މިސް ހަނީ އަކީ ރޯލް ޑާލްގެ "އެޕޮނިމް ބުކް" ނަމަކަށް ކިޔާ ވާހަކައިގެ އުޅޭ މެޓިލްޑާގެ ޓީޗަރެވެ. ޖޯން ކީޓިންއަކީ " ޑެޑް ޕޮއެޓް ސޮސައިޓީ" ވާހަކައިގައި އުޅޭ ޚިޔާލީ ޓީޗަރެވެ. ހެރީ ޕޮޓަރ ސީރީޒްގައި އުޅޭ ޕްރޮފެސަރ ޑަންބަލްޑޮރ އަކީ ވެސް ނަމޫނާ ޓީޗަރެކެވެ. މި ވާހަކަތަކުގެ މުހިންމު ޝަޚުސިއްޔަތުންގެ ގޮތުގައި ޓީޗަރުން ހުށަހަޅައިދީފައި އެ ވަނީ ޓީޗަރުންނަށް ކުރާ އިޙުތިރާމާއި އޮންނަ ލޯބީގައި އަދާކުރަންޖެހޭ ޝުކުރުގެ ބޮޑުކަމާއި އެކަމުގެ މަތިވެރިކަމުންނެވެ. ނަމަވެސް މި ހާލަތު މިއަދު އޮތީ މި ގޮތަށް ބާއެވެ؟ އެދުރުންނާމެދު ދެކެނީ މި ނަޒަރުން ބާއެވެ؟ ކިޔަވައިދިނުމުގެ ދާއިރާގެ އުންމީދު އޮތީ މިގޮތަށް ހެއްޔެވެ؟
ތަފާސްހިސާބުތަކުގެ ހަޤީޤަތާ ކުރިމަތިލާ އިރު، އުނގަންނައި ދިނުމާއި ކިޔަވައިދިނުމުގެ ދާއިރާގައި އޮތީ ކަންބޮޑުވުމެވެ. ޔުނެސްކޯގެ އިންސްޓިޓިއުޓް އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަދަރުސީ ތަޢުލީމުން މަޙުރޫމުވެފައިވާ 258 މިލިއަން ކުޑަކުދިންނާއި ޒުވާނުން އެބަ ތިއްބެވެ. މިއަށްވުރެ ކަންބޮޑުވާން ޖެހޭ ކަމަކީ ސްކޫލުތަކުގައި ތިބި 600 މިލިއަނަށް ވުރެ ގިނަ ދަރިވަރުންނަށް އަސާސީ ތަޢުލީމުގެ މިންވަރު ލިބިފައި ނެތުމެވެ. މި ދެ ކަންބޮޑުވުމުން ވެސް ހާމަކޮށްދެނީ ދުނިޔެއަށް ޓީޗަރުން ބޭނުންވާ މިންވަރެވެ. އުނގެނުމުގެ މި ކާރިސާއަށް ހައްލެއް ހޯދާނަމަ ދުނިޔޭގެ އެކި ކަންކޮޅުތަކުން އިތުރު ޓީޗަރުން ތަމުރީނުކުރަން ޖެހެއެވެ. މި ދާއިރާގެ މާދަމާ އުޖާލާ ކުރެވޭނެ ގޮތްތަކަކާމެދު ވިސްނަން ޖެހެއެވެ.
އދ.ގެ ތަފާސްހިސާބުތަކުން އަންދާޒާކުރަނީ 2030 ވަނަ އަހަރާ ހަމައަށް ތަޢުލީމީ ދާއިރާއިން ހާސިލުކުރަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓަކައި ގާތްގަނޑަކަށް 69 މިލިއަން ޓީޗަރުން އިތުރަށް ތަމުރީނުކުރަން ޖެހޭކަމަށެވެ. ރާއްޖެއަށް ވިސްނާލައިއިރު ވެސް ޓީޗަރުންގެ ދަތިކަން އެބައޮތެވެ. އަމިއްލަ ގައުމުން ޓީޗަރުން ނުލިބޭ މައްސަލަ ދޭތެރެދޭތެރެއިން ހިލެއެވެ. އެ އަޑު މަހާސިންތާ ތަކުގައި ގަދަވެއެވެ. 2019 ވަނަ އަހަރުގެ ކިޔެވުން ފެށުނުއިރު ސަރުކާރުގެ 212 ސްކޫލުގައި ޓީޗަރުންގެ ގޮތުގައި 7900 ދިވެހީން މަސައްކަތް ކުރިއިރު، 1،900 ބިދޭސީން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އުފާކުރަންޖެހޭ ކަމަކީ ޓީޗަރުން ހަމަނުވެގެން ބައެއް ރަށްރަށުގައި މަދު ފަހަރަކު މުޒާހަރާ ކުރި ނަމަވެސް އާއްމުކޮށް ކޮންމެ ސްކޫލެއްގައި ވެސް ޓީޗަރުން ހަމަކުރާކަމެވެ.

އުގަންނައި ދިނުމުގެ ދާއިރާގެ މާދަމާއާ މެދު ވިސްނާއިރު ތަމުރީނުވުމުގައި ހުރި މައްސަލަތަކާއި ކުޑަ ތަމުރީނަކުން މުޅި ޢުމުރަށް ވަޒީފާ ކަށަވަރު ކުރާ މައްސަލައާއި ޒުވާން އާ ފަރާތްތަކަށް އޮންނަ ފުރުޞަތު ހަނިވުމާއި ދާއިރާއާ މެދު ޒުވާނުން ދެކޭގޮތް ބަދަލުވުމަކީ ވެސް ހުރި ބޮޑެތި ކަންބޮޑުވުންތަކެކެވެ.
ދިވެހިރާއްޖެއަށް ވިސްނާލާއިރު މި ކަންބޮޑުވުން އޮތް ތޯ މިއީ ކުރަންޖެހޭ ސުވާލެއް ނޫނެވެ. ކުރަން ޖެހެނީ މި ކަންބޮޑުވުން އޮތީ ކިހައި މިންވަރަކަށް ތޯއެވެ؟ މި ސުވާލުގެ ޖަވާބަށް ވިސްނާ އިރު ތިބާއަށް އުނގަންނައި ދެއްވި މުދައްރިސުންގެ ޢުމުރާމެދު ވިސްނަވާށެވެ. ތިބާގެ ދަރިންނަށް ކިޔަވައި ދެއްވުމަށް މިއަދު ވެސް ތިއްބެވީ ހަމަ އެ މުދައްރިސުން ނޫން ހެއްޔެވެ؟ އެ މުދައްރިސުންގެ ތެރެއަށް އާ ޒުވާން މޫނެއް އިތުރުވި ހެއްޔެވެ؟ އޯލެވެލްގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންގެ ތެރެއިން ކުއްޖަކު މީން އަހަރަކު އުނގަންނައި ދިނުމުގެ ދާއިރާއަށް ވަންކަން އެނގޭ ހެއްޔެވެ؟ އޭލެވެލްގެ ގަދަ ދިހައަކަށް ހޮވުނު ދަރިވަރުންގެ ތެރެއިން ކުއްޖަކު އުނގަންނައި ދިނުމުގެ ދާއިރާއިން ކުރިއަށް ހިނގައިދާނެކަމަށް ގަބޫލުކުރެވޭ ހެއްޔެވެ؟ މި ސުވާލުތަކުގެ ހަގީގީ ޖަވާބު ފެންނާނީ ތަފާސްހިސާބުތަކުންނެވެ. ނަމަވެސް އެ މަޢުލޫމާތު ހުރީ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައެވެ. މިނިސްޓްރީތަކުގެ ވަތްގަނޑުތަކުގައެވެ. އަތްފޯރާ ހިސާބަށްވުރެ މާ އަޑީގައެވެ. ފެންނަމުންދާ މަންޒަރަށް ބުރަވާނަމަ އުނގަންނައިދިނުމުގެ ދާއިރާއާމެދު ދެކޭ ގޮތް ވަނީ މުޅިން ބަދަލުވެފައެވެ.
އަދުގެ ޓީޗަރުންގެ މަސައްކަތް ގިނަ ފަހަރަށް ސިފަކުރެވެނީ ބުރަ، އަގުވަޒަން ނުކުރެވޭ އަދި އުނދަގޫ މާހައުލެއްގައި އުޅެންޖެހޭ މަސައްކަތެއްގެ ގޮތުގައެވެ. މުސާރަ ކުޑަ، ބާރުނެތް، އިޚުތިޔާރު މަދު މަސައްކަތެއްގެ ގޮތުގައި ވެސް މެއެވެ. މިއީ ދުނިޔޭގެ ބައެއް ކަންކޮޅުތަކުގައި ކަން އޮތްގޮތްކަމަށް ބުނެވިދާނެއެވެ. މިފަދަ ގައުމުތަކުގައި ޓީޗިން ދާއިރާއަކީ ޗޮއިސްއެއް ނޫނެވެ. ގިނަ ފަހަރަށް އެއީ ގައުމީ އިމްތިހާނުތަކުން އެންމެ ދަށުން ފާސްވާ ދަރިވަރުންނަށް އޮންނަ ފުރުޞަތެކެވެ. އެފަދަ ދަރިވަރުން ބޭނުންވާ ހުރިހާ ފުރުޞަތެއް ބަންދުވުމުން ކުރިއަށް ދާން އޮންނަ ބާޒާރެކެވެ. މިއީ ޓެންޒޭނިޔާގައި ކަންހިނގާ ގޮތެވެ. މި ދިވެހިރާއްޖޭގައި ކަން ހިނގަނީ މި ގޮތަށްކަން ނުވަތަ ނޫންކަން އެންމެ ބޮޑަށް ޔަގީންކުރެވޭނީ މަތީ ތަޢުލީމުގެ ކޯސްތައް ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށެވެ.
އުނގަންނައި ދިނުމުގެ ދާއިރާއާ ޒުވާނުން
ރާއްޖެއަށް ވިސްނާލާއިރު ތަމުރީނު ލިބިފައިވާ ޓީޗަރުންގެ ޢަދަދު ނިސްބަތުން މަދެއް ނޫނެވެ. އަދި އުނގަންނައި ދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުން އަދަދު މަދު ނޫންކަމަށް ވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވިދާޅުވެފައެވެ.
"ހިދުމަތުގައި މިހާރު ތިބި ޓީޗަރުންގެ ތެރޭގައި ޒުވާނުން މަދެއް ނޫން. ކޮންމެ އަހަރަކު ވެސް ތައުލީމީ ދާއިރާއާ އަލަށް ގުޅޭ ޓީޗަރުންގެ ބޮޑު އަޣުލަބިއްޔަތަކީ ޒުވާނުން. މިހާރު ތަމުރީނުވަމުން އަންނަ ޓީޗަރުންގެ ތެރޭގައި ވެސް ޒުވާނުންގެ އަދަދު ގިނަކަން ފާހަގަކުރެވޭ" މުދައްރިސުންގެ ދުވަހުގެ ޚިޠާބުގައި ރައީސް ޞާލިޙު ވިދާޅުވެފައި ވެއެވެ. މިއީ ރާއްޖޭގައި ކަން އޮތްގޮތް ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު މިއީ ކަންބޮޑުވުން އޮތް މައްސަލައެކެވެ.
ދުނިޔޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 2013 ވަނަ އަހަރުން ފެށިގެން ތަމުރީނު ލިބިފައިވާ ޓީޗަރުންގެ ޢަދަދު އަންނަނީ ދަށްވަމުންނެވެ. 2019 ވަނަ އަހަރުގެ ގްލޯބަލް އެޑިއުކޭޝަން މޮނިޓަރުން ރިޕޯޓުގައި އަންދާޒާކޮށްފައިވާ ގޮތުގައި 2017 ވަނަ އަހަރު ތިބި ޓީޗަރުންގެ ތެރެއިން ތަމުރީނު ވެފައިވަނީ 85 އިންސައްތަ ޓީޗަރުންނެވެ. "އެޑިއުކޭޝަން އެޓް އަ ގްލޭންސް" ގެ ނަމުގައި އޯއީސީޑީން 2019 ވަނަ އަހަރު ނެރުނު ރިޕޯޓުގައި ޓީޗަރުންގެ ހާލަތުގެ ތަސައްވުރެއް ދީފައިވެއެވެ.

ޒުވާން ޓީޗަރުންގެ ގޮތުގައި 30 އަހަރުން ދަށުގެ އެދުރުން ބަލާނަމަ އޯއީސީޑީން ސާރވޭކުރި ގައުމުތަކުގައި ޒުވާން ޓީޗަރުންގެ ގޮތުގައި ތިބީ އެންމެ 25 އިންސައްތަ ޓީޗަރުންނެވެ. ފްރާންސްގައި 2017 ވަނަ އަހަރު ޕްރައިމަރީން ފެށިގެން މަތީ ސާނަވީއާ ހިސާބަށް ކިޔަވައިދޭން ތިބި ޓީޗަރުންގެ ތެރެއިން ޒުވާން ޓީޗަރުންގެ ނިސްބަތަކީ އެންމެ 11 އިންސައްތައެވެ. ދެކުނު ކޮރެއާގައި ޒުވާން ޓީޗަރުންގެ ނިސްބަތަކީ 14 އިންސައްތައެވެ. ޒުވާން ޓީޗަރުންގެ ނިސްބަތް އެންމެ ބޮޑު ގައުމަކީ ޗިލީއެވެ. އެއީ 21 އިންސައްތައެވެ. ތަޢުލީމީ މަރުހަލާގެ އެކި ހަރުފަތްތަކުގައި ތިބި ޒުވާން ޓީޗަރުންގެ އަދަދު ބެލުމުން ފެންނަނީ އަދި މިއަށްވުރެ ވެސް ހިތާމަވެރި މަންޒަރެކެވެ. އެގޮތުން ޕްރައިމަރީގައި ޒުވާން ޓީޗަރުންގެ ނިސްބަތް ހުރީ އެންމެ 13 އިންސައްތައިގައެވެ. އަދި ސާނަވީއަށް ކިޔަވައިދޭ ޒުވާން ޓީޗަރުންގެ ނިސްބަތް އުޅެނީ 11 އިންސައްތައިގައެވެ. މަތީ ސާނަވީގައި ތިބީ އެންމެ 8 އިންސައްތައެވެ.
އިސްވެ ދެންނެވުނު ތަފާސްހިސާބުތަކުން ބުނެދެނީ ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުން އެކަށީގެންވާ މިންވަރަށް ނުނިކުންނަކަމެވެ. އަދި ނުކުތް ނަމަވެސް އެކަށީގެންވާ ޢިލްމީ ދަރިން ކުރިމަތިލާން ބޭނުން ނުވާކަމެވެ. މީގެ މިސާލުތައް މި ރާއްޖެއިން ވެސް ނެގެން އެބަ ހުއްޓެވެ. މިފަދަ އެއް މިސާލަކީ މީގެ ހަތަރު އަހަރު ކުރިން ޓީޗިން ދާއިރާއިން ޑިގްރީ ހެދުމަށް ސަރުކާރުން ހުޅުވާލި ސްކޮލަޝިޕްގެ 100 ފުރުޞަތެވެ. އެ ފުރުޞަތު އޮތްކަން ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސޮފޫރާ، އެ ސުކޫލުގައި ކިޔަވަމުން ދިޔަ ދަރިވަރުންނާ ހިއްސާކުރައްވާ އެ ފުރުޞަތު ބޭނުންވާ އެއްވެސް ދަރިވަރަކު އިންތޯ ސުވާލު ކުރެއްވިއެވެ. އޭރު އެތަނުގައި 300-400 އާ ދެމެދުގެ އަދަދަކަށް ދަރިވަރުން ތިއްބެވެ. ނަމަވެސް އެފުރުޞަތު ބޭނުންވެގެން އެއްވެސް ދަރިވަރަކު އަތް ހިއްލާފައެއް ނުވެއެވެ.
