އެންމެ ތުއްތު ކުދިންނަށް ތަޢުލީމު ދޭން ހދ. މަކުނޫދޫގައި ރައްޔިތުން ހިނަގްމުން އައި ސްކޫލުގެ މާލީ ޙާލަތުގެ ސބަބުން އެ ސްކޫލް ހުއްޓާލަން މަޖުބޫރިވިއެވެ. އެ ވާހަކަ، މަކުނުދޫ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ހުސައިން ޖަލީލަށް އިވިވަޑައިގެންނެވީ ގެއެއްގެ ޖޯލިފައްޗެއްގައި އިންނަވަނިކޮށެވެ.
އެ ޚަބަރުން ޖަލީލަށް ލިބިވަޑައިގެންނެވީ ކުއްލި ޝޮކެކެވެ. އެ ނުތަނަސް ކަމުގައި އެގެއިން ނުކުންނަވައި ބޮޑު މަގަށް ނުކުންނެވިއެވެ. އިއްތިފާގުން، އެ ސްކޫލްގެ ޓީޗަރަކު އޭރު އެ މަގުން އާދެއެވެ.
" ތެދެއް، ސްކޫލުގެ ކަންތައް ނިމުނީ" އޭނާއާ އަރާ ހަމަވީމާ އެ މުދައްރިސް ކައިރިން އެކަން ޔަގީންކުރަން ޖަލީލު ބޭނުންފުޅުވިއެވެ.

" ހުއްޓާލީމާ ދެން ނޯންނާނެ އިތުރު ގޮތެއް" އެ މުދައްރިސްގެ އެ ޖުމްލައިން ޖަލީލުގެ ހިތުގައި ޖެހުނެވެ. މީހާއަށް ފެންކަޅިވެ ވިއެވެ. އޭނާއަށް ހުއްޓުން އެރިއެވެ.
ޖަލީލަކީ މަކުނުދޫގައި ސަރުކާރުން ކިޔަވައިދެމުން ދިޔަ ސްކޫލްގެ ޓީޗަރެކެވެ. އެ ސްކޫލްގައި އޭރު ކިޔަވައި ދެނީ ގުރޭޑް 7އާ ހަމައަށެވެ. އެހެންވެ ފަށާތަޢުލީމުގެ މުޙިންމުކަން އޭނާއަށް ވަޒަން ކުރެއްވެއެވެ. އެއީ ތަޢުލިމުގެ ބިންގާކަން އެނާގެ ދުރުވިސްނޭ ސިކުނޑިއަށް ނަގައިގަނެވެއެވެ. އެހެންވެ އެކަން ކުރެވޭނެ ގޮތެއް އޭނާ ސިކުނޑީގައި ކުރައްސަވަން ފެއްޓެވީ އެ ވަގުތުއެވެ.
" އަޅުގަނޑު ތަންކޮޅެއް ހަދާލާފައި، ކިޔަވައިދޭން އަންނަން ބުނެފިއްޔާ އަންނާނަން" އެ މުދައްރިސް ކައިރީގައި ޖަލީލް އެހެން ވިދާޅުވީ އެކަން ކުރެވޭނެ ކަމުގެ އުއްމީދުގައެވެ. ޖަލީލުގެ އެ ސުވާލަށް އެ މުދައްރިސް އާ އެނކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ބުންޏެވެ. " މުސާރަ ލިބެންޏާ ނުދާންވީ ސަބަބެއް ނެތް"
މުދައްރިސެއްގެ ގޮތުގައި ޖަލީލުގެ މުސާރައަކީ 1140 ރުފިޔާއެވެ. އެ މުދައްރިސަށް ދޭން ޖަލީލު އެއްބަސްވެ ވަޑައިގެންނެވީ 1200 ރުފިޔާއެވެ. ބާކީ ބައި ހޯދަން އޭނާ ނިންމީ އިތުރު މަސައްކަތްތަކެއް ކުރައްވައިގެންނެވެ.

އެ މުދައްރިސާއެކު އިތުރު މުދައްރިސަކު ވެސް ޖަލީލުގެ ހުށަހެޅުމަށް އާނއެކޭ ބުނެފިއެވެ. ދިރިއުޅެމުން ދިޔަ މައިފުނު ގޭގައި ތަނެއް ހެއްދެވުމަށް މައިންބަފައިންނާއި އަނބިމީހާއާ މަޝްވަރާ ކުރިއްވިއެވެ. އެމީހުންގެ ސުވާލަކަށްވީ އެކަމަށް ކިހާ ޚަރަދެއް ދާނެ ހެއްޔެވެ؟ ފަށައިގަންނަން އެހާބޮޑު ޚަރަދެއް ދާނެ ކަމަކަށް ޖަލީލަށް އަންދާޒާ ވެސް ކޮށްލެވިފައެއް ނެތެވެ. އެހެންވެ އެވަގުތު 15،000 ރުފިޔާއިން ނިންމާލެވިދާނެއޭ ވިދާޅުވެވުނެވެ.
ޖަލީލުގެ މައިފުނު ގޯތީގައި ޕްރީ ސްކޫލް ހިންގަން މައިންބަފައިންނާއި އަނބިދަރިން އެތަން ދޫކޮށްލިއެވެ. މައިންބަފައިން ބަދަލުވީ ކުދިންގެ ގެއަށެވެ.
" ކުއްޔެއް ނެތި މައިންބަފައިންގެ ގެ، ހިތާ ހިތުން ދިނީ" ޖަލީލުގެ އަޒުމާއި ހިތްވަރު އާލާވިއެވެ.
ދެ މަސްދުވަހުގެ ތެރޭގައި ކުލާސްރޫމަކާއި އޮފީހާއި ގުދަނެއް ހިމެނޭ ޕްރީ ސްކޫލްގެ އިމާރާތުގެ މަސައްކަތް ނިންމައި " ނާރެސް ޕްރީ ސްކޫލް" ގެ ނަމުގައި ކިޔަވައިދޭން ފެއްޓެވިއެވެ. އެތަނުގައި ބޭބީ ނާސަރީން ފެށިގެން ޔޫކޭޖީއާ ހަމައަށް ކިޔަވައިދެއެވެ. ތިން ގަޑިއަކަށް ކުލާސް ކުރިއަށް ގެންދިޔައިރު، ކުލާހެއްގައި މަދުވެގެން 27 ނޫނީ 28 ކުދިން ތިއްބެވެ. ކިޔަވައިދެމުން ގެންދިޔައީ އެ ސްކޫލްގެ އަމިއްލަ މުޤައްރަރަކަށެވެ.

އެ ބުރަ މަސައްކަތަށް ފަހު، ޖަލީލަށް ފުން ނޭވާއެއް ލެއްވުނެވެ. އޭނާގެ އެ މަސައްކަތުގައި އެ އާއިލާގެ އެންމެން ޝާމިލުވިއެވެ. ރައްޓެހިން އަތްގާތްކޮށްދިނެވެ. ޕްރީ ސްކޫލް ތަޢުލީމު ފޯރުކޮށް ދިނުމަށް އޭނާ ފެށި މަސައްކަތުގައި އަދި ކިރިޔާ އޭރު ކުލަޖެއްސުނީއެވެ. ދެން އޮތީ ރައްޔިތުންގެ ސްކޫލަށް ދިމާވި މައްސަލައިން ސަލާމަތްކޮށް ސްކޫލް "ހިނގައިގަތުމެވެ."
އެންމެ ފުރަތަމަ ސްކޫލްގެ ފީއެއްގެ ގޮތުގައި ނެގީ 50 ރުފިޔާއެވެ. އޭގެ ފަހުން 75 ރުފިޔާއިން 150 ރުފިޔާއަށް ބޮޑުކުރިއެވެ. ފީއަކުން މުސާރައާއި ކަރަންޓާއި އިދާރީ ގޮތުން ކުރަންޖެހޭ ޚަރަދެއް ފޫ ނުބެއްދެއެވެ. ލިބޭ އެއްޗަކަށްވުރެ އަތުން ދޭން ޖެހޭ ބައި ކުޑައެއް ނުވެއެވެ. އެކަމުގައި ޖަލީލުގެ ޝަކުވާއެއް ނެތެވެ. އެކަން އޭނާ ފޫބައްދަނީ ލިބުނުހާ އާމްދަނީއަކުންނެވެ.

" ސްކޫލަށް ލިބުނުހާ އެއްޗަކާއި މަސައްކަތް ކޮށްގެން ލިބުނުހާ އާމްދަނީއެއްގެ ބޮޑުބައެއް ހޭދަކުރީ ސްކޫލަށް" ޖަލީލުގެ ހިތުގައި އެކަމަށް އޮތީ ފުން ލޯތްބެކެވެ. އޭނާގެ ކާމިޔާބީއަކީ ވެސް އެއީއެވެ.
ޖަލީލު ވިދާޅުވިގޮތުގައި، އެ ހިސާބުން އެ ސްކޫލަށް މަކުނުދޫ ރައްޔިތުންގެ އިތުބާރު ލިބެން ފެށިއެވެ. ނަގާ ފީއަކުން އެކަން ނުކުރެވޭ ކަމާއި ތަޢުލީމުގެ މުޙިންމުކަން ވަޒަން ކުރަން ފެށިއެވެ. " ކުރިން ފީއެއް ދައްކަން ޖެހުމުން ބޮޑުކަމަށްވި ރައްޔިތުންނަށް އެކަން މިފަހަރު ބޮޑު ކަމަކަށް" ނުވިއެވެ.
ޕްރީ ސްކޫލްގެ ތެރެއަށް ޤުރުއާން ކުލާސް އިތުރުކޮށް ވަކި ސެންޓަރެއްގެ ގޮތުގައި އެތަން ވެސް ރަޖިސްޓްރީ ކުރެއްވިއެވެ. ޤުރުއާން ކުލާހުން ވެސް ފީއެއްގެ ގޮތުގައި ނެންގެވީ ރަމްޒީ އެއްޗެއްގެ ގޮތުގައި ކުއްޖެއްގެ އަތުން އެންމެ ފަސް ރުފިޔާއެވެ. ފަހުން އެ ފީއަށް ވެސް ބަދަލުތަކެއް ގެނައީއެވެ.
ޖަލީލު ވިދާޅުވިގޮތުގައި ސްކޫލުން ދެވޭ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުންނާއި ސްކޫލުގެ އޮނިގަނޑު އެކުލަވާލުމަށް، މަކުނުދޫ ސްކޫލްގެ އޭރުގެ ޕްރިންސިޕަލް އެރަށު ނެދުންގޭ މުޙައްމަދު އިހުސާން ބުރަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެއާއެކު އެ ސްކޫލްގައި މަސައްކަތް ކުރި ހުރިހާ ޓީޗަރުންގެ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. މަކުނުދޫ ސްކޫލްގެ މިހާރު ޕްރިންސިޕަލެއްގެ ގޮތުގައި ހުންނެވި މުޙައްމަދު ލުތުފީއާއި މަކުނުދޫ ސްކޫލުގެ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ވަހީދަކީވެސް އެއް ދުވަސްވަރެއްގައި ނާރެސް ޕްރީ ސްކޫލްގެ ޕްރިންސިޕަލުންނެވެ.

" ގިނަ ބައެއްގެ މަސައްކަތުން ޕްރީ ސްކޫލް ނަގާ ކޮޅަށް ޖެހުނީ. މަކުނުދޫ ސްކޫލް އެކި ދުވަސްވަރު ހިންގަން ތިއްބެވި ވެރިންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި. މުދައްރިސުން ތަމްރީނު ކުރުމަށް އެތައް ފުރުޞަތު ތަކެއް ހޯއްދަވައި ދެއްވި" ޖަލީލު ވިދާޅުވިއެވެ. އަދި އޭރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ހަފްސާ ހުސައިންގެ އެހީތެރިކަން ޝުކުރުވެރި ކަމާއިއެކު ޖަލީލް ފާހަގަކޮށްލެއްވިއެވެ.
އަމިއްލަ މަންހަޖެއް އެކުލަވާލައިގެން ނާރެސް ޕްރީ ސްކޫލްގެ ކިޔެވުން ކުރިއަށް ގެންގޮސް، ޖަލީލުގެ އިސްނެންގެވުމުގެ މަތިން ޕްރީ ސްކޫލް ހިންގާ އިސްވެރިން އެތަނަކަށް އެއްވެ ބޮޑު މަހާސިންތާއެއް ބޭއްވިއެވެ. ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ބައްދަލުވުމުން ޖަލީލަށް އެތައް އުފަލެއް ލިބިވަޑައިގެންނެވިއެވެ.
" އެތަނަށް ދިޔައިރު، އަޅުގަނޑުގެ ހިތަށް އެރީ ޕްރީ ސްކޫލް މި ހިންގެނީ ވަރަށް ދެރަވަރުކޮށް ކަމަށް. އެކަމަކު، ސްކޫލްތަކުގެ އިސްވެރިންގެ ވާހަކަތައް އަޑުއަހާލީމާ އެނގިއްޖެ މިކަން ކުރެވެނީ އަދި މާ ރަނގަޅަށްކަން. އަޅުގަނޑުމެންގެ އެ މަސައްކަތަށް އޭރު އީޑީސީން ވަޑައިގެންނެވި ބޭފުޅުން ވެސް ތަޢުރީފު ކުރެއްވި"
ޖަލީލު ވިދާޅުވީ، ސްކޫލްގެ ތަޢުލީމުން ފޯރުކޮށް ދެމުން އައި ތަޢުލީމު ހަރުދަނާ ކުރުމަށް ރާއްޖޭގެ މަސައްކަތްތެރިކަން ދައްކުވައިދޭ ކޯނަރ ތަކެއް ސްކޫލްގައި ތައްޔާރު ކުރި ކަމަށެވެ. އެއީ ދިވެހި އުފެއްދުންތައް ތުއްތު ކުދިންނަށް ފަސޭހައިން ފެނި އެކުދިން އެކަމާ ދޭތެރޭ ވިސްނައި ފިކުރު ހިންގުމުގެ ގޮތުންނެވެ. އެކަން ކުރުމަށް ޖަލީލު ވަނީ މަސައްކަތްތެރި މަޝްހޫރު އެތައް ރަށަކަށް ދަތުރުކޮށް އެމީހުންގެ އެ އުފެއްދުންތައް ސްކޫލަށް ގެނެސްފައެވެ.

" ކުނާ ގެނައީ ގައްދޫން، ކިއްސަރުވަޑާމުގެ އުފެއްދުން ގެނައީ ރ. އަލިފުށިން. ލިޔެލާޖެހުމުގެ ސާމާނު ގެނައީ ބ. ތުޅާދޫން، ބޭނުމަކީ ކުދިންނަށް އޭގެ އަޞްލު ދެއްކުން" ޖަލީލު ކުރެއްވި މަސައްކަތް ތަފްޞީލް ކޮށްދެއްވިއެވެ.
ޖަލީލުގެ ބޭނުމަކީ ފެންވަރު ރަނގަޅު ތަޢުލީމެއް އެންމެ ތުއްތު ދަރިންނަށް ފޯރުކޮށް ދިނުމެވެ. އެކަން ކުރުމަށް އޭނާގެ ފެންވަރުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިއެވެ. އެ ކުރި މަސައްކަތް ރަށުގެ ރައްޔިތުން މިއަދު ވެސް ފާހަގަ ކުރެއެވެ. ނަތީޖާއަކީ، ނާރެސް ސްކޫލުން ބޭބީ ނާސަރީ ތަޢުލީމުގެ ބިންގާ އެޅި އެތައް ދަރިވަރުން ހުސްވި އަހަރު އޯލެވެލް ނިންމާލިއިރު އެކުދިން ހޯދި ނަތީޖާ މާ ބޮޑުތަނުން ވެސް ރަނގަޅު ވުމެވެ. އަދި ބައެއް ކުދިން ގަދަ ދިހައެއްގައި ހިމެނުމެވެ.
ޖަލީލު ދެން ވިދާޅުވީ، އޭނާގެ އެ މަސައްކަތް ހުއްޓާލަން ޖެހިވަޑައިގަތް ސަބަބެވެ.

" ރަސްމީ ތަޢުލީމުގެ ތެރެއަށް ޕްރީ ސްކޫލް ވެއްދީމާ، މީސްކޮޅު މަދު އާބަދީ ތަކުގައި ފީ އެއް ނަގައިގެން އެކަން ކުރެވޭކަށް ނޯވޭ. އެންމެ ފަހުން މަޖުބޫރުވީ ހުއްޓާލަން"
ޖަލީލު ވަނީ މަކުނުދޫ ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި ދިހަ އަހަރު ކިޔަވާ ދެއްވާފައެވެ. އޭގެ ފަހުން ދިހަ އަހަރު ނާރެސް ސްކޫލް ހިންގުމުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.
" އެންމެ އުފާވަނީ އެ މަސައްކަތް ރަށުގެ ރައްޔިތުން ބަލައިގަންނާތީ. ދައުލަތުން އެކަން ފާހަގަކުރައްވާތީ" ޖަލީލު ކޮށްދެއްވި މަސައްކަތުގެ އަގުވަޒަންކޮށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އޭނާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

ޖަލީލުގެ ތަޖުރިބާގެ އަލީގައި ވިދާޅުވީ، ޢިލްމީ ގޮތުން ދަރިވަރުން ވަރަށް ރަނގަޅަށް ކިޔަވާ ކަމަށާއި އަމިއްލައަށް ޒިންމާ ނަގައިގެން ކުރާ މަސައްކަތްތައް މަދު ކަމަށެވެ.
advertisment
ހިޔާލު