ކިނބިދޫ ސްކޫލްގެ ދަރިވަރުންނާއެކު، މުވައްޒަފުން ވެސް ކޮންމެ ދުވަހަކު 15 މިނިޓް ފޮތް ކިޔުމުގައި
ރަނގަބީލު ޖެހުމާއެކު ކުދިން ވެސް ނަގަނީ ފޮތެކެވެ. މުދައްރިސް ވެސް ނަގަނީ ކިޔާނެ ފޮތެކެވެ. ސްކޫލްގެ ސްޓާފުންގެ ތެރޭގައި ހިމެނޭ މަސައްކަތު މީހާއިން ފެށިގެން ޕްރިންސިޕަލާ ހަމައަށް ވެސް އެ ވަގުތު ހޭދަކުރަނީ ފޮތް ކިޔުމުގައެވެ. މިއީ ކިނބިދޫ ސްކޫލުން އެންމެ ފަހުން ތަޢާރަފު ކުރި އެ ސްކޫލްގެ އެންމެން ޝާމިލު ކޮށްގެން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މިކަން ކުރިއަށް ގެންދަނީ "އެވްރިވަން އެވްރިޑޭ" ގެ ޝިޔާރުގެ ދަށުންނެވެ. ކޮންމެ ދުވަހަކު ވެސް ހެނދުނުގެ ނާސްތާއަށްފަހު، 8:15 ގައި ޖަހާ ރަނގަބީލާއެކު ދަރިވަރުންނާއި އެ ސްކޫލްގެ ހުރިހާ މުވައްޒަފުން ޖެހެނީ 15 މިނިޓް ވަންދެން ފޮތް ކިޔުމުގައި މަޝްއޫލުވާށެވެ. ކުރީ އަހަރުތަކުގައި ދަރިވަރުން އެކަނި ފޮތް ކިޔުމުގައި ބައިވެރިވިޔަސް، މުވައްޒަފުން ބައިވެރި ކުރެއްވީ އެންމެންގެ މެދުގައި ފޮތް ކިޔުމުގެ ރޫހު އުފެއްދުމުގެ ގޮތުން ކަމަށް ކިނބިދޫ ސްކޫލުން މައުލޫމާތު ދެއްވައެވެ.
ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުން ފެށިގެން ޓައިމްޓޭބަލްގައި ހިމަނައިގެން ފޮތް ކިޔުމުގައި ދަރިވަރުން ވަގުތު ހޭދަކުރި ކަމަށެވެ.
" މިހާރުވެސް ޓައިމްޓޭބަލްގެ އެންމެ ފުރަތަމަ ގަޑިއަކަށް މި އޮންނަނީ ސާކަލް ޓައިމް. އެ ގަޑީގައި ކުރިއަށްދާނެ އެ ދުވަހު ކުއްޖާ ކުރަންޖެހޭ މަސައްކަތްތައް ހަވާލު ކުރުމާއި، ފޮތް ކިޔުމުގެ ބައެއް ވެސް. މީގެ ބޭރުން ފަނަރަ މިނިޓް ހޭދަކުރަނީ ފޮތް ކިޔުމުގައި" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ދަރިވަރު ގެއަށް ގޮސް ކިޔާނެ ފޮތެއް މުދައްރިސް ފޯރުކޮށްދޭތާ މިހާރު ތިން އަހަރުވެއްޖެއެވެ.

" މިއީ ގަވާއިދުން ކޮންމެ ދުވަހަކު ކުރާކަމެއް. ކޮންމެ ކުއްޖަކު ވެސް ގެއަށް ދާނީ މުދައްރިސް ދޭ ފޮތެއް ހިފައިގެން. ޖެހިގެން އަންނަ ދުވަހު ދަރިވަރު ސްކޫލަށް އަންނާނީ އެ ފޮތް ކިޔައިގެން. މިކަން ކުރަން ފެށިފަހުން ކުދިން ފޮތް ކިޔުމަށް ޝަޢުޤު އުފެދި، ފޮތާ ދޯޅުވާން ފަށައިފި" އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.
ކިނބިދޫ ސްކޫލުން ވަނީ ދަރިވަރުންނަށް ފަސޭހައިން ފޮތް ކިޔޭނޭ އިންތިޒާމް ކުލާސްތެރޭގައި ހަމަޖައްސާފައެވެ. ކޮންމެ ކުލާހެއްގައި އެ ކުލާހަކަށް ބޭނުންވާނެ ވަރަށް ފޮތްތައް ހިމެނޭ ފޮތް އަލަމާރިއެއް ވަނީ ބަހައްޓާފައެވެ. ކޮންމެ މުދައްރިސަކު ވެސް ފޮތް ބައެއް ގެންގުޅެއެވެ. އެއިން ފޮތެއް ވަށާބުރު ޖަހާ ގޮތަށް ދަރިވަރުންނަށް ދެއެވެ.

" މިއީ އެންމެ ކާމިޔާބުކޮށް އަޅުގަނޑުމެންނަށް ކުރެވުނު ކަންތައް. އަޅުގަނޑުގެ ވެސް އެބަހުރި ސްކޫލަށް ކިޔަވަންދާ ކުއްޖެއް. މާލެ ދާ ދަތުރެއްގައި ކޮން އެއްޗެއްހޭ ގެންނާނީ ބުނީމާ ކުރިން ބުނާނި ކޮންމެ ވެސް އެހެން އެއްޗެއް. މިހާރު މުޅިން ތަފާތު. މިހާރު ބޭނުންވެގެން އުޅޭނީ ފޮތެއް. މިއިން އެނގެނީ ކުދިން ފޮތުގެ ތެރެއަށް ވަންނަކަން. ކިޔުމުގެ ޝަޢުގު އުފެދެމުންދާކަން" ޕްރިންސިޕަލް އޭނާގެ ތަޖުރިބާގެ އަލީގައި ވިދާޅުވިއެވެ.
advertisment
ހިޔާލު