ވޮލީގައި ގޮއިދޫ ސްކޫލް ވަރެއް ނެތް؟

ކޮންމެ އަހަރެއްގައިވެސް " ކަލަރސް އެވޯޑް" އަކީ ބ. ގޮއިދޫ ސްކޫލަށް ވަރަށް ޚާއްޞަ އެވޯޑެކެވެ. މިއަހަރު ބޭއްވި އެވޯޑް ނައިޓްގައި އެ ސްކޫލްގެ އަށް ދަރިވަރަކަށް ވޮލީން ޓްރޮފީ ލިބުނެވެ. މިއީ އެ ސްކޫލުގެ ދަރިވަރުންނަށް ޖައްސަޖައްސައިގެން ވޮލީން ޓްރޮފީ ލިބޭތާ ހަ ވަނަ އަހަރެވެ. އެ ސްކޫލަށް މި އެވޯޑް ޚާއްޞަވާ އެހެން ސަބަބެއްވެސް ވެއެވެ. އެއީ އިންޓަރސްކޫލް ފެންވަރުގައި އެ ސްކޫލުން ބައިވެރިވާ ހަމައެކަނި މުބާރާތުން އެ ސްކޫލްގެ ދަރިވަރުން ވިދާލާތީއެވެ.

ގޮއިދޫ ސްކޫލްގެ ކާމިޔާބީގެ ފަހަތުގައި ހުންނެވި އެންމެ އިސްފަރާތަކީ އެ ސްކޫލްގެ ޕްރިންސިޕަލް މުހަންމަދު ނިޒާމެވެ. ކުދިން ގޮވައިގެން ނަތީޖާ ނެރެމުންދާ ކޯޗަކީވެސް އެއީއެވެ. ފާއިތުވި ހަ އަހަރު އިންޓަރ ސްކޫލް ވޮލީގެ އެންމެ މޮޅު ކޯޗަކީވެސް އޭނާއެވެ. ވޮލީ ކޯޗިންގ ސެޓްފިކެޓް އޮންނަ ނިޒާމު ނެރެދިން އެތައް ކުދިންނެއް ދަނީ ގައުމީ ފެންވަރުގައި ވޮލީ ކުޅެމުންނެވެ. މީގެ ތެރޭގައި ގައުމީ ވޮލީބޯޅަ ޓީމުގައި ހިމެނޭ ދެ ޖިންސްގެ ޒުވާނުން ހިމެނެއެވެ.

ނިޒާމު ވިދާޅުވީ އޭނާ ގޮއިދޫ ސްކޫލާ ހަވާލުވިއިރު، އެ ސްކޫލްގެ ނަތީޖާ ރަނގަޅެއް ނޫނެވެ. އެހެން ދިމާވީ ސްކޫލްގައި ތިބޭ އެންމެ މޮޅެތި ކުދިން މާލެއަށް ނޫނީ އަތޮޅުގެ އެހެން ރަށްރަށް ކިޔަވަން ބަދަލުވަމުން ދިއުމުންނެވެ. ސްކޫލާމެދު ކުދިން ދެކޭގޮތް ނިޒާމް ބަދަލުކޮށްލެއްވީ ކުޅިވަރުގެ ތެރެއިންނެވެ. ކުޅިވަރަށް ޝައުގުވެރި ޒުވާނުން ތަކެއް ދިރިއުޅޭ ގޮއިދޫގެ ސްކޫލްގައި ގިނަ ކުޅިވަރުތަކެއް ތަޢާރަފުކޮށް ކުދިންނަށް ކުރިއަށް ދެވޭނެ މަގު ފަހިކުރުމުގެ ނަތީޖާއަކީ ކިޔަވަން ރަށްރަށަށް ދާ ކުދިން މަދުވެ ސްކޫލްގެ ފެންވަރު މަތިވުމެވެ. ހޯދަމުންދާ ކާމިޔާބީތައް އިތުރުވުމެވެ.
" އަޅުގަނޑަށް މިހާތަނަށް ދަސްވި އެއްޗަކީ ކުޅިވަރުގެ ތެރެއިން ކުދިން ސްކޫލާ ދޭތެރޭ ޝައުގުވެރިވާކަން" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިންޓަރ ސްކޫލް ފެންވަރުގައި ބާއްވާ ގިނަ މުބާރާތްތަކެއްގައި ބައިވެރިވާނެ ހުނަރުވެރި ކުދިން އެ ސްކޫލްގައި އެބަތިއްބެވެ. އެހެން ނަމަވެސް މާލޭގައި ބާއްވާ މުބާރާތްތަކުގައި ގިނަ ކުޅިވަރުތަކުން ބައިވެރިވުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. އެހެންވެ އެ ސްކޫލުން ބަލަނީ ކޮންމެވެސް އެއް ކުޅިވަރެއްގައި ބައިވެރިވެ އެ ކުޅިވަރަކުން ކާމީޔާބީއެއް ހޯދުމެވެ.
" މާލޭގައި ގޮސް ތިބެން އެކޮމޮޑޭޝަން ބްލޮކެއް ނުލިބޭ. ތިބެންޖެހެނީ ޖާގައިގެ ގޮތުން އެކަށީގެންވާ ތަނެއްގައެއް ނޫން. ތިބެންޖެހެނީ ކޮޓަރިއެއްގައި، ޓީމުއެކީގައި ކަހަލަ ގޮތަކަށް. މިހެން ތިބެގެން ދެއިރު ޕްރެކްޓިސްކުރަން ދަނީ" ނާޒިމް ވިދާޅުވިއެވެ. " އަނެއް ކޮޅުން ޚަރަދަށް ބަލަންޖެހޭ. އަޅުގަނޑުމެން ދަނީ ރަށުން ގޮދަނޑިއާ ބާލީސްވެސް ހިފައިގެން. ނުވިތާކަށް ދޮންނަމެށިނާއި އައިސްއަލަމާރިވެސް "

ނާޒިމް ވިދާޅުވީ އެ ސްކޫލުން ބައިވެރިވަނީ ނަތީޖާ ހޯދަން ކަމަށާއި، ނަތީޖާ ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
" އެންމެ ކުޅިވަރަކަށް ޓާގެޓްކޮށްގެން މި ދަނީވެސް މުބާރާތް ކާމިޔާބު ކުރަން. އިރާދަކުރެއްވިއްޔާ އެކަން ވޭތުވެދިޔަ ހަ އަހަރު ކާމިޔާބު ކުރެވިއްޖެ" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ޕްރިންސިޕަލް ކޯޗަކަށް ހުންނައިރު، ކުދިން ޕްރެކްޓިހަށް ދޭ ސަމާލުކަން އިތުރުވެ، ކުރާ މަސައްކަތް އިތުރުވާކަން ފާހަގަ ކުރެވޭ ކަމަށެވެ.

" ސަކަރާތެއް ޖަހާކަށް ގިނަ ފަހަރަށް ނުކެރޭނެ. ޕްރެކްޓިހަށް ގަވާއިދުން އަންނާނެ. އަދި ޝަޢުޤުވެރިކަމާއެކު މަސައްކަތް ކުރޭ"

ނާޒިމްގެ އުއްމީދަކީ ވޮލީން ހޯދި ކާމިޔާބީ އަންނަ އަހަރުވެސް ދިފާއު ކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *