ވެއްޓުނު މީހާއަށް އެހީވި، އަރަބިއްޔާގެ ދަރިވަރުގެ ވާހަކަ

ވެއްޓުނު މީހާއަށް އެހީވުމުގައި ބައިވެރިވެރި ޒުވާނާއާއި އަރަބިއްޔާ ސްކޫލްގެ ގުރޭޑް 12ގައި ކިޔަވަމުންދާ މުއުމިންއަށް އެތައް ބަޔަކު ދަނީ ތަޢުރީފުކުރަމުން- ފޮޓޯ: ޝަހުލާ ވަޖީހު

އެއީ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުގެ މެންދުރު 1:15 ހާއިރެވެ. އަރަބިއްޔާ ސްކޫލުން ނުކުމެގެން ގޮސް އިސްކަންދަރު ޕާކާ ދިމާލަށް ދަނިކޮށް، އެ ސްކޫލްގެ ގުރޭޑް 12ގައި ކިޔަވަމުން ދާ އަބްދުﷲ މޫމިން މުޙައްމަދަށް ފެނުނީ، ކާނިވާ ސަރަޙައްދުން ބޮޑުތަކުރުފާނު މަގަށް ނުކުންނަން އައި ސައިކަލެއް އަރިއަޅާލާ ތަނެވެ. އޭރު ސައިކަލް ފަހަތުގައި އިން އަންހެނަކު ސައިކަލް ވެއްޓުނަ ނުދީ ހިފަހައްޓަން މަސައްކަތް ކުރެއެވެ. މޫމިންއަށް އެ މަންޒަރު ފެނިގެން ދުއްވައިގެންއިރު އެ ދިމާލަށް ޒުވާނަކު ވެސް ދެއެވެ. އެ މީހުންނާ ކައިރިއަށް ދެވުނީ މުއުމިންއާއި އެ ޒުވާނާއަށް ދާދި އެކުއެކީގައެވެ. އޭރު ސައިކަލް ދުއްވަން އިން މެދު އުމުރުގެ މީހާ އޮތީ ވެއްޓިފައެވެ. އޭނާގެ އެއްފައި އޮތީ ސައިކަލް ދަށުގައެވެ.

ބަލާކަށް ނުހުރެ މޫމިންގެ ކޮނޑުގައި އޮތް ފޮތް ދަބަސް ނަގައި އެމީހާގެ ބޯ ދަށަށްލިއެވެ. އެ ދެ މީހުންވެގެން ވެއްޓިފައި އޮތް މީހާ ނަގާ ރިކަވަރީ ޕޮޒިޝަނަށް ގެނައެވެ.

" ރިކަވަރީ ޕޮޒިޝަނަށް ގެނެސް، އެ މީހާއާ ވާހަކަ ދައްކައިގެން ވީ ގޮތް އޮޅުން ފިލުވީ" މޫމިން ބުންޏެވެ.

މޫމިން ބުނީ، އެ ދުވަހަކީ ހޫނުގަދަ ދުވަހަކަށް ވެފައި، މެންދުރުގެ ގަދަ އަވީގައި، މަގަށް ނުކުތްތަނުން ގޮތެއް ވާހެން ހީވެގެން ސައިލްކަލް މަޑުކޮށްފައި، ހަރު ނުޖެއްސި އުޅެނިކޮށް މޫނުމައްޗަށް އަދިރިވެ "ބުލެކްއައުޓް" ވީ ކަމަށް އޭނާ ބުނި ކަމަށެވެ.

" އެވަގުތު މީހުން އެއްވެއްޖެ، އިއްތިފާގުން އެވަގުތު އެތަނަށް އައި ސްކޫލް ޓީޗަރަކު އެމްބިއުލާންސަށް ގުޅީ. އެމްބިއުލާންސަށް އަންނަން ވަގުތު ނަގާނެތީ މަގުމަތިން ހޯދި ޓެކްސީއެއްގައި ހޮސްޕިޓަކަށް ގެންދިޔައީ" މޫމިން ކިޔައިދިނެވެ.
" އެކަން ހިނގިތާ ހައެއްކަ މިނިޓް ވާނީ، ކާރެއްގައި ހޮސްޕިޓަލަށް ފޮނުވާލެވުނު"

މޫމިން ބުނީ، އެހީވާން ދިޔަ ޒުވާނާ ވެސް އަދި ވެއްޓުނު މީހަކީ ކާކުކަން އޭނާއަކަށް ނޭނގޭ ކަމަށެވެ.

މޫމިން ބުނީ، މޫނުމައްޗަށް އަނދިރިވެ އޭނާ ވެސް މީގެ ކުރިން ވެއްޓުނު ކަމަށާއި، އެފަދަ ހާލަތުގައި ކަންތައްތައް ކުރަންވީ ގޮތް އެނގޭ ކަމަށެވެ.

އޭނާ ބުނީ، ސްކައުޓްގައި އުޅޭތީ ފުރަތަމަ އެހީގެ ގޮތުގައި ކުރަންޖެހޭ ކަންތައް އޭގެ ތެރެއިން ދަސްވެފައިވާ ކަމަށެވެ.

" އެފަދަ ހާލަތެއްގައި ކަންތައް ކުރަންވީ ގޮތް ސްކައުޓްގެ ތެރެއިން ދަސްވެފައި ހުރީ. އެންމެ މުހިންމު ކަމަކީ އެފަދަ ދަނޑިވަޅުގައި ހާސްނުވުން" 

އަރަބިއްޔާގެ ސްކައުޓްގައި އެސިސްޓެންޓް ސީނިއަރ ލީޑަރެއްގެ ގޮތުގައި، މިހާރު މަސައްކަތް ކުރަމުން އަންނަ މޫމިން ހުރީ، ކުއްލި ހާލަތުގައި މީހަކަށް އެހީތެރިކަމެއް ފޯރުކޮށް ދެވުމުން ހިތްހަމަޖެހިފައެވެ.

ވެއްޓުނު މިހާއަށް އެހީވުމުން، މޫމިންއާއި ޒުވާނާއަށް އެތައް ބައެއްގެ ތަޢުރީފު ވެސް ލިބުނެވެ.

އެ ހާދިސާގެ ކަންތައްތައް ކައިރިން ފެނި، އެވާހަކަ ސޯޝަލް މީޑިއާގައި ހިއްސާ ކުރީ ޝަހުލާ ވަޖީހުއެވެ.

ޝަހުލާގެ ފޭސުބުކް ޕޭޖުގައި ލިޔުނު ކުރު މެސެޖެއްގައި ބުނެފައި ވަނީ، ވެއްޓުނު މީހާއަށް އެހީވުމުގައި މޫމިންއާއި އެ ޒުވާނާ ކައްތައް ކުރި ގޮތް ފެނުނު ކަމަށާއ، އެ ދެމީހުންނާ މެދު ފަޚުރުވެރިވާ ކަމަށެވެ.

" ޤައުމަށް ބޭނުންވަނީ ހަމަ ތިޔަ ކަހަލަ ކުދިން" ޝަހުލާ ލިޔެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *