ތޮއްޑޫ ސްކޫލަށް ބޮޑު ކާމިޔާބީއެއް: ރީ ޗެކް ކުރުމުން، އެ ސްކޫލްގެ މިޝްގާއަށް އެއްވަނަ، ޒިމްނާއަށް ދެވަނަ

ރީ ޗެކް ކުރުމުން ތޮއްޑޫ ސްކޫލްގެ އައިޝަތު މިޝްޤާ ނާސިރަށް ގަދަ ދިހައެއްގެ އެއްވަނަ، އަދި އެ ސްކޫލްގެ ޙައްވާ ޒިމްނާ ރާފިއުއަށް ދެވަނަ ލިބިއްޖެއެވެ.

ދިވެހިން އޭ ލިބުމުން މިޝްޤާއަށް ކުރިން ލިބުނީ ދެ ވަނައެވެ. ދިވެހި މާއްދާ ރީ ޗެކް ކުރުމުން، ދިވެހިން ވެސް އޭ ސްޓަރއެއް ލިބުނީއެވެ. ސާނަވީ އިމްތިޙާނުން ތިން ވަނަ ޒިމްނާއަށް ލިބުނީ 6 އޭ ސްޓަރއާއި ދެ އޭ ލިބިގެންނެވެ. އޭ ލިބުނީ ދިވެހިންނާއި އިސްލާމުންނެވެ. ރީ ޗެކް ކުރުމުން އިސްލާމް މާއްދާއަށް ބަދަލެއް ނައި ނަމަވެސް ދިވެހި މާއްދާއިން އޭ ސްޓަރ ލިބުނެވެ. އެހެންވެ ހަތް އޭއާއި އެއް އޭ ލިބިގެން ޒިމްނާ މިހާރު ވަނީ ޤައުމީ ގަދަ ދިހައެއްގެ ދެވަނަ ކަށަވަރު ވެފައެވެ.

މިއީ ތޮއްޑޫ ސްކޫލްގެ ތާރީޚުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އެ ސްކޫލުން ސިފަކުރީ ވެސް އެހެންނެވެ. މިހާތަނަށް އެ ސްކޫލްގެ ދަރިވަރަކު އޯލެވެލްގެ ގަދަ ދިހަ އެއްގެ އެއް ވަނަ އަދި ދެ ވަނަ އަދި ތިން ވަނައިގައި ވެސް ހިމެނިފައެއް ނުވެއެވެ. ތިން ވަނަ އަށް ދިޔައީ ހަ އޭ ސްޓަރއާއި ދެ އޭ ހޯދި ހައްވާ އުލާ ފިރާގެވެ. އެ ސްކޫލްގެ ހަ ދަރިވަރުން ގަދަ ދިހައެއްގައި މި ފަހަރު ހިމެނިފައިވެއެވެ.

މިޝްޤާގެ ކާމިޔާބަކީ ދަމުނަމާދާއި ދުޢާ

މިޝްޤާ ބުނި ގޮތުގައި، އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ރަށު ސްކޫލުން ކިޔެވުން ނިންމާލުމަކީ އުއްމީދެއް ކަމަށާއި، އެ އުއްމީދު ޙާޞިލް ކުރަން ވަރަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ވަކިވަކި މާއްދާތަކުގެ ކޮންމެ ފިލާވަޅެއް ވެސް ޔަގީންކަން ލިބޭ ވަރަށް ދަސްކުރިއެވެ. އެ ނަތީޖާއަށް ވާޞިލްވުމަށް ކޮންމެ ރެއަކު 10 ޖަހާއިރު ނިދައެވެ. ދަންވަރު 2:30 ގައި ހޭލައިގެން ދަމުނަމާދު ކުރެއެވެ. ކިޔެވުމާއިގެން މަޝްއޫލު ވަނީ ދުއާއަށްފަހުއެވެ. ފިލާވަޅު ދަސްކުރުމުގައި މިޝްޤާ ގެންގުޅުނީ ކޮންމެ މާއްދާއަކަށް ވެސް ތަފާތު އަމިއްލަ ސްޓައިލެކެވެ.

" ކިޔެވުމުގައި، އެއްކޮށް އުޅުނު ކުދިންގެ ތެރޭގައި ބޮޑު ވާދަވެރިކަމެއް އޮތް، އަބަދުވެސް ޤަބޫލުކުރަނީ ބޮޑަށް މަސައްކަތް ކުރާ ކުއްޖަކަށޭ އެއްވަނަ ލިބޭނީ. އެހެންވެ ހުރިހާ ކުދިންނަށްވުރެ ބޮޑަށް މަސައްކަތް ކުރީ" މިޝްކާ ބުންޏެވެ.

މިޝްޤާއަކަށް އުނދަގޫ މާއްދާއެއް ނެތެވެ. އެކަމުވެސް ނަތީޖާ ޔަޤީން ކުރަން، ހިސާބާއި ބިޒްނަސްއާއި އެކައުންޓުން ޓިއުޝަން ނެގިއެވެ. އޭގެ އިތުރުން ފިލާވަޅު ދަސްކުރަން އެންމެ ފަސޭހައީ އެހެން މީހުންނަށް ކިޔައިދީގެންނެވެ.

" އެހެން ކުދިންނަށް ކިޔައިދިނުމަކީ ވެސް ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ ގޮތެއް. އެއީ ވެސް ބޭނުން ކުރި އެއް ސްޓައިލް" ސްކޫލްގެ ކެޕްޓަނެއްގެ ޒިންމާ ވެސް އަދާކުރި މިޝްކާ ބުންޏެވެ.

މިޝްކާ ބުނީ، އޭނާގެ ކާމިޔާބީގެ ހިއްސާދާރުންނަކީ މަންމައާއި ބައްޕަގެ އިތުރުން ސްކޫލެވެ. ކިޔަވައިދެއްވި މުދައްރިސުންނެވެ. އެމީހުންނަށް އެންމެ ފުންމިނުން ޝުކުރުއަދާކުރިއެވެ.

އަހުމަދިއްޔާ ސްކޫލުގައި އޭލެވެލްއަށް ކިޔަވަމުންދާ މިޝްކާގެ ކުރިމަގު ބައްޓަން ކުރަން ނިންމާފައި ވަނީ ވިޔަފާރީގެ ދާއިރާއިންނެވެ. ކިޔަވައި ނިންމައި، ކާމިޔާބު ވިޔަފާރިވެރިއަކަށް ވުމަކީ އެއީ މިޝްކާ ދެކޭ ހުވަފެނެކެވެ.

ޒިމްނާ ބޭނުންވަނީ ޑޮކްޓަރަކަށްވާން

ގަދަ ދިހައެއްގައި ހިމެނުނަސް، ދެ ވަނައަށް ދެވިދާނެ ކަމަށް ޒިމްނާ އުއްމީދެއް ނުކުރެއެވެ. އެހެންވެ ސާނަވީ އިމްތިޙާނުގެ ނަތީޖާވީ ޒިމްނާއަށް ސަޕްރައިޒަކަށެވެ.

" ނަތީޖާއަކީ ސަޕްރައިޒެއް. ގަދަ ދިހައެއްގައި ހިމެނުނަސް ދެވަނައަށް ދާނެ ކަމަކަށް އެއްގޮތަކަށް ޤަބޫލެއް ނުކުރަން" ޒިމްނާ ބުންޏެވެ.

ސްކޫލްގެ ވައިސް ކެޕްޓަންގެ ޒިންމާ އަދާކުރި ޒިމްނާ ބުނިގޮތުގައި، އޭނާ ކިޔެވީ ކިޔަވާ ހިތުންނެވެ. ކިޔަވާށޭ މީހަކު ބުނާކަށް ނުޖެހެއެވެ. ފިލާވަޅު ދަސްކުރަނީ ވަކި ތާވަލެއް ހަދައިގެން އެ ތާވަލާ އެއްގޮތަށެވެ. އޭރުން ޓެސްޓް ކައިރިވާއިރަށް ހާސްވެ ކަންބޮޑުވާކަށް ނުޖެހެއެވެ. އިތުރު ހަރަކާތްތަކާ ދުރުވެ، ގުރޭޑް ދިހައެއްގައި ސަމާލުކަން ދިނީ ކިޔެވުމަށެވެ. އެއީ ޑޮކްޓަރަކަށް ވުމަށް ދެކެމުން ދާ ހުވަފެން ތަކުގައި ކުލަޖައްސަން، ރަނގަޅު ނަތީޖާއެއް ހޯދައިގެން އޭލެވެލްގައި އިށީންނަން ބޭނުން ވާތީއެވެ.

" ތާވަލެއް ހެދީމާ، އެނގޭނެ ކިޔަވަން ވީ ކޮން މާއްދާއެއް، ކޮން ވަގުތެއްގައިކަން. ވަގުތު ބަހާނުލާނަމަ ކިޔެވުމަށް ދޭންޖެހޭ ސަމާލުކަން ނުދެވިދާނީ" އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލްއަށް ކިޔަވަމުންދާ ޒިމްނާ ބުންޏެވެ.

ޒިމްނާއަށް ވަކި އުނދަގޫ މާއްދާއެއް ނެތެވެ. އެކަމަކު ވެސް ބައޮލޮޖީން ޓިއުޝަންނެގިއެވެ. އެހެން މާއްދާތަކަށް ބޭނުންވާ އިތުރު އެހީ ހޯދީ އޮންލައިންކޮށް ލިބެންހުރި ވަޞީލަތްތަކުގެ ބޭނުން ހިފައިގެންނެވެ.

ޒިމްނާ ބުނީ، އާއިލާއާއި ސްކޫލުން ކޮށްދިން މަސައްކަތަކީ ރަނގަޅު ނަތީޖާއެއް ނެރުމަށް ލިބުނު ހިތްވަރެކެވެ.

" ސްކޫލުން ވަރަށް މަސައްކަތް ކޮށްދިން. ޚާއްޞަކޮށް ޓީޗަރުން. އެއާއެކު އާއިލާގެ އެހީތެރިކަން" ޒިމްނާ ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *