ނާއިޝް: އިވުމުން މަޙްރޫމް ވިޔަސް ކުލަފިހިން ކިޔައިދޭ ވާހަކަތައް ގިނަ

ފްރޭމެއްގައި، ޤުރުޢާނުގެ ހަތަރު ސޫރަތެއް ވަށްބުރަކަށް ކުރެހީ، އެ ފްރޭމް ވިކިދާނެ ކަމަށް އުއްމީދުކޮށްގެން ނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ދައްކާލަން ޚާއްޞަ ކޮށްގެން ބޭއްވި "ރިވެލި" މައުރަޒުގައި ބައިވެރިކުރި އެ ކުރެހުން ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިގެންނެވުމަކީ އެއީ ޖަމާލުއްދީން ސްކޫލްގައި ކިޔަވަމުންދާ ހުސައިން ނާއިޝްއަށް ލިބުނު އުފަލެކެވެ. ބޮޑު ހިތްވަރެކެވެ. އަޑުއިވުމުން މަޙްރޫމް ވިޔަސް އޭނާގެ ކުލަފިހިން މިފަދަ އެތައް މަންޒަރެއް އެތައް ވާހަކައެއް، އެ މައުރަޒުގައި ބައިވެރި ކުރި ކުރެހުންތަކުން ދައްކައިދިނެވެ.

ނާއިޝްގެ ކުރެހުން ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައި ގަތުމަކީ އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ނާއިޝް ބުނޭ- ފޮޓޯ: ރައީސް އޮފީސް

" ނާއިބު ރައީސް އާ ބައްދަލުވެ، އެ ފްރޭމް އެމަނިކުފާނު ބައްލަވައި ގަތުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަށްޓަކައި ނާއިބް ރައީސްއަށް ޝުކުރު ދަންނަވަން" ނާއިޝް އޭނާގެ ހިތުގެ ޝުޢޫރު އިޝާރާތުން ފާޅު ކުރި އެވެ.

އެ ފްރޭމްގެ މަސައްކަތް އޭނާ ފެށީ މަރުރަޒު ފެށެން ކުޑަ ދުވަސްކޮޅެއް އޮއްވައެވެ. ސްކޫލްގައި ހޭދަކުރި ވަގުތެއް ފިޔަވައި އެހެން ހުރިހާ ވަގުތެއް ހޭދަކުރީ އެ މަސައްކަތަށެވެ. ހަތަރު ދުވަހުގެ މަސައްކަތުން އެ ފްރޭމް  ނިންމާލެވުމަކީ އެއީ ނާއިޝް ދެކޭ ގޮތުގައި ވަރަށް ބޮޑު ކާމިޔާބެކެވެ.

ނާއިޝްއަކީ، އަޑުއިވުމުން މަޙްރޫމްވެފައިވާ ކުއްޖެއްކަން މައިންބަފައިންނަށް އެނގުނީ އޭނާގެ ޢުމުރުން އެންމެ ފަސް މަހުގައެވެ. އޭރުއްސުރެ ޙަޔާތުގެ ބޮޑުބައެއް ހޭދަކުރީ އުފަން ރަށް ށ. ކަނޑިތީމުގައެވެ. ތަޢުލީމުގެ ފަހި ފުރުޞަތާއި ޢަމަލީ މައިދާނަށް ނުކުތުމަށް ބޭނުންވާ ތަޖުރިބާ ހޯދަން ޖަމާލުއްދީން ސްކޫލާ ގުޅުނީ މީގެ އަށް އަހަރު ކުރިންނެވެ.

ޖަމާލުއްދީނުން ލިބުނީ އޯގާތެރިކަމާއި އަޅާލުމެވެ. އޭނާ ފަދަ އަޑުއިވުމުން މަޙްރޫމެއްވެފައި ވާ ކުދިން ތިބޭ ކުލާހެއްގައި ފުރަތަމަ ކޮޅު ކިޔަވަން ޖެހުމަކީ އެއީ ނާއިޝްއަށް ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ. އެކަމަކު މެއިން ސްޓްރީމް ކުލާސްތަކަށް ގެންދަން ފެށުމުން ފުރަތަމަ ދުވަސްކޮޅު އެކަން ނާއިޝްއަށް ވަރަށް އުނދަގޫ ކަމަކަށްވިއެވެ.

" ނޯމަލް ކުލާހަށް ގެންދަން ފެށި ދުވަސްވަރު ތަރުޖަމާ ކޮށްދޭނެ މީހަކު ނުހުންނާތީ ކުދިންނާ ވާހަކަ ދައްކަން އުނދަގޫވި. އެކަމަކު ފަހުން އެކަން ހަމައަކަށް އެޅިއްޖެ" ނާއިޝް އަކީ ކިޔެވުމުގައި ވެސް ހިތްވަރު ކުރާ ދަރިވަރެކެވެ.

