ކިޔަވައި ދެއްވުމުގެ ޝަޢުޤު ހުންނާތީ، ކިނާރާ ޓިއުޝަން ސެންޓަރަށް ވަޑައިގެންނެވީ ފުރުޞަތެއް އޮތްތޯ ބައްލަވާށެވެ. މަޖީދިއްޔާ ސްކޫލުގެ ގުރޭޑް 9 ގައި ކިޔަވަމުން ދިޔަ، ގަހާ ހަސަން ނާޝިދަށް އިތުބާރު ކުރައްވައި، އެފުރުޞަތު ތަނަވަސް ކޮށްދެއްވީ، އޭރު މާލޭގައި ހުރި އެންމެ މަޝްހޫރު ޓިއުޝަން ސެންޓަރުގެ ވެރިޔާ އަބްދުލް މަޖީދު ޝަމީމް (މަޖީދު ސަރ)އެވެ. އުނގަންނައި ދެއްވުމަށް، މަންމައާއި ބައްޕަގެ ފުށުން ލިބިވަޑައިގެންނެވި ލޯތްބާއި ކުލުނު، އެގޮތުގައި ކުރިއަށް ގެންދިއުމުގެ ފުރުޞަތު އެ ހިސާބުން ހުޅުވިގެން ދިޔައެވެ.

" ބައްޕައަކީ މަޖީދިއްޔާގެ ކުރީގެ މުދައްރިސެއް. މަންމައަކީ މަދަރަސަތުލް ސަނިއްޔާގެ މުދައްރިސެއް. ގޭތެރޭގައި ވެސް ކިޔެވުމަށް އިސްކަންދޭ، އުޅެ ބޮޑުވީ ތަޢުލީމީ ވެއްޓެއްގައި" ނާޝިދު ވިދާޅުވިއެވެ.
ކިނާރާ ޓިއުޝަން ސެންޓަރު (މަޖީދުގެ)ގައި ނާޝިދު ކިޔަވައި ދެއްވީ ގުރޭޑް 6އާއި 7އަށް އިނގިރޭސި އާއި ސޯޝަލް ސްޓަޑީޒެވެ. އަދި އެ ދުވަސްވަރު ލިބިވަޑައިގެންނެވި އިތުރު ފުރުޞަތެއްގައި ޕާޓް ޓައިމް ޓީޗަރެއްގެ ގޮތުގައި އަހުމަދިއްޔާ ސްކޫލަށް ކިޔަވައިދެއްވަން ވަޑައިގެންނެވިއެވެ.
ފުރަތަމަ ވަޒީފާގައި ފޮރިން މިނިސްޓްރީއަށް
އޯލެވެލް އިމްތިޙާނަށްފަހު، ނާޝިދަށް ވަޒީފާ ހަމަޖެއްސެވީ ފޮރިން މިނިސްޓްރީންނެވެ. އޭރު ޢުމުރުން އެންމެ 17 އަހަރެވެ. އޮފީހަށް ނުކުންނެވިތާ ހަފްތާއެއް ނުވަނީސް ކޮޅުބުގައި ހުންނަ ދިވެހި އެމްބަސީއަށް ވަޒީފާ ބަދަލު ކުރެއްވިއެވެ. އޭގެ ހަތަރު އަހަރާއި ބައިގެ ފަހުން، ލިބުނު ކޯހެއްގައި އިންޑިޔާގެ ނިއުދިއްލީއަށް ވަޑައިގެންނެވިއެވެ. ދޮޅު އަހަރު ދުވަހުގެ އެ ކޯސް ނިންމާފައި މާލެ ވަޑައިގެންނެވުމުން، ފޮރިން މިނިސްޓްރީން ހަމަޖައްސަވައި ދެއްވީ އެ މިނިސްޓްރީގެ އިދާރީ ވަޒީފާއެކެވެ. އޭނާ އުއްމީދު ކުރެއްވީ، އިންޓަރނޭޝަނަލް ރިލޭޝަންސް ނޫނީ ޕްރޮޓޮކޯލްގެ ވަޒީފާއަކަށެވެ.
" ވަޒީފާގެ ގޮތުން ކުރަން ޖެހެނީ އޮފީސް ހުޅުވުން، ފޮތް ފަންސުރުގަތުން، ދިދަ ބޭލުން، ބަނޑޭރިގެއަށް ގޮސް ތަޅުދަނޑި ގެނައުން ފަދަ ކަންތައްތައް" ވަޒީފާގެ ގޮތުން އެ މަސައްކަތް ކުރެއްވުމަކީ ނާޝިދުގެ ޒަމީރު ޤަބޫލުކުރެއްވި ކަމެއް ނޫނެވެ. އެހެންވެ އެވާހަކަ ވެރިންނާ ހަމައަށް ގެންދެވިއެވެ.
" އެކަމާ ބަސް އުފުލީމާ ގޭގައި ބެހެއްޓީ. 27 ދުވަސް ފަހުން ރައީސް އޮފީހަށް ގެންގޮސް އެންގެވީ ބޮންޑް އޮތީމާ އިދާރީ އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ގޮތަށް ވަޒީފާ ބަދަލުކުރެއްވި ވާހަކަ"
ނާޝިދުގެ ބަދަލުކުރެއްވީ ޓީވީ މޯލްޑިވްސްއަށެވެ. އެތަނަށް ނުކުންނާކަށް ނާޝިދު ބޭނުމެއް ނުވި އެވެ. ގޮތް ދޫނުކުރެއްވުމުން، ވަޒީފާ ބަދަލުކުރެއްވީ މުނިސްޕަލްޓީއަށެވެ. އެތަނުގައި ކުރާނެ މަސައްކަތެއް ޒިންމާއެއް ނޯވައެވެ. ވެރިން އަންގާ ކަމެއް ވިދާޅުވި ގޮތަށް ކޮށް ނިންމާލައްވަނީއެވެ.
މާޔޫސްކަމުގެ ތެރެއިން ތަޢުލީމީ ދާއިރާއަށް
މުނިސްޕަލްޓީގައި މަސައްކަތް ކުރައްވަން ފެއްޓެވިތާ ތިން މަހެންހާ ދުވަސް ފަހެވެ. މީހެއްގެ ފަރާތުން ނާޝިދަށް ޚަބަރު ލިބިވަޑައިގެންނެވީ، އިނގިރޭސި ލެންގުއޭޖް ކޯހެއް ފަށަން އުޅޭ ވާހަކައެވެ. އެ ކޯހާ ބެހޭ އިތުރު ތަފްޞީލެއް ނެތެވެ. ގަލަމަގާ ކަރުދާސްގަނޑެއް ނަންގަވާ، އެ ކޯހުގައި ބައިވެރިވާން އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ލިޔުއްވިއެވެ. އެ ސިޓީގެ ޖަވާބު ބަލާ ތިން ދުވަސް ފަހުން ވަޑައިގެންނެވީމާ އެތަނުން ދެއްކެވީ އިޢުލާނެކެވެ. އެ އިޢުލާނުގައި އޮތީ ޚިދުމަތުގައި ތިއްބެވި ޓީޗަރުންނަށް ކޯހެއް ކުރިއަށް ގެންދާ ވާހަކައެވެ.

" އަޅުގަނޑަކީ މުދައްރިސެއްގެ ޚިދުމަތުގައި ހުރި މީހެއް ނޫން. އެހެންވެ އެކަން ވާގޮތެއް ނުވި"
ލިބުނު މާޔޫސް ކަމުގައި، އޮފީހަށް ވެންނެވި ތަނުން މުނިސްޕަލްޓީގެ އެންމެ އިސްވެރިއަކަށް ހުންނެވި އުމަރު ޒާހިރާ ބައްދަލުވެ ވަޑައިގެންނެވިއެވެ.
" އުމަރު ޒާހިރުގެ އަރިހުގައި އެވާހަކަ ދެންނެވީމާ، އެޑިޔުކޭޝަން މިނިސްޓަރު އަލްއުސްތާޛު އަބްދުﷲ ހަމީދަށް ދަންނަވައިގެން އެ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހޯއްދަވައިދެއްވީ"
ބްރިޓިޝް ކައުންސިލުން ކުރިއަށް ގެންދިޔަ ޑިޕްލޮމާ ލެވެލްގެ އިންގްލިޝް އެ ކޯހުގައި ދިހަ މުދައްރިސުން ބައިވެރިވިއެވެ.
" އިނގިރޭސި ވިލާތުން ބޭފުޅުން ވަޑައިގެން ރާއްޖެއާއި ލަންކާގައި ކިޔެވުން ކުރިއަށް ގެންދިޔައީ. އެއް އަހަރު ދުވަހުގެ ކޯހުގެ ފުރަތަމަ ބުރުން ފާސްވީ ދެ މީހުން. އޭގެ ތެރެއިން އެކަކީ އަޅުގަނޑު" ތަމްރީނުވެގެން މުދައްރިސެއްގެ ގޮތުގައި ސްކޫލްތަކުގައި ކިޔަވައި ދެއްވަން ނާޝިދު ފެއްޓެވީ އެ ހިސާބުންނެވެ.
