ފާއިތުވި ހަ މަހެއްހާ ދުވަހުގެ ތެރޭގައި ގދ. ތިނަދޫގައި ބޭއްވި އެތްލެޓިކްސް ދެ މުބާރާތުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ހޯދި ނަތީޖާގައި ބޮޑު ތަފާތުތަކެއް ވެއެވެ. ތިނަދޫ ކައުންސިލުން ބޭއްވި މުބާރާތަށްވުރެ، މަކިޓާ ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި އެ ސްކޫލުގެ ވިދުން މާ ބޮޑަށް ވެސް ގަދަވިއެވެ. އެ ސްކޫލްގެ ކާމިޔާބާ ގުޅިފައި ވަނީ ސާދަ އަހަރުގެ މެދުކެނޑުމަކަށްފަހު، އެ ސްކޫލާ ގުޅިވަޑައިގެންނެވި މުޙައްމަދު އިބްރާހިމް ދީދީ (ޑީޑީ ސަރ)އާ އެވެ. ދެ މުބާރާތުން ހޯދި ކާމިޔާބީގައި ތަފާތު ދެއްކީ އެހެންވެއެވެ. އޭނާއަކީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކޯޗެވެ. ކުޅިވަރުގެ އެންމެ އިސް މުދައްރިސެވެ.

"ޑީޑީ ސަރ އާއެކު އެތްލެޓިކްސްގެ ރަންޒަމާން އިއާދަ ކުރެވޭނެ. ތިނަދޫގައި ބޭއްވި ދެ މުބާރާތުން ހޯދި ކާމިޔާބީގެ ތަފާތުން ވެސް އެކަން ސާބިތުވެއްޖެ" ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް އިސްމާއިލް ސަޢުދުﷲ ކުރުކޮށް ވިދާޅުވިއެވެ.
ޑީޑީ ސަރ އަކީ އެތްލެޓިކްސްގެ އިތުރުން ގިނަ ކުޅިވަރު ތަކެއްގައި ދެވަނައެއް ނެތް ކޯޗެކެވެ. އޭނާ ވަނީ ޏ. އޭއީސީގެ އިތުރުން އެތައް ސްކޫލަކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެއްވުމުގައި މީގެ ކުރިން ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ކުޅިވަރުގައި ނަމޫނާ އެތްލީޓެއް، ކޯޗެއް
ރަށުގައި ކިޔަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ކުޅިވަރުގެ ތެރޭގައި އުޅުއްވިއެވެ. އިންޓަރނޭޝަނަލް ޗިލްޑްރަންސް އިޔަރގައި 1979 ގައި މުޅި ރާއްޖެއިން ހުޅުވާލައިގެން ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި އަތޮޅު ތަމްސީލު ކުރަން ދިޔަ ހަތަރު ކުދިންގެ ތެރޭގައި ހިމެނިވަޑައިގަތެވެ.

އޭގެ ފަހުން، މާލޭގެ އެމްއީއެމްސް ސްކޫލަށް ކިޔަވަން ދަމުން، ޒުވާނުންގެ މަރުކަޒުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ވެސް ބައިވެރިވެ ކަންކަމުގައި އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެއްޓެވިއެވެ. ޓީޗަރެއްގެ ގޮތުގައި ފުރަތަމަ މަސައްކަތްކުރަން ފެއްޓެވީ 1987 ވަނަ އަހަރު އޭރު މާލޭގައި ހުރި އެންމެ މަޝްހޫރު ޓިއުޝަން ސެންޓަރު، މަޖީދުގެއިންނެވެ. އޭގެ ފަހުން ކިޔަވައި ދިނުމުގެ ތެރެއިން އުފެދުނު ޝައުޤުވެރިކަމުގައި ޓީޗިންގ ހައްދަވާ ކަލާފާނު ސްކޫލާ ގުޅިވަޑައިގަތެވެ.

އެތްލެޓިކްސް ކޯޗިންގއަށް ވެންނެވީ ކަލާފާނު ސްކޫލްގައި މަސައްކަތް ކުރެއްވި ދުވަސްވުރުގައެވެ. ކަލާފާނު ސްކޫލްގައި ކިޔަވައި ދެއްވަމުން ކުޅިވަރުގެ އެންމެ އިސް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

