ބައެއް ފަހަރު ބުނާތީ އަޑު އިވެއެވެ. މޮޅު ވާނީ މޮޅެތި ކުދިންނެވެ. ރަނގަޅު ނަތީޖާއެއް ހޯދޭނީ ވެސް އެފަދަ ކުދިންނަށެވެ.
އެކަމަކު ކަން އޮތީ އެހެނެއް ނޫނެވެ. ސްކޫލް ދަޢުރުގައި ބޭނުންވި ނަތީޖާ ނުނެރެވުނު އެތައް ކުދިންނެއް މަތީ ތަޢުލީމުގެ މަރުޙަލާގައި ނޫނީ، ދިރިއުޅުމުގެ އަމަލީ މައިދާނުގައި މާ ކާމިޔާބު މީހުންނަށް ވެއެވެ. އޭގެ ތެރެއިން އެއް ދަރިވަރަކަށް ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލުން، މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން އެއްވަނަ ހޯދި މަރިޔަމް ޙަމްދާ ވާނެއެވެ.

ޙަމްދާގެ މަދަރުސީ ތަޢުލީމު ނިންމާލީ އޭނާ ބޭނުންވި ނަތީޖާ ނުހޯދިއެވެ. ސާނަވީއަށްފަހު، މަތީ ސާނަވީގައި ވެސް ބޭނުންވި ނަތީޖާއާ ހަމައަށް ވާޞިލެއް ނުވެވުނެވެ. އެކަމަކު އޭނާގެ ޢަޒުމާއި ހިތްވަރަކަށް ބަދަލެއް ނާދެއެވެ. މަތީ ތަޢުލީމަށް، ޤައުމީ ޔުނިވަރސިޓީއަށް މިސްރާބު ޖެހީ އެ ތާރީޚު ބަދަލު ކޮށްލާށެވެ. އާ ފެށުމަކުން ފަށައިގަންނާށެވެ.
އެކި ދަރިވަރުންނަށް ކިޔަވަން ފަސޭހައީ އެކި ގޮތަށެވެ. ޙަމްދާއަށް ފަސޭހައީ ރިސާރޗް ކޮށްގެންނެވެ. ބެޗްލާސް ޑިގްރީއާ ހިސާބުން ކިޔެވުމާއިގެން އޭނާއަށް "ދުއްވައިގަނެވުނީ" އެހެންވެއެވެ.

" ކިޔަވާ ހިތުން، ޝަޢުޤު އުފެދުނީ، އެމްއެންޔޫގައި ކިޔަވަން ފެށި ހިސާބުން" ޙަމްދާ ބުންޏެވެ.
އިމާދުއްދީނުން މެދު މަދަރުސީ ތަޢުލީމު ނިންމައި، ސާނަވީ އަމީނިއްޔާއިން ނިންމައި، އޭވެލް ސީއެޗްއެސްއީން ނިންމިއިރު، އޭނާ އަށް އެންމެ އުނދަގޫވީ އޭލެވެލްގައި ހޭދަކުރި ދެ އަހަރު ދުވަހެވެ. އޭލެވެލްގައި އުނދަގޫ ދެ އަހަރު ހޭދަކުރުމުގެ ނަތީޖާ މަތީ ތަޢުލީމަށް ފަސޭހަވެގެން ދިޔައެވެ.
ޙަމްދާ ބުނީ، އޭނާގެ ކާމިޔާބީގެ މޭސްތިރިންނަކީ މަންމައާއި ބައްޕަ ކަމުގައެވެ. އެކަން ހަޤީގަތަކަށް ހެދުމަށް ހުރިހާ މަގެއް ފަހިކޮށްދިނީ މަންމައެވެ. މަންމަ ދެކެމުން އައި ހުވަފެނުގައި ކުލަޖެހިގެން އައިއިރު، އެންމެ ބޮޑު ހިތާމައަކީ އެ މަންޒަރު ދެކެން ބައްޕަ ނެތްކަމެވެ.

" ވަރަށް ކުޑައިރު، ބައްޕަ ޕެރަލައިޒް ވެއްޖެ. މަންމަގެ ހިތްވަރުން މިފަދަ ކާމިޔާބީއެއް ހޯދުނީ" މަންމައަށް ތަޢުރީފުކޮށް ޙަމްދާ ބުންޏެވެ.
އަމިއްލަ ކުންފުންޏެއްގެ މާކެޓިންގ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ޙަމްދާ ބުނީ، މަތީ ތަޢުލީމަށް ދިއުމުގެ ކުރިން ކިޔަވަންދާނެ ތަނަކާމެދު ވަރަށް ބޮޑަށް ވިސްނިކަމަށެވެ. ގިނަ ރައްޓެހިންނާއި މަޝްވަރާ ކުރި ކަމަށެވެ. ގިނަ ރައްޓެހިން ދެއްކި ވާހަކަތަކަށް ބަލާއިރު އެންމެ ރަނގަޅީ ޤައުމީ ޔުނިވަރސިޓީއެވެ. އަމިއްލަ ތަޖުރިބާގެ އަލީގައި އެކަން ސާބިތުވެއްޖެ ކަމަށް ޙަމްދާ ބުންޏެވެ.
" މަތީ ތަޢުލީމުގެ އެންމެ މުހިންމު ކަމަކީ ކޮލިޓީ ހިފެހެއްޓުން. އެމްއެންޔޫއިން އެކަން ދަމަހައްޓާ. އަމިއްލައަށް ކިޔަވައިވައިގެން ނަތީޖާ ނެރެން ޖެހޭނީ. އެއީ އެމްޔޫއާ ދޭތެރޭ އޮތް ވަރަށް ބޮޑު އިތުބާރެއް" ޙަމްދާ ބުންޏެވެ.
" ހަމައެކަނި ކިޔެވުމެއް ނޫން. ލައިފް ސްކިލްގެ އެތައް ހުނަރެއް ވެސް ކިޔަވައި ނިމިގެންދާއިރު ލިބިފައި ހުންނަނީ"

ޙަމްދާ ބުނީ، މަތީ ތަޢުލީމުގައި ވެސް، އެކުގައި އުޅޭ ދަރިވަރުންގެ އެހީތެރިކަމަކީ ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އޭނާގެ ކާމިޔާބީގައި ވެސް އެ ދަރިވަރުން މުޙިންމު ރޯލެއް ކުޅުނެވެ.
ޙަމްދާ ބުނީ، ކޮވިޑްގެ ޢާލަމީ ވަބާގެ ސަބަބުން ކިޔެވުމަށް، ހީނަރުކަމަކާއި މާޔޫސްކަމެއް އައި ކަމަށެވެ. އެ ދަތީގައި ކުރިއަށް ދެވުނީ ވަރަށް މަސައްކަތުންނެވެ.
" މައްސަލައަކީ ކިޔެވުމަށް ދޭންޖެހޭ ފޯކަސް ނުދެވުން." ޙަމްދާ އެކަން ނެގީ ޗެލަންޖެއްގެ ގޮތުގައެވެ. އެ ޗެލަންޖުގައި އޭނާ ކާމިޔާބު ހޯދިއެވެ. ކޯހުން އެއްވަނަ ވެސް ހޯދީއެވެ.
" އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެއްވަނަ ލިބިދާނެ ކަމަށް ޤަބޫލެއް ނުކުރަން. އެކަމަކު މަސައްކަތް ކުރިން"

މާސްޓަރ އަށްފަހު، ޕީއެޗްޑީއާ ހަމައަށް ދިއުމަކީ ޙަމްދާގެ ކުރިއަށް އޮތް މަރުޙަލާއެވެ. އެ މަރުޙަލާއަށް ދާން އޭނާގެ ވިސްނުން ހުރީ މަސައްކަތުގެ މައިދާނުގައި އުއްމީދީ މަސައްކަތްތަކެއް ކުރުމަށްފަހުއެވެ. އޭނާގެ އަމާޒު ހުރީ ސްކޮލަރޝިޕެއް ހޯދައިން ރާއްޖެއިން ބޭރަށް ދާށެވެ.
ހަމްދާގެ ކާމިޔާބީން ލިބިދެނީ އެތައް ދަރިވަރުންނަށް ފިލާވަޅެކެވެ. އެތައް ހާސް ދަރިވަރުންނެއް ކޮންމެ އަހަރަކު ސާނަވީއާއި މަތީ ސާނަވީ ނިންމައެވެ. އޭގެ ތެރެއިން ގިނައީ ބޭނުންވި ނަތީޖާއާ ހަމައަށް ވާޞީލް ނުވެވޭ ދަރިވަރުންނެވެ. އެ ދަރިވަރުން އިބުރަތް ހޯދަން ވީ ޙަމްދާ ފަދަ ދަރިވަރުންގެ ކިބައިންނެވެ.
advertisment
ހިޔާލު