ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މަކުނުދޫ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތަށް އެ ދަރިވަރުންގެ ހުނަރު ދައްކައިދޭ އެތައް ފޮޓޯތަކެއް ހުށައަޅައިފިއެވެ. މަކުނުދޫ ސްކޫލްގެ މީޑިއާ ކުލަބުން ކުރިއަށް ގެންދާ މި މުބާރާތަށް ވަކިވަކި ދަރިވަރުންނާއި ގުރޫޕެއްގެ ގޮތުގައި ހުށައެޅި ފޮޓޯތަކުގެ ތެރެއިން އެންމެ މުހިންމު ފޮޓޯތައް މިހާރު ވަނީ އެ ސްކޫލްގެ ފޭސްބުކު ޕޭޖަށް ލާފައެވެ.
އެ ފޮޓޯތަކުގައި ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ޙަލާލާއާ ގުޅުން ހުރި ފޮޓޯތައް ދައްކުވައިދޭ ކުދިން ކުޅެފައިވާ އެތައް މަންޒަރެކެވެ. އަތޮޅުތެރޭގެ ދިރިއުޅުމުން ފެށިގެން މާލޭގެ އެ ދުވަހުގެ ހަރަކާތްތަކާއި ޢުދުވާނީ ޙަމަލާދިން ބާޣީންގެ ޙަރަކާތްތަކާއި އެދުވަހުގެ ހީރޯ، ހުސައިން އާދަމްގެ ޝަހީދުވެގެން ވެއްޓިފައި އޮތް މަންޒަރު ވެސް އެ ދަރިވަރުން ވަނީ ސިފަކޮށްދީފައެވެ.
މަކުނުދޫ ސްކޫލުން ބުނީ، އެ މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ކިބައިގައި ހުރި އުފެއްދުންތެރި ކަމުގެ ހުނަރު ކުރިއަރުވައި ދެއްކުމާއި، ނަޞްރުގެ ދުވަހު ސިފައިންނާއި ދިވެހި ރައްޔިތުން ޤައުމަށްޓަކައި ވެދެއްވި ޤުރުބާނީ ފާހަގަކޮށް އެކަމުގެ ހަނދާންތައް ދިރުވާ އާލާކޮށް، އެ ދުވަހުގެ ހާދިސާ ގިނަ ބަޔަކަށް ފެންނާނެހެން ގެނެސްދިނުމެވެ.

މަކުނުދޫ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ލުތުފީ ވިދާޅުވީ، ފޮޓޯ ހުށައެޅުމުގެ މުބާރާތަށް އުއްމީދު ކުރިވަރަށް ވުރެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށެވެ.
" ފޮޓޯ ނެގުމުގައި ކުދިންނާއެކު ބެލެނިވެރިން ވެސް ބައިވެރިވެ، ވަރަށް ޝަޢުޤުވެރި ކަމަށް ވީ. ކުރިން އަޅުގަނޑުމެން ހިއެއް ނުކުރަން މިހާ ބޮޑު ތަރުޙީބެއް، ލިބޭނެ ކަމަކަށް" ލުތުފީ ވިދާޅުވިއެވެ.
advertisment
ހިޔާލު