" އޭރު އަމާޒުކޮށްފައި އޮތީ ޕްރައިމަރީ ހުރިހާ މުބާރާތެއްގެ ފުރަތަމަ ތަށި ކަލާފާނަށް ގެންދަން. ހުރިހާ ކުޅިވަރެއްގަވެސް ފުރަތަމަ ތަށި ހުންނާނީ ކަލާފާނުން ގެންގޮސްފައި. 1991 ގައި ބޭއްވި އެތްލެޓިކްސް މުބާރާތުން ކަލާފާނަށް 56 ގޯލްޑް މެޑަލް ހޯދައިދިނިން. އެކި ޢުމުުރުފުރާ ތަކުން ވެސް އޭރު ޗެމްޕިއަން އަކީ ކަލާފާނު" ކަލާފާނަށް ހޯއްދައިވައި ދެއްވި ކާމިޔާބީތައް ހިއްސާ ކުރެއްވިއެވެ.
ބެޑްމިންޓަން ކުޅުއްވުމަކީ ޑީޑީ ސަރ ވަރަށް ޚާއްޞަ ޝައުވެރިކަމެއް ބަހައްޓަވާ ކުޅިވަރެކެވެ. މިކުޅިވަރު ކުޅުއްވުމަށް ޖަޕާނުގެ ކޯޗެއްގެ ކައިރިން ތަމްރީނު ހޯއްދެވިއެވެ. ޒުވާނުންގެ ގައުމީޓީމަށް ކުޅުއްވިއެވެ. އަދި ބެޑްމިންޓަންގެ ގައުމީ މުބާރާތުގައި 1984 އިން 1987 އާ ދެމެދު ކުޅުއްވިއެވެ. އަމީނިއްޔާ ސްކޫލާއި އަޙްމަދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބެޑްމިންޓަން ކޯޗެއްގެ ގޮތުގައި ތަމްރީނު ދިނުމުގެ މަސައްކަތް ވެސް ކުރެއްވިއެވެ. ބެޑްމިންޓަންގެ އިތުރުން ފުޓްބޯޅަ ވެސް މޮޅަށް ކުޅުއްވިއެވެ. ފުޓްބޯޅައިގެ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޜަންގައި ނިއު ފްރެންޑްސް ކުލަބަށް ކުޅުއްވިއެވެ.

2011 ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކަށް، ރާއްޖެ ތަމްސީލުކުރުމަށް ހަތަރު ކުދިން ގޮވައިގެން ގޮސް، ތިން ރަން މެޑަލާއި ރިހި މެޑަލަކާއި ލޯ މެޑަލެއް ހޯއްދެވިއެވެ. 2012 ވަނަ އަހަރު ސްޕެޝަލް އޮލިމްޕިކްސް ކޮންމެ ޤައުމަކުން އެކަކަށް ދިން ފުރުސަތެއްގައި، ނެޝަނަލް ސްޕޯޓްސް ޑައިރެކްޓަރ ކޯސް އިންޑިޔާގެ ޗެންނާއީން ފުރިހަމަ ކުރެއްވިއެވެ. 2016 ވަނަ އަހަރު ޖަރުމަނުން ހިންގި، ހައިލެވެލް ސްޕްރިންޓް ކޯހެއް ފުރިހަމަ ކުރެއްވިއެވެ. ކުޅިވަރުގެ ޤައުމީ މަޖްލިސްގެ މެމްބަރެއްގެ ގޮތުގައި ވެސް ޑީޑީ ސަރ، މަސައްކަތް ކުރެއްވިއެވެ.
ފުވައްމުލަކުގައި ކުޅިވަރުގެ ރޫޙް އާލަކުރެއްވި
ފުވައްމުލަކުގައި ބޭއްވުނު އެންމެ ފުރަތަމަ ވޮލީ މުބާރާތް ހިންގުމުގެ އިތުރުން ޓެކްނިކަލް ހުރިހާ މަސައްކަތެއް ކުރެއްވީ ވެސް ޑީޑީ ސަރއެވެ. އެދުވަސް ވަރަކީ ޒުވާނުންގެ މަރުކަޒެއް ހުންނަ ދުވަސްވަރެއް ނޫނެވެ. ޔޫތު މިނިސްޓްރީން ކޮންމެ އަތޮޅެއްގައި ފޯކަލް ޕޮއިންޓެއް ބެހެއްޓިއެވެ. ފުމައްމުލަކުގެ ފޯކަލް ޕޮއިންޓަކީ ޑީޑީ ސަރއެވެ. ޔޫތު މިނިސްޓްރީ މެދުވެރިކޮށް 1999 ވަނަ އަހަރާއި 2000 ވަނަ އަހަރު ހިންގި ހުރިހާ ހަރަކާތް ތަކެއްގެ ފޯކަލް ޕޮއިންޓަކީ ވެސް ޑީޑީ އެވެ. އެގޮތުން ހިންގުނު ބައެއް ހަރަކާތްތަކުގެ ތެރޭގައި ފުވައްމުލަކު އަންހެނުންގެ ލީގާއި، އެތުލެޓިކްސް ނެޝަނަލް ޓެކްނިކަލް ކޯހާއި، ވޮލީ ރެފްރީ ކޯހާއި، ވޮލީ ޓްރެއިނިން ޕްރޮގްރާމް ތަކާއެކު، ޖަމްއިއްޔާ ތައް ހިންގުން ހަރުދަނާ ކުރުމާއެކު ޕްރޮޕޯސަލް ހަދައިގެން ގިނަ ހަރަކާތްތަކެއް ފުވައްމުލަކުން ކާމިޔާބު ކުރެއްވިއެވެ.
ކުޅިވަރުގެ މައިދާނުގައި އޭރު ފުވައްމުލަކު ހާލަތު ވަނީ ތަޅާފޮޅުމާއި މެޗު ދޫކުރުމުގެ ނޭދެވޭ ސަޤާފަތެއްގެ ތެރޭގައެވެ. މީގެ ނޭދެވޭ އަސަރު ސްކޫލް މުބާރާތްތަކަށް ވެސް ކުރިއެވެ. ނަމަވެސް ޑީޑީ ސަރގެ ބެއްލެވުމުގެ ދަށުން ކުޅިވަރު ހަރަކާތްތައް ގެންދަން ފެށުމަށް ފަހު، އެފަދަ އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ.
ގަވާއިދު ތައް ހަރުދަނާ ވުމާއި، ކުޅިވަރުގެ ގަވާއިދުތައް ޒުވާނުންނަށާއި ދަރިވަރުންނަށް ކިޔާދީ ވިސްނާ ދިނުމުގެ ނަތީޖާ އެއްގެ ގޮތުން މުޅި ރަށުން އެކަން ބަދަލުވެގެން ދިޔައެވެ. އެއާއެކު ކުޅިވަރުގެ މައިދާނަށް ބޮޑު އިންގިލާބެއް އައި ކަހަލަ އެވެ. ފުވައްމުލަކުގައި ބޭއްވުނު ކުޅިވަރު ގިނަ މުބާރާތް ތަކެއްގެ ޓެކްނިކަލް ހުރިހާ މަސައްކަތެއް ވެސް ގެން ދިޔައީ ޑީޑީ ސަރގެ ބެއްލެބުމުގެ ދަށުންނެވެ. މިހެންވެ ފުވައްމުލަކުގައި ޑީޑީ މަޝްހޫރު ވެފައި ވަނީ " ފުވައްމުލަކުގެ ޒާހިރު ނަސީރު" ގެ ނަމުންނެވެ.
ޏ. އޭއީސީއަށް ރަންޒަމާން ގެނެވިދާނެ؟
ކަލާފާނު ސްކޫލްގައި ފަސް އަހަރު ހޭދަކުރެއްވުމަށްފަހު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ބަދަލުވެވަޑައިގެންނެވީ 1995 ވަނަ އަހަރުގައެވެ. އެ އަހަރުން ފެށިގެން 2008 އާ ހަމައަށް އެ މަރުކަޒުގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
އެތްލެޓިކްސްގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް "ރަން" އަހަރު އަންނަން ފެށީ ޑީޑީގެ ބެއްލެވުމުގެ ދަށުގައި އެ މަރުކަޒުގެ ދަރިވަރުން އެތްލެޓިކްސްއަށް ތަމްރީނު ކުރަން ފެއްޓެވި ހިސާބުންނެވެ. އެ މުއްދަތުގެ ތެރޭގައި 1997ގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒު "އެކިޑަން ރޯޑް ރިލޭ" އިން ފިރިހެނުންގެ ކެޓަގަރީން ޗެމްޕިއަން އަންހެން ކެޓަގަރީން ރަނަރަޕް ހޯދައިދެއްވިއެވެ. 1998 ގައި ސ. ފޭދޫގައި ބޭއްވި އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުން 34 ތަށި ލިބިފައިވެއެވެ.