އެ ކޯސް ނިންމާފައި ނާޝިދު ގުޅިވަޑައިގެންނެވީ މަޖީދިއްޔާ ސްކޫލާއެވެ. އަހުމަދިއްޔާ ސްކޫލްގެ ބާނީ މަރުޙޫމް އަހައްމައިދީ އަރިހުގައި ނާޝިދުގެ ބައްޕަ މަސައްކަތް ކުރައްވާތީއާއެކު އެ ދުވަސްވަރު އަހުމަދިއްޔާއަށް ޕާޓް ޓައިމް މުދައްރިސެއްގެ ގޮތުގައި ކިޔަވާ ދެއްވަން ވަޑައިގެންނެވިއެވެ. އޭރުއްސުރެ އަހުމަދިއްޔާއާ ވަރަށް ގާތް ކަމެއް ނާޝިދު ބެހެއްޓެވިއެވެ.
އިނގިރޭސި ވިލާތުން ފަސްޓް ޑިގްރީ ނިންމައި މާލެ ވަޑައިގެންނެވުމުން ނާޝިދަށް ވަޑައިގަންނަވަން ޖެހިވަޑއިގަތީ، ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ފެށި ސަދަން ސެކަންޑްރީ ސްކޫލްގެ މުދައްރިސަކަށެވެ. އެތަނުގައި މަސައްކަތް ކުރެއްވުމަށްފަހު، ދެން ވެސް ގުޅިވަޑައިގެންނެވީ މަޖީދިއްޔާ ސްކޫލާއެވެ. މި ފަހަރު ވެސް ޕާޓްޓައިމްކޮށް ކިޔަވައި ދެއްވަން އަހުމަދިއްޔާއަށް ވަޑައިގެންނެވިއެވެ. އެތަނުގައި ރޭގަނޑު ބޮޑެތި މީހުންނަށް ވެސް ކިޔަވައި ދެއްވަމުން، ލިބޭ ހުސްވަގުތުގައި މަޖީދުގެއަށް ވެސް ކިޔަވާދެއްވަން ވަޑައިގެންންވިއެވެ.
އަވަށު ސްކޫލްތައް އުފެދިގެން އައި ދުވަސްވަރު، އަހުމަދިއްޔާ ސްކޫލް މައްޗަންގޮޅި އަވަށު މަދަރުސާއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އޭރު މައްޗަންގޮޅި އަވަށު އޮފީހުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ ޓްރޭޑް މިނިސްޓަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަހުމަދިއްޔާއަށް ޒަމާނީ ތަޢުލީމު ފެތުރެއްވުމަށް ޔާމީން ގެންގުޅުއްވި ތަޞައްވުރުގެ ދަށުން، މަޖީދިއްޔާގެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލެއްގެ ގޮތުގައި އޭރު ހުންނެވި ނާޝިދުގެ ބޭބެ އަހުމަދު ސައީދު އަހުމަދިއްޔާގެ ޕްރިންސިޕަލެއްގެ ގޮތުގައި 1999 ވަނަ އަހަރު ހަމަޖެއްސެވިއެވެ. އޭރު ވެސް، ޕާޓް ޓައިމް މުދައްރިސެއްގެ ގޮތުން އަހުމަދިއްޔާގެ ސުޕަވައިޒަރެއްގެ ގޮތުގައި ނާޝިދު ދިޔައީ މަސައްކަތް ކުރައްވަމުންނެވެ.

އަވަށްޓެރި ސްރީލަންކާއަށް، ސައީދު ބަދަލުވެ ވަޑައިގެންނެވުމުން އަހުމަދިއްޔާ ހިންގެވުމުގެ ޒިންމާއާ ހަވާލުވެ ވަޑައިގަންނަވަން ޖެހިވަޑައިގަތީ ނާޝިދަށެވެ. 2004 ވަނަ އަހަރުން ފެށިގެން 2007ގެ އޯލެވެލްއާ ހަމައަށް، ގުރޭޑް ދިހައަކަށް އިނގިރޭސި މާއްދާ ކިޔަވައި ދެއްވަމުން، ސްކޫލްގެ ހިންގުމުގެ އެންމެ ބޮޑު ޒިންމާ ނެންގެވީ ނާޝިދެވެ.
ކެމްބްރިޖަށް 2005 ވަނަ އަހަރު ބަދަލުވި އަހަރު، އަމިއްލަ ސްކޫލެއްގައި "އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖް" ހެދީ، އަހުމަދިއްޔާގައި އެ އަހަރު ގުރޭޑް 10ގައި ކިޔެވި ދަރިވަރުންނެވެ.
" އެކުދިންގެ ނަތީޖާ ރަނގަޅުވެ، އެކަޑަމިކް ޕާފޯމަންސް ސްކޯ ސަތޭކަ ފަހަކަށް އެރި. ޖެހިގެން އައި އަހަރު 124 އަށް މައްޗަށް ޖެއްސުނު" ނާޝިދު ވިދާޅުވިއެވެ.
އަތޮޅުތެރޭގައި މަސައްކަތް ކުރެއްވުން ޢަޒުމަކަށް
ނާޝިދު ވިދާޅުވީ 1997 ވަނަ އަހަރުގެ ތެރޭގައި ނ. ހޮޅުދޫ ފޭސް ޖަމިއްޔާއިން އާސްތާނާ އަބްދުއް ޝަކޫރުގެ އެދިވަޑައިގެންނެވުމަކަށް، އެ ރަށުގައި އިނގިރޭސި މުދައްރިސަކު ނެތިގެން މޭނާ ސްކޫލުގައި ދުވަސްކޮޅަކު މަޑުކުރެއްވި ކަމަށެވެ.
" 12 ކުދިން ތިބީ ގުރޭޑް 10ގައި. އިރާދަކުރެއްވީތީ އެ އަހަރުވެސް ރަނގަޅު ނަތީޖާއެއް ނެރެދެވުނު" އޭގެ ފަހުން ވެސް ކޮންޓްރެކްޓެއްގެ ދަށުން މޭނާ ސްކޫލްގައި އޭނާ މަސައްކަތް ކުރެއްވިއެވެ.
އެ ދަތުރުގައި މުހިންމު ޢަޒުމެއް ވެސް ނާޝިދު ކަނޑައެޅުއްވިއެވެ.

" ތަޖުރިބާއެއް ކޮށްލުމުގެ ބޭނުމުގައި، ޢަޒުމެއް ކަނޑައެޅީ، މާލޭގެ ސްކޫލެއްގައި ކިޔަވާ ދިނުމުގެ ބަދަލުގައި ރަށެއްގެ ސްކޫލެއްގައި ކިޔަވައިދީގެން ނަތީޖާ ނެރެން"
އެ ޢަޒުމުގައި ނާޝިދު ގެންދަވަނީ އަތޮޅުތެރޭގެ ތަޢުލީމީ ހާލަތު ބަދަލުކުރައްވަން، ޚާއްޞަކޮށް އިނގިރޭސި މާއްދާއަށް ދަރިވަރުން އަހުލުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި މާލޭގައި ނުހުންނަވަން ވެގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ދަންނަވައިގެން ކޮންޓްރެކެޓެއްގެ ދަށުން ށ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މަސައްކަތް ކުރައްވަން ވަޑައިގެންނެވިއެވެ.
" އެރަށުގެ ބައެއް މީހުން އަޅުގަނޑުގެ ގާތުގައި ބުނީ، ޓޮޕްޓެންއަށް އަރަން ބޭނުމޭ. އެކަން ކޮށްދޭށޭ. އަޅުގަނޑު ދެންނެވިން ތިއީ ނުވާނެ ކަމެއް ނޫނޭ، ގުޅިގެން މަސައްކަތް ކުރާށޭ ޖެހެނީ"
ނާޝިދު ވިދާޅުވީ، ކޮވިޑްގެ ދަތި އުނދަގުލުގެ ތެރޭގައި ޓީމްވޯކެއްގެ ގޮތުގައި ޓީޗަރުންނާ ގުޅިގެން ކުރި މަސައްކަތުން އެ އަހަރު ހަ ކުދިން ޓޮޕްޓެންގައި ހިމެނުނު ކަމަށެވެ. އޭގެ ކުރިން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ޓޮޕްޓެންގައި އެއްވެސް ދަރިވަރަކު ހިމެނިފައެއް ނެތެވެ.
" ސުމަކުން ފަށައިގެން އެހިސާބަށް ގެންދަން ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ. ކޮންމެ ބަޔަކު ތިބި ކަމުގައި ވިޔަސް ވައްޓަފާޅި ބަދަލުކޮށް، ކުރާ މަސައްކަތް ގާތުން ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކޮށް މަސައްކަތް ބަރާބަރަށް ކުރާނަމަ ނަތީޖާ ނެރެވޭނެ"
ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ދައުރާ މެދު ސުވާލު އުފައްދައި، ނާޝިދު ވިދާޅުވީ، ގިނަ ފަހަރަށް ޕްރިންސިޕަލުންގެ ދައުރަކަށް ވަނީ އިމާރާތްތައް ބަލަހައްޓާ ބައެއްގެ ގޮތުގައޭ ބައެއް ފަހަރު ހީފުޅުވާ ކަމަށެވެ.

" މުޅި ސްކޫލްގައި ޓީވީ ހަރުކުރަން ޖެހޭނެ. މުޅި ސްކޫލްގެ ތެރޭގައި ވޯކްވޭ ހަދަން ޖެހޭނެ. އެއެއް ނޫން ޕްރިންސިޕަލުންގެ ދައުރަކީ. މައިސޯބުގެ ގިޔަރު ބަދަލުވީމާ އެހެން ސޯބުގެ ގިޔަރު ބަދަލުވާނީ. ޕްރިންސިޕަލުން އެބަޖެހޭ ކުދިންގެ ކިޔެވުމާއި ޓީޗަރުން ކުރާ މަސައްކަތް މޮނީޓާ ކުރަން. އިމާރާތުގެ ކުލަލުމާއި ތަށިމުށި ޖެހުމާއި އޭސީ ހަރުކުރުން އަންނަން ޖެހޭނީ އެއަށްވުރެ ފަހަށް"
ނާޝިދު ވިދާޅުވީ، ޔުނިވަރސިޓީތަކުން ސަނަދު ނައިގެން އައިސް ކިޔަވައިދޭ މީހުން އިތުރުވަމުން ދިޔަ ނަމަވެސް ނަތީޖާއަކަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށެވެ. ނާޝިދުގެ ކަންބޮޑުވުމަކީ ތަޢުލީމީ ދާއިރާގެ މުސާރަ ބޮޑުވިޔަސް އެހެންތައްތައް ރަނގަޅު ނުވާކަމުގެ ކަންބޮޑުވުމެވެ.
މާލޭގެ ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ޕްރިންސިޕަލުންނަށް ނާޝިދު ވިދާޅުވީ "ތިޔަ ބޭފުޅުންގެ ހުރި ހުޝިޔާރުކަން ރާއްޖޭގެ ރަށަކަށް ގޮސް ދައްކަވަންވީ ނޫންތޯއޭ. ތަޖުރިބާ ހުރި ބޭފުޅުން މާލޭގައި ތިއްބެވުމުގެ ބަދަލުގައި ރަށްރަށަށް ގޮސް މަސައްކަތް ކުރެއްވުމަކީ އެއީ ޤައުމަށް ކޮށްދެވޭނެ ބޮޑު މަސައްކަތް" ކަމަށެވެ.

ރާއްޖޭގެ 130އަށްވުރެ ގިނަ ސްކޫލަށް ވަޑައިގެން ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމަށް ނާޝިދު ވިދާޅުވިއެވެ. ގިނަ ސްކޫލްތަކުގައި މަސައްކަތް ކުރެއްވީ ހިލޭ ސާބަހަށެވެ. ގޭތެރެއިން އުފެދިގެން އައި އިޖްތިމާއި ރޫޙް އަދިވެސް އޭނާގެ ހިތުގައި ވިންދު ޖަހައެވެ. ޚާއްޞަކޮށް މަންމަގެ ފަރާތުން ދަސްވި އެ އާދަ ވަނީ ކަށީގައި ހަރުލާފައެވެ. އެހެންވެ ހިލޭ ސާބަހަށް މަސައްކަތް ކުރުމަކީ އޭނާގެ މިއަދުގެ " ހޮބީ" އެކެވެ.
ނާޝިދު ވިދާޅުވީ، ބޮޑެތި ހުރިހާ ރަށަކަށް ވަޑައިގެންނެވުނުއިރު މިއަދާ ހަމައަށް ފުވައްމުލަކަށް ވަޑައިނުގެންނެވޭ ކަމަށެވެ.
advertisment
ހިޔާލު