ކާތިބު ކަމުގެ ސަނަދު ނަންގަވައިގެން ވަޒީފާއެއްގެ ގޮތުގައި ހުސްނާ ފަހްމީ (ހުސްނާ މިސް) އެންމެ ފުރަތަމަ ވަޑައިގެންނެވީ ނާސިރިއްޔާ މޮންޓެސޫރީ ސްކޫލަށެވެ. އެއީ 27 ނޮވެމްބަރު، 1978 ގައެވެ. އުމުރަކީ އެންމެ 16 އަހަރެވެ. އޭރު އެ ސްކޫލްގައި ކިޔަވައިދެނީ ނާސަރީ، އެލްކޭޖީ އަދި ޔުކޭޖީގެ ކުދިންނަށެވެ. އެއީ މިހާރުގެ އިސްކަންދަރު ސްކޫލެވެ. ކާތިބާއެއްގެ ވަޒިފާގައި ހުންނެވި ނަމަވެސް، އެކިއެކި ސަބަބުތަކާހުރެ ބައެއް ފަހަރަށް ކުލާސްތަކަށް ވަޑައިގަންނަވަންޖެހެއެވެ. އެ ގޮތުން ގިނަ ފަހަރަށް ކުލާސްތަކަށް ވަޑައިގަންނަވަނީ ކުލާހެއްގައި މުދައްރިސަކު ނެތް ގަޑިގަޑީގައި މުދައްރިސަކު ވަޑައިގަންނަވަންދެން އެ ކުލާހެއްގެ ކުދިންނާ ހަވާލުވެވަޑައިގަތުމުގެ ގޮތުންނެވެ. ދިވެހި މުދައްރިސަކަށް ވުމުގެ ޝައުޤުވެރިކަމާއި އެ ކަމަށް ކުލުނު އުފެދުނު އެއް ސަބަބަކީ އެ ގޮތަށް ކުލާސްތަކަށް ވަޑައިގެން ތުއްތު ކުދިންނާއެކު ހޭދަކުރެއްވި މުހިންމު ވަގުތުތަކެވެ. އަނެއް ސަބަބަކީ ޙުސްނާގެ ބައްޕައާއި ކާފައާއި އަދި ބޮޑުބޭބެފުޅަކީ ދިވެހިބަހަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންނަށްވުމުން، ގޭތެރެއިންވެސް ދިވެހިބަހަށް ލޯބި އުފެދިފައިވުމެވެ.

ސަރުކާރަށް 42 އަހަރު ޚިދުމަތް ކުރެއްވިއިރު، ދިވެހި މުދައްރިސެއްގެ ގޮތުންނާއި ލީޑިންޓީޗަރެއްގެ ގޮތުގައި 37 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވިއެވެ. ޙުސްނާ މިސްގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ދިވެހި ސަރުކާރުން ވަނީ "ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު" 2021 ގައި ދެއްވާފައެވެ. ވަޒީފާއިން ރިޓަޔަރ ކުރެއްވީ ހުސްވި އަހަރުގެ މާރިޗް މަހުގެ 10 ވަނަ ދުވަހުއެވެ.
ކާތިބުކަމުން ޓީޗަރުކަމަށް
ނާސިރިއްޔާ މޮންޓެސޫރީ ސްކޫލުގައި އަދާކުރެއްވި ކާތިބާކަމުގެ މަޤާމުން ވަކިވީ ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ކޯސް ހެއްދެވުމަށެވެ. އެ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު ދެން ވަޒީފާ އަދާކުރެއްވީ ޖަމާލުއްދީން ސްކޫލްގެ ދިވެހި މުދައްރިސެއްގެ ގޮތުގައެވެ. އެ ސްކޫލުގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވިއެވެ. ޖަމާލުއްދީން ސްކޫލުގައި ހޭދަ ކުރެއްވި ދުވަސްވަރު އެ ސްކޫލަށް ގިނަ ޚިދުމަތްތަކެއް ޙުސްނާ މިސް ކޮށްދެއްވާފައިވެއެވެ. އެ ގޮތުން ޤައުމީ ވާހަކަދެއްކުމުގެ މުބާރާތްތަކަށާއި ބަހުސް މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރެއްވުމާއި ދިވެހި އަދަބީ މުބާރާތްތަކަށް ދަރިވަރުން ތައްޔާރު ކުރެއްވުމުގެ އިތުރަށް، ސްކޫލްގެ އަހަރީ ކޮންސެޓަށް ޑްރާމާއާއި ނެށުން ތައްޔާރުކުރެއްވުމުގައި ވެސް ޢަމަލީ ގޮތުން މުހިންމު ރޯލުތައް އަދާކުރައްވާފައިވެއެވެ. 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ޙުސްނާ މިސް ޖަމާލުއްދީން ސްކޫލުން ވަކިވެވަޑައިގަތީ ދިވެހި ލޭންގްވިޖުން ބެޗުލާސް ހެއްދެވުމަށެވެ.

ދިވެހި ލޭންގްވިޖުން ބެޗުލާސް ޙާޞިލު ކުރެއްވުމަށްފަހު ދަރުމަވަންތަ ސްކޫލުގައި ކޮލިފައިޑް ޓީޗަރަކަށްް 6 މަސް ދުވަހު އުޅުއްވިއެވެ. ދެން ބަދަލުވެ ވަޑައިގަތީ ކަލާފާނު ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަގާމަށެވެ. އެ ސްކޫލުގައި އުޅުއްވި ދިހަވަރަކަށް އަހަރު ޙުސްނާ މިސްގެ އެންމެ މުހިންމު މަސައްކަތަކީ އެ ސްކޫލުގެ ޕްރައިމަރީ ގްރޭޑުތަކުގެ ދިވެހި މާއްދާގެ ކަންތައްތައް ވިލަރެސް ކުރެއްވުމެވެ. އޭގެ އިތުރުން ސްކޫލްގެ މަދަޙަ ޕޫލް ހިންގެވުމާއި، ކޮންމެ އަހަރަކު މުޅި ސްކޫލަށް އަމާޒުކޮށް މަދަޙަ މުބާރާތްތައް ރާއްވަވައި ހިންގެވުމާއި، ކޮންމެ އަހަރަކު ޕްރައިމަރީ ގްރޭޑުތަކަށް އަދަބީ ފޯވަހި ހިންގެވުމާއި، ސްކޫލްގެ ތަފާތު މުނާސަބަތުތަކަށް ޅެން ހައްދަވައިދެއްވުމުގެ އިތުރުން އަހަރީ ކޮންސެޓުތަކަށް ޑުރާމާތައް ލިޔެދެއްވުން ފާހަގަކޮށްލެވެއެވެ.
ޙުސްނާ މިސް ރިޓަޔަރ ކުރައްވަންދެން ހުންނެވީ ކަލާފާނު ސްކޫލްގެ ލީޑިންގ ޓީޗަރެއްގެ މަގާމުގައެވެ. ޙުސްނާ މިސް ވިދާޅުވާގޮތުގައި، މަސައްކަތް ކުރެއްވި ހުރިހާ ސްކޫލެއް ވެސް ފާހަގަކުރެވިފައިވަނީ ވަރަށް އެކުވެރި އެންމެން ގުޅިގެން މަސައްކަތް ކުރާ މާހައުލެއް އޮންނަ ތަންތަން ކަމަށެވެ. މަސައްކަތް ކުރެއްވި ހުރިހާ ސްކޫލަކުން ވެސް ޙުސްނާ މިސްއަށް ލިބިވަޑައިގެންނެވީ ލޯތްބާއި އިޙުތިރާމެވެ. އެހެންކަމުން އެއިން ކޮންމެ ސްކޫލެއްގައި ވެސް މަސައްކަތް ކުރެއްވީ ވަރަށް ހިތްޕުޅުހަމަޖެހިގެން މަސައްކަތް ކުރައްވާ ހިތްޕުޅުންނެވެ. އަދި ކިޔަވައިދެއްވުމުގައި އެ ހޭދަކުރެއްވި ދިގު މުއްދަތުގައި ޙުސްނާ މިސްއަކީ ދަރިވަރުންދެކެ ވަރަށް ލޯބިފުޅުވާ ދަރިވަރުންނާ އަދި ބެލެނިވެރިންނާ ވެސް ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ބޭފުޅެކެވެ. އެހެންކަމުން ޙުސްނާ މިސް ކިޔަވައިދެއްވި ދުވަސްވަރުގައި ކިޔަވައިދެއްވި ދަރިވަރުން ވެސް ޙުސްނާ މިސް ދެކެ ނުހަނު ލޯބިވިއެވެ.

ޙުސްނާ މިސް، ކިޔަވާ ދެއްވަމުން ތަޢުލީމީ ރޮނގުން ކުރިއަށް ވަޑައިގެންނެވުމަށް ވެސް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. އެ ގޮތުން މާސްޓަރ އޮފް ދިވެހި ލޭންގްވިޖް އެންޑް ކަލްޗަރ، ޕޯސްޓްގްރޭޖުއޭޓް އިން ޓީޗިންގ، ބެޗްލަރ އޮފް އާރޓްސް ދިވެހި ލޭންގްވިޖް، ޑިޕްލޮމާ އޮފް ޓީޗިންގ ދިވެހި ލޭންގްވިޖް އަދި ފަށާ ތަޢުލީމުގެ މުދައްރިސްކަމުގެ ސެޓްފިކެޓް ހާޞިލް ކުރެއްވުމުގެ އިތުރުން ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހާއި ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރުމުގެ ކޯސް ހެއްދެވިއެވެ.
ކޮވިޑްގެ ހިޔަނި ކިޔަވައިދެއްވުމަށް
ކޮވިޑްގެ ޢާލަމީ ވަބާއާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން އޮންލައިންކޮށް ގެންދަން ޖެހުމަކީ މުދައްރިސުންނަށް ކުރިމަތިލާން ޖެހުނު ބޮޑު ތަކުލީފެކެވެ. ކޮންމެ ދުވަހަކުހެން ސްކޫލަށް ހާޒިރުވެ ދަރިވަރުންނާ ބައްދަލުވެ ކިޔަވައި ދެއްވަމުން ގެންދެވި ޓީޗަރުންނަށް އެ ބަދަލުގެ ތެރެއަށް ވެންނެވުމަކީ އެހާ ފަސޭހަކަމަކަށް ނުވިއެވެ.
" ކޮވިޑްއާ ގުޅިގެން ކިޔަވައި ދިނުމަށް ބޮޑު ބަދަލެއް އައީ. އެއީ ކުލާސްރޫމްތެރޭގައި ކުދިންނާ އެކުގައި ކިޔަވައިދެމުން ދިޔަ ބަޔަކަށް ގޭގައި، އޮންލައިންކޮށް ކިޔަވާ ދޭން ޖެހުމުން، ސްކޫލްގެ އެ އުފާވެރި މާޙައުލުގައި ކިޔަވައިދިނުމުން އެ ލިބޭ ހިތްހަމަޖެހުމެއް ނުލިބުނު. ގޭގައި ހުރެހުރެ ދެން ގޭގައި ހުންނަ ހިތް ވީ" ޙުސްނާ މިސް ވިދާޅުވިއެވެ.
ކިޔަވާ ދެއްވުމާ ދުރަށް ވަޑައިގެންނެވުމުގެ އެންމެ ފަހުގެ ނިންމުން ނިންމީ ވެސް ކޮވިޑްގައި ތަޢުލީމީ ދާއިރާއަށް އައި އެ ހީނަރުކަމުގެ ތެރޭގައެވެ.
" އެ ހިސާބުން ނިންމީ، މިއީ އޭ ރިޓަޔަރކުރަންވީ ވަގުތަކީ"
ތަޢުލީމީ ދާއިރާއާއި ޚާއްޞަކޮށް ކިޔަވާ ދެއްވުމާ ރަސްމީކޮށް ވަކިވަޑައިގެންނެވި ނަމަވެސް އެ ކުނުލާއި ލޯބި ހިތްޕުޅުގައި އޮތީ ބިންވަޅު ނެގިފައެވެ.
މިހާރު ފޮތް ލިޔުއްވުމުގައި ކުރިޔަށް
ޙުސްނާ މިސް " އަރާކުރި ސީރީޒް" ގެ ނަމުގައި ނާސަރީ ކުދިންނަށް ޚާއްޞަ ހ. ށ އަދި ފިލިތަކާއި ސުކުންތައް ދަސްކޮށްދޭ ފޮތްތަކުން ފެށިގެން ޕްރައިމަރީ އަދި މެދު މަދްރަސީގެ ގްރޭޑަތަކުގެ (ކީސްޓޭޖު 1،2) އުރުފުރާގެ ކުދިންނަށް ޚާއްޞަ ކުރައްވައިގެން ތަފާތު ދިވެހި ފޮތްތައް މިހާތަނަށް ވަނީ ނެރުއްވާފައެވެ. ކިޔުމުގެ 4 ހުނަރަށް އަމާޒުކުރައްވައިގެން ފޮތް ލިޔުއްވަމުންގެންދަވައެވެ. މިހާތަނަށް ވަނީ 30 ފޮތް ނެރުއްވާފައެވެ. އޭގެ ތެރޭގައި، ވާހަކަ ފޮތްތައް، ކިޔުމުގެ ދޭހައިގެ ފޮތްތައް، މަސައްކަތު ފޮތްތަކާއި އުފެއްދުންތެރިލިޔުގެ ފޮތްތައް ފާހަގަކޮށްލެވެއެވެ. 173 ކުރު ވާހަކަ ލިޔުއްވާފައިވެއެވެ. އިތުރު 10 ފޮތެއް ފާސްކުރެވި ނެރުއްވުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދަވައެވެ. އޭގެ ތެރޭގައި ގްރޭޑް 6 އަދި 7 ގެ ކުދިންނަށް ޚާއްޞަ ދޭހަ 1 އަދި ދޭހަ 2 ހިމެނެއެވެ.

އަރާކުރި ސީރީޒްގެ ފޮތްތައް ލިޔުއްވަން ޙުސްނާ މިސް ފެއްޓެވީ ކަލާފާނު ސްކޫލްގެ ގްރޭޑު 1 ން 5 ށް ދިވެހި މާއްދާގެ މަސައްކަތް ވިލަރެސް ކުރައްވަމުން ގެންދެވި ދުވަސްވަރުއެވެ. އެއީ އެ ގްރޭޑުތަކަށް އަމާޒުކޮށް ލިޔެވިފައި ހުރި ދިވެހިބަހުގެ ފޮތްތައް ލިބެން ހުންނަލެއް މަދުކަން ފާހަގަކުރެއްވިގެންނެވެ. އަދި ޚާއްޞަކޮށް މަސައްކަތު ފޮތްތަކާއި ދޭހައިގެ ފޮތްތައް ލިބެން ނުހުންނާތީއެވެ. އެހެންކަމުން ލިބިވަޑައިގެން ހުންނެވި ތަޖުރިބާއާއި ޢިލްމުގެ އެހީގައި ދިވެހިބަހަށް ކުރެވޭ ޚިދުމަތެއްގެ ގޮތުން އެ މަސައްކަތް ފެއްޓެވީއެވެ. މިހާރު ޚާއްޞަކޮށް ޕުރައިމަރީ ގްރޭޑުތަކަށް އަމާޒުކޮށްގެން ވާހަކަ ފޮތްތަކާއި، ދޭހަ ފޮތްތަކާއި މަސައްކަތު ފޮތްތައް އެކަށީގެން ވާ ވަރަށް ލިޔެ އާންމުންނާ ހަމަޔަށް ނެރެވިއްޖެ ކަމަށް ވިދާޅުވިއެވެ. ޙުސްނާގެ އެދިވަޑައިގަތުމަކީ ވީހާ ވެސް ގިނަ ކުދިން އެ ފޮތްތަކުގެ ބޭނުން ހިފުމެވެ. އަދި މުދައްރިސުން ވެސް ދަރިވަރުން ލައްވައި އޭގެ ބޭނުން ހިއްޕެވުމެވެ.

ޙުސްނާ މިސް ލިޔުއްވަމުން ގެންދަވާ ފޮތްތައް މާލެއާ އަދި ރާއްޖެތެރޭގެ ގިނަ ސުކޫލުތަކަކަށް ގެންދަވަނީ ހަދިޔާ ކުރައްވަމުންނެވެ. މިހާތަނަށް 25 އަށްވުރެ ގިނަ ސްކޫލަށް "އަރާކުރި ސީރީޒް" ގެ ފޮތްތައް ހަދިޔާ ކުރައްވާފައިވެއެވެ. އެއީ އެ ފޮތްތަކުގެ ބޭނުން ވީހާ ވެސް ގިނަ ފަރާތްތަކަށް ފޯރުކޮށްދެއްވުމުގެ ބޭނުންފުޅުގައެވެ. ޙުސްނާ މިސްގެ "އަރާކުރި ސީރީޒް" ގެ ފޮތްތަކަކީ މިހާރު އާންމުން ބަލައިގެންފައިވާ މަޤްބޫލް ފޮތްތަކެކެވެ.

ތުއްތު ކުދިންނަށް ޚާއްޞަ ކުރައްވައިގެން ވާހަކަ ފޮތް ލިޔުއްވުމުގައި ޙުސްނާ މިސް ގެންގުޅުއްވަނީ ތަފާތު އުސޫލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މަދު ސަފުހާ ހިމަނައިގެން ގިނަ ކުދި ފޮތްތަކެއް ނެރުއްވުމުގެ ބަދަލުގައި އާންމުކޮށް ނެރުއްވަނީ ގިނަ ވާހަކަތަކެއް އެއް ފޮތެއްގައި ހިމަނުއްވައިގެން ކުދިންނަށް އެއް ފޮތަކުން ގިނަ ކުރު ވާހަކަތަކެއް ކިޔާލެވޭނެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައިގެންނެވެ.
ކިޔަވައިދެއްވުމުގެ އިތުރުން ޙުސްނާ މިސް ތަފާތު އެކިއެކި މުބާރާތްތަކަށް ދަރިވަރުންނަށް ހިލޭސާބަހަށް ލަވައާއި، މަދަޙަ އަދި ބަނދި ކޮންމެވެސް ވަރަކަށް ހައްދަވައިދެއްވުން އެއީ ވެސް ކުރައްވާ ފާހަގަކޮށްލަންޖެހޭ މުހިންމު މަސައްކަތެކެވެ. އޭގެ އިތުރުން ވެސް ޙުސްނާ މިސް ވަނީ އޭނާ އުޅުއްވި ސްކޫލްތަކަށް އެކިިއެކި މުނާސަބަތާ ގުޅިގެން އެތައް އެތައް ޑުރާމާތަކެއް ލިޔެދެއްވާފައެވެ. އަދި 1990 ގެ އަހަރުތަކުގެ ފަހު ކޮޅު 2000 ގެ އަހަރުތަކުގެ ކުރީ ކޮޅު މާލޭގެ ސްކޫލްތަކުގެ މެދުގައި ބާއްވަމުންދިޔަ އިންޓަރސްކޫލް ޑުރާމާ މުބާރާތްތަކުގައި ޙުސްނާ ލިޔުއްވައި ޕްރެކްޓިސް ކުރުއްވި ޑްރާމާތަކަށް އެތައް ފަހަރަކު 1 ވަނަ ލިބިފައިވެއެވެ.

މިއަދު ޙުސްނާ މިސް ސްކޫލެއްގައި ރަސްމީ ގޮތެއްގައި ކިޔަވައި ދެއްވުމުގެ ޚިދުމަތުގައި ނޫޅުއްވި ނަމަވެސް އުނގެނުމާއި އުނގަންނައިދިނުމުގެ ދާއިރާގައި ޙުސްނާ މިސްގެ އެހީތެރިކަން މިހާރު ވެސް ދިވެހި ގައުމަށް ފޯރުކޮށްދެއްވަމުން ގެންދަވައެވެ. އެ ގޮތުން ޚާއްޞަ ގޮތެއްގައި ބައެއް ސްކޫލްތަކުގައި ލިޔަންކިޔަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގަވަން ވަނީ ފައްޓަވާފައެވެ. ވީމާ ޙުސްނާ މިސްއަކީ މިއަދު ވެސް ދިވެހި ބަހަށް ޚިދުމަތްކުރުމުގައި ދެމި ހުންނެވި ބޭފުޅެކެވެ. އަދި ޙުސްނާ މިސްއަކީ އެތައް އެތައް ކުދިންނެއް ޝައުޤުވެރިކަމާއެކު ދިވެހި ބަސް ކިޔެވުމަށް ލޯބި ޖެއްސުވި، އަދި މިހާރު ވެސް އެ މަސައްކަތުގައި ދެމި ހުންނެވި ދިވެހި ދަރިއެކެވެ.
" އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެން ނިސްބަތް ވަނީ ދިވެހި ބަހަށް. ވީމާ އަޅުގަނޑުމެން ދިވެހި ބަހަށް ލޯބިކުރަން އެބަޖެހޭ. ކުދިން އެންމެ ތުއްތު އިރުއްސުރެ މާދަރީބަހަށް މޮޅު ކުދިބަޔަކަށް ހެދޭތޯ ބަލަން އެބަޖެހޭ. އެހެން ހެދިއްޖެނަމަ އޭގެ ރަނގަޅު އަސަރު އެ ކުދިންގެ މުސްތަޤްބަލަށް ކުރާނެ. އަދި އެއީ އެހެން ބަސްބަހަށް މޮޅު ކުދިންނަށް ވުމަށް ވެސް ލިބޭ ބާރެއް" ޙުސްނާ މިސް ވިދާޅުވިއެވެ.
advertisment
ހިޔާލު