މާލޭ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތުގައި އެންމެ ފުރަތަމަ ރާއްޖެތެރޭގެ ސްކޫލަކަށް ޗެމްޕިއަންކަން ނެގީ ޏ އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ފިރިހެން ކުދިންގެ ބައިން މަޖީދިއްޔާއާ ވާދަކޮށެވެ. އޭރު އޮންނަނީ މާލޭ އިންޓަރ ސްކޫލް މުބާރާތަކާއި އިންޓަރ އެޓޯލް މުބާރާތެކެވެ. މާލޭގެ މުބާރާތުގައި އަތޮޅު ތަކުން ވެސް ބައިވެރިވެއެވެ.
ރާއްޖޭގެ ދެކުނާއި މާލެ، އަދި އެހެނިހެން ސަރަޙައްދު ތަކުގައި ބޭއްވި ގިނަ އެތްލެޓިކްސް މުބާރާތްތަކުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ޑީޑީ ސަރގެ މޭސްތިރި ކަމުގެ ދަށުން އެތަކެއް ކާމިޔާބެއް ހޯއްދެވިއެވެ. އޭރު އެ ސްކޫލްގެ ނަން އޮތީ މުޅި ރާއްޖެއަށް ފެތުރިފައެވެ.
ޑީޑީ ސަރގެ ކުޅިވަރުގެ ޙަޔާތަށާއި ކޯޗިންގ ކެރިއަރއަށް ހީނަރުކަން އައީ 2008 ވަނަ އަހަރު ހާފިޒު އަޙުމަދު ސްކޫލަށް ބަދަލުކުރެއްވި ފަހުންނެވެ. އެ ސްކޫލްގައި މަސައްކަތް ކުރެއްވީ ކިޔަވައި ދެއްވުމުގެ ތެރޭގައެވެ.

ސާދަ އަހަރުގެ މެދުކެނޑުމަކަށްފަހު، ޑީޑީ ސަރ މިހާރު މަސައްކަތް ކުރައްވަނީ ޏ. އަތޮޅު ތަޢުލިމީ މަރުކަޒުގައެވެ. ކުޅިވަރުގެ އެންމެ އިސް މުދައްރިސެއްގެ ގޮތުގައެވެ. ސުވާލަކަށް ވަނީ އެތްލެޓިސްގެ ރަންޒަމާން ޏ. އަތޮޅު ތަޢުލީމީ މަރުކަޒަށް ގެނެވިދާނެ ހެއްޔެވެ؟ އެ ސުވާލަށް ޑީޑީ ސަރ ދެއްކެވީ ނިމިގެން ދިޔަ މުބާރާތުގެ ނަތީޖާގެ ވާހަކައެވެ.
ތިނަދޫ ގައި ބޭއްވި ދެ މުބާރާތަށް ބަލަމާ ހިންގާށެވެ. ދެ މުބާރާތަށް ބަލާއިރު، ފަހުން ބޭއްވި މަކިޓާ ޔޫނިރސް އެތްލެޓިކްސް މުބާރާތުން ބޮޑު ތަފާތަކުން ކުރި ހޯދިއިރު، ކޮންމެ އޭޖް ކެޓަގަރީ އަކުން ކާމިޔާބު ހޯދީ ސަތޭކައިގެ ބޮޑު ތަފާތަކުންނެވެ.

" ކޯޗުންގެ ސްޓައިލާއި ޓެކްނިކްސްއަށް ބަލާއިރު ގިނަ ފަހަރަށް މަސައްކަތް މި ކުރެވެނީ ކުދިންގެ ސްކިލް ރަނގަޅު ކުރުމަށްވުރެ މުބާރާތައް. ފާހަގަ ކުރެވުނީ ސްކިލްސް ދަށްކަމަށް. އިންޓަރ ނޭޝަނަލް ލެވެލްގައި ވާދަކުރެވޭ ކުދިންނަށް ހެދުމަށްޓަކައި ޕްލޭނެއްގެ ދަށުން ޓްރެއިނިންގ ދެވެން ޖެހޭ. މުބާރާތުން ކުއްޖާއަށް ވަނަ ހޯދައި ދިނުމަށްޓަކައި ތަފާތު ކޯޗުން ތަމްރީނު ދޭ ގޮތުން ކުއްޖާ ހަލާކުވެގެން ދަނީ" ޑީޑީ ސަރ ވިދާޅުވިއެވެ.
ޑިޑީ ސަރގެ ތަޖުރިބާއާއި ހޯދައި ދެއްވާފައިވާ ވަނަ ތަކަށް ބަލާއިރު، ޕްރިންސިޕަލް ފާހަގަކުރެއްވި ގޮތަށް ކުރިއަށް އޮތީ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ރަންޒަމާނެއެވެ. އެއަށް އެކަކު ވެސް ދެބަހެއް ނުވާނެއެވެ.
advertisment
2 Responses
ޑީޑީ އަކީ އަޚްލާގު ރަނގަޅު، ހިތްތިރި، އެންމެނައްވެސް ލާމަސީލު ނަމޫނާ އެއް.
ޑީޑީ އަކީ ވަރަށް ހިތްތިރި ބޭފުޅެއް