގެން ހެދޭތީ ހިތްހަމަ ޖެހޭ ކަމަށެވެ.
ކިނބިދޫ ސްކޫލްގެ ޓީޗަރު، އަބްދުލް ލަތީފު އަބްދުﷲ ވިދާޅުވީ އެއްދަންފަޅި ސްކޫލެއްގެ ގޮތުގައި އެ ސްކޫލުން ކުރީ ވަރަށް ކާމިޔާބު ތަޖުރިބާއެއް ކަމަށެވެ. ސެޝަނުގެ ތެރޭގައި، ޓީޗަރުން އެއްތަނެއްގައި ތިބެ މަޝްވަރާކޮށްގެން މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިންމާލެވޭ ކަމަށެވެ.


ކިނބިދޫ ސްކޫލްގެ ދަރިވަރުން އާރޓްގެ މަސައްކަތެއްގައި

" ކުރިން ޓީޗަރުން މަސައްކަތް ނިންމަން އަންނަނީ އެކި ގަޑިގަޑީގައި. މިހާރު ސެޝަނުގެ ތެރޭގައި ޓީޗަރުން އެއްތަނެއްގައި ތިބެ މަޝްވަރާކޮށްގެން މަސައްކަތުގެ ބޮޑު ބައެއް ނިންމާލެވޭ. ފިލާވަޅުތައް ނަގައި ދޭން ވެސް އެކްސްޓްރާ ކުލާސްތައް ބާއްވަންޖެހޭ. އަދި މަސައްކަތް ނުނިންމާ ކުދިން މަޑުކުރުވައިގެން މަސައްކަތް ނިންމުވަނީ. އަކަމަކު މިހާރު އެއްދަންފަޅިއަށް ގެންދާއިރު އެންމެ ފަހު ދެ ގަޑި ލިބޭ އިތުރު އެހީ ބޭނުންވާ ކުދިންނަށް އެހީ ފޯރުކޮށްދިނުމަށް، އަދި މަސައްކަތް ނުނިމި ތިބޭ ކުދިންގެ މަސައްކަތް ނިންމުމަށް" އަބްދުއް ލަތީފު ވިދާޅުވިއެވެ.

އެ ސްކޫލްގެ އެހެން ޓީޗަރެއް ކަމުގައިވާ ފަތުހުއްﷲ އަބްދުއްﷲ ވިދާޅުވި ގޮތުގައި އެއް ދަންފަޅިއަށް ބަދަލުކޮށް، ކިޔަވައިދޭން ފެށުމުން ގިނަ ކުދިން ފަތިސް ނަމާދަށް އަރާކަން ފާހަގަކުރެވުނެވެ. ދަރިވަރުން ހެނދުނު އައިސް ކަސްރަތު ޕްރޮގްރާމުގައި ބައިވެރިވުމުން ކުލާހަށްއަންނަ އިރު ނިދި ފިލާފައި ހުންނަކަށް ފާހަގަ ކުރެވެއެވެ.

ކިނބިދޫ ސްކޫލްގެ ބެލެނިވެރިއެއް ކަމަށްވާ އާމިނަތު އަސްމާ ބުނި ގޮތުގައި އެއް ދަންފަޅިއަށް ކިޔަވައިދޭން ފެށިފަހުން އޭނާގެ ދަރިފުޅު ކުރިއާ އަޅާބަލާއިރު ހަރަކާތްތެރިކަން ފާހަގަ ކުރެވެއެވެ. " ފަތިސް ނަމާދަށް ހޭލައިގެން ކުޅިވަރަށް ދިއުމުން ކުރިއަށްވުރެ ދަރިފުޅު އެކްޓިވް ކަން ފާހަގަކުރެވޭ. ކިޔެވުމަށް ޝައުގު ހުންނަކަން ވެސް ފާހަގަކުރެވޭ " އަސްމާ ބުންޏެވެ.

މުލަކު ސްކޫލްގެ ބެލެނިވެރިއެއް ކަމުގައިވާ އިބްރާހިމް ލަތީފު ބުނީ އެއްދަންފަޅިއަށް ކިޔަވައިދޭ ވާހަކަ އަޑު އިވުނުއިރު، އޭގެ މާ ގިނަ މައުލޫމާތެއް ނުލިބޭކަމަށާއި، ކުރިން ތިބީ ވާނުވާގައި ކަމަށެވެ. ނަމަވެސް ކިޔަވައިދޭން ފެށުމާއެކު ކުއްޖާއަށް އަންނަ ބަދަލު ކައިރިން ފެންނަމުންދާ ކަމަށެވެ.

" އެއް ދަންފަޅިއަށް ބަދަލުކޮށް، މަސައްކަތްތައް ދަސްކޮށްދޭން ފެށުމުން އާންމު ދިރިއުޅުމުގެ ހުނަރު ދަސްވެގެން އެބަދޭ. ނާސްތާ ޕްރޮގްރާމް ފެށުމުން ކުދިންގެ އުޅުމަށް އަންނަ ބަދަލު ބެލެނިވެރިޔާއަށް ވެސް ފާހަގަކުރެވޭނެ" ލަތީފު ކިޔައިދިނެވެ.


މުލަކު ސްކޫލްގެ ދަރިވަރުންތަކެއް އާރޓްގެ މަސައްކަތެއްގައި

ރާއްޖޭގައި ސަރުކާރުން ހިންގާ 213 ސްކޫލްތަކުގެ ތެރެއިން އެއްދަންފަޅިއަށް ކިޔަވައި ދެމުން ގެންދަނީ 151 ސްކޫލް ގައެވެ. އެއްދަންފަޅިއަށް ސްކޫލް ހިންގުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ އެންމެ ބޮޑު އެއް އަމާޒެވެ. މި އަމާޒަށް ވާސިލް ވުމަށްޓަކައި ރާއްޖޭގެ އެކި ސްކޫލްތަކަށް 838 ކުލާސް ރޫމް އިތުރު ކުރަން ޖެހެއެވެ. މިކަމަށް 237.9 މިލިއަން ރުފިޔާ ޚަރަދުވެއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައި ވަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއްގައި ތިބޭނީ 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ދަރިވަރުންނެވެ.

މާލޭ ސަރަހައްދުގައި، އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލަކަށް ވާނީ ކުރީގެ އެމްއީއެސް އިމާރާތުގައި އަންނަ އަހަރު ފަށާ އިއްޒުއްދީން ސްކޫލެވެ. މާލެ ހިމެނޭ ސަރަހައްދުގައި ހުރި 13 ސްކޫލް އެއް ދަންފަޅިއަށް ބަދަލުކުރަން އަދި އިތުރު 10 ސްކޫލް ބޭނުންވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *