އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ނޮޅިވަރަމް ސްކޫލްގެ ޕީޓީއޭއިން އަލްވަދާޢު ކީ "ބިލެތް ގަހުން"

ހދ. އަތޮޅު ޤުރުއާން މުބާރާތުގެ ބައިވެރިންނަށް ނޮޅިވަރަމް ސްކޫލްގެ ޕީޓީއޭއިން "ބިލެތް ގަހުން" އަލްވަދާއު ކިޔައިފިއެވެ.

މިއީ ނޮޅިވަރަމުން ފުރާ މީހުންނަށް އަލްވަދާޢު ކިޔުމުގެ ގޮތުން ޒަމާނުނުއްސުރެ އެރަށުން ދީ އުޅޭ ހަނދާނީ ހަދިޔާއެކެވެ. ބިލެތުގެ ވިޔަފާރީ ފުޅާދާއިރާއެއްގައި ކުރާ ނޮޅިވަރަމު ރައްޔިތުން، ބިލެތް ގަސް ހަދަނީ، ފަޅޯ ކުރިއެއްގައި، ފަޅޯފަތްތައް ނައްޓާލުމަށްފަހު، އޭގައި ހެދިބިލެތް ގަނޑުތަކެއް ހަރުކޮށްގެންނެވެ.

މި އަހަރު ބޭއްވި ހދ. އަތޮޅު ޤުރުއާން މުބާރާތުގައި އެ ރަށުގެ ސްކޫލްގެ އިތުރުން 11 ރަށެއްގެ ސްކޫލްތަކުން ބައިވެރިވިއެވެ. ކޮންމެ ސްކޫލަކަށް ބިލެތް ގަހެއް ހަދިޔާކުރިއެވެ. އެރަށު މީހުން އެކަމަށް ކިޔައި އުޅެނީ ބިލެތް ގަސް އެރުވުމެވެ.

ނޮޅިވަރަމް ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އަލީ ދަރިވަރު ނޫހަށް ވިދާޅުވީ، އެރަށުގައި ޤުރުއާން މުބާރާތް ބާއްވަން ނިންމި ހިސާބުން، ރަށުގެ މުއައްސަސާތަކަށް އެކި ކަންތައްތައް ރަށު ކައުންސިލުން ހަވާލުކުރި ކަމަށާއި، އެ ސްކޫލާ ހަވާލުކުރީ ކެއިންބުއިމުގެ އިންތިޒާމް ހަމަޖެއްސުމެވެ.

" ޕީޓީއޭގެ އިސްނެގުމުގެ މަތިން ކެއިންބުއިމުގެ ކަންތައްތައް ވެސް ދަރިވަރުން ހިމެނޭހެން ގުރޫޕްތަކަށް ބަހާލީ. އަޅުގަނޑުމެން ހިތްހަމަޖެހޭ ވަރަށް ހުރިހާ ފަރާތްތަކަށް ޚިދުމަތް ދެވުނު" އަދުނާން ވިދާޅުވިއެވެ.

އަދުނާން ވިދާޅުވީ، ހަނދާނީ ހަދިޔާއަކީ ވެސް ކޭޓަރިންގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދިޔަ މުހިންމު ޙަރަކާތެއް ކަމަށެވެ.

" ބިލެތް ގަހުގެ ހަނދާނީ ހަދިޔާއަކީ ޕީޓީއޭގެ އިސްނެގުމެއް، މި ރަށާ ގުޅޭ ޒަމާނުއްސުރެ އޮތް އާދައަކަށް ވާތީ އެކަން ކުރިއަށް ގެންދިޔައީ" އަދުނާން ވިދާޅުވިއެވެ.

ހދ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވި ސްކޫލްތަކަށާއި ދަރިވަރުންނަށް ހޫނު މަރުޙަބާއްވެސް ނޮޅިވަރަމު ރައްޔިތުން ވަނީ ކިޔާފައެވެ.

މުބާރާތުގައިބައިވެރިވާން އެރަށަށް އައި ދަރިވަރުންނަށް މަރުޙަބާ ކީ ކަރުދާހުން ހަދާފައިވާ ފިނިފެންމަލަކުންނެވެ. މުޅި ރަށް ވެސް އޮތީ ޒީނަތްތެރިކޮށްފައެވެ. އެރަށުން ދިން މެހުމާންދާރީއާއި، އިންތިޒާމްތަކަށް އަތޮޅު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނާއި ކައުންސިލާއި ސްކޫލް ހިމެނޭހެން ހުރިހާ މުއައްސަސާތަކަށް ޝުކުރުއަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *