މި އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގެ ދިވެހި މާއްދާ ރީ ޗެކް ކުރުމުން، ދިޔަމިގިލީ ސްކޫލްގެ ޝައިބާން ޝަފީޤު، ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ ލިބުނު ދަރިވަރުންގެ ތެރޭގައި ހިމެނިއްޖެއެވެ.
ދިވެހި މާއްދާ ފިޔަވައި އެހެން ހުރިހާ މާއްދާ އަކުން އޭ ސްޓަރ ލިބުނު ޝައިބާން ރީ ޗެކަށް އެދުނީ ދިވެހިން އޭ އެއް ލިބުމުންނެވެ.
ޝައިބާން ދަރިވަރު ނޫހަށް ކިޔައިދިން ގޮތުގައި، ރީ ޗެކަށް ލީ ދިވެހިން އޭ ސްޓަރއެއް ލިބިދާނެ ކަމަށް އުއްމީދު ކޮށްގެންނެއް ނޫނެވެ.
" ރީޗަކަށް ދާން ނިންމީ ދިވެހި މާއްދާއިން އޭ ސްޓަރ ލިބިދާނެ ކަމަށް ބަލައިގެންނެއް ނޫން" އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މިހާރު އޭލެވެލް ހަދަމުންދާ ޝައިބާން ބުންޏެވެ.
ޝައިބާން ބުނީ އޭނާއަށް އެންމެ އުނދަގުލީ ދިވެހި މާއްދާއެވެ. އެންމެ ކިޔަވާ ހިތްވަނީ ކެމިސްޓްރީއެވެ.
ދިޔަމިގިލީ ސްކޫލުގައި ކިޔަވައި ދެނީ ސައިންސާއި ބިޒްނަސް ސްޓްރީމް އެއްކޮށްލައިގެން މިކްސްޑް ސްޓް ރީމަކަށެވެ. ކޮންމެ ސްޓްރީމަކުން ވެސް ކިޔަވައިދެނީ ދެ މާއްދާއެވެ.
މި އަހަރަކީ ދިޔަމިގިލީ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. ޝައިބާންގެ އިތުރުން، ފަސް ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައި ވެއެވެ. އެއީ ގަދަ ދިހައެއްގެ ތިން ވަނައިގައި ހިމެނުނު ދެ ދަރިވަރުންނާއި ފަސްވަނައާއި ހަތް ވަނަ އަދި ނުވަ ވަނައިގައި އެއް ދަރިވަރެކެވެ.
ޝައިބާން ބުނީ، އޭނާގެ ކާމިޔާބީގައި ސްކޫލްގެ ދައުރު ބޮޑު ކަމަށެވެ.
" ސްކޫލުން ވަރަށް މަސައްކަތް ކޮށްދިން. އެކްސްޓްރާ ކުލާސްތައް ނަގައިދިން، ޓީޗަރުން އެމީހުންގެ މުހިންމު ވަގުތަކުގައި ވެސް ދަރިވަރުންނަށް ކިޔަވައި ދެއްވުމުގައި ވަގުތު ހޭދަކުރީ. އޭގެ ނަތީޖާ މި އަހަރު ފެނުނީ" ޝައިބާން ބުންޏެވެ.
ޝައިބާން ބުނިގޮތުގައި، އިނގިރޭސި މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން ކުރި ކަމަކީ ޓިއުޝަން ނަގާފައި ވީހާވެސް ގިނައިން އިނގިރޭސި ފިލްމު ބެލުމެވެ.
" އިނގިރޭސި މާއްދާއިން ރަނގަޅު ނަތީޖާއެއް ހޯދަން ޓިއުޝަން ވެސް ނެގިން. އެއާއެކު ހުސްވަގުތެއް ލިބޭއިރަށް ފިލްމު ބެލީ" އިންޖިނިއަރިންގ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ޝައިބާން ބުންޏެވެ.
advertisment
ހިޔާލު