ކިޔަވާ ހިތުން ކިޔަވާ ކުއްޖެއްގެ ގާތުގައި ކިޔަވާށޭ ބުނާކަށް ނުޖެހެއެވެ. މައިން ބަފައިން އެކަމާ ވިސްނާކަށް ވެސް ނުޖެހެއެވެ. ނަތީޖާއާ މެދު ހާސްކަމެއް ނޯންނާނެއެވެ. މިއީ މަޖީދިއްޔާ ސްކޫލުން ވޭތުވެދިޔަ އަހަރު އެންމެ މޮޅު ދަރިވަރު މުޙަންމަދު ޢައުސް އާސިމްގެ ކިބައިން ފެންނަ އެންމެ މުހިންމު އެއް ސިފައެވެ. އޭނާ ކިޔަވަނީ މީހަކު ބުނެގެންނެއް ނޫނެވެ. އަމިއްލައަށް ފެނިގެންނެވެ. އެއީ ކުރަންޖެހޭ ކަމެއް ކަމުގައި ދެކިގެންނެވެ. މައިންބަފައިން އެ ވާހަކަ އޭނާ ގާތުގައި ދައްކާކަށް ނުޖެއެވެ. އެންމެ ކުޑައިރުއްސުރެ ޢައުސް އަކީ ކިޔެވުމަށް އިސްކަން ދިން ކުއްޖެކެވެ. އަބަދުވެސް ކުލާހުގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނުނު ކުއްޖެކެވެ.
އޯލެވެލްއަށް ތައްޔާރުވިއިރު، ދުވަހުގެ ތާވަލު ފަށަނީ ދަމުނަމާދުންނެވެ. ކޮންމެ ރެއަކު ދަންވަރު ދޭއް ޖެހީމާ ތެދުވެ ދަމުނަމާދު ކޮށްގެން ފިލާވަޅު ދަސްކުރަނީއެވެ. ފަތިސްނަމާދަށް ފަހު ނަގަނީ ދެ ގަޑިއެއްހާއިރުގެ ބްރޭކެކެވެ. އެ ގަޑީގައި ބޭނުންވަނީ ނިދާލާށެވެ.
ޢައުސްއަށް ފިލާވަޅު ދަސްކުރަން ފަސޭހައީ ދަންވަރު ވަގުތުއެވެ. މުޅި މާލެ ހަމަހިމޭން ވީމާ، ފޮތް ހިފައިގެން އައުސް އިންނަނީ އޭނާގެ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. ކުރި އިންތިޒާރުގެ ނިމުން ގުޅިފައި ވަނީ ރަނގަޅު ނަތީޖާއާއެވެ. ސީއެޗްއެސްސީގެ އެގާރައިގައި ކިޔަވަމުންދާ ޢައުސްގެ ހުރިހާ ވެސް އުއްމީދަކީ އެއަރކްރާފްޓް އިންޖިނިއަރަކަށް ވުމެވެ. އޭލެވެލްގައި ރަނގަޅު ނަތީޖާއެއް ހޯދައިގެން ރައީސްގެ ސްކޮލަރޝިޕް ހޯދުމެވެ.
މަޖީދިއްޔާގެ އެންމެ ފަހު އަހަރަކީ ޢައުސްއަށް ފަސޭހަ އަހަރަކަށް ނުވިއެވެ. ކުލާސްތެރެއިންނާއި ކުލާހުން ބޭރުން ކުރިމަތިވި ހުރަސްތައް ގިނައެވެ. އެކަމަކު އެ ހުރިހާ ހުރަސްތައް ގިރާކުރުމަށް ފަހު، ނިމިގެން ދިޔަ އަހަރު އޯލެވެލްގެ ގަދަ ދިހައެއްގެ ފަސް ވަނަ ހޯދައި، މަޖީދިއްޔާގެ އެންމެ މޮޅު ދަރިވަރުގެ ފަޚުރުވެރި "ތާޖު" އޭނާގެ ބޮލުގައި އެޅިއެވެ. އަދި އޭނާ ވަނީ މަޖީދިއްޔާގެ ޝަހީދުއަލީ ހައުސްގެ ކެޕްޓަންކަމާއި، އަޚުލާގީގޮތުން އެންމެ ރަނގަޅު ދަރިވަރު ގޮތުގައި ޖެހިޖެހިގެން ތިން އަހަރު ހޯދާފައެވެ.
އެކަން އޭނާ ކާމިޔާބު ކުރީ ގޭގައި ކުރި މަސައްކަތުންނެވެ. ދުވަހުން ދުވަހަށް ދޭ ފިލާވަޅުތައް ނިންމައެވެ. ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކުރެއެވެ. މިކަންތައް އައުސް ކުރަނީ ރާވާލާފައި އޮތް ތާވަލަކުންނެވެ. އެ ތާވަލުގައި ވަނީ ކިޔެވުމާ އެއްވަރަށް އިތުރު ހަރަކާތްތަަކަށް ވެސް ވަގުތު ދީފައެވެ. ގޭގައި ގޭމްކުޅެއެވެ. ފިލްމް ބަލައެވެ. ނުވިތާކަށް ކުޅެން ވެސް ދެއެވެ. މި ހުރިހާ ކަމެއް ތާވަލުގައި ހިމަނައި، ކުރަމުންދިޔަ އިރު، ކިވެވުމަކަށް ބުރުލެއް ނާރައެވެ. އައުސް އެންމެ ކުޅޭ ހިތްވަނީ ކުރިކެޓެވެ. ހޭންޑްބޯޅަ ވެސް ކުޅުނެވެ.
" ކިޔަވަންޖެހޭ ގަޑީގައި ކިޔަވާނެ. އެއަށް ނާންނާނެ ބަދަލެއް." ޢައުސްގެ މަންމަ ޝަޒުނާ ބުންޏެވެ.
ޢައުސް ޓިއުޝަން ނަގަންފެށީ އޯލެވެލްއަށް ތައްޔާރުވުމުގެ ގޮތުންނެވެ. އެކަން ކުރީ ވެސް ޓިއުޝަނެއް ނެގުމުގެ ބޭނުމުގައެއް ނޫނެވެ. ޕޭޕަރުތައް ހަދާފައި ހުންނަނީ ރަނގަޅަށްތޯ ބަލައި، އެހީއެއް ހޯދުމުގެ ގޮތުންނެވެ.
" ޓިއުޝަނެއް ނެގުމުގެ ގޮތުންނެއް ނޫން ޓީޗަރުން ގެނައީ. ޕާސްޓްޕޭޕަރުތައް ހެދީމާ އޭގައި ހުންނަ މިސްޓޭކްތައް ބުނެލަދީ ގައިޑްކޮށްދޭން" ޢައުސް ބުންޏެވެ.
ފިލާވަޅުތައް ހިތުދަސްކުރުމަކީ އައުސް ކުރާކަމެއް ނޫނެވެ. އެއީ އެއްވެސް ކުއްޖަކަށް އޭނާ ދޭ ނަސޭހަތެއް ވެސް ނޫނެވެ. ފިލާވަޅުތައް ހިތުދަސްކުރުމުގެ ބަދަލުގައި މުހިންމީ އެ ފިލަވާޅެއްގައި ބުނާއެއްޗެއް ދޭހަކުރުމެވެ. އައުސް ކުރާ ކަމަކީ އެއީއެވެ. އަމިއްލައަށް އެކަން ދެނެގަތުމެވެ.
" ހިތުދަސްކުރީމާ އެ ކުރި އެއްޗެއް އެ ގޮތަށް ހަނދާން ހުންނާނީ. ސުވާލުތައް އަންނަ ގޮތުން އޮޅޭގޮތް ވާނެ. އެންމެ މުހިންމީ ފިލާވަޅު ރަނގަޅަށް ސިކުނޑިއަށް ނެގުން. ފަހުމުވުން" ޢައުސް ކިޔައިދިނެވެ.
ޢައުސް ވާން ބޭނުން ވަނީ އެއަރކްރާފްޓް އިންޖިނިއަރަކަށެވެ. އެހެންވެ ކުޑައިރުއްސުރެ މަތިންދާ ބޯޓަކީ އައުސް ވަރަށް ގަޔާވާ އެއްޗެކެވެ. އެ އުފައްދާ ގޮތާއި އޭގެ އިންޖިނިއަރިންގ މަސައްކަތަކީ ބަލައި ފޫހިނުވާ މަސައްކަތެވެ. އޭގެ ތަފާތު ޑޮކިއުމަންޓްރީ ބަލައެވެ. އެއާ ބެހޭ ގޮތުން މައުލޫމާތު ހޯދާ އެއްކުރެއެވެ.
" އެއަރކްރާފްޓް އިންޖިނިއަރަކަށްވުމަކީ ވަރަށް ކުޑައިރުއްސުރެ ހިތުލައިގެން ހުރި ކަމެއް. އޭގެ ތެރެއަށް ވަދެވުނީ ހިސާބާއި ފިިޒިކްސްއަށް ޝައުގު ހުންނާތީ " ޢައުސް ކިޔާދިނެވެ. " މިހާރުވެސް ތަފާތު ވައްތަރުގެ އުފެއްދުން ބަލައި އެއަށް ޝުއުގުވެރިވޭ"
ޢައުސްގެ ކާމިޔާބީގެ ފަހަތުގައި ތިބީ މަންމައާއި ބައްޕައެވެ. ޢައުސް ހިނގަމުން ދިޔައީ އެ މީހުން ދެއްކި މަގުންނެވެ.
އޯލެވެލްއަށް ވުރެ އޭލެވެލް ހާސް ބައި ތަފާތެވެ. ކިޔަވަންޖެހޭ ބައި ބޮޑެވެ. ކުރަންޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރެވެ. ނަމަވެސް ޢައުސްގެ އަޒުމަކީ އެއް އަޒުމެކެވެ. އޭނާގެ ހުވަފެނުގައި ކުލަޖެއްސުމެވެ.
4 Responses
ޢައުސްއަށް ކާމިޔާބީއަށް އެދެމެވެ. ތި ގޮތުގައި ކުރިއަށް ދާށެވެ. ހުވަފެނުގައި ކުލަޖެއްސޭނެއެވެ.
ސާބަސް އައުސް.ކުރިޔަށް ދާށެވެ.ކާމިޔާބު ވާނެއެވެ.
އައުސް އަށް މާތްﷲ ހެޔޮ ރަހްމަތް ލެވުމަށް އެދި ދުޢާ ކުރަން. އާމީން
ބަސް އަހާ ދަރިއަކަށް އައުސް ވާށެވެ. ޢިތުރު ކާމިޔާބު ތަކަށް އެދެން