ޝޯޝަލް މީޑިއާއަށް ޕްރިންސިޕަލް ލުތުފީ ދޫކޮށްލެއްވި ވީޑިއޯ ކުލިޕުން، ސަވަންގެ އުއްމީދުގައި ކުލަ ޖެހެނީ

މަކުނުދޫ ސްކޫލްގެ ހައުސްތަކުގެ މެދުގައި ކުރިއަށް ދިޔަ ފުޓްބޯޅަ މުބާރާތުގެ ތެރެއިން މެޗެކެވެ. އެ މެޗް ކުރިއަށް ދިޔައިރު އެ ސްކޫލްގެ މީޑިއާ ކުލަބުގެ އެދުމުގެ މަތިން ފޮޓޯއާއި ވީޑިއޯ ނެންގެވީ ޕްރިންސިޕަލް މުހައްމަދު ލުތުފީއެވެ.

މެޗްގެ ފޮޓޯއާއި ވީޑިއޯ ކުލިޕް އޭނާ ނެންގެވީ ސްކޫލުގެ ބޭނުމަށާއި، ސޯޝަލް މީޑިއާއަށް ލާށެވެ. ފޮޓޯއާއި ވީޑިއޯ ތަކެއް ނަންގަވަނިކޮށް، ޝަވަން ކުޅެން އެރުމާއެކު އެނާއަށް ފޯކަސްކޮށްގެން ވީޑިއޯ އާއި ފޮޓޯތަކެއް ނެންގެވިއެވެ. އޭގެ ތެރެއިން އެއް ކުލިޕް އަމިއްލަ ފޭސްބުކް ޕޭޖުގައި ޝެއަރ ކޮށްލެއްވިއެވެ. އެއީ އެ ވީޑިއޯ ލައިގެން މާބޮޑު ކަންތައްތަކެއް ވާނެ ކަމަށް އުއްމީދު ކުރައްވައިގެން ނޫނެވެ.

ލުތުފި ނެންގެވި އިތުރު ވީޑިއޯތަކާއި ފޮޓޯތައް ހުސްވި ބުދަ ދުވަހުގެ ހެނދުނު ދަރިވަރު ނޫހާ ހިއްސާ ކުރެއްވިއެވެ. އެ ވިޑިއޯތައް އެއްކޮށްލައިގެން ހެދި ވީޑިއޯ ދަރިވަރު ނޫހުގެ ފޭސްބުކު ޕޭޖަށްލީ އެ ދުވަހުގެ ހެނދުނު 8:19ގައެވެ. ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެ ވީޑިއޯ 121،000 މީހުން ބަލާފައިވެއެވެ. 167 މީހުން، ޝަވަންގެ ހުނަރަށް ތަޢުރީފުކޮށް ކޮމެންޓް ކޮށްފައި ވެއެވެ.

ހުރިހާ ނޫސްތަކާއި މަންސައެއްގައި އެދުވަހު އޮތީ ޝަވަންގެ ވާހަކައެވެ. އޭނާގެ ހުނަރާއި ހިތްވަރުގަދަ ކަމުގެ ވާހަކައެވެ.

މީޑިއާއާއި ސަރުކާރުގެ ސަމާލުކަމަށް އެކަން އައިސް، ޝަވަންއަށް މަސްނޫއީ ފައެއް ހޯދައިދިނުމުގެ ހުރިހާ އިންތިޒާމެއް އެންސްޕާއިން ހަމަޖައްސަން ނިންމިއެވެ. އެކަން އޭނާގެ މަންމައަށް ވެސް ފޯނުން ގުޅާފައި އެންސްޕާއިން އެންގިއެވެ.

އޭގެ ފަހުން އެ ވާހަކަ ވެސް ދަރިވަރު ނޫހުން ގެނެސް ދިނުމާއެކު ހުރިހާ މީޑިއާ ތަކަށް ފޯރިއެވެ. ޝަވަންއަށް ހެޔޮއެދިގެން އެތައް ބަޔަކު އެ ޚަބަރަށް ކޮމެންޓް ވެސް ކޮށްފައިވެއެވެ.

" الحمدلله ހިތުން ވަރަށް ކުޑަކަމެއް، އެކަމަކު ކަންތައް ނިމިގެން ދިޔައިރު ޝަވަންގެ ދިރިއުޅުން އެކީ އެދަނީ ބަދަލުވަމުން. ހީވަނީ ހުވަފެނަކުން ހޭލެވުނު ހެން." ލުތުފީ ޙިއްސާ ކުރެއްވި ވީޑިއޯ ބެލި މީހުންގެ އަދަދު ޙިއްސާ ކުރުމުން އެނާގެ ހިތުގެ އުދާސް ބަންޑުން ކޮށްލެއްވިއެވެ.

ލުތުފީ އާއި އެ ސްކޫލްގެ ބައެއް ޓީޗަރުން ދޫކޮށްލެއްވި ވިޑިއޯ ކުލިޕުން ޝަވަންއަށް އެތައް ފުރުޞަތު ތަކެއް މިއަދު ތަނަވަސް ވެއްޖެއެވެ. އެއްފައި މަތީގައި ކޮޅަށް ހުންނަ ހުރުމަށް އެންސްޕާއިން ނިމުމަކަށް ގެނެސް ދެނީއެވެ. ކުޅިވަރުގައި އޭނާ ދައްކާ ހިތްވަރާއި ހުނަރު ފެނި، ޕެރަ އޮލިމްޕިކުގައި ރާއްޖެ ތަމްސީލު ކުރާނެ އެތްލީޓެއްގެ ގޮތުގައި ޓްރެއިން ކުރުމުގެ ފުރުޞަތު ވެސް މަގުފަހިވީއެވެ.

‏”ޝަވަން އާއި މިއަދު ބައްދަލުވެއްޖެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު މިއަދު ވަނީ ފަހިކޮށްދެވިފައި. ޝަވަން ކުޅިވަރު ކުޅުމަށް ބޭނުންވާނެ ޕްރޮސްތެޓިކް ފަޔެއް ނޫންނަމަ ރަނިންގ ބްލޭޑެއް އިރާދަކުރެއްވިއްޔާ ހޯދައި ދޭނަން" ކުޅިވަރާބެހޭ ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ.
" ޝަވަންގެ ހިތްވަރުން އަޅުގަނޑުގެ ލޯ ވެސް އިތުރަށް ހުޅުވިއްޖެ. ކުރަންޖެހޭ އިތުރު ކަންތައްތަކެއް އެނގިއްޖެ އަދި ދަސްވެއްޖެ. ހުރިހާ ޝުކުރެއް ޙައްޤުވަނީ ޝަވަންއަށް. ޝަވަންގެ ހިތްވަރުގަދަ މަންމައާއި އާއިލާ އަދި މުދައްރިސުންނަށް"

މަހޫލޫފުގެ އެ ޓްވީޓް ކުރެއްވިއިރު، ޕެރަލިންޕިކްގެ ސެކެރަޓަރީ ޖެނެރަލް ހުންނެވީ މަކުނޫގައެވެ. ޕެރަލިންޕިކުން ތަމްރީނު ކުރަން މަކުނުދު ސްކޫލުން ނެގި ދެ ކުދިންގެ ތެރޭގައި ޝަވަން ހިމެނުނެވެ. މިއީ ޝަވަންއާއި އެ އާއިލާއަށް ލިބުނު އިތުރު އުއްމީދެކެވެ. ބޮޑު ހިތްވަރެކެވެ.

އެއްފައި ނެތަސް ޝަވަން ދާން ބޭނުންވާ ތަނަކަށް ނު ގޮސް ނުހުރެއެވެ. ވަރުވަލި ވީމާ ކަކޫމައްޗަށް ތިރިވަނީއެވެ. ދެ ކަކޫޖައްސައިގެން ވެސް އޭނާ ބޭނުންވާ ކަމެއް ކޮށްފައި ނޫނީ ދޫކޮށް ނުލައެވެ. އެހާ ވެސް އޭނާ ހިތްވަރު ގަދައެވެ. ސްކޫލްގެ ތެރޭގައި ހިނގަން ގޮނޑިއެއް ޚާއްޞަކޮށްފައި ހުއްޓަސް އެ ބޭނުމެއް ނުކުރެއެވެ. އެހެން ކުދިންނާ ތަފާތެއް ހުރިކަން އިހުސާސްވާން ބޭނުން ނުވާތީއެވެ.

ޝަވަން މަންމަ ބުނީ، ފައެއް ލިބުމަކީ އެއީ އެހެން ކުދިންނެކޭ އެއްގޮތަށް އުޅެން ދެކުން އައި އުއްމީދެއް ކަމަށާއި، އެ އުއްމީދުގައި ކުލަ ޖެހޭތީ ދަރިފުޅު ވަރަށް އުފާވެފައި ހުރި ކަމަށެވެ.

މީގެކުރިން ވެސް އެފަދަ ފައެއް ޖަހަން އެ އާއިލާއިން މަސައްކަތް ކުރިއެވެ. އޮޕްރޭޝަނަކަށްފަހު ކުރަންޖެހޭ ކަމަކަށްވާތީ އެކަން ނުކުރީ އެހާ ޅަ އުމުރުގައި އިތުރު ތަކުލީފަކަށް ވެދާނެތީއެވެ.

ލުތުފީ ވިދާޅުވީ، ޝަވަންގެ އިތުރުން އޭނާގެ މަންމައަކީ ވެސް ވަރަށް ހިތްވަރު ގަދަ މައެއް ކަމަށާއި، އެހެން މީހުންނާއެކު އުޅެން ދަސްކޮށްދީ، ދިމާވެދާނެ ކަންތައްތަކަށް ވަރަށް ބޮޑަށް ހޭލުންތެރި ކުރުވާފައި ހުންނަކަން ޝަވަންގެ ފަރާތުން ފެންނަ ކަމަށެވެ.

" ވަރަށް އުފާވެއްޖެ، ކުޑަކަމަކުން ދަރިވަރެއްގެ ދިރިއުޅުމަށް ހިޔޮ އަސަރެއް ކުރީމާ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *