ކުލާސްރޫމްތަކުން ބޭރުވެ، ކަންތައްތައް ހޯދައިބަލައި، އަމިއްލައަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދައި ދިނުމަށް ޏ. އަތޮޅު ތަޢުލީމީ މަރުކަޒުން ޚާއްޞަ ތަޖުރިބާ ދަތުރުތަކެއް ފަށައިފިއެވެ.
އެ ސްކޫލްގެ ގުރޭޑް 12ގައި ކިޔަވަމުންދާ ހުރިހާ ދަރިވަރުން މި ވަގުތު ތިބީ ބ. އަތޮޅުގައެވެ.
ހުސްވި ހަފްތާގެ ހޯމަ ދުވަހު ފެށި ދަތުރުގައި އެ ސްކޫލުގެ ގުރޭޑް 12ގައި ކިޔަވަމުންދާ 36 ދަރިވަރުން ބައިވެރިވެއެވެ. މިއީ 2019 ވަނަ އަހަރަށްފަހު އެ ސްކޫލުން ކުރާ މިފަދަ ފުރަތަމަ ދަތުރެވެ. މި ދަތުރުގެ މައި ރަށަކީ ބ. އޭދަފުއްޓެވެ. ގުރޭޑް 10ގެ ދަރިވަރުން ބައިވެރިވާ ދަތުރު އޮތީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. އެ ދަރިވަރުންގެ މަންޒިލަކީ ގއ. އަތޮޅާއި ހައްދުއްމައްޗެވެ. ގއ. އަތޮޅުގެ މައިރަށެއްގެ ގޮތުގައި އެކުދިން ދާނީ ވިލިނގިއްޔަށެވެ. އެރަށުން މަރުޙަބާ ކިޔާނީ އެ އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. ދެން އޮތީ ލ. އަތޮޅެވެ. އެ އަތޮޅުން ދަރިވަރުންނަށް މަރުޙަބާ ކިޔާނީ ގަމު މަތިމަރަދޫ އަވަށުގައި ހުންނަ ޙަމަދު ސްކޫލުންނެވެ.

ގްރޭޑް 12 ގެ ދަރިވަރުންގެ މިދަތުރުގައި ތިބުމާއި ކެއުމުގެ އިންތިޒާމު ބަލަހައްޓަނީ ބ. އަތޮޅު ތަޢުލީމީ މަރުކަޒުންނެވެ. އޭދަފުށީގެ އިތުރުން އެ އަތޮޅު ކިހާދޫ، ކުޑަރިކިލު، ތުޅާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫއަށް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ލަނޑާގިރާވަރު ފޯސީޒަން ރިސޯޓަށް ގޮސް އެރަށުގައިވާ މެރިން ބައިލޮޖީ ލެބުގައި ތަފާތު ތަޖުރިބާތައް ވަނީ ކޮށްފައެވެ. މި ހުރިހާ ރަށަކުން ވެސް އެ ދަރިވަރުންނަށް، ކުރިން ނުދެކޭ އެތައް ތަނެއް ފެނިއްޖެއެވެ. ކުރިން ތަޖުރިބާ ނުކުރާ އެތައް ކަމެއް ތަޖުރިބާ ކުރެވިއްޖެއެވެ.
ދަރިވަރުންނާއެކު މި ދަތުރުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ވަޑައިގެންނެވީ ލީޑިންގ ޓީޗަރު، އައިޝަތު އަބަދުﷲއެވެ. އޮފިޝަލުންގެ ގޮތުގައި ލީޑިންގ ޓީޗަރުގެ އިތުރުން ތިން ޓީޗަރުންނާއި ބެލެނިވެރިއެއް ވެސް ބައިވެރިވެއެވެ.
އައިޝާ މިސް ވިދާޅުވި ގޮތުގައި މި ދަތުރު، ބ. އަތޮޅަށް ޚާއްޞަ ކުރީ ގިނަ ކަންތައްތައް އެންމެ ފަސޭހައިން ތަޖުރިބާ ކޮށްލަން އެންމެ ރަނގަޅު އެއް އަތޮޅަކީ ބ. އަތޮޅު ކަމަށް ވީމައެވެ.
އޭނާ ވިދާޅުވީ، ކިހާދޫގައި ހުންނަ ޓިވެޓް ސެންޓަރާއި ފަންތޮށިން ވިޔުމަށް އެރަށު ރައްޔިތުން ކުރާ މަސައްކަތަކީ މީގެ ކުރިން އެ ދަރިވަރުންނަށް ފެނިފައި ނުވާ ފަދަ މުހިންމު މަސައްކަތެކެވެ.

" ފަންތޮށީގެ މަސައްކަތަކީ އެރަށުން ވެސް އުވިދާނެހެން ހީވަމުންދާ މަސައްކަތެއް. އަޅުގަނޑުމެންގެ ކުދިންނަށް އެ މަސައްކަތް ދައްކާލަދީ، އެކަން ކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިން"
އެ ހުރިހާ އިންތިޒާމެއް ހަމަޖެއްސީ ކިހާދޫ ސްކޫލުންނެވެ.
ލިޔެލާ ޖެހުމަށް މަޝްހޫރު ތުޅާދޫއަށް ކުރި ޒިޔާރަތަކީ ވެސް އެ ދަރިވަރުންގެ ހިތުގައި ބިންވަޅު ނެގިގެން ދިޔަ ޚާއްޞަ ވަގުތު ކޮޅެކެވެ. ގުރޫޕްތަކަށް ބަހާލައިގެން ލިޔެލާޖެހުމުގެ މަސައްކަތް ކުރާ ގެ ތަކަށް އެކުދިން ގޮސް، އެ މަސައްކަތުގައި ވަނީ އަމަލީ ގޮތުން ބައިވެރިވެފައެވެ. އެކުދިންގެ މަސައްކަތުން ބައެއް ތަކެތި ދިގު ހަރުގައި، ކޮށާމެށިއެވެ. އަދި އެތަކެތީގައި ލާ ދުއްވިއެވެ.
" ލިޔެލާޖަހާތަން، އެންމެ ފުރަތަމަ މަރުޙަލާއިން ފެށިގެން ނިމެންދެން ހުރިހާ މަރުޙަލާއެއް އަމަލީ ގޮތުން ދައްކައިދިން. "
އައިޝާ މިސް ތަފްޞީލް ކޮށްދެއްވިއެވެ.
" ކުދިންނަށް ވަރަށް ތަފާތު އެކްސްޕީރިއަންސެއް ކުރެވުނީ. ބައެއް ދަރިވަރުން ބުނީ، މިއީ ދޫކޮށްލާ ވަރުގެ ދަތުރެއް ނޫން ކަމަށް"

އެ މަސައްކަތުގައި ދެ ޖިންސަކަށް ތަފާތެއް ނެތެވެ. ހުރިހާ ދަރިވަރުން އެކަމުގައި ބައިވެރިވިއެވެ.
ކުޑަރިކިލުގައި ހުންނަ ދާރުލްއާސާރަކީ ވެސް ތާރީޚީ އެތައް ކަމެއް އެއްތަނަކުން ފެނިގެން ދިޔަ މުހިންމު ތަނެކެވެ.
" ދަރިވަރުންނަށް ކުރިން ނޭނގޭ އާސާރުތަކާއި ތާރީޚީ އެތަކެއް މައުލޫމާތެއް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެނގިގެން ދިޔަ"

ލަނޑާގިރާވަރުގައި ހުންނަ މެރިން ބައިލޮޖީ ލެބާއި، ޓާރޓްލް ރިހެބަކީ ވެސް ދަރިވަރުންނަށް ޚާއްޞަ ސަމާލުކަމެއް ދެވުނު އެއްތަނެވެ. މުރަކަ އާލާކުރުމަށް އެ ރިސޯޓުން ކުރަމުން ދާ މަސައްކަތުގައި ދަރިވަރުން އަމަލީ ގޮތުން ބައިވެރިވެ މުރަކަ އިންދިއެވެ.

ގޮއިދޫގައި ދަނޑުވެރިކަން ތަރައްޤީވަމުން އަންނަ ގޮތާއި އެ މަސައްކަތަށް އެރަށު މީހުން ބަހައްޓާ ޝަޢުޤުވެރިކަން ދަރިވަރުންނަށް ދައްކާލަދިނީ ގޮއިދޫ ސްކޫލުންނެވެ.
ހަފްތާއަކަށް ދިގު ދެމިގެންދާ މި ދަތުރުގައި މިއަދު އޮތީ، ޏ. އޭއީސީގެ ދަރިވަރުނަށް ބ. އަތޮޅު ތަޢުލީމީ މަރުކަޒުން ހަމަޖައްސައިދިން ޚާއްޞަ ޕިކްނިކް ދަތުރެކެވެ. މި ދަތުރު އޮތީ އޭދަފުށީ މީހުން ޕިކްނިކް ދާ ހެބަޅިދޫގައެވެ.
ޏ. އޭއީސީގެ ދަރިވަރުން އަމަލީ މައިދާނަށް ލޯ ހުޅުވާލުމުގެ ދަތުރު އަންނަ ހޯމަ ދުވަހު ނިންމާލުމުގެ ކުރިން ބ. އަތޮޅުގައި އޮންނަ ހަނިފަރަށް ޒިޔާރަތް ކުރަން ވަނީ ނިންމާފައެވެ. ބަޔޮސްފިޔަރ ރިޒާވްއެއްގެ ގޮތުގައި ހިމާޔަތް ކޮށްފައިވާ ހަނިފަރަކީ ފެހުރިހި އެންމެ ގިނައިން އުޅޭ އެއް ސަރަޙައްދެވެ. އެތަނުގައި ސްނޯކްލިންގއަށް ގޮސް ފެހުރިހި ބަލައިލުމުގެ ފުރުޞަތު ދަރިވަރުންނަށް އޮތީ ފަހިކޮށްދީފައެވެ.

އައިޝާ މިސް ފާހަގަކުރެއްވި ގޮތުގައި، މި ދަތުރުގައި އެންމެ މުހިންމު ކަމަކަށް ތަޖުރިބާ ކުރެވުނީ މަހުމާންދާރީއެވެ. ބ. އޭދަފުށީގައި ހުންނަ އަތޮޅު ތައުލީމީމަރުކަޒާއި، ޒިޔާރަތް ކުރި ހުރިހާ ރަށެއްގެ ސްކޫލްތަކުންނާއި ކައުންސިލްތަކުން ދަރިވަރުންނާއި އައިޝާމިސްގެ ޓީމަށް ބެހެއްޓީ އެންމެ މަތީ ފެންވަރުގެ މަހުމާންދާރީއެކެވެ. ފެނުނީ އެކުވެރިކަމާއި އެމީހުންގެ އޯގާތެރިކަމާއި ކުނުލެވެ.

advertisment
ހިޔާލު