އުނގަންނައި ދިނުމުގެ ދާއިރާއަށް އޮތް ޝައުޤު ގެއްލުނީ ކީއްވެ؟
"އަޅުގަނޑަކަށް ނުދެންނެވޭނެ ޓީޗަރުންގެ މުސާރައަކީ އެހައި ރަނގަޅު މުސާރައެއް ކަމަކަށް. މަސައްކަތުގެ މާހައުލަކީ ވެސް އެހައި ރަނގަޅު މާހައުލެކޭ،" މިއީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ދިވެހިރާއްޖޭގެ ތަޢުލީމީ ވަޒީރު ޑރ. ޢާއިޝަތު ޢަލީ އެރުއްވި ޖަވާބުން ބައެކެވެ. މިއީ ހަގީގަތެވެ. މި ހަގީގަތާއެކު މުދައްރިސުންނަށް އޮތް އިހުތިރާމާއި ޤަދަރުން ބޮޑު ބައެއް މުޖުތަމަޢުން ގެއްލިޖެކަން ވެސް ގަބޫލުކުރަންޖެހެއެވެ. މިއީ މިއަދަކު އިއްޔެއަކު ވީކަމެއް ނޫނެވެ. މިއީ މި ޖީލުގެ ލޯމަތިން ކަމަކަށްފަހު ކަމެއް ފުނިޖެހެމުން އައިސް ހުއްޓެއް މަޖުބޫރުވި އަނދަވަޅެކެވެ. މި ދާއިރާއަށް އިހުމާލުވެވުނުލެއް ބޮޑުކަމުން މަޑުކުރަން ޖެހުނު ހިސާބެކެވެ. މިއީ އެއް ވިސްނުމެވެ.
ދެވަނަ ވިސްނުމަކީ ދާއިރާގެ ބުރަކަމާއި ކުރަންޖެހޭ ތަޖުރިބާއެވެ. އެޑިއުކޭޝަނަލް އިންޓަނޭޝަނަލް ހައިލައިޓްސް އިން ނެރުނު "ދަ ފިއުޗަރ އޮފް ދަ ޓީޗިން ޕްރޮފެޝަން" ރިޕޯޓްގައި ވާގޮތުން އުނގަންނައިދިނުމުގެ ފުރަތަމަ ދުވަސްކޮޅު ޓީޗަރުން ކުރާ ތަޖުރިބާއަކީ ބިރުވެރި ތަޖުރިބާއެއެވެ. އެގޮތުން ފާހަގަކުރެވޭ ބައެއް ކަންބޮޑުވުންތަކަކީ ކުދިންގެ އަޚުލާގާއި ކުލާސް ރޫމު މެނޭޖުކުރަން ނޭނގުމާއި، އަމިއްލަ ދިރިއުޅުމާއި އުނގަންނައި ދިނުމުގެ މަސައްކަތްތައް ހަމަހަމަކުރާން އުނދަގޫވުމާއި ކިޔަވައިދިނުމުގެ ގޮތްތަކާއި އިސްތިރާޖީތަކަށް އަހުލުވެރިނުވުމާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭން ޖެހުމެވެ. މި ތަޖުރިބާއަކީ އުނގަންނައި ދިނުމުގެ މަސައްކަތާމެދު ދެކޭގޮތް ބަދަލުވާފަދަ ކަންތައްތަކެކެވެ. މި ދާއިރާ ދޫކޮށް އެހެން ދާއިރާތަކުން އިށީންނާނެ ގަލެއް ހޯދަން މަޖުބޫރުވާ ކަންކަމެވެ.
ރާއްޖެއަށް ވިސްނާލާއިރު ތަޢުލީމީ ދާއިރާ ދޫކޮށް އެހެން ދާއިރާތަކަށް ތަޖުރިބާކާރު އެތައް އެދުރުންނެއް ބަދަލުވެއްޖެއެވެ. ޔުނިވަރސިޓީގެ ދާރިސުންގެ ގޮތުގައި ނަމޫނާ ދެއްކެވި އެތައް ދާރިސުންނެއް ބޮޑު މުސާރަލިބޭ އެހެން ދާއިރާތަކަށް ހިޖުރަކޮށްފިއެވެ. ރަނގަޅު މުސާރަލިބޭ ވަޒީފާތަކަށް ބަލަބަލާތިބި އެތައް ބަޔަކު އުނގަންނައި ދިނުމުގެ ދާއިރާގައި އެބަ ތިއްބެވެ. މި ކަންބޮޑުވުން ގައުމީ މައްސަލައެއްގެ ގޮތުގައި ވައިގައެއް ނުހިފިއެވެ. ސަރުކާރުތަކުން މާ ބޮޑު ސަމާލުކަމެއް މިކަމަށް ދެއްވިކަމަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ. އެހެން ނޫންނަމަ މިހާލަތަށް މި ދާއިރާ ދިޔައީސް ތޯއެވެ؟
ދަ ނެޝަނަލް ޔޫނިއަން އޮފް ޓީޗާރސްއިން އިނގިރޭސިވިލާތުގައި 2017 ވަނަ އަހަރު ކުރި ސަރވޭއަކުން ދައްކަނީ އެ ސާވޭއަށް ޖަވާބުދިން ޓީޗަރުންގެ ތެރެއިން އުމުރުން 35 އަހަރުން ދަށުގެ 50 އިންސައްތަ ޓީޗަރުން ކުރިއަށް އޮތް 5 އަހަރުތެރޭ އެ ދާއިރާ ދޫކޮށްލާނެ ކަމަކެވެ. ރާއްޖޭގައި މިފަދަ ދިރާސާއެއް ކޮށްފައި ނުވާކަން ނަސީބެވެ. އެހެން ނޫންނަމަ އެ ނަތީޖާއިން ދާއިރާއަށް ލިބޭނެ ނުތަނަވަސްކަން އޮންނާނީ އިންތިހާގައެވެ.

މި ރާއްޖެއަށް ވިސްނާލާއިރު ކަންކަން ހިނގަމުން އައިސްފައި ވަނީ ނޭނގިއެއް ނޫނެވެ. ކޮންމެ ދުވަހަކު ނަގަންޖެހޭ ގަޑިތަކާއި، ހޭދަކުރަންޖެހޭ ވަގުތުތަކާއި މާކުކުރަންޖެހޭ ފޮތްތަކާއި ބެލެނިވެރިންގެ ޝަކުވާތަކާއި ލީޑިން ޓީޗަރުންނާއި ވެރީންގެ ކަންބޮޑުވުންތަކަށް އެދުރުން ވިސްނަންޖެހޭ އިރު، މަހު މުސާރައިގެ ގޮތުގައި ލިބޭ އުޖޫރައަކީ ސިވިލް ސާވިސްގެ އެންމެ މަތީ ރޭންކް، CS15-އަށް ބަލާނަމަ މަހަކު 10،640ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭ 2،500ރ. އެވެ. މި އުޖޫރައަށް މި ދާއިރާގައި މިހާ ބުރަކޮށް އުޅުމުގެ މާނައެއް އެބަ އޮތް ހެއްޔެވެ؟ ދެންވެސް އޮތީ ހަމަ ޚިޔާލެކެވެ. ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކަށް އެ ވަނީ އިތުރު ބާރުތަކެއް ދީފައެވެ. އެ ބާރާއެކު އެ ތަންތަނުގެ މުސާރަ ވެސް ބޮޑުވާނެއެވެ. އަންހެނުންނަށް ޚާއްޞަ ޖާގަތަކެއް ވެސް އެ ވަނީ ކަށަވަރު ވެފައެވެ. އެ ދިމާލަށް ޓީޗަރުންތައް ދުއްވައި ނުގެންފިނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. ދުއްވައި ގަތަސް ފައިދާއެއް ނަމަ ކުރާނީ ހަމަ ރަށަށެވެ. ހަމަ މި ގައުމަށެވެ. ތަޢުލީމީ ފެންވަރާއި އުޖޫރަ ގުޅުވަން ޖެހެނީ އުނގަންނައި ދިނުން ފަދަ ފަންނީ ދާއިރާތަކަށް އެކަންޏެވެ.
ކުރެވޭނީ ކޮންކަމެއް؟
އެންމެ ފުރަތަމަ އަދި އެންމެ ފަސޭހައިން އެޅޭނެ ފިޔަވަޅަކީ އެންމެން ބައިވެރިވާ، ޓީޗަރުންގެ ގައުމީ ސިޔާސަތެއް އެކުލަވައިލައި ތަންފީޒުކުރުމެވެ. ދަ ޓީޗަރ ޓާސްކް ފޯސްގެ " ޓީޗަރ ޕޮލިސީ ޑިވެލޮޕްމަންޓް ގައިޑް" ގައި ލަފާ ދީފައިވަނީ ދާއިރާއިން ކުރިއަށް ދާނެ ގޮތް ކުރަހައިދީ މަސައްކަތުގެ މާހައުލުގެ ހާލަތު ރަނގަޅުކޮށް ޓީޗަރުން ޝައުގުވެރިވާނެ ފަދަ މުސާރައާއި އިނާޔަތްތަކެއް ޓީޗަރުންނާ ގުޅޭ ހުރިހާ ސިޔާސަތެއްގައި ބޭއްވުމަށެވެ. މިއީ ތަޢުލީމީ ދާއިރާގެ ކުރިމަގަށް ޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އެދުރުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީ ވެސް މިހާރުން މިހާރަށް ކުރަންޖެހޭ ކަމެކެވެ. އިނގިރޭސިވިލާތުގައި މިހާރު ވެސް ވަނީ ޒުވާން ޓީޗަރުންގެ މުސާރަ ބޮޑުކުރަން ރިވިއުކުރަން ފަށާފައެވެ. ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ބެނިންގައި ޓީޗަރުންގެ ގޮތުގައި ޒުވާނުން ތަމްރީނުވުމަށް 9 މަސް ދުވަހުގެ ކޮންޓްރެކްޓެއް އަންނަނީ ހަދަމުންނެވެ. މި އެއްބަސްވުމުގެ ދަށުން ކަނޑައެޅޭ މުސާރައަކާއި ހައުސިން އެލަވަންސަކާއި ސިއްޙީ ޚިދުމަތުގެ އެލަންވަންސެއް ހަމަޖައްސައި ދެއެވެ. މިއީ ދިވެހިރާއްޖޭގައި ވެސް ކުރެވިދާނެ ކަމެކެވެ.
ޒުވާން ޓީޗަރުން ދާއިރާގައި ދެމެހެއްޓުމަށް ޓަކައި އެ މީހުންގެ މަސައްކަތް ލުއިކޮށްދިނުމަކީ ވެސް ރަނގަޅު ކަމެއްކަން ދިރާސާތަކުން ދައްކައެވެ. ކަޒަކިސްތާނުގައި އާ ޓީޗަރަކު ހަފުތާއަކު މަސައްކަތް ކުރަންޖެހެނީ ތަޖުރިބާކާރު ޓީޗަރުން މަސައްކަތް ކުރާ މިންވަރަށްވުރެ 4 ގަޑިއިރު މަދުންނެވެ. ރާއްޖޭގައި ނަމަ އަލަށް ވަންނަ ޓީޗަރުން ނަގަންޖެހޭ ގަޑި ވާނީ ގިނައެވެ. އެއީ ތަޖުރިބާ ލިބޭނީ ގަޑި ގިނައިން ނަގައިގެންކަމަށް ވާތީ ތޯއްޗެކެވެ. އެހިސާބުން އެއަންނަ ފޫހީގައި ދެން ބަދަލުވަނީ އެހެން ސްކޫލަކަށެވެ. އެންމެ ފަހުން އެ ބަދަލުވުން ގޮސް ހަރުލަނީ އެހެން ދާއިރާއެއްގައެވެ.
ހަގީގަތަށް ބުނާނަމަ ރާއްޖޭގެ އުނގަންނައިދިނުމުގެ ދާއިރާގެ ރޫހު އޮތީ މަރުވެފައެވެ. އޭގެ މިސްރަބު ވަނީ ގެއްލިފައެވެ. އެ ދާއިރާއާމެދު ދެކޭ ގޮތް ވަނީ ބަދަލުވެފައެވެ. އެ ދާއިރާގެ މުސްތަގުބަލު އޮތީ އަނދިރިވެފައެވެ. މިކަމުން ސަލާމަތްވާނީ މުޅި ގައުމު މިކަން ދަނެގެންނެވެ. މި މައްސަލަތައް ހަގީގީ މައްސަލަތަކެއްގެ ގޮތުގައި ބަލައިގަނެ ދާއިރާގެ މާދަމާއަށް ފަރުވާ ދީގެންނެވެ.
advertisment
9 Responses
ރަނގަޅު ލިޔުމެއް.
ބޮޑަށް ބަރޯސާ ވަނީ "ޒުވާނުން"ނަށް… ޒުވާނުން ގިނަ ފަހަރު މަސައްކަތުގަ އުޅެން ޖެހުނީމަ ވަރަށް ބުރަ އިހްސާސްކުރޭ… މަސައްކަތް ފުރިހަނަ ކުރެވޭތޯ ބަލަނީ ޒުވާނުންނަށް މެދު ޢުމުރުގެ މީހުން.. ޒުވާނުން ކޮފީއެއްގަ ޖައްސާލާގޮތަށް އެތަނުން ހިއްލާ ނުލެވޭ
ބޮޑަށް ބަރޯސާ ވަނީ "ޒުވާނުން"ނަށް… ޒުވާނުން ގިނަ ފަހަރު މަސައްކަތުގަ އުޅެން ޖެހުނީމަ ވަރަށް ބުރަ އިހްސާސްކުރޭ… މަސައްކަތް ފުރިހަނަ ކުރެވޭތޯ ބަލަނީ ޒުވާނުންނަށް މެދު ޢުމުރުގެ މީހުން.. ޒުވާނުން ކޮފީއެއްގަ ޖައްސާލާގޮތަށް އެތަނުން ހިއްލާ ނުލެވޭ
ބޮޑަށް ބަރޯސާ ވަނީ "ޒުވާނުން"ނަށް… ޒުވާނުން ގިނަ ފަހަރު މަސައްކަތުގަ އުޅެން ޖެހުނީމަ ވަރަށް ބުރަ އިހްސާސްކުރޭ… މަސައްކަތް ފުރިހަނަ ކުރެވޭތޯ ބަލަނީ ޒުވާނުންނަށް މެދު ޢުމުރުގެ މީހުން.. ޒުވާނުން ކޮފީއެއްގަ ޖައްސާލާގޮތަށް އެތަނުން ހިއްލާ ނުލެވޭ
ބޮޑަށް ބަރޯސާ ވަނީ "ޒުވާނުން"ނަށް… ޒުވާނުން ގިނަ ފަހަރު މަސައްކަތުގަ އުޅެން ޖެހުނީމަ ވަރަށް ބުރަ އިހްސާސްކުރޭ… މަސައްކަތް ފުރިހަނަ ކުރެވޭތޯ ބަލަނީ ޒުވާނުންނަށް މެދު ޢުމުރުގެ މީހުން.. ޒުވާނުން ކޮފީއެއްގަ ޖައްސާލާގޮތަށް އެތަނުން ހިއްލާ ނުލެވޭ
ބޮޑަށް ބަރޯސާ ވަނީ "ޒުވާނުން"ނަށް… ޒުވާނުން ގިނަ ފަހަރު މަސައްކަތުގަ އުޅެން ޖެހުނީމަ ވަރަށް ބުރަ އިހްސާސްކުރޭ… މަސައްކަތް ފުރިހަނަ ކުރެވޭތޯ ބަލަނީ ޒުވާނުންނަށް މެދު ޢުމުރުގެ މީހުން.. ޒުވާނުން ކޮފީއެއްގަ ޖައްސާލާގޮތަށް އެތަނުން ހިއްލާ ނުލެވޭ
ނައިފަރުގައިވެސް 2020 އަށް ލޓ އަށް ހަމަހޭގައި ކުރިމަތިލެއްވީ 2
މިއީ ވަރަށް މަޢުލޫމާތު ހުރި ރަނގަޅު ލިޔުމެއް. މިފަދަ ލިޔުންތައް އިތުރުކޮށްލަދެއްވާ. ދަރިވަރުންނަށާއި މުދައރިސުންނަށް މިފަދަ ލިޔުންތައް ގިނަގިނައިން ގެނެސްދިނުން ވ. މުހިންމު.
ޅިއުމަކުނ ކުރާނެ ފައިދާއެއް އޮތްހެނެއް ހިއެއްނުވޭ!