ނާއިޝް ބުނީ، ކުރެހުމުގެ ހުނަރު ހުއްޓެއް ކަމަކު، ކުރެހުމަށް ކުރިން އެހާ ބޮޑު ޝަޢުޤުވެރިކަމެއް ނެތް ކަމަށެވެ. ކޮވިޑާ ގުޅިގެން ސްކޫލްތައް ބަންދުކުރަން ޖެހުމުން ގޭގައި ހުންނަން ޖެހުމުން، ކުރެހުމަށް ޝަޢުޤު އުފެދި އޭގޭ ތެރެއަށް ވަދެވުނެވެ. އެއަށްފަހު އެއީ ދިރިއުޅުމަށް ކުރާނެ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ދެވިދާނެކަން ވިސްނުނު ކަމަށާއި އެ ހުނަރު ތަރައްޤީ ކުރީ ސްކޫލުގެ ޓީޗަރުންގެ ބުރަ މަސައްކަތުން ކަމަށް ނާއިޝް ބުންޏެވެ.

ސުވެނިއަރ ގޮތުގައި ފްރޭމްތަކުގައި ކުރެހުމާއި ކާށި ފަދަތަކެތީގައި ކުރެހުމަކީ ނާއިޝް ބޭނުންވާ ކަމަކެވެ. މިހާރު ޢުމުރުން 18 ފުރިފައި ވުމާއެކު ވަޒީފާއަކަށް ދިއުމުގެ ޝަޢުޤު އޭނާގެ ވަރަށް ބޮޑެވެ.

" އެންމެ ބޭނުމީ ވަޒީފާއެއް. އޮފީހަކުން ނޫނީ، ކުރެހުމާ ގުޅުން ހުރި ދާއިރާއަކުން" ނާއިޝް ބުންޏެވެ.

އަޑުނީވޭ، ވާހަކަ ނުދެއްކޭ ކިޔާފައި އަބަދު ގޭގައި އިންނާކަށް ވެސް ނާއިޝް ބޭނުމެއް ނުވެއެވެ. ރައްޓެހިންނާއެކީގައި ކޮފީއަށާއި ހިނގާލަން ދެއެވެ. އެ ހުރިހާ ކަމުން ވެސް އޭނާއަށް ލިބެނީ ހިތްހަމަޖެހުމެވެ.

ނާއިޝް ކުރަން ބޭނުންވާ ކަންތައްތަކުގެ ލިސްޓްގެ އެންމެ ކުރިއަށް އޮތީ ޤުރުއާން ކިޔެވުމެވެ. އިޝާރާތުން ޤުރުއާން ކިޔެވަމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ.

" ޤުރުއާން އެކީގައި ކިޔާލެވޭނެ ދުވަހެއް އެއީ އެންމެ ދެކެން ބޭނުންވާ ދުވަސް" އެ ވާހަކަ ބުނިއިރު ނާއިޝްގެ މޫނު މަތިން ފެނުނީ އުފާވެރިކަމެވެ.

ނާއިޝް ބުނީ، އޭނާއަށް އެހީތެރިވުމުގައި އާއިލާއިން ދެއްކީ ނަމޫނާއެއް ކަމަށާއި މަންމައާއި ބައްޕަގެ އިތުރުން ބޮޑުބޭބެ މުޙައްމަދު މިސްބާޙް އާޢި އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ޝިރުޙާނަށް ބޮޑު ޝުކުރެއް ޙައްޤު ކަމަށެވެ.

މާލެ ގެނެސް ކިޔަވައި ދިނުމުގެ ހުރިހާ ޒިންމާއެއް ނެގީ ޝިރުޙާނެއެވެ.

ޝިރުޙާން ބުނީ، ކޮއްކޮ އަމިއްލަ ފައިމައްޗަށް ތެދުވެ ވަޒީފާއެއްގައި އުޅޭތަން ދުށުމަކީ ބޭނުންވާ ކަމެއް ކަމަށާއި، އުޅޭ އުޅުމުގައި ނުކުޅެދުންތެރިކަމެއް ހުންނަ ކަން އިޙްސާސް ވެސް ނުކުރެވޭ ކަމަށެވެ.

" ޢާއިލާގެ އެންމެންގެ ސަޕޯޓް ލިބޭ. އޭނައަށް އެކަނިވެރިކަން އިޙުސާސް ވިޔަ ނުދޭން މަސައްކަތް ކުރަނީ"

އިންޓަވިއުނިންމާލާފައި ނުކުންނަން ހިނގައި ގަންނަން އުޅުމުން އިތުރު ވާހަކައެއް ބުނަން ބޭނުން ކަމަށް އަތުން ނާއިޝް އިޝާރާތް ކުރިއެވެ. ދިއުމުގެ ކުރިން އެންމެ ފަހު ބަހަކަށް ނާއިޝް ބުނީ:

" އަޑުނީވީ، ވާހަކަ ނުދެއްކުނަސް އޭނާއަށް އެހެން ހުރިހާ ނިއުމަތްތަކެއް މާ ފުރިހަމައަށް ދެއްވި ﷲ އަށް ޝުކުރުކުރަން" ނާއިޝްގެ ވާހަކަތައް ތަރުޖަމާކޮށް ދިނީ ޖަމާލުއްދީން ސްކޫލްގެ މަރިޔަމް ވިރާޝާ މިސްއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *